الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މާތްﷲ މިދުނިޔެއަށް ފޮނުއްވި އެންމެފުރަތަމަ އިންސާނާ އާދަމް عليه السلام އިން ފެށިގެން ދުނިޔެއަށް އަންނާނެ އެންމެފަހު އިންސާނާއާ ހަމައަށްވެސް ދުނިޔެއަށް އެމީހަކު ފޮނުއްވުމުގެ މަޤްޞަދަކަށް ވެފައި އޮންނާނީ ހަމަ އެންމެ މަޤްޞަދެކެވެ. އެއީ މިހުރިހައި އިންސާނުން ޚަލްޤުކުރެއްވި ކަލާންގެއަށް އަޅުކަން އަދާކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ (الذاريات: 56) މާނައީ: [އަދި ޖިންނީންނާއި އިންސީން ތިމަންއިލާހުއަށް އެކަނި އަޅުކަން ކުރުމަށް މެނުވީ ނުއުފައްދަވަމެވެ.] އެއީ އިންސާނަކު ދުނިޔޭގައި ދިރިހުރުމުގެ މަޤްޞަދެވެ. ދުނިޔޭގައި ކުރެވޭނެ އެހެނިހެން އެންމެހައި ޢަމަލެއް އެނބުރެމުންދާނީ މައިގަނޑު މަޤްޞަދުގެ ވަށައިގެން އެކަން ޙާޞިލުކުރުމަށް ބޭނުންވާ ވަޞީލަތްތަކެއްގެ ގޮތުގައި ނުވަތަ އެކަމަށް އެހީތެރިވާ ކަންކަންކަމުގެ ގޮތުގައެވެ. ވީމާ އިންސާނާ ދުނިޔޭގައި ކުރެވޭ ޢަމަލުގައި، މާތް ﷲ އަށް އަޅުކަން އަދާކުރުމަށް ހުރަސްއެޅޭ ކޮންމެ ކަމެއް، ދުނިޔެއަށް ފޮނުއްވުނު މަޤްޞަދާ ކަނޑައެޅިގެން ޚިލާފު ޢަމަލަކަށް ވެގެންދާނެއެވެ. މިމަޤްޞަދު އޮޅުވާލައި އަޅުކަން ކުރުމުގައި މާތް ﷲ ގެ މަޚްލޫޤުން ބައިވެރިކުރަން ފެށުމީ އިންސާނުން މިދުނިޔޭގައި ފެށި އެންމެ ނުބައިވެގެންވާ ޢަމަލެވެ. ނަމަވެސް މާތް ﷲ ގެ އޯގާވަންތަކަމުން އިންސާނުންނަށް މިކަމުގައި އޮތް ހެޔޮގޮތް ބުނެދެއްވުމަށްޓަކައި ހަމައެބައިމީހުން ފަދަ އެބައިމީހުންގެ ތެރެއިން އިންސާނަކު ރަސޫލެއްގެ ގޮތުގައި ފޮނުއްވައެވެ. އެރަސޫލު ބޭކަލަކަށް އެބަޔަކުގެ ތެރެއިން އީމާންވާ ބަޔަކު އީމާންވެއެވެ. އީމާންނުވާ ބަޔަކު އީމާނެއް ނުވެއެވެ. ދެން ގަދަކީރިތިވަންތަ މަތިވެރި ﷲ އެބަޔަކަށް އެކަލާނގެ ޙިކްމަތާއި އިރާދަފުޅާއި އެއްގޮތްވާގޮތުގެމަތިން އެބަޔަކާމެދު އިންޞާފު ކުރައްވައެވެ. އެބަޔަކަށް އެންމެ އެކަށީގެންވާ ޖަޒާ އާޚިރަތުގެ ކުރިން މިދުނިޔޭގައިވެސް ދެއްވައެވެ. އަދި ދުނިޔޭގައި ހެޔޮލަފާ ޞާލިޙު ބަޔަކު މާތް ﷲ އަށް އަޅުކަން ކުރުމުގައި ޤާއިމްވެ އަނެއްކާ ޒަމާންތަކެއް ތައުޙީދުގެ މަތީގައި އިންސާނުން ހޭދަކުރާތަނުން އެބައިމީހުންގެ ތެރެއިން ބަޔަކު ޝިރުކުގެ ނުބައިޢަމަލު ފަށައެވެ. މިބީދައިން މާތް ﷲ ވަނީ އެކިއެކި އުންމަތްތަކަށް އެކަލާނގެ ރަސޫލު ބޭކަލުން ފޮނުއްވައިފައެވެ. އެހުރިހައި ބޭކަލުންވެސް މައިގަނޑު ގޮތެއްގައި ގޮވާލެއްވީ ހަމައެކަނި އެބައިމީހުން ޚަލްޤުކުރެއްވި ކަލާނގެ އަށް އަޅުކަން ކުރުމަށެވެ. އަދި އަޅުކަމުގައި ބައިވެރިކުރެވޭ އެހެންހުރިހައި ފަރާތްތައް ދޫކޮށްލައި އެކަމުން ދުރުވެ ރައްކާތެރިވުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ ﴾ (النحل: 36) މާނައީ: [އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ތިމަންﷲ ރަސޫލަކު ފޮނުއްވީމެވެ. (އެއިން ކޮންމެ ބޭކަލަކުގެ އެބޭކަލެއްގެ ގައުމުގެ މީހުންނަށް ވިދާޅުވެއެވެ) ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ޠާޣޫތުންނާ (ﷲ ފިޔަވައި އަޅުކަންކުރެވޭ ބުދުފަދަ ތަކެތިން) ދުރުހެލިވާށެވެ!] އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ﴾ (الأنبياء: 25) މާނައީ: [އަދި ހަމަކަށަވަރުންވެސް ތިމަންއިލާހު ނޫނީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި ހަމައެކަނި ތިމަންﷲ އަށް އަޅުކަން ކުރާށޭ (އެބޭކަލުންގެ ގައުމުގެ މީހުންނަށް އެންގެވުމަށް) އެބޭކަލަކަށް ތިމަން ﷲ ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ތިޔަނަބިއްޔާގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ.] މިއާޔަތުން އެނގިގެން ދިޔައީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަދި އެނަބިއްޔާގެ ކުރިން ވަޑައިގެންނެވި އެންމެހައި ނަބިއްޔުންވެސް އެބޭކަލެއްގެ ގައުމުގެ މީހުންނަށް ގޮވާލެއްވީ އެބައިމީހުން އަޅުކަންކުރަމުން ދިޔަ ބާޠިލުފަރާތްތަކާއި ދުރުހެލިވުމަށެވެ. އަދި ޚާލިޤުވަންތަ ﷲ އަށް އެކަނި އަޅުކަންތައް އަދާކުރުމަށެވެ. އަދި އެއިން ކޮންމެ ގައުމަކަށް ފޮނުއްވޭ ރަސޫލަކު އެކަލާނގެއަށް އަޅުކަން ކުރާނެގޮތް ދިޔައީ ބަޔާން ކޮށްދެއްވަމުންނެވެ. ނަމަވެސް އަނެއްކާވެސް އިންސާނުން ދިޔައީ އެއިން ކޮންމެ ޖީލެއް ނިމޭއިރު އަޅުކަން ކުރުން ޙައްޤު ނޫންފަރާތްތަކަށް އަޅުކަން ކުރުން ބަދަލުކުރަމުންނެވެ. އަދި އެރަސޫލަކު މާތް ﷲ އަށް އަޅުކަން ކުރަން އެންގެވި ގޮތްވެސް ބަދަލުކޮށް އެބަޔަކު އެދޭގޮތަކަށް އަޅުކަން ކުރުން ބަދަލުކުރަމުންނެވެ. އެގޮތުން ހުރިހައި ނަބީންވެސް އެބޭކަލުންގެ އުންމަތުގެ މީހުންނަށް ﷲ އަށް އެކަނި އަޅުކަން ކުރަން އަމުރުކުރެއްވި އިރު ތަފާތު އަޅުކަންތައް ޝަރުޢު ކުރައްވާ އެފަދައިން އަޅުކަން ކުރަން އެންގެވިއެވެ. އެގޮތުން އެނަބީންވެސް ނަމާދުކުރަން އެންގެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ رَبَّنَا إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ﴾ إبراهيم / 37 މާނައީ: [(އިބްރާހީމް عليه السلام ދެންނެވިއެވެ): އޭ އަޅުގެ ވެރިއިލާހެވެ. ހަމަކަށަވަރުންވެސް އިބައިލާހުގެ ޙުރުމަތްތެރިވެގެންވާ ގެފުޅުގެ ކައިރީގައި އެއްވެސް ގަހެއްނެތް ވާދީއެއްގައި އަޅުގެ ދަރީންކުރެ ބަޔަކު މިއަޅާ ވަޒަންވެރި ކޮށްފީމުއެވެ. އަޅުގެ ވެރިއަލާހެވެ. އެއީ އެބައިމީހުން ނަމާދު ޤާއިމް ކުރުމަށްޓަކައެވެ.] ވީމާ އިބްރާހީމް عليه السلام އާއި އެކަލޭގެފާނުގެ ދަރީން ވަނީ ނަމާދުގެ އަޅުކަން ކުރައްވާފައެވެ. އަދި ނަމާދުގެ އަޅުކަމަކީ އޭރުގައިވެސް މާތް ﷲ އަށް އަޅުކަންކުރެވުނު ގޮތެއްކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. އަދިވެސް އެކަން އެނގެން އޮންނަ އެހެނިހެން އާޔަތްތަކުގެ ތެރޭގައި، ޒަކަރިއްޔާ عليه السلام އާމެދު މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ﴾ (آل عمران: 39) މާނައީ: [ދެން އެކަލޭގެފާނަށް މަލާއިކަތުން ގޮވާލެއްވިއެވެ. އަދި އޭރުގައި އެކަލޭގެފާނު ނަމާދު ކުރުމަށް ކޮޅަށް ޤާއިމްވެވަޑައިގެން ހުންނެވިއެވެ.] މިއާޔަތުން ޒަކަރިއްޔާ عليه السلام ނަމާދުގެ އަޅުކަން ކުރެއްވިކަމާއި އެއަޅުކަން ކުރެވޭ ގޮތުގައި ހިމެނޭ ސިފައެއްވެސް ބަޔާންވެގެން ހިނގައްޖެއެވެ. އެއީ ކޮޅަށް ހުންނެވުމެވެ. މިގޮތަށް ނަމާދުގައި ކޮޅަށްހުރުމަކީ މުޙައްމަދު صلى الله عليه وسلم ގެންނެވި އިސްލާމްދީނުގައިވެސް ނަމާދު ކުރުމުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. އަދިވެސް އަލްބައްޔިނާ ސޫރަތުގައި އަހުލު ކިތާބީން (އެބަހީ ޔަހޫދީންނާއި ނަޞާރާއިން) ނާ މެދު މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ (البيّنة: 5) މާނައީ: [އަދި އެއްވެސް ޝިރުކެއް ނުހިމެނޭ ގޮތުގައި ﷲ އަށް އަޅުކަން ޚާލިޞްކުރާޙާލު އެކަލާނގެއަށް އެކަނި އަޅުކަން ކުރުމަށް މެނުވީ އެބައިމީހުންނަށް (އެބަހީ ޔަހޫދީންނާއި ނަޞާރާއިންނަށް) އަމުރުވެވިގެން ނުވެތެވެ. އަދި (އެބައިމީހުންނަށް އަމުރުވެވިގެންވަނީ) ނަމާދު ޤާއިމްކުރުމަށާއި އެބައިމީހުން ޒަކާތް އަދާކުރުމަށެވެ. އަދި ސީދާވެގެން ދީނަކީ އެއީއެވެ.] މިއާޔަތުން އަހަރެމެންގެ މިއުންމަތުގެ އަހުލުވެރިންނަށް އަޅުކަމުގެ ގޮތުގައި ކުރުމަށް އަމުރުވެވިފައިވާ ދެކަމެއް، ހަމަ އަޅުކަމުގެ ގޮތުގައި އަދާކުރުމަށް ޔަހޫދީންނާއި ނަޞާރާއިންނަށްވެސް އެވަނީ އަމުރުކުރެވި ޝަރުޢުކުރެވިފައެވެ. ހަމައެފަދައިން ރޯދަހިފުންވެސް އެބައިމީހުންނަށް ހަމައަހަރެމެން އިސްލާމްދީނުގައި ވާފަދައިން ވަނީ ފަރުޟު ކުރެވިފައެވެ. އެކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ (البقرة: 183) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ރޯދަ ފަރުޟުކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.] ޞަޙީޙް މުސްލިމްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގައިވެއެވެ: ((مَرَرْتُ عَلَى مُوسَى لَيْلَةَ أُسْرِيَ بِي ، عِنْدَ الْكَثِيبِ الْأَحْمَرِ ، وَهُوَ قَائِمٌ يُصَلِّي فِي قَبْرِهِ)) މާނައީ: [ތިމަންނަބިއްޔާ އިސްރާގެ ދަތުރުގެ ރޭގައި މޫސާގެފާނު ހުރަސްކޮށް ވަޑައިގެންނެވީމެވެ. އެއީ ރަތްކުލައިގެ ފުނިޖެހިއުސްވެފައިވާ ވެލިގަނޑުންނެވެ. އަދި އެކަލޭގެފާނުގެ ޤަބުރުގައި އެކަލޭގެފާނު ހުންނެވީ ނަމާދު ޤާއިމްކުރައްވާށެވެ.] މިފަދައިން ނަމާދާއި ޒަކާތާއި ރޯދައިގެ ވާހަކަ އައިސްފައި ވާއިރު އެނަބީންގެ ޒަމާންތަކުގައި އެއަޅުކަން ކުރެވުނުއިރު، އެކަންކަމުގެ ސިފަތަކުގެ ފުރިހަމަ ތަފްޞީލެއް ލިބޭކަން ނުވަތަ އެނގޭކަން ނެތެވެ. އަހަރެމެންނަށް އެހުރިހައި އަޅުކަމެއް އަހަރުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުން ވަރަށް ތަފްޞީލުކޮށް ކޮންމެ ޙަރަކާތަކާއި ކިޔަވައި ވިދާޅުކޮންމެ އެއްޗަކާއި އެކަން ކުރެއްވި ޚާއްޞަ ވަގުތާއި ހައިއަތާއި މިހުރިހައި ތަފްޞީލު ލިބުނު ކަމުގައިވިޔަސް ކުރީގެ އުންމަތްތަކުގެ މިއަޅުކަންތަކުގެ މިފަދަ ތަފްޞީލުތަކެއް ލިބިފައި ނުވެއެވެ. އެހެން ނަމަވެސް އަހަރުމެންގެ އަޅުކަމާއި އެއްގޮތް ބައެއްކަހަލަ ޙަރަކާތްތައް ޤުރުއާނުންނާއި ޙަދީޘުން އެނގެން އެބައޮތެވެ. އެގޮތުން ބައެއް ނަބީން ނަމާދުގައި ކޮޅަށް ހުންނެވިކަން ކުރިން ބަޔާންވެ ހިނގައްޖެއެވެ. އަދި އޭގެ އިތުރުން ރުކޫޢަކުރުމުގެ ވާހަކައާއި ސަޖިދަ ކުރުމުގެ ސިފަތައް އެބޭކަލުން ނަމާދު ކުރެއްވި ގޮތްތަކުގެ ތެރޭގައި ޤުރުއާނުގައި ބަޔާންވެގެންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ﴾ (آل عمران / 43) މާނައީ: [އޭ މަރިޔަމްއެވެ. ތިޔަކަމަނާގެ ވެރިއިލާހަށް ގިނައިރުވަންދެން އަޅުކަން ކުރައްވާށެވެ. އަދި ސަޖިދަ ކުރައްވާށެވެ. އަދި ރުކޫޢަކުރާ މީހުންނާއެކު ރުކޫޢަ ކުރައްވާށެވެ.] އަދި ހަމައެފަދައިން ނަމާދުގައި ކޮޅަށް ހުންނަވާއިރު ކުރީގެ ނަބީބޭކަލުންވެސް ވައަތްޕުޅު މަތީގައި ކަނާތު އަތްޕުޅު ބާއްވާކަން އެއީ މާތް ﷲ އަށް ނަމާދުގެ އަޅުކަން އަދާކުރުމުގައި ހިމެނުނު ސިފައެއްކަން އެނގިގެން ދެއެވެ. "އަލްމުޢުޖަމުލް ކަބީރު" ގައި އައްޠަބަރާނީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِنَّا مَعَاشِرُ الأَنْبِيَاءِ أُمِرْنَا بِتَعْجِيلِ فِطْرِنَا وَتَأْخِيرِ سُحُورِنَا وَوَضْعِ أَيْمَانِنَا عَلَى شَمَائِلِنَا فِي الصَّلَاةِ)) މާނައީ: [ތިމަންމެން ނަބީންބޭކަލުން އެންމެންނަށް ރޯދަ ވީއްލުން އަވަސްކުރުމަށާއި ހާރުކެއުން ލަސްކުރުމަށާއި ނަމާދުގައި ކަނާތުއަތް ވާތުއަތް މަތީގައި ބޭއްވުމަށް އަމުރުވެވިގެންވިއެވެ.] މިޙަދީޘުން ނަމާދުގައި ވާތް މަތީގައި ކަނާތް ބޭއްވުމުގެ ސިފައިގެ އިތުރުން ރޯދައިގެ އަޅުކަން މާތް ﷲ އަށް އަދާކުރުމުގައި އެބޭކަލުން ގެންގުޅުއްވި ސިފައެއްވެސް އެވަނީ ފެންނާށެވެ. އަދި އެސިފައިގައި އަހަރެމެންގެ އުންމަތުގެ މީހުންނާއި އެބައިމީހުންގެ ރޯދައިގެ އެސިފަ އެވަނީ ވަރަށް އެއްގޮތް ގޮތަކަށްކަން އެނގިގެންދެއެވެ. އެއީ ރޯދަވީއްލާ ގޮތުގެ ސިފައާއި ރޯދަ އަށް ފަށަން އެންމެ ފަހުން ކާކެއުމުގެ ސިފައެވެ. އަހަރެމެންވެސް ރޯދަވީއްލަނީ މަޣްރިބު ވުގުތު ވަނުމާއެކު ލަސްނުކޮށް ވަގުތުންނެވެ. ހަމައެފަދައިން ހާރުކަނީވެސް ފަތިސް ވަގުތު ޖެހުމުން ކުރިން ވީހާވެސް ލަހުންނެވެ. މިފަދައިން މިފަދައިން އެންމެހައި ނަބީންވެސް ވަނީ އެދުވަސްވަރެއްގައި އުޅެމުން ދިޔަ ބަޔަކަށް މާތް ﷲ އަށް އެއްގޮތަކަށްވެސް ޝިރުކު ނުކުރުމަށާއި، އެކަލާނގެއަށް އަޅުކަން ކުރުމަށް އަންގަވާފައެވެ. އަދި އޭގެ ތެރެއިން އީމާންވީ މީހުންނަށް އެކަލާނގެ އަށް އަޅުކަން އަދާކުރާނެ ގޮތްތައްވެސް އެބޭކަލުންވަނީ ފުރިހަމައަށް އުނގަންނަވައި ދެއްވާފައެވެ. ނަމަވެސް އެފޯރުކޮށްދެއްވި ޢިލްމަށް ޢަމަލު ނުކޮށް އެކަންކަމުން ދުރުހެލިވުމުގެ ސަބަބުން، ކޮންމެ ބަޔެއްގެ ތެރެއިން ވަނީ އެފޯރުކޮށްދެއްވި ޢިލްމަށް ޚިޔާނާތްތެރިވުމުގެ ސަބަބުން އެޢިލްމު ފުހެވިގެން ގޮސްފައެވެ. ނޫނީ އެތަކެއް ގޮތަކަށް އެކަންކަމަށް ބަދަލުތައް އައިސްފައެވެ. މިއީ ކުރީންވެސް އަދި މިއަދުވެސް ދުނިޔެ ހިނގާ ގޮތުގެ ޙަޤީޤަތެވެ. މިއީ އަޅެފަހެ ކޮންފަދަ އިންސާނުންތަކެއް ހެއްޔެވެ؟ މަތިވެރިވަންތަ އިލާހު މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ނަބިއްޔުން ފޮނުއްވަވާ އެކަލާނގެއަށް އަޅުކަން އަދާކުރާނޭ ގޮތްތައް ތަފްޞީލު ކޮށްދެއްވުމާއެކު ޖީލުތަކެއް ވޭތުވެ ދާއިރަށް އެޢިލްމަށް އިންސާނުންގެ ޖީލުތަކުން ފަރުވާކުޑަކޮށްފިއެވެ. އަދި ފޮތްތަކުގައިވާ ޢިލްމެއްގެ މައްޗަށް ބިނާކުރުމެއް ނެތި، ކާބަފައިން ކުރަމުން އައިގޮތަށް ކުރުމަށް އަހުލުވެރިވެ، އާދަކާދަތަކަކަށް މާތް ﷲ އަށް އަޅުކަންކުރުންވެސް މިއިންސާނުން އެކަންކަން ވަނީ ބަދަލުކޮށްލާފައެވެ. މިކަންކަމުން މިއަދު ޣައިރު މުސްލިމުންނަށްވުރެ ކުރިން މުސްލިމުން ޢިބްރަތް ލިބިގަންނާންޖެހެއެވެ.
މިކަމުން ޢިބްރަތް ލިބިގަނެ ބަރާބަރަށް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެނެސްދެއްވި ފަދައިން އެކަންކަމަށް އުނިކަން ގެނައުމަކާއި ނުލައި މާތް ﷲ އަށް އަޅުކަން ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)