ތިންވަނަ ބައި
ވެއަތުވެދިޔަ ދެ ހަފްތާގައި އަޅުގަނޑު ވާނީ ލަފުޒުތަކުގެ މާނަ ބަދަލުވުމާއި، ލަފުޒުތަކުގެ މާނަ ބަދަލުވާ ގޮތްތަކުގެ ތެރެއިން މާނަފުޅާވުމާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. މިއަދުގެ ލިޔުމުގައި މި ބަލައިލަނީ މާނަ ހަނިވުމަށެވެ.
ވަކި ބަހެއް އިސްތިސްނާނުވެ، ދުނިޔޭގައި މޮށެއުޅޭ ހުރިހާ ބަހަކީ ވެސް އެ ބަހެއްގެ ލަފުޒުތަކުގެ މާނަ ފުޅާވާ ގޮތަށް މާނަ ހަނިވެސްވާ ބަސްތަކެވެ. ނިކް ރެމާ (2010) ހާމަކުރައްވާ ގޮތުގައި ކުރިން ވަރަށް ފުޅާ މާނައެއްގައި ބޭނުންކުރަމުން ދިޔަ ލަފުޒެއްގެ މާނަ ހަނިވުމަށާއި، ކުރިން އެކި އެކި ޙާލަތްތަކުގައި ތަފާތު އެތައް މާނައެއްގައި ބޭނުންކުރަމުންދިޔަ ލަފުޒެއް ހަމައެކަނި ވަކި ޚާއްޞަ މާނައެއްގައި ބޭނުންކުރަން ފެށުމަށް މާނަ ހަނިވުން ނުވަތަ ނެރޯވިންގ ކިޔައެވެ.
މާނަ ހަނިވުމަށް މެދުވެރިވާ ސަބަބު ބަޔާންކުރައްވަމުން ސޮލް ސްޓޭންމެޓްޒް (2008) ހާމަކުރައްވާފައިވަނީ ވޭތުވެދިޔަ ޒަމާންތަކުގައި ވަރަށް ފުޅާމާނައެއްގައި ބޭނުންކުރަމުންދިޔަ ލަފުޒެއްގެ މާނަ ވަކިކަމަކަށް ޚާއްޞަކޮށް ބޭނުންކުރަން ފެށުމުން މާނަ ހަނިވާކަމަށެވެ. އެހެންކަމުން މާނަ ހަނިވުން ނުވަތަ ނެރޯވިންގ އަކީ މުޖުތަމަޢެއްގައި ތަފާތު އެކި މާނަތަކުގައި ބޭނުންކުރަމުން ދިޔަ ލަފުޒެއްގެ ބައެއް މާނަތައް ޒަމާނާއެކު ނެތި ދިޔުން ނުވަތަ އެ ލަފުޒެއްގެ މާނަ ހަމައެކަނި ވަކި ޚާއްޞަ މާނައަކަށް ބަދަލުވުމެވެ. މިސާލަކަށް "ލިބާސް" މިލަފުޒު ބަސްފޮތުގައިވާ މާނައަށް ބަލާއިރު، އެއީ އިންސާނުންގެ ހަށިގަނޑު ނިވާކުރުމަށް ލައިއުޅޭ ފޭރާމެކެވެ. ނަމަވެސް މިހާރު "ލިބާސް"، މި ލަފުޒުގެ މާނަ ފުރޮޅި ބަދަލުވެގެން އައި ގޮތަށް ނަޒަރު ހިންގައިލާއިރު، ޒަމާންތަކެއް ކުރިން ދެޖިންސުގެ މީހުންގެ ހުރިހާ ވައްތަރެއްގެ ހެދުމަށް ނިސްބަތްކޮށް "ލިބާސް" ބޭނުންކުރި ނަމަވެސް، މިހާރު ހަމައެކަނި އަންހެނުން ލައިއުޅޭ ވަކި ވައްތަރެއްގެ ހެދުމަށް "ލިބާސް" ކިޔައި އުޅުމުން ލަފުޒުގެ މާނަ މި ވަނީ ވަރަށް ބޮޑަށް ހަނިވެގެން ގޮސްފައެވެ. އަދި މިނޫން ގޮތް ގޮތަށް ވެސް މާނަ ހަނިވެގެންދެއެވެ.
އިނގިރޭސި މިސާލަކަށްބަލާއިރު، އިނގިރޭސި ބަހުގައި ބޭނުންކުރާ ލިޓަރ (litter) ގެ މާނަ، މީގެ 1300 އަހަރު ކުރިން ބޭނުންކުރީ އެނދުގެ މާނައިގައެވެ. އެއީ "ނިދާން ހަދާފައި ހުންނަ ޚާއްޞަ ދާނެއް"، މި މާނައިގައެވެ. އެހެން ނަމަވެސް މިހާރު އެ މާނައިގައި މި ލަފުޒެއް އިނގިރޭސި ބަހުން ވާހަކަދައްކާ އެއްވެސް ގައުމެއްގައި ބޭނުމެއް ނުކުރެއެވެ. އޭގެ ބަދަލުގައި ލިޓަރ (litter) އެންމެ އާންމު ގޮތެއްގައި ބޭނުންކުރަނީ ރަބިޝް ( (rubbishގެ މާނައިގައި، ނުވަތަ "ކުނި"، މި މާނައިގައެވެ. އެހެން މިސާލަކަށް ބަލާއިރު، ގަރލް ( (girlގެ މާނައެއްގެ ގޮތުގައި ކުރިން ބޭނުންކުރީ ފިރިހެން އަދި އަންހެން ދެ ޖިންސަށް ވެސް ނިޞްބަތްވާ ގޮތުން ޒުވާނާ އެވެ. ނަމަވެސް، މިހާރު މި މާނަ ހަނިވެގެން އައިސް ހަމައެކަނި ބޭނުންކުރާތީ މި ފެންނަނީ އަންހެން ކުއްޖާއަށް ނިސްބަތްކޮށެވެ. އެހެން މިސާލަކަށް ބަލަމާ ހިނގާށެވެ. އަހަރުތަކެއް ކުރިން ކިޔާ ގޮތުން ނަމަ، އޮމާންކޮށް، ތިރިކޮށް ހަދާފައި ހުންނަ ކޮންމެ ތަނަކަށް އިނގިރޭސި ބަހުން "ޕޭވްމަންޓް" އޭ ކިޔައި އުޅުނެވެ. އެހެން ނަމަވެސް މިހާރު "ޕޭވްމަންޓް" ނިސްބަތްކުރަނީ މަގުގެ އެއްކައިރިން ހިނގާބިގާވެ އުޅުމަށް ހަދާފައި އޮންނަ ތަނަށެވެ. އަހަރެމެން ދިވެހިބަހުން މިކިޔާ ދުވާރަށެވެ.
"އުނަގަނޑުގައި އަޅާ ކަމަރާއި އިންޖީނުގައި ހުންނަ ދިއުޅިއާއި ބައެއް ކަހަލަ އެއްޗިހީގައި އަޅުވައިފައި ހުންނަ ބަންދު ފަދަ ހުރިހާ އެއްޗަކަށްވެސް އިނގިރޭސި ބަހުގައި ބެލްޓް (belt) ކީ ކަމުގައި ވިޔަސް އަޅުގަނޑުމެން ބޭނުންކުރަމުން އައި އެތައް ބައިވަރު ލަފުޒުތަކެއް ދޫކޮށް ހަމަ އެކަނި އެންމެ ލަފުޒެއް ބަލައިގަތުމަކީ ބަހަށް ލިބޭ އުނިކަމެކެވެ." އެގޮތުން މިއުނިކަން މާނަކުރެވެނީ މިއީ ދވެހިބަހަށް ލިބިގެން ދިޔަ ހަނިކަމެއްގެ ގޮތުގައެވެ. އޭގެ ސަބަބުތައް ވަރަށް ގިނައެވެ. އެގޮތުން، ބެލްޓުގެ މާނައިގައި ދިވެހިބަހުގައި ބޭނުންކުރަމުން އައި އެތައް މާނަތަކެއް މިވަނީ އިނގިރޭސިބަހުގައި ބޭނުންކުރާ "ބެލްޓް" ފަދަ މާނަތަކުގެ ސަބަބުން ހަނިވެފައެވެ. ބެލްޓުގެ މާނަ ދޭހަވާ ގޮތަށް ދިވެހިބަހުގައި ބޭނުންކުރަމުން އައި "ކަމަރާއި ބަންދާއި ދިއުޅިއާއި" މިފަދަ ގިނަ ލަފުޒުތައް ދޫކޮށް އެ ހުރިހައި ލަފުޒެއްގެ ބަދަލުގައި ދިވެހިބަހުގައި އިނގިރޭސި ލަފުޒު، "ބެލްޓް" ބޭނުންކުރުމަކީ ލަފުޒުގެ މާނަ ހަނިވުމެވެ. ލަފުޒުތައް ނިކަމެތިވުމެވެ. އެހެންކަމުން އެހެން ބަސްބަހުގަ މާނަ ހަނިވުމުގައި ކަން ހިނގާ އުޞޫލުން ދިވެހިބަހުގައި ވެސް ލަފުޒުގެ މާނަ ހަނިވެފައި ހުރީ މިހެންނެވެ.
އިހުގައި އެ މުޖުތަމަޢުއެއްގައި ރަނގަޅު ރީތި މާނައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ލަފުޒުތަކެއްގެ މާނަ، މިހާރުގެ މުޖުތަމައު ގަބޫލުނުކުރުން ނުވަތަ އެ ލަފުޒުތަކުގެ މާނަތައް ހުތުރު މާނަތަކަށް ބަދަލުވެގެން ދިއުން، ނުވަތަ މި ދެންނެވި ފަދަ ލަފުޒުތަކުގެ މާނަ ގޯސްމާނައެއްގެ ގޮތަށް ބަދަލުވެގެން ދިއުމަކީ ވެސް ލަފުޒުތަކުގެ މާނަ ބަދަލުވާން ދިމާވާ ސަބަބުތަކެވެ. މިއީ ޕެޖިއޮރޭޝަން އެވެ. ނިކް ރޭމާ (2010) ބަޔާންކުރައްވާ ގޮތުން، ރަނގަޅު ރީތި މާނައެއްގައި ބޭނުންކުރެވެމުން އައި ލަފުޒެއްގެ މާނަ ހުތުރުވެ، އަގު ދަށްވެގެން ދިއުމަށް ޕެޖިއޮރޭޝަންއޭ ކިޔައެވެ. އޭނާ ވިދާޅުވާ ގޮތުން މި ގޮތަށް އަގު ދަށްވެގެން ދަނީ ކުރިން ބޭނުންކުރެވެމުން އައި މާނައަށްވުރެ، ބަލައިގަތުން ދަށް މާނައަކަށް އެ ލަފުޒެއްގެ މާނަ ފުރޮޅިގެން ދިއުމުންނެވެ. އޭގެ ސަބަބުން ލަފުޒުގެ އަގު ދަށްވެ، ލަފުޒުތަކަށް ދެވޭ ޤަދަރު މުޅިން ކުޑަވެގެންދެއެވެ.
އިސްވެ މިދެންނެވީ އެވޭލާ ޒަމާނުގައި ރާއްޖޭގައި ވަޒަންބަހުރުވައިގައި ހިމެނޭ ބައިތަކުގެ ތެރެއިން އެންމެ ޚާއްޞަ ގަދަރެއްދެވިފައިވާ ރައިވަރަށް ދިމާވި ޙާލަތެވެ. މި ޙާލަތު ބަސްބަހުގެ ލަފުޒުތަކަށް ވެސް ދިމާވިއެވެ. ރައިވަރަށް އެހެން ދިމާވީ މައިންދަރިންގެ ތެރޭގައި ކިޔަން ހެޔޮނުވާ ވަރުގެ ބޭއަދަބީ ރައިވަރު ނުވަތަ ބެރެކި ރައިވަރު ހަދައިގެން ކިޔަން ފެށުމުންނެވެ. ހަމަ މި ބީދައިން ގިނަމާނަތަކެއް ހިމެނޭ ލަފުޒެއްގައިވާ ބޭއަދަބީ މާނަ ފުރަތަމަ ކުޑަކުޑަ ޖަމާޢަތެއްގެ ތެރޭގައި ބޭނުންކުރެވި އެޖަމާޢަތް ބޮޑުވެގެން ގޮސް އެފަދަ ލަފުޒުތަކުގެ މާނަ ހަނިވެގެން ދިއުމަށް މަގުފަހިވެއެވެ. ކުރިން ބޭނުންކުރެވެމުން އައި މާނައަށްވުރެ، ބަލައިގަތުން ދަށް މާނައަކަށް އެ ލަފުޒެއްގެ މާނަ ބަދަލުވުމުން ލަފުޒުގެ އަގު ދަށްވެ، ލަފުޒުތަކަށް ދެވޭ ޤަދަރު މުޅިން ކުޑަވެގެންދެއެވެ. މި ޙާލަތް ދިވެހި ބަހާއި އިނގިރޭސި ބަހުގެ ލަފުޒުތަކަށް ވެސް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
ސޮލް ސްޓޭންމެޓްޒް (2008) ބަޔާންކުރައްވާ ގޮތުން ޕެޖިއޮރޭޓްވެފައިވާ އިނގިރޭސި ލަފުޒެއްގެ ގޮތުގައި ފާހަގަކުރެވޭ އެންމެ އާދައިގެ ލަފުޒަކީ ސިލީ (silly) އެވެ. 13 ވަނަ ގަރުނުގެ އަހަރުތަކުގައި ސިލީގެ މާނަތަކެއްގެ ގޮތުގައި ބޭނުން ކުރެވެމުން ގޮސްފައިވަނީ ހެޕީ happy)) ނުވަތަ އުފާ، ފޯޗުނޭޓް (fortunate) ނަސީބު، ބްލެސްޑް (blessed) ނުވަތަ ރަޙްމަތްލެއްވުން ފަދަ މާނަތަކެވެ. އެހެންނަމަވެސް،16 ވަނަ ގަރުނުގެ ފަހުގެ އަހަރުތަކުގައި ސިލީ ބޭނުންކުރެވެމުން އައީ ގަމާރު ނުވަތަ ބުއްދިއެއްނެތް ފަދަ ތަފާތު މާނަތަކެއްގެ ގޮތުގައެވެ.
ލަފުޒުތަކުގެ މާނައަށް ބަދަލުއަންނަ އަނެއް ގޮތަކީ އެމިލިއޮރޭޝަންއެވެ. އެމިލިއޮރޭޝަނަކީ ވެއަތުވެދިޔަ ޒަމާންތަކުގައި ހުތުރު، ނުވަތަ މުޖުތަމަޢު ބަލައިނުގަންނަ މާނައެއް ހިމެނޭ ލަފުޒެއްގެ މާނަ ބަދަލުވެ، ފަހުން މީހުން ބަލައިގަންނަ، މުޖުތަމަޢު ޤަބޫލުކުރާ ފަދަ މާނައަކާއި ދަރަޖައެއް އެ ލަފުޒަކަށް ލިބުމެވެ. ޖެފްރީ ހެނިން (1995) ބަޔާންކުރައްވާ ގޮތުން ކުރިން ބޭނުންކުރަމުން އައި މާނައަށްވުރެ ރަނގަޅު މާނައެއްގައި ލަފުޒު ބޭނުންކުރަން ފެށުމުގެ ސަބަބުން ލަފުޒުގެ އަގު މައްޗަށް ދެއެވެ. އަދި ލަފުޒު ބޭނުންކުރަން ފަށާ މާނަތަކެއްގެ ސަބަބުން، ވެސް އެމުޖުތަމަޢުގައި ލަފުޒުތައް ބަލައިގަނެ މަޤްބޫލުވާ މިންވަރު މަތިވެ ތަރުޙީބުލިބިގެންދާ ކަމަށާއި، މިބަދަލު އެންމެ ފުރަތަމަ ފެނިގެންދާނީ ބަހުގެ އަހުލުވެރިންގެ ވާހަކަދެއްކުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވެއެވެ. މިސާލަކަށް ލޯފްވާޑް (loaf ward) މިއީ ކުރީ ޒަމާނުގެ ގަދީމީ އިނގިރޭސި ބަހުގައި "ޕާންބަލަހައްޓާމީހާ"، މި މާނައިގައި ބޭނުންކޮށްއުޅުނު ނަމެއް ކަމަށާއި، އެހެން ނަމަވެސް ފަހުން މި ލަފުޒުގެ މާނަ ތަރައްގީވެ، "ގޭގައި ހިފައިގެންގުޅޭ ހުރިހާ މުދަލެއްވެސް ބަލަހައްޓާމީހާ" އަށް ބަދަލުވެގެންދިޔަ ކަމަށް ވެސް ޖެފްރީހެނިން (1995) ވިދާޅުވެއެވެ. އެހެންކަމުން މި މާނައާ އެކު، އެ ލަފުޒުގެ ހައިބަތު ވެސް މި ވަނީ ބޮޑުވެގެން ގޮސްފައެވެ..
ޖިއޮފްރީ ހިއުޖްސް (1988) ހާމަކުރައްވާ ގޮތުގައި ފަހުން މުޖުތަމަޢު ޤަބޫލުކޮށް ލަފުޒުގައި ތަފާތު ފޭރާމެއް އެޅުމުން ލިޔުންތަކަށް ވެސް ރަނގަޅުމާނައިގެ ފޭރާމުން ޖާގަ ލިބިގެންދެއެވެ. އިނގިރޭސި ބަހުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. 14 ވަނަ ގަރުނުގެ އަހަރުތަކުގައި ނައިސް (nice)ގެ މާނައެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ފޫލިޝް foolish)) ނުވަތަ ގަމާރު، ސިމްޕްލް simple)) ނުވަތަ އާދައިގެ ފަދަ މާނަ ތަކެއްގެ ގޮތުގައެވެ. ނަމަވެސް، މީލާދީން 16 ވަނަ ގަރުނުގެ މެދުތެރޭގެ އަހަރުތަކުން ފެށިގެން ނައިސްގެ މާނައަށް ބަދަލުތަކެއް އަންނަމުން ގޮސް، އެލަފުޒު ބޭނުންކުރުމުން ހިތްނުތަނަވަސްވާ ފަދަ މާނައެއް ދޭހަނުވާ ލަފުޒަކަށް ބަދަލުވެފައި ވަނީ 19 ވަނަ ގަރުނުގެ އަހަރުތަކުގައި ކަމަށް ސޮލް ސްޓޭމެޓްޒް (2008) ވިދާޅުވެއެވެ. އެހެންކަމުން މުޖުތަމަޢު ބަލައިނުގަންނަ މާނަތަކެއް ހިމެނޭ ލަފުޒުތަކެއްގެ މާނަތައް ބަދަލުވެ، ފަހުން މީހުން ބަލައިގަންނަ، މުޖުތަމަޢު ޤަބޫލުކުރާ ފަދަ މާނަތަކެއް އެ ލަފުޒުތަކަށް ލިބޭކަން އިސްވެ ދެންނެވި މިސާލުތަކުން އެނގި ހާމަވެއެވެ.
ބަސްތަކާއި ބަހުރުވަތަކަކީ ޒަމާނާ އެކު ތަބީޢީ ގޮތުން ބަދަލުވަމުންދާ ތަކެއްޗެވެ. މިގޮތުން، ލަފުޒުތަކާއި އެ ލަފުޒުތަކުން ދޭހަވާ މާނަތަކަށް ޒަމާނާއެކު ބަދަލުތަކެއް އަންނަމުންދެއެވެ. ލަފުޒުތައް އުފަންވުމާއި، ބައެއް ލަފުޒު އުވިދިއުމުގެ އިތުރުން ލަފުޒުގެ މާނައަށް ބަދަލު އައުމަކީ ކޮންމެ ބަހަކަށް ވެސް ދިމާވާ ކަމެކެވެ. ލަފުޒެއްގެ މާނަ ތަފާތު އެތައް ގޮތަކަށް ބަދަލު ވެގެންދެއެވެ. އެ ތިން ގޮތަކީ ޖެނެރަލައިޒޭޝަން ނުވަތަ މާނަފުޅާވުން، ރެސްޓްރިކްޝަން ނުވަތަ މާނަ ހަނިވުން، އަގުދަށްވުން ނުވަތަ ޕެޖިއަރޭޝަން، އަގު އުފުލުން ނުވަތަ އެމިލިއޮރޭޝަން އަދި މެޓަފަރ އާއި މެޓަނޮމީ އެވެ. މިއިން ބައެއްގެ ތެރެއަށް އެހެން ވައްތަރެއް އިތުރު ކުރެވުނު ކަމުގައިވީ ނަމަވެސް އެ ބައިތަކެއް އިތުރުވާނީ މި ތިން ބައިގެ ދަށުންނެވެ. ލަފުޒުތަކުގެ މާނައަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަކީ އެ މުޖުތަމަޢެއްގައި އުޅޭ ފަރުދުންގެ ނުވަތަ މުޅި މުޖުތަމަޢުގެ ވިސްނުމާއި ގުޅިގެން އަންނަ ބަދަލުތަކާއި، އިޖުތިމާއީ ހާލަތާއި ގުޅިގެން އަންނަ ބަދަލުތަކާއި، އެ ޒަމާނަކާއި ގުޅިގެން އަންނަ ޒަމާނީ ބަދަލުތަކާއި، އަދި ބަސްބަހުގެ ބަސްކޮށާރުތަކަށް އަންނަމުންދާ ބަދަލުތަކެވެ. އެހެންކަމުން ލަފުޒުތަކާއި ލަފުޒުތަކުގެ މާނައަށް ބަދަލުއައުމަކީ ހިނގަމުން އަންނަ ކަމެކެވެ. އަދި އެއީ ތަފާތު އެކި ޙާލަތްތަކާ ގުޅިގެންނާއި، ޒަމާނާ ގުޅިގެން ވިސްނުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަބީޢީ ކަމެކެވެ.