ބުރާސްފަތި, 17 އޭޕްރިލް 2025

އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޢަމަލުކުރަންވީ ގޮތް

ސުކޫލު އިމްތިހާނުތަކަކީ  ދަރިވަރުން މުޅި އަހަރު ދުވަހު ކޮށްފައިވާ މަސައްކަތް ނުވަތަ އުނގެނި ދަސްކޮށްފައިވާ އެއްޗެއް ދެނެގަތުމަށް ބޭނުންކުރާ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެ އިމްތިހާނަކީ ދަރިވަރުންގެ ކުރިމަގާ ވަރަށް ބޮޑަށް ގުޅި، ލާމެހިފައިވާ އެއްޗެކެވެ. މި ސަބަބަށްޓަކައި އިމްތިހާން ކައިރިވަމުންދާ ވަރަކަށް ދަރިވަރުންގެ ހާސްކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ވީމާ ތިރީގައި މި ހިމަނައިލަނީ މިފަދަ އިމްތިޙާންތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަންކުރަންވީގޮތުގެ އިރުޝާދެވެ.

އިމްތިހާނުތަކަށް ތައްޔާރުވުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް، ކުލާހުގެ ކިޔެވުންފެށޭ ދުވަހު މަސައްކަތް ފަށާށެވެ. އެގޮތުން ފުރަތަމަ ދުވަހުން ފެށިގެން މުދައްރިސުން ފިލާވަޅު އޮޅުންފިލުވައިދެއްވާއިރު ކަނުލައި އަޑުއަހާށެވެ. އަދި މުޅި ފިލާވަޅު ތިމާއަށް ރަނގަޅަށް އޮޅުންފިލައިފިކަން ޔަގީންކޮށް ނަފްސަށް އިތުބާރު ހޯދާށެވެ. އެއަށްފަހު ކުލާހުގައި ހަވާލުކުރައްވާ މަސައްކަތް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ވީ އެންމެ ރަނގަޅަކަށް ފުރިހަމަކުރާށެވެ. އޭރުން މަސައްކަތް ހަލުއިވެ، މަސައްކަތާމެދު މުދައްރިސްގެ ފުރިހަމަ ލަފާ ލިބޭނެއެވެ. ކުލާހުގެ މަސައްކަތްތަކުގެ އިތުރުން ގޭގައި ހަދަން ހަވާލުކުރެވޭ މަސައްކަތްތައް ވެސް ވަކި ވަގުތެއްގެ ތެރޭގައި، ރަނގަޅަށް ނިންމުމަށް ސަމާލުކަންދޭށެވެ.

ދެވަނަ ކަމަކަށް، ދެވިފައިވާ ފިލާވަޅުތައް ދުރާލައި މުރާޖައާކުރަން ފަށާށެވެ. މިކަން ހާސިލުކުރުމަށްޓަކައި ކިޔަވަންވީ ހުރިހާ މާއްދާއެއް ޝާމިލްވާގޮތަށް ގަޑިތައް ބަހައިގެން ތާވަލެއް ހަދާށެވެ. އަދި މުރާޖައާކުރަމުންދާއިރު، ސުވާލެއް އުފެދިއްޖެނަމަ އެ ކިޔަމުންދިޔަ މާއްދާއެއް ކިޔަވއިދެއްވާ މުދައްރިސާ ގުޅައިގެން އެ ސުވާލެއްގެ ފުރިހަމަ ޖަވާބު އޮޅުންފިލުވާށެވެ. އެއަށްފަހު މުރާޖައާކުރުމުގައި އެއްފަހަރާ ހުރިހާ ފިލާވަޅުތަކެއް ދަސްކުރުމުގެ ބަދަލުގައި ހަމަޖެހިލުމަށްޓަކައި ހުސްވަގުތުކޮޅެއް ދޭށެވެ. އޭރުން ސިކުނޑިއަށް ލުއިކަން ލިބި، މީހާ ތާޒާވެލައި، ދެން އޮތް މާއްދާއަށް ފުރިހަމަގޮތުގައި ފަށައިގަނެވޭނެއެވެ.

އިމްތިޙާންތަކަށް ތައްޔާރުވުމަށްޓަކައި އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތްތަކާއި، ނިންމާ ފިލާވަޅުތައް ގިނަކުރާށެވެ. މިކަން ހާސިލުކުރުމަށްޓަކައި ގިނަގިނައިން، ފާއިތުވެ ދިޔަ އަހަރުތަކުގެ އިމްތިޙާން ކަރުދާސްތައް ހަދައި، ފަރިތަކުރާށެވެ. ތިމާ އަމިއްލައަށް ފަރިތަކުރުމުގެ އިތުރުން، ކުލާހުގެ ދަރިވަރުންނާއެކު ގުރޫޕު ސުޓަޑީ ހެދުމުގެ ތެރެއިން ވެސް ފިލާވަޅުތައް ދަސްކުރާށެވެ. އޭރުން، އެކުދިންގެ އުކުޅުތައް ދަސްވެ، އެކުދިންނަށް ކިޔައިދިނުމުގެ ތެރެއިން ތިމާއަށް އެނގޭތަކެތި ވެސް ވަރުގަދައަށް ހިތުގައި ހަރުލާނެއެވެ. މިގޮތަށް ފަރިތަކުރަމުންދާއިރު އޮޅުންއަރާ ނުވަތަ އުނދަގޫ ސުވާލުތައް ރަނގަޅަށް ނަގައިގަނެވެންދެން ތަކުރާރުކޮށް ހަދާށެވެ. އަދި ރަނގަޅަށް ދަސްވުމުން އެހެން ސުވާލުތައް ހެދުމުގައި މަޝްޣޫލުވެ، އެހެން ވަގުތަކުން އެ ސުވާލު އަލުން ހަދައި އެނގޭކަން ކަށަވަރުކުރާށެވެ. ކޮންމެ ފަހަރަކުވެސް މަސައްކަތް ފަށާއިރުގައާއި ނިންމާއިރު، ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާކުރާށެވެ. އަދި ފަރުޟު ފަސްނަމާދުގެ ފަހުގައިވެސް ދުޢާކުރަން ހަނދާންކުރާށެވެ. މިފަދަ ގޮތަކަށް ޢަމަލުކުރެވިއްޖެނަމަ ކާމިޔާބުގެ ރާސްތާ އޮންނާނީ އަލިވެފައެވެ.

އިމްތިޙާނުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، އެންމެ ފުރަތަމަ ދުވަހުންފެށިގެން ވަރުގަދަ ޢަޒުމާއެކު މަސައްކަތްކުރާށެވެ.  ދުރާލައި ރަނގަޅަށް ތައްޔާރުވެގެން، އިތުބާރާއި ޔަގީންކަމާއެކު އިމްތިހާނާ ކުރިމަތިލާށެވެ. ﷲ ގެ ހަޟްރަތުން ވާގިއެދިގެން ރަނގަޅަށް މުރާޖައާކުރެވިފައިވާ ފަސޭހަ ފިލާވަޅުތަކަކާއެކު އިމްތިޙާނުގައި އިށީންނާށެވެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނުބާއްވައި، ޔަގީންކަމުން ހިތްހަމަޖައްސައިލާށެވެ. ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްގެކެވެ. ވީއިރު، މި ލިޔުމުގައި  ދެވިފައިމިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެވިއްޖެނަމަ ކާމިޔާބީއަކީ ތިބާގެ މިލްކެކެވެ.

4 Responses

  1. މި ލިޔުން ކިޔާލުމުން އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދާނެ ގޮތުގެ ވަރަށް މުހިންމު މަޢުލޫމާތު ލިބިގެން ދިޔަ.
    ވަރަށް ބޮޑަށް ޝުކުރިއްޔާ!

  2. ވަރަށް އަގުހުރި ނަސޭހަތެއް ހުރިހާ ދަރިވަރުން ވެސް މި ލިޔުން ކިޔާލަން ފެނޭ

  3. ދަރިވަރުން ނަށް ވަރަށް ބޭނުން ތެރި މުހިންމު މަޢުލޫމާތު ތަކެއް ކަމުގައި ވެގެން ދާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *