الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުޙައްމަދު صلى الله عليه وسلم މައްކާއަށް ރަސޫލެއްގެ ގޮތުގައި ފޮނުއްވުނުއިރު މައްކާގައި ވެރިވެފައިއޮތީ ޝިރުކެވެ. މުޅި މައްކާއާއި ޢަރަބި ސަހަރުތަކުގައި އަޅުކަން ކުރެވެމުން ދިޔައީ މީސްތަކުން އަމިއްލަ އަތުން ހަދާފައި ބުދުތަކަށާއި ގަސްތަކަށާއި ގަބުރަށާއި ތަރިއަށާއި މިފަދަ އެކިއެކި މަޚްލޫޤުންނަށެވެ. މައްކާގެ މީހުންގެ ވާހަކަތަކަށް ބަލައިލުމުން އަޑުއިވެނީ އެމީހުންނީ އިބްރާހީމް عليه السلام ދީނުގައި ތިބި ބަޔަކު ކަމުގައެވެ. އަދި އެމީހުންނީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ބުދުތައް އަޅުކަމުގައި ބޭނުންކުރާ ބައެއްގެ ގޮތުގައެވެ. އެމީހުން މާތް ﷲ އަށް އަޅުކަންކުރަނީ އެވެ. އަދި ހަމައެއާއެކު އެކިތަކެއްޗަށް ވެސް އަޅުކަން ކުރަނީއެވެ. އެކިތަފާތު ޢަޤީދާތަކުގެ ދަށުންނެވެ. ޚާލިޤުވަންތަ ރާޒިޤްވަންތަ މުޅި ކާއިނާތުގެ ވެރިއިލާހު އަކީ ﷲ ކަމަށް އެމީހުން ޤަބޫލުކުރެއެވެ. އެބައިމީހުންގެ ޙައްޖުގައިވެސް މާތްﷲ އަށް ޝަރީކަކު ނުވާކަމަށް ބުނަމުން ތަލްބިޔާ ކިޔައި އުޅުނެވެ. އެކަލާނގެއަށްޓަކައި ޙައްޖުވަމުން، އެމީހުން އިލާހުންގެ ގޮތުގައި ބެލި ބުދުތަކަށް އަޅުކަން ކުރަމުން ގެންދިޔައެވެ. އަދި އެމީހުންތިބީ އިބްރާހީމް عليه السلام ގެ ދީނުގައި ކަމުގައި ބުނަމުން ދިޔައެވެ. މައްކާގެ ދިރިއުޅުމުގެ އާބާދީ ފެށުނުއިރު ޝިރުކުން ސަލާމަތްވެފައިވާ ފިޠުރަތުގެ ދީންމަތީގައި ތިބިބަޔަކު މައްކާގައި އުޅެފައިވީނަމަވެސް، ތަފާތު އެކިދުވަސްވަރު އެކިއެކިމީހުން އިބްރާހީމް عليه السلام ގެނެސްދެއްވި ދީނުގެ ތެރެއަށް އެކިތަފާތު ފިކުރުތަކާއި ޢަޤީދާތައް އެއްކޮށް އުނިކޮށް މަސްހުނިކޮށްގެން ކަލާންގެވަންތަ ކަމުގެ ޢަޤީދާ އޮތީ ޢަދަދު ނުކުރެވޭހާ ގިނަ ފިކުރުތަކާއި މަސްހުނިވެފައެވެ. މާތް ﷲ އާ މެދު ހަމަ ކޮންމެ މީހަކު ހިތުހުރި ކޮންމެ އެއްޗެއް ޤަބޫލު ކުރިޔަސް ވަރިހަމަވާ ހިސާބުގައެވެ. މާތް ﷲ ގެ ރޫޙުފުޅު އެކިއެކި މަޚްލޫޤުންގެ ހަށިގަނޑުގެ ތެރެއަށް ވަދެފައިވާ ކަމުގައެވެ. ވީމާ އެމަޚްލޫޤުންވެސް އިލާހެއްގެ ދައުރު އަދާކުރާ ކަމުގައެވެ. އެރޫޙުތައް ވަދެފައިވާ ކަމަށް އެމީހުންގެ ފާދިރީންތައް އެބުނާ ބުދުފަދަ ތަކެއްޗަށް ކާއިނާތުގެ ހިނގުންތަކަށް އަސަރު ފޯރުވޭނެކަމާއި، މީސްތަކުންނަށް ގެއްލުންވެސް އެތަކެއްޗަށް ދެވޭނެކަމާއި މީސްތަކުންނަށް ފައިދާވެސް އެތަކެއްޗަށް ކޮށްދެވޭނެ ކަމާއި މިހެން ގޮސް އެމީހުންގެ އަދި އަހަރެމެންގެވެސް އަދި ހުރިހާ މީސްތަކުންގެވެސް ޙަޤީޤީ ކަލާނގެއާމެދު އެއްވެސް އިންޞާފެއް ނެތް ވާހަކަތަކުން ފުރިފައެވެ. މިހުރިހައި ވާހަކައެއްވެސް ދައްކަނީ ޚާލިޤުވަންތަ އިލާހަކީ މާތް ﷲ ކަމުގައި އެއްބަސްވެ އަމިއްލަ ދުލުން އެކަމަށް އިޤްރާރުވާ ޙާލުގައި ތިބެގެންނެވެ. މާތް ﷲ މައްކާގެ މުޝްރިކުންނާމެދު ވަޙީކުރެއްވިއެވެ: ﴿وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ﴾ (العنكبوت: 61) މާނައީ: [އަދި ތިޔަނަބިއްޔާ އެބައިމީހުންނާ ސުވާލުކޮށްފިނަމަ: އަޑުތަކާއި ބިން ހެއްދެވީ ކާކުތޯއާއި، އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވީ ކާކުހެއްޔެވެ؟ ހަމަކަށަވަރުންވެސް އެބައިމީހުން ޖަވާބުގައި ބުނާނެއެވެ. އެއީ ﷲ އެވެ.] ދެން އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿فَأَنَّىٰ يُؤْفَكُونَ﴾ މާނައީ: [ދެން އެހެންވީއިރު އެބައިމީހުން ޙައްޤުމަގުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟] އަދިވެސް މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ مَن يَرْزُقُكُم مِّنَ السَّمَاء وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ﴾ (يونس: 31-32) މާނައީ: [ކަލޭގެފާނު (މައްކާގެ މުޝްރިކުން) ކުރެން އައްސަވާށެވެ! އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ ކާކުހެއްޔެވެ؟ އިވުމާއި ފެނުން މިލްކުވެވޮޑިގެންވަނީ ކާކަށްތޯއެވެ؟ އަދި މަރުވެފައިވާ ތަކެތީގެ ތެރެއިން ދިރޭތަކެތި ނެރުއްވައި އަދި ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި ކަންކަން ތަދްބީރު ކުރައްވަނީ (މުޅި ކާއިނާތުގެ ކަންކަން ހިންގަވާ ބަލަހައްޓަވަނީ) ކާކުހެއްޔެވެ؟ ފަހެ (އެހުރިހާ ސުވާލެއްގެ ޖަވާބުގައިވެސް) އެބައިމީހުން ބުނާނެކަން ކަށަވަރެވެ. އެއީ ﷲ އެވެ.] މައްކާގެ ބުދުތަކަށާއި އެހެނިހެން ތަކެއްޗަށް އަޅުކަން ކުރަމުން ދިޔަ މުޝްރިކުން މިއެންމެހައި ކަމެއްގައި މާތް ﷲ ގެ ރައްބުވަންތަކަމުގެ އެންމެހައި ކަމެއް ޤަބޫލުކުރި އިރުވެސް އަދި އެފަދައިން އެމީހުން ބުނުމުންވެސް މައްކާގެ މުޝްރިކުންނީ އީމާންވެގެންވީ ބައެއްކަމުގައި ނިންމަވާފައެއް ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެބައިމީހުން އެހާތަނުންވެސް ވެފައިވަނީ މާތްﷲ ގެ ޢަޛާބަށް ހުށަހެޅޭނޭ ބަޔަކުކަމުގައެވެ. ނަރަކައިން ސަލާމަތްވީ ބަޔަކު ކަމުގައި ނުވެއެވެ. އެމީހުން ވެފައިތިބީ ހަމަ މުޝްރިކުންގެ ގޮތުގައެވެ. އެހެންވުމުން ހަމަ މިފަދައިން ބަޔާންކުރެއްވުމާއެކު އޭގެ ފަހަތުން މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَقُلْ أَفَلاَ تَتَّقُونَ﴾ (يونس: 31-32) މާނައީ: [ދެންފަހެ ކަލޭގެފާނު (އެމީހުންނަށް) ވިދާޅުވާށެވެ. ދެން އެހެންވީއިރު ތިޔަބައިމީހުން (އެކަލާނގެއާ ޝަރީކު ކުރުމުން ލިބޭނެ ޢަޛާބާއިމެދު) ބިރުވެތި ނުވާންވީ ކީއްވެގެން ހެއްޔެވެ؟] އަދިވެސް އެމުޝްރިކުންނާ ބެހޭގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ﴾ (الزخرف:87) މާނައީ: [އަދި އެބައިމީހުން ހެއްދެވީ ކާކުތޯ އެބައިމީހުންނާ ތިޔަނަބިއްޔާ ސުވާލުކޮށްފިނަމަ ހަމަޔަޤީނުންވެސް އެބައިމީހުން ބުނާނެކަން ކަށަވަރެވެ. އެއީ ﷲ އެވެ.] ﴿وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ﴾ (العنكبوت:63) މާނައީ: [އަދި އުޑުން ވާރޭފެން ވެއްސަވާ އެއިން ބިން މަރުވުމަށްފަހު އެބިމަށް ދިރުން ދެއްވީ ކާކުތޯ ކަލޭގެފާނު އެބައިމީހުންނާ ސުވާލުކޮށްފިނަމަ، ހަމަޔަޤީނުންވެސް އެބައިމީހުން ބުނާނެކަން ކަށަވަރެވެ. އެއީ ﷲ އެވެ.] އަޅެފަހެ ޤިޔާމަތްދުވަހުން މާތްﷲ ގެ ކުރިފުޅު މައްޗަށް އެބައިމީހުން ދާއިރު އެބައިމީހުންގެ އަމިއްލަ ނަފްސާ ދެކޮޅަށް މިވަނީ ކޮންފަދަ ބޮޑު ޙުއްޖަތެއް ޤާއިމް ކޮށްފައިހެއްޔެވެ؟ ސަލާމަތް ވެވޭނޭ އެއްވެސް މަގެއް އެބައޮތް ހެއްޔެވެ؟ ދުނިޔޭގައި ހުރިހައި ޒަމާންތަކެއްގައި އުޅޭ ބުދަށާއި ގަބުރަށާއި އެހެނިހެން ތަކެއްޗަށް އަޅުކަން ކުރާމީހުންގެ ޙާލަކީވެސް ހަމަ މިއީއެވެ. ވީމާ އެބައިމީހުންނަށް ނޭނގިފައެއް ނެތެވެ. އެއެންމެންނަށް ވެސް ހަމަ ރަނގަޅަށްވެސް އެނގެއެވެ. މާތް ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. މިހާފާޅުކަން ބޮޑުކޮށް އިންސާނުންނަށް ކަލާނގެވަންތަ އިލާހަކީ އެކަލާނގެ ކަމާއި އަޅުކަން ޙައްޤުވާ އެހެންފަރާތެއް ނުވާކަން އިންސާނުންނަށް މިހާބޮޑަށް ސާފުވާނޭ ފަދަ ހެކިތައް މިކާއިނާތުގައި ލެއްވީތީއެވެ. މިކަންކަން އެންމެހައި އިންސާނުންގެ ހިތްތަކުގައި ހަރުލައްވާފައިވާ ކަމަށްޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އެކަމަކު އިންސާނާގެ ނިކަމެތި ބުއްދީގެ އުނިކަމަށްޓަކައި މިކަންކަން އެބައިމީހުންނަކަށް ނުވިސްނެއެވެ. އިސްވެބުނެވުނު އާޔަތުގެ ފަހުކޮޅުގައި މާތް ﷲ ބަޔާންކުރެއްވީ މިވާހަކައެވެ. ﴿قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْقِلُونَ﴾ (العنكبوت:63) މާނައީ: [ތިޔަނަބިއްޔާ ވިދާޅުވާށެވެ: އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެހެނަސް އެބައިމީހުންގެ ގިނަމީހުންގެ ބުއްދިތަކަކަށް އެކަމެއް ނުވިސްނެއެވެ.] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّهِۚ قُلْ أَفَلَا تَذَكَّرُونَ﴾ (المؤمنون:84-85) މާނައީ: [ތިޔަނަބިއްޔާ (އެބައިމީހުންނާ) ސުވާލުކުރައްވާށެވެ. ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ (ބުނެދީބަލާށެވެ) ބިމާއި އެބިމުގައި ވާހައި ތަކެއްޗެއް މިލްކުވެވޮޑިގެންވަނީ ކާކަށް ހެއްޔެވެ؟ އެމީހުން ބުނާނެކަން ކަށަވަރެވެ: ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ދެން އެހެންނަމަ ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟] އަދިވެސް ވަޙީކުރެއްވިއެވެ: ﴿قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ﴾ (المؤمنون:86-87) މާނައީ: [ތިޔަނަބިއްޔާ އެބައިމީހުންނާ ސުވާލުކުރައްވާށެވެ. ހަތް އުޑުގެ ވެރިއިލާހަކީ އަދި މަތިވެރިވެގެންވާ ޢަރްޝީގެ ވެރިއިލާހަކީ ކާކު ހެއްޔެވެ؟ އެބައިމީހުން ބުނާނެކަން ކަށަވަރެވެ. އެއީ ﷲ އަށް މިލްކުވާތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ. އެހެންނަމަ ތިޔަބައިމީހުން ބިރުވެތި ނުވަނީހެއްޔެވެ؟] އަދިވެސް ވަޙީކުރެއްވިއެވެ: ﴿ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ﴾ (المؤمنون:88-89) މާނައީ: [ތިޔަނަބިއްޔާ އެބައިމީހުންނާ ސުވާލުކުރައްވާށެވެ. ހުރިހައި ތަކެއްޗެއްގެ މިލްކުވެރިކަން އެފަރާތެއްގެ އަތްޕުޅުގައި ވާ ފަރާތަކީ ކާކުހެއްޔެވެ؟ އަދި އެއީ ރައްކާތެރިކަން ދެއްވާ ފަރާތެވެ. އަދި އެފަރާތަކާ ދެކޮޅަކަށް އެހެންފަރާތަކަށް ރައްކާތެރިކަން ނުދެވޭނެތެވެ. ތިޔަބައިމީހުންނަށް އެކަން އެނގޭ ނަމައެވެ. އެބައިމީހުން ބުނާނެކަން ކަށަވަރެވެ. އެކަންކަން ވަނީ ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ދެން އެހެންވީއިރު ތިޔަބައިމީހުންނަށް އޮޅި ޙައްޤުން އެއްކިބާވެގެންދަނީ ކިހިނަކުން ހެއްޔެވެ؟] އިސްވެ އެދިޔައީ މައްކާގެ މުޝްރިކުން މާތް ﷲ އާމެދު އެތައް ކަމެއް ޤަބޫލުކޮށް އީމާންވާ ޙާލުގައިވެސް އެބައިމީހުން މުޝްރިކުންގެ ގޮތުގައި ދެމިތިބި ވާހަކަ ބަޔާންވެގެން ދިޔަ އާޔަތްތަކެކެވެ. އަދި އެބައިމީހުން މާތް ﷲ އަށް އީމާންވިއެވެ. އެބައިމީހުން މާތް ﷲ ގެ ރުބޫބިއްޔަތަށް އީމާންވިއެވެ. އެކަލާނގެ ކާއިނާތުގައި ކުރައްވާ އެންމެހައި ކަމެއްގައި އެއީ އެކަލާނގެއަށް ޙައްޤުވެގެންވާ ކަންކަން ކަމުގައި ޤަބޫލުކުރިއެވެ. އެހެނަސް އެއީމާންކަމަކުން އެބައިމީހުން ނަރަކައިން ސަލާމަތް ނުކޮށްދިން ކަމެވެ. ﷲ އަށް އީމާންވުމާއެކު ވެސް އެބައިމީހުންވީ މުޝްރިކުން ކަމުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ﴾ (يوسف: 106) މާނައީ: [އަދި އެބައިމީހުންގެ ގިނަމީހުން އެބައިމީހުންނީ މުޝްރިކުން ކަމުގައިވާ ޙާލުގައި މެނުވީ ﷲ އަށް އީމާންވާ ކަމުގައި ނުވެއެވެ.] ވީމާ މިއިން ލިބޭ ވަރަށް މުހިންމު ފިލާވަޅެއް ވެއެވެ. ޙަޤީޤަތުގައި ނަރަކައިން ސަލާމަތް ކޮށްދެނީ މާތް ﷲ ވަޖޫދުގައިވާކަން ޤަބޫލު ކުރުމަކުން ނޫނެވެ. އަދި އެކަލާނގެ ކައުނުގައި ހިންގަވާ ކަންކަމަށް އިޤްރާރު ވެގެންނެއް ވެސް ނޫނެވެ. ނަމަވެސް އަޅުކަން ހަމައެކަނި ޙައްޤުވަނީ އެކަލާނގެއަށް ކަން ޤަބޫލުކޮށް އެގޮތަށް ޢަމަލުކޮށް އެކަލާނގެ ފިޔަވައި އަޅުކަން ވެވޭ އެންމެހައި ބާޠިލު އިލާހުންނަށް ނަފްރަތުކޮށް އެކަމުން ޢަމަލީ ގޮތުން ދުރުހެލިވެގެންނެވެ. މިއީ މިއަދުގެ ވަރަށް ގިނަ ޢަދަދެއްގެ މުސްލިމުންނަށް ވެސް އޮޅިފައިވާ ކަމެކެވެ. މިއަދުގެ މުސްލިމުންނަށްވެސް ހީވެފައި އޮންނަނީ އެބައިމީހުން މުސްލިމުންނަށްވީ ﷲ އަކީ ހުރިހައި ތަކެއްޗެއް މިލްކުވެރި ޚާލިޤުވަންތަ އިލާހު ކަމުގައި ޤަބޫލުކޮށްލުމުން ކަމުގައެވެ. އަދި މުސްލިމުން ފިޔަވައި މިއުޅޭ އެންމެހައި ދީންތަކުގެ މީހުން މިކަން ޤަބޫލު ނުކުރާކަމެވެ. މިއީ ވަރަށްވެސް ބޮޑު ކުށް ހީއެކެވެ. މިމީސްތަކުން ވަކިކޮށްދޭ އެއްޗަކީ އެކަލާނގެ އިލާހުވަންތަ ކުރުމުގައި އެއްކައުވަންތަ ކުރުން ކަމުގައި ނުދަނެއެވެ. މާނައީ އިސްލާމް ކަމާއި ކާފިރުކަމާއި ވަކިކޮށްދޭ މައިގަނޑު ޢަމަލަކީ އެންމެހައި ޝިރުކުގެ ޢަމަލުތަކުން ދުރުހެލިވެ ހަމައެކަނި މާތް ﷲ އަށް އެއަޅުކަން އަދާކުރުން ކަމުގައި މިބައިމީހުން ނުދަނެއެވެ. އޭގެ ސަބަބުން މައްކާގެ މުޝްރިކުން ފަދައިން މިއަދު މުސްލިމެއްގެ ތާކިހާއާއި އިސްލާމީވަންތަކަން ވަކިކޮށްދޭ ފޭރާން ލައިގެން މުޝްރިކުންގެ ގޮތުގައިވަނީ ކިތައް ކިތައް މުސްލިމުން ހެއްޔެވެ؟ އެބައިމީހުން ވަނީ އޮޅުމެއްގައެވެ. އެބައިމީހުން ހީކުރާ ގޮތުގައި ﷲގެ އިލާހުވަންތަކަން ހަމައެކަނި ޤަބޫލުކޮށްލުމުން، ދެން އަޅުކަމުގެ އެކިއެކި ކަންކަން ﷲ ނޫން ފަރާތްތަކަށް އަދާކުރުމަކުންވެސް އެއީ މުއުމިނެކެވެ. އެކަމަކުން މުޝްރިކަކަށް ނުވާނެއެވެ. ބުދަށް އަޅުކަން ނުކުރާހާ ހިނދަކު މުޝްރިކަކަށް ނުވާނެކަމަށް އެމީހުން ހީކުރެއެވެ. އެއީ އެބައިމީހުން ﷲ ނޫން ފަރާތަކަށް އަޅުކަން ކުރަނީކީ ނޫނެވެ. ގަބުރުގައިވާ މީހަކީ އެމީހުންނަށްވުރެ ހުރިހައި ގޮތަކުން ޞާލިޙު މީހަކަށްވުމުން، އަދި އެމީހާ މަރުވުމަށްފަހު މިހާރުވަނީ ﷲ ގެ ޙަޟްރަތުގައި ކަމުން، އެމީހާގެ ޤަބުރުގެ ކައިރިއަށް ގޮސް އެމީހާގެ ގާތުގައި އެދުމުން އެކަންކަން އެމަރުވެފައިވާ މީހަކު މެދުވެރި ވެގެން ﷲ އަށް އެދުޢާތަކާއި އެހެނިހެން އަޅުކަންތައް ފޯރުމުން މާތް ﷲ މާ ލޯބިވެވޮޑިގަންނަވާނެ ކަމުގެ ކުށްހީ އެމީހުން ކުރެއެވެ. އަދި އެކަމުން މިބައިމީހުން ﷲ އާ މާ ގާތްވެގެންދާ ކަމުގައި ދަޢުވާކުރެއެވެ. މިއީ ކޮންފަދަ ބާޠިލު ވިސްނުމެއް ހެއްޔެވެ؟ މައްކާގެ މުޝްރިކުން ވެސް ބުދަށް އަޅުކަން ކުރީ މާތްﷲ އާ ބޮޑަށް ކުއްތަންކޮށްދޭ ޢަމަލުތަކެއް ކަމުގައި ދެކިގެންނެވެ. މައްކާގެ މުޝްރިކުން ބުދަށް އަޅުކަންކުރާ ގޮތާއި ބެހޭގޮތުން، މާތްﷲ ވަޙީކުރެއްވިއެވެ: ﴿مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ﴾ (الزمر:3) މާނައީ: [ﷲ އާ ގާތްވާ ގާތްވުމަކުން ކުއްތަންވުމަށް މެނުވީ ތިމަންމެން އެތަކެއްޗަށް އަޅުކަން ނުކުރަމުއެވެ.] މިފަދައިން އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ކޮންމެ ދީނެއްގެ ސިފަ ޖެހިގެން ހުރެނަމަވެސް، ޝިރުކުގެ އެއްވެސް މިންވަރެއް ﷲ އެމީހެއްގެ ފަރާތުން ޤަބޫލު ނުކުރައްވާނެކަން ޤުރުއާނުގެ އެތައް ތަނެއްގައި ނުހަނު ސާފުކޮށް ވަނީ ބަޔާން ކުރައްވާފައެވެ. މިއިންސާނީންނަށް މިކަންކަން އެނގޭނީ ﷲ އަށް ބިރުވެތިކަމާއި އެކު މިއާޔަތްތައް ކިޔައި ހަނދުމަކޮށް، ފަހުމްވެ، އުނގެނި ދަސްވީއެއްޗަކަށް ޢަމަލުކުރާ ހަމަބުއްދީގެ އަހުލުވެރިންނަށް ވެގަނެގެންނެވެ. އެނޫންގޮތަކަށް އަބަދުގެ އަބަދަށް ތިމާ ނަރަކައިގައި ދެމިގެންދާ ގޮތުގައި ލަހައްޓާނެ، މިނުރައްކާތެރި ޝިރުކުގެ ކަންކަމުން ސަލާމަތްވާނެ ގޮތެއް ނެތެވެ. ދިވެހިން ޒިޔާރަތްތަކަށް ނަދުރުގެ އަޅުކަން އަދާކުރަމުން، އެތަންތަނަށް ފައިސާ އަޅާ، މަސްވެރިކަން ގޯސްވުމުން ދޯނީގެ ހުންގާނާ އެހެނިހެން ތަކެތި އެޒިޔާރަތްތަކުގައި ވަކިއިރެއް ވަންދެން ބަހައްޓައި މިފަދަ ކަންކަން ކުރަމުން ދިޔައިރު، އެޒިޔާރަތް ތަކުގައިވާ ގަބުރުވެރިންނަށް އަޅުކަމުގެ ކަންކަން އަދާކޮށް އެބައިމީހުންނަށް އިލާހީވަންތަކަމުގެ ބިރެއް ހިތުގައި ބާއްވައިގެން އުޅުނީ ތިމާމެންނީ ހަމަފުރިހަމަ މުސްލިމުންގެ ގޮތުގައި ދެކިގެންނެވެ. އެއްވެސް މިންވަރަކަށް ތިމާމެންނަށް ޝިރުކުގެ އެއްވެސް ކަމެއް ކުރެވެމުން ދާކަމެއް އެމީހުންނަށް އިޙްސާސް ނުކުރެވެއެވެ. މިއީ ކޮންފަދަ ބިރުވެރި ކަމެއްގެ ވާހަކަހެއްޔެވެ؟ ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޝިރުކުގެ ބައިތައް ވަކިވަކިން ނޭނގިއްޖެނަމަ މިއީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. އަޅުކަމުގެ ހަމަ ކޮންމެ ކަމެއްވެސް ކިތަންމެ ކުޑަމިންވަރެއް ނަމަވެސް މާތް ﷲ ނޫން ފަރާތަކަށް ހަމަހިލާ ދިޔަދީގެން ނުވާނެކަމާއި، އެގޮތަށް ދިޔަނުދީ ހިފަހައްޓަންވީ އަޅުކަންތަކަކީ ކޮބައިކަން ދެނެގަތުމަކީ ހަމަކޮންމެ އިންސާނެއްގެ ވެސް އަމިއްލަ ޒިންމާއެކެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)