އާރޓިކަލް 16 : އަޅުކަމުގެ ހަޤީޤަތަށް ނަޒަރެއް ހިންގާލަމާހެއްޔެވެ! – (1)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަޅުކަމަކީ ދިވެހިބަހެކެވެ. އެބަސް އައިސްފައި އެވަނީ ޢަރަބި ބަހެއް ކަމުގައިވާ "الْعِبَادَةُ" އިންނެވެ. އޭގެ މާނައަކީ ނިކަމެތިކަމާއި މޮޅިވެރިކަމާއެކު ކިޔަމަންތެރިވެ އަޅުވެތިވުމެވެ. ދުނިޔޭގައި އެތައްބަޔަކު އުޅޭއިރު މިގޮތަށް އެއެއްޗެއްގެ ކުރިމަތީގައި ނިކަމެތިކަމާ މޮޅިވެރިކަން އަދާކުރަމުންދާ މީހުން ނުހަނު ގިނައެވެ. އެއްބަޔަކު އަދި ގިނަބަޔަކު އެކަން އެމީހުންގެ ފަސް ހިއްސަށް އެނގޭނޭ ފަދައިން ފާޅުގައި ކުރަމުން ދާއިރު އަނެއްބަޔެއްގެ ނަފްސުގައި އެކަން ހިނގަމުންދަނީ މާނަވީކޮން އެމީހުންގެ ނަފްސު އެދޭ އެދުންތައް ފުރިހަމަ ކުރާ ބީދައިންނެވެ. ކޮންމެއަކަސް މިފަދައިން ކޮންމެވެސް ފަރާތެއްގެ ކުރިމަތީގައި ގިނަމީހުން އަޅުވެތިވެއެވެ. މިގޮތަށް އެއެއްޗެއްގެ ކުރިމަތީގައި ނިކަމެތިކަން ފާޅުކޮށް އެތަކެތީގެ މާތްކަމާއި މަތިވެރިކަމާއި މުޤައްދަސްކަން އެކިޒާތްޒާތަށް ޤަބޫލުކުރަމުން ދާއިރު، އެބައިމީހުންނަށް ލިބޭ ގެއްލުންތަކުގައި ލިބޭ ފައިދާތަކުގައި އެއިލާހުންގެ ގޮތުގައި ބަލާތަކެތި ބޮޑު ރޯލެއް އަދާކުރާކަމަށް ހިތުގައި ޤަބޫލުކުރުން ވެސް އޮވެއެވެ. އޭގެ ސަބަބުން އެތަކެއްޗަށް ޚާއްޞަ އިލާހީވަންތަ ބިރުވެތިކަމެއްވެސް އޮވެއެވެ. އަދި ހަމައެފަދައިން އެތަކެއްޗަށް އިލާހީވަންތަ ޚާއްޞަ ލޯތްބަކާއި އެތަކެތީގެ ފަރާތުން އިލާހީވަންތަކޮށް އެދޭ އެދުންތަކެއްވެސް ހުރެއެވެ. އަދި އެމީހުންގެ ދިރިއުޅުމަށާއި ކާއިނާތުގެ އެކި ކަންމަކަށް އެތަކެތި ބާރުފޯރުވެވޭނެ ކަމަށް ޤަބޫލުކުރުން އޮންނާތީ، އެކަންކަން ކޮށްދިނުން އެދި އިންސާނުން އެތަކެއްޗަށް މިދެންނެވި އަޅުކަން އަދާކުރަމުން ދަނީ އެތަކެތި އެމީހުންގެ ކަންކަން ކޮށްދިނުމުގެ އަދި މުޞީބާތްތަކުން ސަލާމަތްކޮށްދޭނެކަމުގެ އުންމީދުގައެވެ. ވީމާ އެތަކެތި ވެގެންދަނީ އެމީހުންގެ އިލާހުން ކަމުގައެވެ. އަދި އެމީހުން އެތަކެއްޗަށް ކުރުނީސްކުރުމުގެ ގޮތުން ކުރަމުންދާ ކަންކަން ވެގެންދަނީ އަޅުކަމަށެވެ. ދެން ސުވާލަކީ އެމީހުން އެތަކެއްޗަށް އަޅުކަން އަދާކުރުމުގެ ގޮތުން ހަށިގަނޑާއި ގުނަވަންތަކުން ޖައްސާނީ ކޮން ވައްތަރުތަކެއްތޯއެވެ؟ ނުވަތަ އެއަޅުކަން އަދާކުރަން ހަދާނީ ކިހިނެއްހެއްޔޭއެވެ؟ އެކަންކަން އުފައްދަނީ އެމުޖްތަމަޢެއްގައި އުޅޭމީހުން އެއިލާހުންނާ އެންމެ ގާތްބައެއްގެ ގޮތުގައި ދެކޭ މީހުންނެވެ. އެއިލާހުންނަށް ކުރުނީސްކޮށް އަޅުވެތިވާނެ ގޮތް އެމުޖްތަމަޢެއްގައި އުޅޭ އެއިލާހުންނާ ސީދާ މުޢާމަލާތު ކުރެވޭނެ ކަމަށް އެމީހުން ޤަބޫލުކުރާ އެންމެދީންވެރި ބަޔަކު، އަމިއްލައަށް އެމީހުންގެ ހަވާނަފްސާ އެއްގޮތަށް އެމީހުންގެ ބުއްދިތަކުން އެދޭގޮތަށް ހުންނަނީ ތައްޔާރުކޮށްފައެވެ. އެގޮތުން ވަރަށް ތަފާތު ޒާތްޒާތުގެ ކަންކަންވެސް އެކިގައުމުތަކުގައި ކޮށްއުޅެއެވެ. އެއްބަޔަކަށް އަނެއްބަޔަކު ކުރާ އެފަދަ ކަންކަން ޖޯކަކަށް ވާއިރު، ގާތްގަނޑަކަށްހެން ހުރިހައި މުޖްތަމަޢެއްގައިވެސް އެއްގޮތަކަށް ކުރަމުން ދާ ކަންކަންވެސް އޭގެތެރޭގައި ހިމެނެއެވެ. އެންމެންވެސް އެއްގޮތަށް އަޅުކަންކުރާ ގޮތެއްގެ ގޮތުގައި ފެންނަނީ ދެއަތް ކޮންމެވެސް ގޮތަކަށް، އެއީ ދެން އެބަޔަކުގެ ބޮޑުންނާއި މޮންކުން އެބަޔަކަށް ބުނެދޭ ގޮތަކަށް އެދެއަތްތިލަ ބަހައްޓައިގެން ދުޢާކޮށް ދަންނަވައެވެ. ދެން އަޅުކަމުގެ ގޮތުގައި އެންމެ އާންމުކޮށް ކޮށްއުޅޭ ކަމެއްގެ ގޮތުގައި ފެންނަނީ ހަށިގަނޑުގެ ގުނަވަންތަކުން އެއިލާހަކަށް ކުރުނީސްކުރުމެވެ. އެއީ އިޙްތިރާމް އަދާކުރުމުގެ ގޮތުން ލެބިލައިގެން ނުވަތަ ރުކޫޢު ކޮށްގެން ނުވަތަ ސަޖިދަ ކޮށްގެންނެވެ. އޭގެ އިތުރުން އެއިލާހުންނަށް ޤުރުބާން ކުރުމަކީ ވަރަށް އާދަވެގެން ކުރާ ކަމެކެވެ. ދެން ތަސްބީހަފަތިން ގުނައިގެން ކޮންމެވެސް އެއްޗެއް ކިޔުމާއި މަޢުބަދަށް (އަޅުކަންކުރަންދާ ތަންތަނަށް) ވަކިގޮތަކަށް ވަކިއެއްޗެއް ކިޔާފައި ވަނުމާއި އެތަންތަކުން ވަކިގޮތަކަށް ވަކިއެއްޗެއް ކިޔާފައި ނިކުތުމާއި، އަދި ބައެއް ފަހަރަށް ވަންނަ ކޮންމެފަހަރަކު ވަކިޒާތެއްގެ ކަމެއް ކުރުމާއި، ނުވަތަ ވަކިވަރަކަށް ފައިސާ ދޭންޖެހުމާއި، ނުވަތަ ކޮންމެވެސް ގޮތަކަށް ޒީނަތްތެރިވުމާއި، ނުވަތަ ވަކިގޮތަކަށް ހެދުން އެޅުމާއި، މިފަދަ އެތައްއެތައް ކަމެއް ކޮށްއުޅެއެވެ. އަދި މިއެންމެންގެ ތެރޭގައިވެސް އެމީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ޝަޚްޞިއްޔާތުތައް ދުނިޔޭގައި ތިބޭޙާލުގައި އެބައިމީހުންނަށް އަޅުކަމުގެ ތަފާތު ކަންކަން އަދާކުރެއެވެ. އަދި އެފަރާތްތައް މަރުވުމުން އެމީހުންގެ މަޤްބަރާތަކަކީ މުޤައްދަސް ތަންތަނަށް ހަދާ އެތަންތަނުގައި އަޅުކަމުގެ ކަންކަން އަދާކުރެއެވެ. އަދި އެބައިމީހުންގެ ސިފައިގައި ކުރަހާފައި ހުންނަ ކުރެހުންތަކާއި ފޮޓޯތަކާއި ބުދުތަކަށް އިޙްތިރާމް އަދާކުރުމުގެ ގޮތުންވެސް އަޅުކަން އަދާކޮށް އުޅެއެވެ. އެއަޅުވެތިވާ ފަރާތަކަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެއެއްޗެއްގައި ވަކިގޮތަކަށް އަތްއުނގުޅުން ނުވަތަ އަތްޖެއްސުން ހިމެނެއެވެ. އެގޮތުން ހިންދޫ ބުދުގެ ނިއްކުރީގައި ފާޑެއްގެ ކުލައެއް ހާކައި މާފަތި އެތަކެތީގެ ކަރުގައި އަޅުވާއިރު ދެއަތް ޖައްސައި ގުދުވެލައިފައި ކުރުނީސް ވެސް ކޮށްއުޅެއެވެ. ނަޞާރާއިން އަތުގެ ޙަރަކާތުން ޞަލީބު ރަމްޒުވާގޮތަށް ޙަރަކާތްތަކެއް ކުރުމުގެ އިތުރުން އާދީއްތަ ދުވަހުގައި ލަވަކިޔާ ނަށައިގެން ކަނީސާގެ ތެރޭގައި އަޅުކަންތައް އަދާކުރެއެވެ. އަދި ޔަހޫދީންގެ ގާތުގައި ދުވާލަކު ތިން އިރަށް މަޢުބަދަށް ގޮސް އެންމެންގެ ޙާޒިރުގައި ލަވަޔާއި ޅެމާއި އަޅުކަމެއްގެ ގޮތުގައި ކިޔައިއުޅެއެވެ. އަދި ވަކިޚާއްޞަ ދުވަސްތަކެއްގައި ކުރާ ވަރަށްގިނަ ޙަރަކާތްތަކެއްވެސް ހުރެއެވެ. އެފަދަ ދުވަސްތަކުގައި މިޔުޒިކުންނާއި ނެށުމުންނާއި ބަނގުރާފަދަ ބުއިންތައް ބޮއިގެންނާއި ތަފާތު އެކިއެކި ހެދުންތައް ލައިގެންވެސް ޙަރަކާތްތައް ހިންގައެވެ. ޢާއްމުކޮށް އެފަދަ ދުވަސްދުވަހަށް ދެވިފައި މިއޮންނަނީ ޢީދެއް ކަމުގައެވެ. އޭގެ އިތުރުން ވަކިދުވަސް ތަކެއްގައި ކުރުމަށް ކޮންމެ އެދުވަހަކަށް ޚާއްޞަ ކަންކަންވެސް ހުރެއެވެ. ކޮންމެއަކަސް އެކިމީހުން އަޅުކަމުގެ ގޮތުގައި ކުރާކަންކަން މިއީ ކޮޅުންލާނޭ ވާހަކަތަކެއް ނޫނެވެ. މިއެންމެހައި ކަމެއްވެސް ގޮސް ނިމެނީ އަޅުކަމުގެ ގޮތުގައި ހިތުގައި ހިނގާ އެންމެ އަސާސް ދެކަމުގެ މައްޗަށެވެ. އެއީ އެއިލާހަކަށް އިލާހީ ބިރުވެތިކަން އަދާކުރުމާއި އެއިލާހެއްގެ ފަރާތުން އުންމީދުކޮށް އެދޭ އެދުމުގެ މައްޗަށެވެ.

އެންމެފުރަތަމަ މިދުނިޔެއަށް ފޮނުއްވި އިންސާނާ އާދަމް عليه السلام އަދި އެއަށްފަހު ޙައްވާ عليها السلام އާ އެދެބޭފުޅުންގެ ދަރިން އަޅުވެރިކަން އަދާކޮށް އަޅުކަންތައް އަދާކުރަމުން ދިޔައީ އެބޭފުޅުން ހެއްދެވި އަދި މުޅިކާއިނާތާއި އަދި ދުނިޔެއަށް އަންނާންއޮތް އެންމެންހައި އިންސާނުންވެސް އުފެއްދެވި، ޙަޤީޤަތުގައިވެސް އަޅުކަން އެފަރާތަކަށް އަދާކުރުން ޙައްޤުވެގެންވާ މާތް ﷲ އަށެވެ. އާދަމް عليه السلام އަށާއި ޙައްވާއަށް އަދި އޭގެ ފަހުން އައި އެބޭފުޅުންގެ ދަރިންނަށް އެކަމުގައި ޝައްކެއްވެސް ވަސްވާހެއްވެސް ނެތެވެ. އެހެނީ އެބޭފުޅުންނަށް ﷲ ގެ ޙަޟްރަތުން ސީދާ އެކަމުގެ ޢިލްމު ނަބިއްޔާ އާދަމް عليه السلام ގެ އަރިހުން ލިބިވަޑައިގަންނަވައެވެ. ވީމާ އެބޭފުޅުންގެ އިލާހީ ބިރުވެތިކަމާއި އެދޭ އެދުމާއި އުންމީދު ގުޅިފައިވަނީ ﷲ އަށެވެ. އަދި ޢަމަލީގޮތުން އަޅުކަމުގެ ގޮތުގައި ކުރަމުން ދިޔައީ އާދަމް عليه السلام ދަސްކޮށްދެއްވި ގޮތަށެވެ. ނަމަވެސް އެއަޅުވެތިކަން އެގޮތުގައި ހުރުމާއެކުވެސް އިންސާނެއްގެ ގޮތުގައި ދުނިޔޭގައި ދިރިއުޅުން އާރާސްކުރަމުން ދާއިރު ދިމާވާ އިންސާނީ ނޭދެވޭ ސިފަތައް އިތުރުވެ، ފާފައިގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަން އިންސާނުންގެ ފަރާތުން ފެންނަމުން ކުރިއަށް ދިޔައީއެވެ. އަދި އެފާފަކުރާމީހުންގެ ތެރޭގައި ޞާލިޙުންވެސް ދިރިއުޅެމުން ގޮސް އެބައިމީހުންވެސް މަރުދިޔައެވެ. އަދި ވަކިހިސާބަކުން އެފާފަތަކުގެ އިތުރުން، އެބައިމީހުންގެ އަޅުކަންވެސް ޝިރުކަށް ބަދަލުވީއެވެ. އެއީ އެމަރުވެދިޔަ ހެޔޮލަފާ މީހުންނާއި ނުބައިގޮތުގައި އުޅުނު މީހުންގެ ތެރެއިން، އަޅުވެރި ރަނގަޅުމީހުންގެ ހަނދާތައް ފަހުން އައިމީހުން އާކޮށް އެމަރުވެދިޔަ ޞާލިޙު މީހުންގެ ވާހަކަތައް ދައްކައި ޛިކުރާތައް އާލާކޮށް އެބައިމީހުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކަންތައްތަކެއް ކުރަން ބޭނުންވީ ހިސާބުންނެވެ. އެންމެފުރަތަމަ އެމީހުންގެ އިޙްތިރާމް އަދާކުރުން އޮތީ އޭރުގެ މުޖްތަމަޢުން އިޙްތިރާމްކުރުމުގެ ގޮތުން ކޮށްއުޅުނު ޙަރަކާތްތަކުންނެވެ. ހަމަގައިމުވެސް އެދުވަހު ބުދެއް ނެތެވެ. ބުދުހުރިކަމުގައިވީ ނަމަ އޭރުގައި ތިބި ތަޖްރިބާވެރިންނާއި ޢިލްމުހުރި މުސްކުޅީން ވަގުތުން އެކަމަށް އިންޒާރުދީ އެކަންކަން މަނާކޮށް، ޝިރުކު ނުކުރުމަށް ގޮވާލައި އެކަންކަން ހުއްޓުވީހެވެ. ދެން ފަހުން އެމަރުވެދިޔަ މީހުންގެ މަޤްބަރާތަކުގައި މީހުން މަޑުކުރުމާއި، އޭގެ އިތުރުން އިޙްތިރާމްކުރުމުގެ ނަމުގައި އަޅުކަމުގެ ޒާތްޒާތުގެ ކަންކަން ކުރަން ފެށިގެންދިޔައީ ދެން އައި ޖީލުތަކުގައެވެ. ދެން އައިޖީލުތަކުން އެމަރުވެދިޔަ މީހުންނާ އެއްސިފަޔަކަށް ބުދުހަދާ އެމީހުންގެ ނަންތައް އެބުދުތަކަށް ދީހެދި ދުވަސް އައިސް ޖެހުނުއިރު، އެފަދަ ކަންކަން އެއީ މުންކަރާތެއްކަމާއި އެއީ ނުބައިވެގެން ޢަމަލުތަށްކަން ދެނެހުރިމީހަކު ނެތްތާގައި އެދުވަހުގައި ތިބި ހަރުމީހުންނަކީ އެފަދަ ކަންކަން ކުރުން އެއީ ރަނގަޅުކަންކަމުގެ ގޮތުގައި ބަލައިގަންނަ ވަރަށް ވިސްނުންތައް ބަދަލުވެފައިވީ މީހުންނެވެ. އެބައިމީހުންވީ އާދަމް عليه السلام ގެނެސްދެއްވި އިލާހީ ޢިލްމު ހަނދާން ނައްތާލައިފައެވެ. އިލާހީ ޢިލްމު ފިލާދިޔަކަމުގެ ސަބަބުން ޖާހިލުވެފައެވެ. އެޢިލްމު ހުރި މަދު މީސްކޮޅަށްވެސް ތިބެންޖެހެނީ އެހެންމީހުންގެ ޚިޔާލާއި ފިކުރުތަކާއި ޚިލާފަށް ވާހަކަ ދެއްކުމުގެ ސަބަބުން އައިސްދާނެ ނަފްރަތާއި ބައިބައިވުމާއި އަނިޔާވެރިކަމަކަށް ބިރުން އަނގަ ލައްޕައިގެންނެވެ. ދެން ޝިރުކުގެ ޢަމަލުތައް ދާނީ ކުރިއަރައި ޕްރޮމޯޓުވެގެން ނޫންހެއްޔެވެ؟ މިއީ މާތް ﷲ ފިޔަވައި އެހެންފަރާތްތަކަށް އެންމެފުރަތަމަ އަޅުކަން ކުރެވެން ފެށުނު ގޮތެވެ. ޞާލިޙުމީހުންގެ ގޮތުގައި މަރުވެދިޔަ މީހުން ކަމުގައިވާ "ވައްދު" އާއި "ސުވާޢު" އާއި "ޔަޣޫޘު" އާއި "ޔަޢޫޤު" އާއި "ނަސްރު" ގެ ޤަބުރުތަކަށް އަޅުކަން ކުރުމާއި، އެމީހުންގެ ސިފައިގައި ބުދު ތައްޔާރުކޮށްގެން އެއަށް އަޅުކަން ކުރަން ފެށުމެވެ. އާދަމް عليه السلام ގެ ފަހުން 10 ޤަރުނު ވޭތުވެދިޔަ ފަހުން ދުނިޔެމަތީގައި މިޝިރުކު ފުރަތަމަ ފަހަރަށް ކުރަން ފެށިއެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا﴾ މާނައީ: [އަދި އެބައިމީހުން ބުނޫއެވެ. ތިޔަބައިމީހުންގެ އިލާހުންތައް ދޫނުކުރާށެވެ. އަދި ވައްދު އާއި ސުވާޢު އާއި ޔަޣޫޘު އާއި ޔަޢޫޤު އާއި ނަސްރު ހަމަހިލާ ދޫކޮށްނުލާހުށިކަމެވެ.] ޞަޙީޙުލް ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްގައި ޢަބްދުﷲ ބުން އަލްޢައްބާސް رضي الله عنهما މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: "މިނަންތަކަކީ ނޫޙުގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވީ ޞާލިޙު މީހުންތަކެއްގެ ނަންތަކެކެވެ. އެމީހުން މަރުވުމުން ޝައިޠާނާ އެމީހުންގެ ގައުމުގެ މީހުންނަށް ވަސްވާސްދިނެވެ: އެބައިމީހުން އިށީނދެ ހަދަމުން ދިޔަ މަޖްލިސްތަކުގައި އެމީހުންގެ ބުދުތައް ބަހައްޓާށެވެ. އަދި އެމީހުންގެ ނަންތަކުން އެބުދުތަކަށް ނަންދޭށެވެ. ދެން އެމީހުން އެފަދައިން ކަންތައް ކުރިއެވެ. ނަމަވެސް އެއީ އެތަކެއްޗަށް އެއްވެސް އަޅުކަމެއް އަދާކުރުމެއް ނެތިއެވެ. ދެން އެޒަމާނުގެ މީހުން ހަލާކުވެދިއުމުން ޢިލްމު ފިލައިގެން ހިގައްޖެއެވެ. ދެން އެބުދުތަކަށް އަޅުކަން ކުރެވުނެވެ." އަދި ތާބިޢީއެއް ކަމުގައިވާ މުޙައްމަދު ބުން ޤައިސް رحمه الله ވިދާޅުވިއެވެ: "އެބައިމީހުންނަކީ އާދަމުގެފާނުގެ ދަރިފަސްކޮޅުން އައި ޞާލިޙު ބައެކެވެ. އަދި އެމީހުންނަށް ތަބާވާ އެމީހުންނާ އެއްފަދައިން (ހެޔޮރަނގަޅުގޮތުގައި) އުޅުން ބައްޓަންކުރަމުން ދިޔަ ބަޔަކު ވިއެވެ. ދެން އެމީހުން މަރުވުމުން އެމީހުންނާ އެކުގައި، އެމީހުންނަށް ތަބާވެގެން އުޅުނު މީހުން ބުންޏެވެ: އެމީހުންގެ ޞޫރަތައް އަހަރުމެން ކުރަހައިފި ނަމަ އެޞޫރަތައް ފެނުމުން އެމީހުންގެ މަތީން އަހަރެމެން ހަނދާންވާނެއެވެ. އަދި އޭގެ ސަބަބުން އަހަރެމެން އަޅުކަން ކުރުމަށްވާ ޝައުޤުވެރިކަން އިތުރުކޮށްދޭނެ ކަމަކަށް އެކަން ވާނެއެވެ. ދެން އެމީހުންގެ ޞޫރަތައް އެބައިމީހުން ތައްޔާރުކުރިއެވެ. ދެން އެމީހުން މަރުވެ ދިއުމުން އެހެންބަޔަކު އައެވެ. އެބައިމީހުންނަށް މަޑުމަޑުން (ފަހަރަކަށްފަހު ފަހަރަކު) އިބިލީސް ބުނެދިނެވެ: ހަމަކަށަވަރުން އެބައިމީހުން އެޞޫރަތަކުގައިވާ މީހުންނަށް އަޅުކަން ކުރިއެވެ. އަދި އެމީހުންގެ ފަރާތުން ވާރޭ ވެހުމަށް އެދި ދެންނެވިއެވެ. ދެންފަހެ އެހިސާބުން އެމީހުން އެބައިމީހުންނަށް އަޅުކަންކުރިއެވެ." (އައްޠަބަރީ) މިރިވާޔަތްތަކުގައި މިބުނެވި ދިޔައީ އިބިލީހާއި އޭނާގެ އަޢުވާނުން ކަމުގައިވާ ޝައިޠާނުންތައް އިންސާނާ ލައްވާ އެންމެ ކުރުވަން ބޭނުން ކަންތައް ކުރުވި ގޮތުގެ ވާހަކައެވެ. އެއީ ޝިރުކެވެ. އަހަރެމެންނަށް ވަރަށް ހެވިލާފައި، ނުބައި އަމާޒަކަށް ވާޞީލުކޮށްދޭނޭ ފިޔަވަޅެއް އެޅޭއިރު އެއީ އަހަރެމެންގެ ޖީލުގައި ރަނގަޅު ފިޔަވަޅަކަށް ވެދާނެއެވެ. ނަމަވެސް އަހަރެމެންގެ ދަރީންނާ ހިސާބު ދުރަށް ވިސްނާލައިފި ނަމަ އެއީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ވަރަށް ބިރުވެރި ނުބައި ފާފަތަކެއް ފެތުރިދާނެ ކަމަކަށްވެސް ވެދާނެއެވެ. އެކަންކަން ވިސްނޭނީ ދުރުވިސްނޭ ޢިލްމު ލިބިގެންވާ މީހުންނަށެވެ. މިއެންމެ ބޮޑު ނުބައިވެސް އައީ އިލާހީ ޢިލްމު ނެތުނީމައެވެ. ނިކަން ވިސްނާލާށެވެ! އެއްހާސް އަހަރުދުވަސް ވަންދެން ސާބިތުވެފައިވާ އާދަމް عليه السلام ގެނެސްދެއްވި ޢިލްމު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެއަޅުކަން ޝިރުކަން ބަދަލުކޮށްލުމުން، ދެން އިންސާނުންނަށް ހެޔޮގޮތް ވިސްނައިދެއްވުމަށް މާތް ﷲ ފޮނުއްވި ރަސޫލާ ނޫޙު عليه السلام އެބައިމީހުންގެ އެކަންކަން އިޞްލާޙު ނުވެގެން ނުވަސަތޭކަ ފަންސާސް އަހަރު ވަންދެން ބުރަ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. ބަޔަކު އިންސާނިއްޔަތަށް ގެނައި ކަމެއްގެ ސަބަބުން މުޅި އިންސާނިއްޔަތު އިޞްލާޙު ނުވެގެން އެތަކެއް އުނދަގުލަކާއެކު ނޫޙު عليه السلام އެތަކެއް ޤަރުނެއް ވަންދެން ހުއްޓާނުލައި ކުރެއްވި އެބުރަބޮޑު މަސައްކަތުންވެސް އިންސާނިއްޔަތުގެ ބޮޑުބައި ރަނގަޅު ނުކުރެވުނެވެ. އެންމެފަހުން އެއުންމަތުގެ ޝިރުކުގެ އަހުލުވެރިން މާތް ﷲ ގެ ކޯފާއާއި ޢަޛާބުން އެއްކޮށް ނައްތާލެއްވިއެވެ.

މިކަމުން ޢިބްރަތް ލިބިގަނެ ޝިރުކުގެ ނުބައިކަން ހިތަށް ގެނެސްގަނެ، އެކަމަށް އަބަދުވެސް ހިތުގައި ނަފްރަތު ކުރާ ބަޔަކަށް އަހަރެން ވާންޖެހެއެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(…. ނުނިމޭ …..)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *