الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރަސޫލާ صلى الله عليه وسلم މިދުނިޔެއަށް ފާޅުކުރެއްވީ ޢަރަބި ނަސްލުންނެވެ. އެނަޞްލު އައިސްފައިވަނީ އިސްމާޢީލް عليه السلام ގެ ދަރިފަސްކޮޅުންނެވެ. އެދަރިފަސްކޮޅު މައްކާއިން ފެށުނީ އިބްރާހީމް عليه السلام ހާޖަރު އާއި އެކަމަނާގެ ދަރިކަލުން އިސްމާޢީލް عليه السلام މައްކާއަށް ދޫކުރައްވާ ވަޑައިގަތުމަށްފަހު، އެތަނުން ﷲ ގެ ރަޙްމަތްފުޅާއި ޙިކްމަތްފުޅުން ފެންލިބި ފެންތިޔާގި ތަނަކަށްވެ ޢަރަބިކަރައިގެ އެހެނިހެން ހިސާބުތަކުގައި އުޅުނު ޢަރަބިން އެތަނަށް ހިޖުރަކޮށް އޭގެ ތެރެއިން އަންހެން ކަމަނާ އަކާ އިސްމާޢީލް عليه السلام ކައިވެނި ބައްލަވައިގެން އައި ނަސްލުގެ ތެރެއިންނެވެ. އެދަރިފަސްކޮޅުގެ ތެރެއިން އައި ޢަދްނާންގެ ނަސްލުން މިއުންމަތުގެ މާތް ނަބިއްޔާ އަދި އެންމެފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މައްކާއަށް އުފަންވެވަޑައިގެންނެވިއެވެ. ކޮންމެއަކަސް މިތަނުގައި މައުޟޫޢަކީ މިނަސްލުގެ ވާހަކައެއް ނޫނެވެ. މިނަސްލުގެ ފެށުމުގެ އޮތް މާތް ﷲ ގެ އެއްކައުވަންތަކަން ބަދަލުވެގެން ދިޔަވާހަކައެވެ. އިބްރާހީމް އަދި އިސްމާޢީލް عليهما السلام މާތް ﷲ އަށް އެކަނި، އަޅުކަން ޚާލިޞްކޮށް ކުރެވޭ، އަޅުކަން މައްކާގެ ބިމުގައި ޤާއިމް ކުރެއްވިއެވެ. އެހުރިހައި ތަފްޞީލުތަކެއް ނެތް ކަމަކު ވިޔަސް ކުރީދުވަހުގެ ލިޔުމުގައި އަލިއަޅުވާލި ފަދައިން އަހަރެމެންގެ މިއުންމަތުގައި ހިމެނިގެންވާ އަޅުކަންތައް ހަމައެނަމުގައި ގިނައަޅުކަންތައް އޭރުގައިވެސް ވީކަން ބަޔާންވެގެން ދިޔައެވެ. އަދި އޭގެ ބައެއް ސިފަތައްވެސް އަހަރެމެންނަށް ޝަރުޢުކުރެއްވި ގޮތަށް ހިމެނިގެން ވީކަންވެސް އެކި ނައްޞުތަކުން ސާބިތުވާކަންވެސް ހާމަވެގެން ދިޔައެވެ. އެގޮތުން ތައުޙީދު (އެއްވެސް ޝިރުކެއް އެކުލެވިގެން ނުވާގޮތުގައި ހަމައެކަނި ﷲ އަށް އަޅުކަންކުރުން) ޤާއިމްވެ، އެރޮނގުން ނަމާދުކުރުމާއި ރޯދަހިފުމާއި، ޒަކާތާއި ޙައްޖުފަދަ އަޅުކަންތައް އެޒަމާންތަކުގައި ހިމެނިގެން ވިއެވެ. މައްކާގެ ގެފުޅު މާތް ﷲ ގެ އަމުރުފުޅަށް އިބްރާހީމް އާއި އެކަލޭގެފާނު ދަރިކަލުން އިސްމާޢީލް عليهما السلام ބިނާކުރެއްވިއެވެ. އެއީވެސް އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެގެފުޅު ބިނާކުރެއްވުމަށް އަރައިވަޑައިގެންނެވި ހިލަވެސް މިއަދުވެސް އެތަނުގައި އެވަނީއެވެ. ސުވަރުގޭގެ ހިލަކޮޅެއް ގެފުޅު ބިނާކުރުމުގައި ގެފުޅުގެ ފާރުތަކުން އެއްރުކުނެއްގައި ބެހެއްޓިފައި ވެއެވެ. މިއިން އެއްވެސް އެއްޗެއްގެ އަޞްލު ތާރީޚަކީ ސާފުކޮށް އެނގޭން އޮތް ކަންކަމެއް ނޫނެވެ. ކޮންމެއަކަސް ގެފުޅު ބިނާކުރެވުނީ އެބިނާއަށް އަޅުކަން ކުރުމަކަށް ނޫނެވެ. ނަމަވެސް މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. އެތަނުގައި މާތް ﷲ އަށް އަޅުކަން ކުރާނޭގޮތް ހަމަ އެބިނާކުރައްވަން އަމުރުކުރެއްވި ކަލާނގެ އަމުރުކުރެއްވިއެވެ. އެއީ މާތްﷲ ގެ މަތީން ހަނދުމަކުރަމުން އެކަލާނގެއަށް ޘަނާއާއި ތަޢުރީފުކުރަމުން އެކަލާނގެއަށް އަޅުވެތިވެ މަޑުމޯޅިވެ އެގެފުޅުގެ ވަށައިގެން ހިނގާފައި ބުރުޖެހުމެވެ. އަދި މާތްﷲ ގެ އެގެފުޅު މާތްކޮށް ގެފުޅުވަށާ އެބައިމީހުން ޠަވާފުކުރިއެވެ. ޢަރަފާތުގައި މަޑުކުރެއެވެ. މުޒުދަލިފާގައި މަޑުކުރެއެވެ. ނަޢަމްސޫފި މާތްﷲ އަށްޓަކައި ޤުރުބާންކުރުމުގެ އަޅުކަންވެސް މާތް ﷲ އަށްޓަކައި އަދާކުރިއެވެ. މާތްﷲ ގެ އެއްކައުވަންތަކަން ހަރުއަޑުން ބަޔާންކޮށް ތަލްބިޔާ ކިޔަމުން ދިޔައެވެ. މިފަދައިން ޙައްޖުގެ އަޅުކަން ޝަރުޢުކުރައްވާ، މިޙައްޖުގެ އަޅުކަން އެހެނިހެން މީސްތަކުންވެސް މައްކާއަށް އައިސް އަދާކުރުމަށް ގޮވާލުމަށް އިބްރާހީމްގެފާނަށް އަމުރުވެވުނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ، لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أيام مَّعْلُومَاتٍ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ، ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ﴾ (سورة الحج: 27-29) މާނައީ: [އަދި (މިގެފުޅަށް) ޙައްޖުވުމަށް އައުމަށް ކަލޭގެފާނު (އިބްރާހީމްގެފާނު) މީސްތަކުންނަށް ގޮވާލައްވާށެވެ! އެބައިމީހުން ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުތަކުގައި ދުރު މަގުތަކުން އެބައިމީހުން އަންނާނެތެވެ. އެއީ އެބައިމީހުންނަށް ހުރި (ދީނީ އަދި ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި އެނގިގެންވާ ދުވަސްތަކެއްގައި އެބައިމީހުން ﷲ ގެ ނަންފުޅު ހަނދުމަކޮށް އުޅުމަށްޓަކައެވެ. އެބައިމީހުންނަށް ނަޢަމްސޫފީގެ ރިޒްޤު ދެއްވި ކަމަށްޓަކައެވެ. ދެންފަހެ އެއިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ދަތިޙާލުގައިވާ ފަޤީރުންނަށް ކާންދޭށެވެ. ދެންއެއަށްފަހު އެބައިމީހުންގެ މަނާސިކުތައް (ހައްޖުގެ އަޅުކަންތައް) ފުރިހަމަ ކުރާހުށިކަމެވެ. އަދި އެބައިމީހުންގެ ނަދުރުތައް ފުއްދާހުށިކަމެވެ. އަދި ޒަމާންވީ ގެފުޅުގައި އެބައިމީހުން ޠަވާފުކުރާހުށިކަމެވެ.] މިއީ ޙައްޖުގެ އަޅުކަމަށް މީސްތަކުން ޖަމާވާން ފެށިގޮތުގެ ތަޞައްވުރެކެވެ. އަދި މިއާޔަތުގެ ދަށުން އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ޛިކުރުވެގެންވެއެވެ. މިއަމުރު އައުމުން މިއަމުރުފުޅާ އެއްގޮތަށް ޢަމަލުކުރާނެގޮތެއް އަދި މިކަން ޙަޤީޤަތަކަށް ހައްދަވާނެ ގޮތެއްވެސް އެނގިވަޑައި ނުގެން އިބްރާހީމް عليه السلام ވިދާޅުވިއެވެ: އޭ ތިމަންގެ ވެރިއިލާހެވެ! ތިމަންނަގެ އަޑު މީސްތަކުންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟ ވަޙީކުރެއްވިއެވެ: ގޮވާލައްވާށެވެ! އަދި އެފޯރުކޮށްދެއްވުން ވަނީ ތިމަން އިލާހަށެވެ. ދެން އިބްރާހީމް عليه السلام ގޮވާލެއްވިއެވެ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ދުވަސްވީ ގެފުޅަށް ޙައްޖުވާން އައުމަށް ފަރުޟުކުރެވިއްޖެއެވެ. ވީމާ ތިޔަބައިމީހުން ޙައްޖުވާށެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ: "އެހިނދު އުޑާއި ބިމާއި ދެމެދުގައިވާހައި އެއްޗަކަށް އެއަޑު ފޯރިއެވެ. ދެންފަހެ ދުނިޔޭގެ އެންމެދުރުން ފެށިގެންވެސް މީސްތަކުން ތަލްބިޔާ ކިޔަމުން އަންނަތައް ތިބާއަށް ނުފެނޭހެއްޔެވެ؟" އާއެކެވެ. އެހިސާބުން އެކަލާނގެއަށް އީމާންވެގެންވާ ތައުޙީދުގެ މަތީގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބިމީސްތަކުން އެކަލާނގެއަށް އަޅުވެތިވެ އެކަލާނގެއަށްޓަކައި ގެފުޅަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް، އެކަލާނގެއަށްޓަކައި ޖަނަވާރު ސޫފާސޫފި ހިފައިގެން އެކަލާނގެއަށްޓަކައި ޤުރުބާންކުރުމަށް، ގެފުޅު ވަށައި އެކަލާނގެއަށްޓަކައި ޠަވާފުކުރުމަށް އެކަލާނގެ ނަންފުޅު ހަރުއަޑުން ގޮވާ ތަލްބިޔާ ކިޔުމަށް، އަދި ވަކިކަނޑައެޅިގެންވާ ދުވަސްތަކެއްގައި މާނައަކީ ޙައްޖުމަހުގެ ދުވަސްތަކުގައި ޙައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެހައި ކަމެއް އަދާކުރުމަށް މީސްތަކުން މައްކާއަށް އަންނާންފެށިއެވެ. އެދުވަހުން ފެށިގެން އެތަކެއް ޒަމާނަކަށް މީސްތަކުން ގެފުޅަށާއި މައްކާގެ ޙަރަމްފުޅަށާއި އެހިސާބުގެ އެކިތަންތަނަށް މީސްތަކުން ޒިޔާރަތް ކުރީކީ އެތަންތަނުގެ ބުދުބަހައްޓައިގެން އެތަކެތި މާތްކުރުމަކަށް ނޫނެވެ. އެތަންތަނުގައި ޝިރުކުގެ އެކި ޝިޢާރުތައް ފާޅުކުރާކަށްވެސް ނޫނެވެ. އެއިން ތަނެއްގައި އެއްވެސް ބުދެއް އަދި އެއެއްޗަކަށް މާތްކޮށްހިތޭ، އެއަށް އަޅުކަންކޮށް ކުރުނީސްކުރަމުން ދިޔަ އެއްވެސް ހިލަގަނޑެއް ނޫނީ ގަހެއް ނޫނީ ބިނާއެއްވެސް އެއިން އެއްވެސް އަޅުކަމެއްގެ ތެރޭގައި ހިމެނިފައި ނުވެއެވެ. އެބައިމީހުން ހަރުއަޑުކޮށް ގޮވާލަމުން ދިޔައީ لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ މިފަދައިންނެވެ. މާނައީ: [އިބައިލާހުއަށް އިޖާބަދީފީމެވެ. އޭ ﷲ އެވެ. އިބައިލާހުއަށް އިޖާބަދީފީމެވެ. އިބައިލާހަކަށް (އަހަރެމެންގެ އަޅުކަމުގައި) އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އިބައިލާހަށް އިޖާބަދީފީމެވެ.] ނިކަން ވިސްނާލުން ހުއްޓެވެ. ﷲ އަށް ހަމައެކަނި އަޅުކަން އަދާކުރުމަށް ތަކުރާރުކޮށް ގޮވާލަން އަމުރުވެވިގެންވީ ހިނދު، ތަކުރާރުކޮށް ޝިރުކު ނުކުރަން ގޮވާލަމުން ދިޔަ ހިނދު، ތަކުރާރުކޮށް އާދޭސް ދަންނަވަމުން އަޅުކަމުގައި ބައިވެރިކުރުން ޙައްޤުވާނެ އެހެން އެއްވެސް ފަރާތެއް ނުވާކަމަށް ގޮވާލަމުން ދިޔަ ހިނދު މީސްތަކުން އޭގެ ތެރެއަށް ޝިރުކުވެއްދިއެވެ. މައްކާގެ ޙަރަމްފުޅުން އިބްރާހީމް عليه السلام ގެނެސްދެއްވި ޙަނަފިއްޔާ ދީން މާނައީ މާތް ﷲ އެއްކައުވަންތަ ކުރުމުގެ ސާފު ފިޠުރަތުގެ ދީން ފުނޑުފުނޑު ކޮށްލައި ވިއްސިވިހާލި ކޮށްލިއެވެ. އެކަން ޢަރަބިންނަށް ތަޢާރަފު ކުރި މީހަކީ މައްކާގެ އެންމެ ނަގާކިޔާ ސައްޔިދު މީހުންގެ ތެރެއިންވާ އަދި މައްކާގެ ވިޔަފާރިވެރިއެއް އަދި ބޮޑުންގެ ތެރެއިން މީހެއް ކަމުގައިވާ ޢަމްރު ބުން ލުޙައްޔު އަލްޚުޒާޢީ އެވެ. އޭނާ އަކީ އެޒަމާނުގައި އޭނާގެ ބަސް މައްކާގެ މީހުންގެ ގާތުގައި އެންމެ ވިކޭ މީހާއެވެ. އޭނާ ކަމެއް ބުނެފިނަމަ އެއްވެސް މީހަކު ދެކޮޅުހަދަން ނުކެރޭފަދަ ބާރެއްގެ ވެރިއެއް ކަމުގައި ތާރީޚުފޮތްތަކުގައި ވެއެވެ. ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމްގައި ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((رَأَيْتُ عَمْرَو بْنَ عَامِرِ بْنِ لُحَيٍّ الخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ)) މާނައީ: [ތިމަން ނަބިއްޔާއަށް (ހުވަފެނުގައި) ޢަމްރު ބުން ޢާމިރު ބުން ލުޙައްޔު އަލްޚުޒާޢީ އޭނާގެ ގޮހޮރު ދަމަމުން ނަރަކައިގައި ދަނިކޮށް ފެނިވަޑައިގެންނެވިއެވެ. އޭނާއަކީ މައްކާގެ ދީން ބަދަލުކުރިމީހުންގެ ތެރެއިންވާ އެންމެ ފުރަތަމަ މީހާއެވެ. އަދި ބައެއް ރިވާޔަތްތަކުގެ ވެއެވެ: ((فَكَانَ أَوَّلَ مَنْ غَيَّرَ دِينَ إِبْرَاهِيمَ وَنَصَبَ الْأَوْثَانَ)) މާނައީ: [ފަހެ އޭނާއަކީ އިބްރާހީމްގެފާނުގެ ދީން އެންމެފުރަތަމަ ބަދަލުކޮށް ބުދުތައް ބެހެއްޓި މީހާއެވެ.] ހަމަޔަޤީނުންވެސް ޢަމްރު ބުން ލުޙައްޔު އަކީ މައްކާގައި ކިތަންމެ ބަސްވިކޭ މީހެއް ކަމުގައި ވީނަމަވެސް، މިއީ އެބައިމީހުންގެ ވިސްނުމާއި ފިކުރާއި ފިޠުރަތަށް އެންމެ ދުވަހަކުން ނޫނީ ދެދުވަހަކުން އައިކުއްލި ބަދަލަކަށް ނުވާނެއެވެ. މީ ޒަމާންތަކަކަށް ދިޔައިރު އިބްރާހީމް عليه السلام ގެ ފިޠުރަތު ދީނުގެ ޢިލްމު މަދުވެ އެދީނަށް މީސްތަކުން ޖާހިލުވެ އެގޮތުގައި އެތަކެއް ޒަމާނެއް ވޭތުވުމުން، އެދީނުގެ ޢިލްމަށް ޙުރުމަތްތެރިކޮށް ނުހިތައި އަދި އޭގެ ސަބަބުން އެބައިމީހުން ޝިރުކު ފިޔަވައި އެހެނިހެން އެތަކެއް ފާފަތަކެއްގެ ތެރޭގައި ގެނބިގެން ދިއުމުން ޒަމާންތަކަކަށްފަހު ނިކުތް ނަތީޖާއެއްކަން ކަށަވަރެވެ. އެފަދައިން ޢިލްމު ހިތުންނާއި ޢަމަލުން ފިލައިދިއުމުގެ ނަތީޖާއަކަށްވާނީ މާތްﷲ މަތީން ހަނދުމަ ނެތުމެވެ. ހިތްތަކުގެ އިޙްސާންތެރިކަން ގެއްލި ހެއްދެވި ފަރާތުގެ މަތިން ޣާފިލުވުމެވެ. ދެން ބިރުގަންނަންޖެހޭ ފަރާތެއް ނުވާކަމުގެ އިޙްސާސްތައް ކުރުމެވެ. އެހިސާބުން އެބައެއްގެ އަޅުކަންވެސް ވެގެންދާނީ ބަޔަކު ކުރާތީ ކުރަމުންދާ އާދަކާދައެއްގެ ގޮތުގައެވެ. މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ ރުއްސެވުމާއި ލޯބި ހޯދުމުގެ ނިޔަތް މީސްތަކުންގެ ހިތްތަކުން ގެއްލިގެން ގޮސް އާދަކާދައިގެ މަތީން ހެޔޮޢަމަލުތައް ކުރާފަދަ ބަޔަކަށް މީސްތަކުން ބަދަލުވެއްޖެ ނަމަ ނަގާކިޔޭ އެބައެއްގެ ތެރޭގައި ނަންމަޝްހޫރު އަދި އެމީހެއްގެ ބަހާ ދެކޮޅުހަދަން ޖެހިލުންވާ ފަދަ މީހަކު ކިތަންމެ ނުބައިކަމަކަށް ދޮރު ހުޅުވާލިކަމުގައި ވިޔަސް އެގައުމެއްގެ ބަޔަކު އެދޮރަކުންވެސް އޭނާގެފަހަތުން ވަންނާނެކަން ކަށަވަރެވެ. ތާރީޚު ފޮތްތަކުގައި ވާގޮތުން ކަން ހިނގާދިޔަ ކަމަށް ލިޔެވިފައިވަނީވެސް އެފަދައިންނެވެ. އޭރުގައި އިސްމާޢީލް عليه السلام ގެ ދަރިފަސްކޮޅު މައްކާއާއި މައްކާގެ ވަށައިގެންވާ ރަށްތަކުގައި ގިނަވެ އެހެނިހެން ރަށްރަށުން ހިޖުރަކުރިމީހުންތައް ވެސް ގިނަވެ އާބާދީ އިންތިހާއަށް ގިނަވެ، އެއަށްފަހު އެކިޤަބީލާތަކުގެ މެދުގައި މައްސަލަޖެހި ތަޅާފޮޅުން ގިނަވެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް ގަދަވެގަތުމަށްޓަކައި އަނިޔާވެރިވެ، ބާރުގަދަމީހުން އެމީހުންގެ ނަސަބު ނޫން މީހުންތައް އެހިސާބުތަކުން ނެރެލައި ހެދުމުންނެވެ. އަދި ބުނެވޭ ގޮތުގައި އެގޮތުން ނެރެލެވުނު މީހުން މައްކާ ދޫކޮށް ދާންޖެހުމުން މައްކާގެ ހިލަކޮޅެއް ނަމަވެސް އެއްޗެއް ގެންދާކަމުގައިވެއެވެ. އެއީ މައްކާގެ ޙުރުމަތްތެރި ކަމަށްޓަކައެވެ. އެތަނުން ދުރަށް ދާންޖެހުނަސް މައްކާގެ މާތްކަމަށްޓަކައި އެހިލަކޮޅަށް މާތްކޮށް ހިތުމުގެ ގޮތުންނެވެ. އަދި މިފަދައިން ޒަމާންތައް ވޭތިވަމުން ގޮސް ޢަމްރު ބުން ލުޙައްޔު ގެ ޒަމާން އައިރު މީސްތަކުންގެ ވިސްނުމުގައި ހުންނާނީ ތައުޙީދުގެ ކޮން ތެތްކަމެއްކަން ހިތުން ތަޞައްވުރު ކޮށްލުން ހުއްޓެވެ. މައްކާގެ ޙާލަތު ގޯސްވެ އެމީހެއްގެ އަމިއްލަ އަތުންފައިން ހެދިގޯސްތަކުގެ ސަބަބުން ދިރިއުޅުން ދަތިވެފައިވީ ހިނދު ތާރީޚުގައި ވާގޮތުން، މި ޢަމްރު ބުން ލުޙައްޔު ޝާމް ކަރައަށް ކުރި ދަތުރެއްގައި އެހިސާބުގެ މީސްތަކުން ބުދަށް އަޅުކަން ކުރާތަން ފެނުނެވެ. އަދި އެއީ ކިހިނެއްވާ ކަމެއްތޯ އެމީހުންނާ ސުވާލުކުރުމުން އެތަކެތިންކުރެ އެދުމުން ވާރޭ ވެއްސަވާ ވާހަކައާއި އަދި ޢަދުއްވުންގެ މައްޗަށް ނަޞްރު ލިބުން އެދި އެތަކެއްޗަށް ދެންނެވުމުން އެކަންކަންވެސް ވެގެންދާ ވާހަކަ އެބައިމީހުން އޭނާއަށް ކިޔައިދިނެވެ. ދެން އެއިން އެއްޗެއް ދިނުމަށް އެދުމުން އެބައިމީހުން އެއިން ބުދެއް އޭނާއަށް ދިނެވެ. އަދި އޭނާ އެނބުރި މައްކާއަށް އައިސް ގެފުޅުގެ ކައިރީގައި އެބުދު ހަރުކުރިއެވެ. އެއަށްފަހު މައްކާމީހުންނާއި މައްކާގެ ވަށައިގެންވާ ރަށްތަކުގެ މީސްތަކުންވެސް އެއަށް އަޅުކަން ކުރަންފެށިއެވެ. އަދި އެއަޅުކަން އަދާކުރަނީ މާތް ﷲ އާ އިތުރަށް ގާތްވުމަށްޓަކައި ކަމުގެ ޢަޤީދާ ފެތުރިއެވެ. އެގޮތުން މާތްﷲ އާ އެބައިމީހުން ގާތްވުމުގެ ގޮތުން އެބުދަށް ރުކޫޢު ކުރުމާއި ސަޖިދަކުރުމާއި އެބުދުގެ ނަމުގައި ހުވާކުރުމާއި އެންމެފަހުން އެބުދަށް ކަންކަމުގައި އެދި ދުޢާ ދެންނެވުމުންވެސް ދިޔައެވެ. އެހުރިހައި ޝިރުކެއްގެ ތެރެއަށް އެބައިމީހުން ގެނބިގެން ދިޔައިރުގައިވެސް އެބައިމީހުންގެ ޚާލިޤުވަންތަ އިލާހަކީ އަދި އެބައިމީހުންނަށް ޙަޤީޤަތުގައި ރިޒުޤުވެސް ދެއްވަނީ އަދި އުޑުތަކާއި ބިންތައް ހެއްދެވީވެސް މާތް ﷲ ކަމުގައި އެއެންމެންވެސް ޤަބޫލުކުރިއެވެ. އަދި އެބައިމީހުން ބުނަމުން ގެންދިޔައީ ތިމަންމެން މިތިބީ އިބްރާހީމްގެފާނުގެ ދީނުގެ މަތީގައި ކަމުގައެވެ. މުޅި ހިސާބުގަނޑުގެ ޢަރަބިންނާއި ދުރު ރަށްތަކުން އަންނަހައި ބަޔަކު މީގެ ތެރެއަށް ގެނބި ދުވަހެއް ދުވަހަކަށް އެގޮތަށް ބެހެއްޓޭ ބުދުތައް ގިނަވެ، ޙައްޖުގެ އަޅުކަމުގައި ދެވޭ ހުރިހައި ހިސާބުތަކެއްގައި ވެސް ބުދުތައް ބެހެއްޓި ޙައްޖުގެ އަޅުކަމުގައި އަޅުކަން ކުރެވޭ ފަރާތް ބަދަލުވެ އަޅުކަން އަދާކުރާގޮތް ވެސް ބަދަލުވަމުން ގޮސް މުޅި މައްކާގެ ސަރަޙައްދު އެކުގައި ޖާހިލިއްޔަތަށް ގޮސްހުސްވެ، ދުނިޔޭގައި ޝިރުކު ކުރެވޭ އެންމެބޮޑު އައްޑާކަމުގައި އެރަށް ވެގެންދިޔައީއެވެ. އެންމެފަހުން އެއަނދިރިކަމުގެ ތެރެއަށް އަލިކަމުގެ ނޫރެއް ދިއްލާލަ ދިނުމަށްޓަކައި އެގައުމަށް ރަސޫލެއްގެ ގޮތުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ފޮނުއްވިއެވެ. އޭރުވެސް އެމީހުންގެ ޤަބޫލުކުރުމުގައި ޚާލިޤުވަންތަ އިލާހަކީ މާތް ﷲ އެވެ. އަދި އެމީހުންތިބީ އިބްރާހީމްގެފާނުގެ ދީނުގެ މަތީގައެވެ. އެމީހުން ބުދަށް އަޅުކަން ކުރަމުން ދިޔައީ މާތްﷲ އާ ކުންތަންވުމުގެ ގޮތުންނެވެ. އެބައިމީހުންގެ ޙައްޖުގެ ތަލްބިޔާގައި ގޮވަމުން ދިޔައީވެސް ތައުޙީދުގެ ބަސްތަކެވެ. އެއަށްފަހު ޝިރުކުގެ ބަސްތައް އިތުރުކުރެއެވެ. އަލްއިމާމް މުސްލިމް ރިވާކުރެއްވިއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ: (كَانَ الْمُشْرِكُونَ يَقُولُونَ: لَبَّيْكَ لا شَرِيكَ لَكَ، قَالَ فَيَقُولُ رَسُولُ اللهِ صلى الله عليه وسلم: وَيْلَكُمْ قَدْ، قَدْ فَيَقُولُونَ: إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ، يَقُولُونَ هذَا وَهُمْ يَطُوفُونَ بِالْبَيْتِ) މާނައީ: [މުޝްރިކުން (ޙައްޖުގައި ތަލްބިޔާ ކިޔާއިރު) ކިޔައިއުޅެއެވެ. އިބައިލާހުއަށް (މާނައީ: މާތްﷲ އަށް) މިއަޅާ އިޖާބަދީފީމެވެ. އިބައިލާހުއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އިބްނު ޢައްބާސް ވިދާޅުވިއެވެ: ދެންފަހެ ރަސޫލާ صلى الله عليه وسلم ވިދާޅުވެއެވެ: ތިވަރަށް ކިޔާފައި ހުއްޓާލާށެވެ. ހުއްޓާލާށެވެ. ފަހެ ދެން އެބައިމީހުން ކިޔައެވެ. އިބައިލާހަށް އެޝަރީކަކު މިލްކުވެގެންވާ ޝަރީކަކު (މާނައަކީ އެބައިމީހުން އަޅުކަންކުރާ ބުދުތައް) ނޫނީއެވެ. އެތަކެތި މިލްކުވެވޮޑިގެންވަނީ އިބައިލާހަށެވެ. އެތަކެތީގެ ބާރުގެދަށުގައިވާ ތަކެތިވެސް މިލްކުވެވޮޑިގެންވަނީ އިބައިލާހަށެވެ. މިފަދައިން ކިޔަމުން އެބައިމީހުން ކަޢުބާގެ ވަށައިގެން ޠަވާފުކުރެއެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)