ބުރާސްފަތި, 17 އޭޕްރިލް 2025

ކިޔަވާކުދިން ކެއުން ރަނގަޅު ކާނާ ހުންނަކަން އެނގޭތަ؟

ކުރިއަށް މިދަނީ ދިރާސީ އަހަރެއް ނިންމާލުމަށްޓަކައި ކުރާ ފަހު ދަތުރެވެ. ދެވަނަ ސެމެސްޓާރގެ އިމްތިހާނު ފެށި މިހާރު މިވަނީ ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައެވެ. އިމްތިހާނަށް ތައްޔާރުވާއިރު ފޮތް ކިޔައި ފިލާވަޅު ދަސްކުރުމޭ އެއްފަދައިން ކުރުން ރަނގަޅު އެހެނިހެން ކަންކަން ވެސް ހުރެއެވެ. އެގޮތުން މިއަދުގެ މި ލިޔުމުގައި މި ބަލާލަނީ ކިޔަވާކުދިން ކެއުން ރަނގަޅު ކާނާގެތެރެއިން ބައެއް ބާވަތްތަކަށެވެ.

 

1. މަސް: ސިނކުޑިއަށް ބޭނުންވާ މާއްދާ ތަކުގެ ތެރެއިން ޕްރޮޓީން ލިއްބައި ދިނުމުގައި މަހަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ޚާއްޞަކޮށް ސިނކުޑީގެ ދުޅަހެޔޮކަމަށް ވަރަށް މުހިއްމު މާއްދާއެއްކަމަށްވާ އޮމެގާ3 އެކުލެވެއެވެ. މި މާއްދާއަކީ ސިކުނޑީގައި މައުލޫމާތު ރައްކާކުރުމުގައިވެސް އެހީތެރިވެދޭނެ މާއްދާއެކެވެ. ރަނގަޅު މިންވަރަކީ ދުވާލަކު ދެފަހަރު ކެއިންބުއިމުގެ ތެރޭގައި މަސް ބޭނުންކުރުމެވެ.

 

2. އޮރެންޖު ޖޫސް: ގުލްކޯޒްއަކީ ސިކުނޑިއަށް ބޭނުންވާ ހަކަތަ ލިއްބައިދޭނެ ވަރުގަދަ މާއްދާއެކެވެ. އެހެންކަމުން ގުލްކޯޒްއަކީ މުހިއްމު މާއްދާއެކެވެ. އެހެންކަމުން ކެއުމުގައި ބޭނުންކުރާ ކާބޯހައިޑްރޭޓްސްއިންނާއި ފޮނިއެއްޗިހިން ހަށިގަނޑަށް ގުލްކޯޒް ލިއްބައިދޭނެއެވެ. އޮރެންޖު ޖޫހަކީ ހަށިގަނޑު ތާޒާ ކޮށްލައިދޭނެ ބުއިމެކެވެ. އަދި ހަމައެހެންމެ ހަށިގަނޑުގެ ފެން އެއްމިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

3. ޗޮކްލެޓް އަދި ބަދަން: ތަފާތު ވައްތަރުގެ ބަދަނުން ވިޓަމިން އީ އާއި އެހެން ބައެއް އެންޓިއޮކްސިޑެންޓްސް ލިއްބައިދޭނެއެވެ. ހޯދުންތަކުން ދައްކާގޮތުގައި ބަދަނުގައި ހިމެނޭ ވިޓަމިން-އީގެ ސަބަބުން ސިނކުޑީގެ ދަސްކުރުމުގެ ބާރު ގަދަވެ ދަސްކުރާ މައުލޫމާތުތައް ގިނަދުވަހު ހަނދާނުގައި ހަރުލައްވައިދެއެވެ. އަދި ހަމައެހެންމެ ޗޮކްލެޓްގައިވެސް މިދެންނެވިފަދަ މާއްދާތައް ގިނަ އަދަދަކަށް ހުރެއެވެ. އަދި ގުދުރަތީގޮން އޭގައި އެކުލެވިފައިވާ ކެފެއިންގެ ސަބަބުން ކިޔެވުމަށް ސަމާލުވުމުގައި އެހީތެރިވެދޭނެއެވެ.

4. އޯޓްސް އަދި އެވޮކާޑޯ: ހަށިގަނޑުގެ ހުރިހައި ގުނަވަނެއްވެސް ފުރިހަމައަށް މަސައްކަތް ކުރަނީ އެގުނަވަނަކަށް އެކަށީގެންވާ ވަރަށް ލޭ ލިބޭނަމައެވެ. ތިޔަކުދިންގެ ހިތާއި ސިނކުޑިއަކީ އެންމެ މުހިއްމު ދެގުނަވަނެވެ. ލޭގެ ދައުރުވުން ރަނގަޅުނަމަ މި ގުނަވަންތަކަށް ތަފާތު އެކި މައްސަލަތައް ކުރިމަތިވުން މަދުވެއެވެ. ކެއުމުގެ ތެރޭގައި އޯޓްސް އާއި އެވޮކާޑޯ ބޭނުންކުރެވޭނަމަ ހިތުގެ ލޭހޮޅިތައް ބެދުމާއި ސްޓްރޯކް ޖެހުންފަދަ ކަންކަމުން ދުރުހެލިކޮށްދޭނެއެވެ. އޯޓްސްއިން ހަށިގަނޑަށް ބޭނުންވާ ފައިބަރގެ އިތުރުން ވިޓަމިން އީވެސް ލިއްބައިދޭނެއެވެ. އެވޮކާޑޯއަކީ ފެޓްސް އެކުލެވޭ މޭވާއެއްނަމަވެސް އެއީ ހަށިގަނޑަށް ފައިދާހުރި ފެޓްއެވެ.

5. ތަފާތު ވައްތަރުގެ ބެރީސް: ބްލޫބެރީ، ސްޓޯބެރީ އަދި ކްރޭންބެރީ ފަދަ މޭވާ ތަކަކީ އޭގައި ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ މޭވާތަކެކެވެ.  ބްލޫބެރީގެ ސަބަބުން ސިކުނޑީއަށް ލިބޭ ތަފާތު އެކިކަހަލަ ގެއްލުންތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. ހަނދާންނެތޭ ބަލި ނުވަތަ އަލްޒައިމާޒް ޖެހުމުން ދުރުހެލިކޮށްދެއެވެ. މިނޫންވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީއަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އެކިވައްތަރުގެ ބެރީސް އެހީތެރިވެދޭނެއެވެ. އެހެންކަމުން ތިޔަކުދިން ދަސްކުރާ ފިލާވަޅުތައް ސިނކުޑީގައި ހަރުލެއްވުމުގައި މި މޭވާތަކުން އެހީތެރިވެދޭނެއެވެ. ކެއިން ބުއިމުގެ ތެރޭގައި ބޭނުންކޮށްލަން މީވެސް ރަނގަޅު މޭވާތަކެކެވެ.

 

 

ތައުލީމީ ރޭހެއްގައި ބާރުދުވެލީގައި ކުރިއަށްދާ ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ކުދިންނަށް ވާން ޖެހޭނެއެވެ. އެހެންކަމުން ފައިދާހުރި ކާނާ ކެއުން ވަރަށް މުހިއްމެވެ. މި ލިޔުމުގައި ބަލާލެވުނު ބައިތަކުގެ އިތުރުންވެސް ތަފާތު އެކި ބާވަތްތައް ހަޑިގަނޑަށް ބޭނުންވެއެވެ. އަދި އެ މާއްދާތައް ލިއްބައި ދިނުމުގައި ތަފާތު އެކި ކާނާގެ ބާވަތްތައް ކެއުން މުހިއްމެވެ. އަދި މީގެ އިތުރުން އެކަށީގެންވާ މިންވަރަކަށް ފެން ބޯން ޖެހޭނެއެވެ. ގަޑިއަށް ނިދުމާއި ގަޑިއަށް ހޭލަން އާދަކުރަން ޖެހޭނެއެވެ. ކަސްރަތުކުރުމާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ސަމާލުވާން ޖެހޭނެއެވެ.

 

ނޯޓު: މަޢުލޫމާތު ނަގާފައިވާނީ ޑރ.ޖޭސަން ކެލްޓަން ގެ މަޝްހޫރު ފޮތެއްކަމަށްވާ "ދަ މައިކްރޯ ނިއުޓްރިއެންޓު" މި ފޮތުންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ރަނގަޅު ލިޔުމެއް!

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *