މިހިނގާ ދިރާސީ އަހަރު ނިމެން ދެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކޮވިޑު-19 ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ގްރޭޑަކަށްވެސް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.
ކިޔަވައިދިނުން އޮންލައިންކޮށް ގެންދިޔަކަމުގައި ވިޔަސް ގްރޭޑް 10 ގެދަރިވަރުންގެ އޯލެވެލް އިމްތިހާން ސްކޫލްތަކުގައި ކުރިއަށްދާނެއެވެ. އަދި ގްރޭޑް 12 ގެ ދަރިވަރުންނަށް ބާއްވާ ގައުމީ އިމްތިހާނެއްކަމަށްވާ އެޗްއެސްސީ އިމްތިހާން އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސްކޫލްތަކުގައި ކުރިއަށް ގެންދާނެއެވެ.
ކޮވިޑާއި ގުޅިގެން މާލެ ސްކޫލްތަކުގައި ގިނަދުވަސްތަކެއްވަންދެން ކިޔަވައިދެމުން ގޮސްފައި ވަނީ އޮންލައިންކޮށެވެ.
ދިރާސީ އަހަރު ނިމޭނީ މި ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. އެއާއެކު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށޭނެއެވެ. ޗުއްޓީ ނިމި ދިރާސީ އާއަހަރު ފެށޭނީ އަންނަ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ އާއި އެ ބަލީގައި ގިނަބަޔަކު ދުނިޔެދޫކުރަމުންދާތީ ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދާއި ބައެއް އަތޮޅު ތެރޭގެ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއުގެ ވަގުތު ހަފްތާއަކަށް އިތުރު ކޮށްފައިވާއިރު މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު، ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެޗްޕީއޭ އިން މިހާރުވަނީ ހަރުކަށިކޮށްފައެވެ.
އަލަށް ކަނޑައެޅި އުސޫލުގައި، ސްކޫލް ޗުއްޓީގައި ރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ކަމަށް ނުބަލާނެ ކަމަށް ވަނީ ބުނެފައެވެ. އެޗްޕީއޭގެ އިއުލާނުގައި ބުނީ މާލެއިން ރަށްރަށަށް ދިއުން ހަރުކަށިކުރަން ނިންމީ ގިނަ ރަށްރަށުގައި ވަރަށް ބާރަށް ކޮވިޑް ފެތުރެމުން ދާތީ އެކަން ކޮންޓްރޯލްކުރުމަށް ކަމަށެވެ.
ރަށްރަށަށް ދާން ހުއްދަ ދޭނީ ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ މީހުންނަށް އެކަނި ކަމަށާއި އަދި މިހާރު ވެސް އޮތް ގޮތަށް، ކޮންމެ މީހަކު ވެސް ރަށުގައި 14 ދުވަސް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.