އެޗްއެސްސީ އިމްތިހާން މިހާރުވެސް ތާވަލް ކުރެވިފައިވާގޮތަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިޔުކޭޝަން މިނިސްޓްރީގެ ނާއިބު މުހައްމަދު އިހުސާން ވިދާޅުވީ އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އިސްލާމް އަދި ދިވެހި ކަރުދާސް އަންނަ މަހުގެ 13-17 އަށް އޮންނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު ތާވަލްކުރެވިފައި އިން ގޮތަށް ދިވެހިރާއްޖޭގެ ހުރިހާ [އިމްތިހާނު] ސެންޓަރުތަކެއްގައި އެޗްއެސްސީ އެގްޒަމިނޭޝަން ކުރިއަށްދާނެ." އިހުސާން ވިދާޅުވި އެވެ.
އެޗްއެސްސީ އިމްތިހާނުގައި ދަރިވަރުން އިށީންނަން ޖެހެނީ ސުކޫލަށް ހާޒިރުވެ ރިވިޝަނަށްވެސް ފުރުސަތު ނުލިބި ކަމާއި އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ގޮވާލަމުންދާކަމާއި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާއެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ބައެއް ބެލެނިވެރިން އެދެމުންދާ ކަމަށް ނޫސްވެރިންއަކު ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާ އަދި އެއީ އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށްވެސް ވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަސްލު އެންމެ މުހިއްމުވަނީ ރަނގަޅު ގޮތުގައި އިމްތިހާންހެދޭނެ ކަހަލަ މާހައުލެއް . މީގަ ވަނީ ދެގޮތެއް. އެއްގޮތަކީ ޓީޗަރ ބޭސްޓް އެސެސްމެންޓާއެކު އޭލެވެލް ހަދާ ގުރޫޕް. އޭގެ 74 ދަރިވަރަކު އެބައުޅޭ. ދެން ދެވަނަ ގްރޫޕަކަށް މިއުޅެނީ އޮކްޓޯބަރ ނޮވެމްބަރު ގައި މި އިމްތިހާން ހަދާނެ ދަރިވަރުން. މި ހުރިހާ ކުދިންވެސް އެޗް އެސްސީ އިމްތިހާން ހަދާނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭލެވެލް އިމްތިހާން ކެންސަލް ކޮށްލި ދުވަހުން ފަށައިގެން އެޗްއެސްސީ އިމްތިހާނަށް ތައްޔާރު ވުމަށްޓަކައިވަރަށް ގިނަ ދުވަސްތަކެއް ހިނގައްޖެކަމާއި، މި އިމްތިހާން ފަހަށް ލަސްކުރާނަމަ އެކުދިންނަށް އަނެއްކާވެސް އެހެން މާއްދާތަކުގެ ކަރުދާސްތަކާއެކު އެޗްއެސްސީ ހެދުން ވަރަށްބޮޑު ބުރައަކަށްވާނެކަމަށެވެ. އެހެންވީމާ ހުރިހާ ގޮތަކުން ދަރިވަރަށް އެންމެ ރަނގަޅުވާނެ ގޮތަކަށް ވިސްނާފަ މިހާރު އިމްތިހާން ހަމަޖައްސާފައި އޮތް ތާރިޚުގައި އިމްތިހާން ކުރިއަށް ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިމްތިހާނު ހަދާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.
އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން މަހުގެ 13 އިން 17 އަށެވެ. ނަމަވެސް މިއީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދުގެ ސުކޫލުތައް ބަންދުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ ވަގުތެކެވެ.
ގްރޭޑު 11 އަދި 12 ގައި ކިޔަވާ ދަރިވަރުންގެ އިސްލާމާއި ދިވެހީގެ ފަހު ޓެސްޓު ބާއްވަން ނިންމިޔަސް، ކޮވިޑާ ހެދި މާލެ ސަރަހައްދުގެ ހުރިހާ ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި މި ވަގުތު ވެސް 60 އަށްވުރެ ގިނަ ރަށް އެބައޮތެވެ.