ބުރާސްފަތި, 17 އޭޕްރިލް 2025

ބަހުރުވައިގެ ތަފާތުތަކެއްވަނީ ކީއްވެ!

ބަހުރުވައިގެ ތަފާތުތަކެއްވަނީ ކީއްވެހެއްޔެވެ؟ މިސުވާލާމެދު ވިސްނާއިރު މިއަށް ކަނޑައެޅިފައިވާ ވަކި ޖަވާބެއް ދިނުމަކީ ދަތިކަމެކެވެ. އެހެން ނަމަވެސް ދެ ބައެއްގެ ދެމެދުގައިވާ ދުރުމިނާއި، ސިޔާސީ، ނަސްލީ ނުވަތަ އިޖުތިމާއީ ބީރައްޓެހިކަން ވެސް ބަހުރުވަ ތަފާތުވުމަށް މެދުވެރިވެއެވެ.

ބަހުރުވަ ތަފާތުވުމަށް މެދުވެރިވެދާނެ ސަބަބުތަކެއްވެއެވެ. މިގޮތުން މިކަމާމެދު ބައެއް ލިންގުއިސްޓުން ހާމަކުރައްވާ ގޮތުގައި އިޖުތިމާޢީ ދެބައެއްގެ ދެމެދުގައިވާ ގުޅުން ދުރުކަމުގައި ވަނީނަމަ އެބައިމީހުންގެ މެދުގައިވާ ބަހަކީ ބަދަލުވުން ކުޑަ އަދި ތަފާތުތަކެއްވާ ބަހެއް ކަމުގައިވެއެވެ. އަދި ޖޯގްރަފީގެ ގޮތުންވާ ދުރުމިނާއި އާބާދުވެފައިވާދުރުމިން ބޮޑުކަމުގައި ވަނީނަމަ ވާހަކަދެއްކުމުގެ ތަފާތުތަކެއް ވާނެއެވެ.  މިގޮތުން ކަނޑަކުން، ފަރުބަދަތަކަކުން ނުވަތަ ސިޔާސީ ގޮތުން ނުވަތަ ނަސްލީގޮތުންނާއި އިޖްތިމާޢީގޮތުން ވަކި ކުރާނަމަ ބަހުރުވައިގެ ތަފާތު އިތުރުވެއެވެ. މީގެ އިތުރުން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތަފާތު ސަބަބުތަކާ ހެދި ބަދަލު އައި ނަމަވެސް އެ ބަދަލު އަންނަނީ ކުއްލިއަކަށް ނޫނެވެ.

މި ބަދަލު އަންނަނީ ވަރަށް ލަސް ދުވެއްޔެއްގައި، އެއް ހިސާބަކަށް އައުމަށް ފަހު އަނެއް ހިސާބަކަށް ފެތުރެމުންނެވެ. މިގޮތުން އުފެދޭ ގިނަ ތަފާތުތަކެއް ވުމުން އެއް ހިސާބެއްގައި ވާހަކަދައްކާ ބަހެއްގައި އަމިއްލަ ގޮތްތަކަކާއި ކުލަތަކެއްޖެހި ސަރަޙައްދީ ބަހުރުވަ (regional dialect)  އުފެދެއެވެ.

އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވަސިޓީގެ ފަރާތުން 1 އޭޕްރީލް 2004 ގައި ނެރެފައިވާ ބަޔާނެއްގައި ވާގޮތުން  ”ދުވަހަކުވެސް ނުއުފެދޭހާ ހަލުވިކޮށް ދުނިޔޭގެ ބަހުރުވަތައް މިދަނީ އުފެދެމުން އަދި މިކަން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ“، އެވެ.

ހިޖުރަކުރާމީހުން އެކި ޤައުމުތަކުގެ މީހުންނާ އެކުވެ މިލިއުޅުމުގެ ސަބަބުން އެތައް ބަހުރުވައެއް އުފެދެއެވެ. އަދި އަލަށް އާބާދުވާ ސަރަޙައްދުގައި ކުދި ގްރޫޕުތައް އެއްވުމުގެ ސަބަބުން ވެސް އާބަހުރުވަތައް އުފެދެއެވެ. މީގެ އިތުރުން ދުނިޔެ ބަވަނަކުރުމުގެ ސަބަބުން، ޚާއްޞަކޮށް މީޑިއާގެ ސަބަބުން އެހެން ބަސްބަހުގެ ނުފޫޒު ބަހަށް ފޯރާކަމަށާއި މިގޮތުން އެތައް ސަތޭކަ މޭލު ދުރުގައިވާ ބަސްތަކުގެ ލަފުޒުތައް އަބަދާ އަބަދު އަހަރެމެންގެ ސިޓިންގ ރޫމުތަކުގައި ދިރިއުޅޭކަމަށް ވެސް ބައެއް ލިޔުންތެރިން ހާމަކޮށްފައިވެއެވެ. އިޖުތިމާޢީގޮތުން މުޖުތަމަޢުގައި އުފެދޭ ފަންތިތަކުގެ ސަބަބުންވެސް ބަހުރުވައިގެ ތަފާތުތަކެއް އާދެއެވެ. މިސާލަކަށް: މަތީފަންތީގެ އަދި މެދު ފަންތީގެ ނުވަތަ ދަށް ފަންތީގެ ބަހުރުވައިގެ ތަފާތުތަކެއް އުފެދެނީ ފަންތިތަކުގެ މެދުގައިވާ ގުޅުން ކުޑަވުމުން ނުވަތަ މުޅިން ގުޅުން ކެނޑުމުންނެވެ.

ބަހުރުވައިގެ ސަބަބުން އެއްބަހަކުން ވާހަކަދައްކާ ބައެއްގެ މެދުގައިވާ ގުޅުން ބަދަހިކޮށްދޭ އަދި  ބަހުރުވައެއްގެ ސަބަބުން ބަހެއްގެ އަހުލުވެރިންނާއި އެ ނޫން މީހުން ވަކިކޮށްދެއެވެ. ބަހެއް ބަހުރުވައަކަށް ވުމުގައި ޖޯގްރަފީގޮތުންނާއި މުވާޞަލާތީގޮތުން އަދި އިޖްތިމާޢީ ގޮތުން އެ ބަޔަކު ތިބި ހާލަތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން އެނގެއެވެ. މިގޮތުން ރާއްޖެއަށް ބަލައިލި ނަމަވެސް ދެކުނުގެ 4 އަތޮޅުން މީގެ ސާފުހެކި ފެންނަން އެބަހުއްޓެވެ. އެހެނީ އެ އަތޮޅުތަކަކީ "ހުވަދޫ ކަނޑު" ގެ ސަބަބުން ރާއްޖޭގެ އެހެންރަށްރަށާއި ޖޯގްރަފީ ގޮތުން ވަކިން އެކަހެރިކޮށް އޮތް އަތޮޅުތަކެކެވެ. އަދި އެއީ ރާއްޖޭގެ އޭރުގެ ހާލަތު ހުރިގޮތުން މުވާސަލާތީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ވަރަށް ފަހަކާ ޖެހެންދެން އެހެން އަތޮޅުތަކާ މާބޮޑު ގުޅުމެއް ބޭއްވި އަތޮޅުތަކެއް ކަމެއް އެނގިފައެއް ނެތެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *