ގްރޭޑް ނުވައެއްގެ ދަރިވަރުންގެ މި އަހަރުގެ ފަހު ޓާމުގެ ޓެސްޓު އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މާލެ ސަރަހައްދުގެ ހުރިހައި ސްކޫލުތަކަށް މިނިސްޓްރީއިން އަންގައިފިއެވެ. މީގެކުރިން ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންގެ ޓެސްޓުތަކަށް ދަރިވަރުން ސްކޫލަށް ނުގެނެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމައި ގްރޭޑް ނުވައެއްގެ ދަރިވަރުންގެ ޓެސްޓު މިމަހުގެ 30ވަނަ ދުވަހު ފަށަން ވަނީ އަންގާފައެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ގްރޭޑް ނުވައެއްގެ ޓެސްޓުވެސް އޮންލައިންކޮށް ކުރިއަށް ގެންދާގޮތަށް މިހާރުވަނީ ނިންމާފައެވެ.
މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިންތިހާ ދަރަޖައަކަށް އިތުރުވަމުން އަންނާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކޮށް ކިޔަވައިދިނުން ކުރިއަށް ދަނީ އޮންލައިންކޮށެވެ. އެގޮތުން އަޙްމަދިއްޔާގެ ހުރިހައި ގުރޭޑެއްގެ ދަރިވަރުންނަށްވެސް އޮންލައިންކޮށް ކުލާސްތައް، ހަފްތާގެ ފަސްދުވަހު ކުރިއަށް ދާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. ސާނަވީ ގުރޭޑްތަކުގެ ދަރިވަރުންނަށް މިހާރު ކުރިއަށްދާ ރިވިޝަން ހަފްތާ ނިމުމާއެކު މެއި 30ން ފެށިގެން ޓާމް ޓެސްޓު ފެށޭނެއެވެ.
ގްރޭޑްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާނު މެދު ނުކެނޑި ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައެވެ.