މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާއިލާއާ އެކު މަޖާކޮށްލަން ކުރި ދަތުރުތަކުގެ ތެރެއިން މާލެއިން ކ. މާފުއްޓަށް ކުރި ދަތުރުގެ ދަތުރު ނާމާއެވެ. މި ދަތުރުގައި ބައިވެރިވީ އާއިލާގެ ބައެއް މެންބަރުންގެ އިތުރުން ދޯނީގެ ފަޅުވެރި ދެ ކުއްޖެކެވެ. "ދޮންދީނި" ދޯނީގައި ދަތުރަށް ފުރީ ހެނދުނު 6 ޖެހިއިރުއެވެ.
ދުވަހަކީ މޫސުމުގެ ގޮތުން ދަތުރެއް ކޮށްލަން ހަމަ އެންމެ ހިތްފަސޭހަ، އެންމެ ހިތްގައިމު، އެންމެ ނަލަ އެއް ދުވަހެވެ. އުޑުމަތި ސާފެވެ. ކަނޑު ވެސް، ވައި ވެސް އެހާ މަޑެވެ. އޮމާން މޫދުގައި ދޯނި އޭގެ ހަލުއި ދުވެލީގައި ދަތުރުކުރަމުން ދިޔައިރު ދަތުރުގެ ބައިވެރިން ފުރަތަމަ ތިބީ އިރު އަރާ މަންޒަރުން އުފާ ލިބިގަންނާށެވެ. އެންމެން ވެސް ދިޔައީ މި ގުދުރަތީ ރީތި މަންޒަރު ފޯނުން ފަހަށް ރައްކާކުރަމުންނެވެ. އެއް ބަޔަކު ފޯނުގެ ގެލެރީގައެވެ. އަނެއް ބަޔަކު ފޭސްބުކް ސްޓޭޓަސްތަކުގައާއި ސްޓޯރީތަކުގައެވެ. އަނެއް ބަޔަކު އިންސްޓަރގްރާމްގައެވެ. ދަތުރުގެ ބާކީ ބައިގައި އޮތީ ސަޅިބައިސާ ކެނޑުމާއި، މަސްބޭނުމާއި، ލަވަ ބާޒީ ކުޅެ މަޖާ ނެގުމެވެ. އާއިލާގެ ވައިބަރ ގްރޫޕްގައި ފޮޓޯ ހިއްސާކޮށް ރަށުގައި ތިބި އާއިލާ މީހުން ދަހި ކުރުވުން ވެސް ވަކި މަޖާކަން ކުޑަ ކަމަކަށް ނުވިއެވެ.
ގާތްގަނޑަކަށް 1 ގަޑި އިރާއި 30 މިނެޓުގެ ދަތުރެއް ފުރިހަމަކޮށް، ދޯނި މާފުށީ ފަޅަށް ވަނީ ހެނދުނު 7 ގަޑި 30 ގައެވެ. ދޯނި މާފުއްޓަށް ލެފިއިރު، އެ ރަށުގައި ދިރިއުޅޭ އަހަރެމެންގެ އާއިލާ މީހުން އަހަރެމެންގެ އިސްތިޤްބާލުގައި ބަނދަރުމަތީގައި ތިއްބެވެ. އަހަރެމެން އެ ރަށަށް ދާތީ އެ މީހުން ތިބީ ވަރަށް އުފާވެފައެވެ.
އަހަރެމެން އެ ރަށުގައި ތިބެން ހަމަޖައްސާފައި ވަނީ އެ މީހުން ހިންގާ ގެސްޓު ހައުސްގައެވެ. އެންމެ ފުރަތަމަ އެ ގެސްޓް ހައުސްއަށް އަހަރެމެން ގެންގޮސް ކުރުނބާދިނެވެ. ވަރަށް ފެންމީރު ކުރުނބާތަކެކެވެ. ހެވާ ވެސް އެހާ މީރެވެ. އެއަށްފަހު ތަޒާވެލައި، ކުޑަކޮށް އަރާމުކޮށްލަން އަހަރެމެން ގެސްޓް ހައުސްއަށް ވަނީމެވެ. އެއީ ވަރަށް ރަނގަޅު ފެންވަރަކަށް ހަދާފައިވާ 4 ތަރީގެ ކުޑަކުޑަ ރީތި ގެސްޓު ހައުސްއެކެވެ. ކުޑަ ނަމަވެސް އެ ގެސްޓު ހައުސް ކިތަންމެހާ ވެސް ހިތްގައިމެވެ. މުޅި ގޯތީގައި ޗާލު މާމެލާމެލީގެ ރީތި ބަގީޗާއެއް ހައްދާފައިވާ އިރު، މާމެލާމެލީގެ މީރުވަހުން ހީވަނީ ސެންޓު ފިހާރައެއްގެ ތެރޭގައި ހުރެވޭ ހެންނެވެ.
ހެނދުނުގެ ނާސްތާ އޮތީ އެ ގެސްޓު ހައުސްގެ ރެސްޓޯރަންޓުގައެވެ. އެ ދުވަހު ހުރީ އަހަރެމެންނަށް ޚާއްޞަކޮށް ހަދާފައިވާ ވަރަށް ފުރިހަމަ ނާސްތާއެކެވެ. ސުފުރާމަތި ވަރަށް ތަނަވަހެވެ. ތިން ހަތަރު ވައްތަރެއްގެ މަސްހުނި ހުއްޓެވެ. ޑެވިލްޑް ޗިކެން އާއި ޑެވިލްޑް ސޮސޭޖު ހުއްޓެވެ. ބޭކެޑް ބީންސް ހުއްޓެވެ. ރިހައިގެ ވެސް ދެތިން ވައްތަރެއް ހުއްޓެވެ. ކަޅުސަޔާއި ކޮފީ ލިބެން ހުއްޓެވެ. އެއިން ކޮންމެ ބާވަތެއްގެ ރަހަވެސް އެހާ މީރެވެ. ސައިބޮއެ ނިމިގެން ދެން ދިޔައީ ރަށުތެރެ ބަލާލުމަށެވެ. ރަށަކީ ފަހުގެ ތަރައްގީގެ ކުލަ ޖެހިފައިވާ ރަށެކެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަނީ އެރަށު ރައްޔިތުންގެ ފުދުންތެރިކަމެވެ. ކޮންމެވެސް ވަރަކަށް ދުއްވާ އެއްޗެހީގެ ކާރޫބާރޫ އޮތަސް، މަގުތައް ސާފުވެފައި އަމާނެވެ. އެ ރަށުގެ ބީޗް ސަރަހައްދަށް ދެވުމުން ހައިރާންވެ އަންތަރީސްވިއެވެ. މުޅި ސަރަހައްދު ވަނީ އުސް އިމާރާތްތަކުން ފުރާލާފައެވެ. ހީވަނީ ހަވާއީ ބީޗުހެންނެވެ.
މެންދުރު ކެއީ އެ ގެއިންނެވެ. ދުވަހަކުވެސް އެހާ މީރު ދިވެހިކެއުމެއް ނުކަމެވެ. ކައި ނިމިގެން ދެން ދިޔައީ މޫދަށެވެ. މޫދުގައި އެންމެން، މޫދުކުޅިވަރުގައި ބައިވެރިވެ، ސަކަރާތްޖަހައި، މަޖާކޮށް ހެދީމެވެ. ޖެޓްސްކީ ދުއްވުމާއި ސްނޯކްލިންގް ވެގެން ދިޔައީ އެންމެންނަށް ވެސް ވަރަށް އައު, މަޖާ އަދި އެހާމެ ގަޔާވި ކުޅިވަރުތަކަކަށެވެ. އެންމެ މަޖާވީ މާމައާއި ކާފަ ލައްވައި ޖެޓްސްކީ ދުއްވިއިރުއެވެ. ޖެޓްސްކީއަށް ނާރަން ގަދަފައި ވިއްދާފައި ހުރި ކާފަ ބިރުކެނޑި، ޖެޓްސްކީއަށް ހޭނެން ނެގީ މަދު މިނެޓުކޮޅެކެވެ. ފުރިހަމަ ސަލާމަތީ އާލާތްތަކާ އެކު ތައްޔާރުވެގެން އިން މާމަ ގޮވައިގެން ކާފަ ޖެޓް ސްކީގައި ނައްޓާލުމާ އެކު އަޑުގައި ނެތްތަނަށް މާމަ ފެށީ ޝަހާދަތާއި، ﷲ އަކްބަރު ކިޔާށެވެ. މޫދުގައި އެވަގުތު ތިބި އެންމެންގެ ސަމާލުކަން މާމަ ހޯދިއެވެ. މުޅި މާހައުލު ހުނުމުގެ އަޑުން ގުގުމާލިއެވެ. ހެއްވާ ކަމަކީ ބިރުން އުޅުނު މާމަގެ ވެސް ބިރު، އިސާހިތަކު ކެނޑި ޖެޓްސްކީ އިން ނުފައިބަން އުޅުމެވެ. އެންމެ ފަހުން ޖެޓްސްކީން ބާލައި މާމަ ގެއަށް ގެންދަން ޖެހުނީ ތުއްތު ތުއްތު ކުއްޖަކު މަސަލަސްކުރަން ނުކުރާހާ މަސައްކަތް ކޮށްގެންނެވެ.
ހަވީރުގެ ސައި އޮތީ މާމަގެ ރައްޓެހި ގެއެއްގައެވެ. އެ މީހުން ވެސް ވަރަށް ހެވެވެ. ސައި ވެސް އެހާ މީރެވެ. ދިވެހި އަތްތަކުން ހަދާފައިވާ އެކި ބާވަތުގެ ރަހަ މީރު ހެދިކާތައް ހުއްޓެވެ. ސަޔަށް ފަހު، އާއިލާ މީހުންނާއި ސަލާން ގަލާންކޮށް، ބެހެއްޓި ގާތްކަމާއި މެހެމާންދާރީއަށް ޝުކުރުވެރިވީމެވެ. ސަޔަށްފަހު ދެން އޮތީ ރަށްވަށައި ހިނގާލަން ދިއުމެވެ.
ފުރުން އޮތީ ހަވީރު 4:45ގައި ކަމުން ދަބަސްތަކާއި އެރަށުން ލިބުނު ހަދިޔާ ބަދިޔާތައް އެއްތަންކޮށް، ތައްޔާރުކުރުމަށް ފަހު، ބަނދަރުމައްޗަށް ދިޔައީމެވެ. ދާ ހިތަކުން ނޫނެވެ. ދާންޖެހޭތީއެވެ.
މާލެއަށް އެނބުރި އައި ދަތުރު މަތީގައި އޮތީ މާމައަށް، ކައިރި ކުރިމަގެއްގައި އަދި މާފުއްޓަށް ދާނޭ ކަމުގެ ހުވަފެން ދެއްކުމާއި، އެރަށުގައި ތިބި އާއިލާ މީހުންނާއި ރައްޓެހި ރަޙްމަތްތެރިންގެ ހެޔޮކަމުގެ ވާހަކަ ފަށަފަށާފައި ދެއްކުމެވެ. އެރަށުން ހަދިޔާއަކަށް ލިބުނު ބޮޑުބެރުގެ ސަބަބުން ވެސް ދަތުރުގެ ފޯރި އިތުރުވިއެވެ. ކާފަގެ ނަގާކިޔުމާއި ފުނަތަކަށް ދޮންބެއާއި ދައްތަމެން ނަށަމުން ދިޔަ އިރު، މާމައާއި މަންމައާއި ބައްޕައާއި އަހަރެން ޒުވާބު ދެމުންދިޔައީ ނުހަނު ފޯރީގައެވެ. ނިޔާމައިގައި ދުއްވަމުން ދިޔަ ދޮންދީނި ދޯންޏަށް މާލެ އާދެވުނީ އެ ދުވަހު އިރު އޮއްސި 6.30 ވީ ފަހުންނެވެ. މި ދަތުރު ވެގެންދިޔައީ ވަރަށް މަޖާ، ހިތްފަސޭހަ އަދި އެހާމެ ގިނަ ތަޖުރިބާތަކެއް ލިބި، ދުވަހަކުވެސް ހިތުން ނުފިލާވަރުގެ އުފާވެރި ހަނދާންތަކެއް ރައްކާކުރަން ލިބުނު ހިތްގައިމު ދަތުރަކަށެވެ. ޚާއްޞަކޮށް ލޯބިވާ މާމައާއި ކާފަ މިދަތުރުގައި ބައިވެރިވުމަކީ ދަތުރު މާ ބޮޑު ތަނުން ވެސް ފުރިހަމަވި ކަމެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ޥަރަށް ރީތި ދަތުރު ނާމާއެއް މި ލިޔުމުން އަޅައިގަންތަންކޮޅެއް އޮތް އެއީ މެންދުރުގެ ކެއުން ކެއީ އެ ގެއިން ކަމަށް އެއީ ކޮންގެއެއް ކަމެއް ނޭގުނު