ގްރޭޑް 11 ގެ ދިވެހި އިސްލާމް ޓެސްޓް ވެސް އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ. ދިވެހިބަހުގެ ކަރުދާހުގެ ޓެސްޓް ބާއްވާނީ 13 ޖޫން 2021 ވާ އާދީއްތަ ދުވަހުއެވެ. އިސްލާމް ޓެސްޓް ބާއްވަން ހަމަޖެހިފައިވަނީ 14 ޖޫން 2021 ވާ ހޯމަދުވަހުއެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ ކޮވިޑް މިއޮތް ހާލަތުގައި އިމްތިހާން ސްކޫލްގައި ބޭއްވޭ ގޮތް ވަނީ ނުވެފައިކަމުގައި ކަމުގައެވެ.
" ކޮވިޑް 19 އާގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ފިޔަވަޅުތައް މިވަނީ އިތުރު ހަފްތާއަކަށް ދިގުދަންމާލާފައި. ސްކޫލުން ދިވެހި އިސްލާމް ސްކޫލުން ބާއްވަން ކަނޑައަޅާފައިވާ ތާރީޚުވަނީ އޭގެ ތެރެއަށް ވަދެފައި. ސްކޫލަށް ކުދިން ގެނެސްފައި އިމްތިހާން ބޭއްވުމުގެ މާހައުލެއް ނެތުމާއި ގުޅިގެން އަދި ހަމައެހެންމެ މިހާރު ސެމިސްޓަރ ވެސް ނިމުމަކާ ގާތަށް އަޅުގަނޑުމެން މިހާރު މިއޮތީ އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖައްސާފައި." ޞަލާޙް ވިދާޅުވިއެވެ.
ސްކޫލަށް ހާޒިރުވެ ހަދާ އިމްތިހާނަށްވުރެ އޮންލައިންކޮށްހަދާ އިމްތިހާނަކީ އެންމެ ބޭނުންވާގޮތަށް ދަރިވަރުން އިމްތިހާން ކުރެވިގެންދާނެ އިމްތިހާނެއްނޫންކަމަށްވެސް ޞަލާޙް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރެވިގެންދާނެ އިމްތިހާނެއްކަމާއި، ސްކޫލަށް ދަރިވަރުން ހާޒިރުވެގެން އިމްތިހާން ހަދާ ބީދައަކުން އެގޮތަކަށް ކުރިއަކަށް ނުގެންދެވޭކަމަށްވެސް ވިދާޅުވިއެވެ.
އޮންލައިންކޮށް އިމްތިހާން ބޭއްވުމުގެ އުސޫލާއި އޮންލައިންކޮށް އިމްތިހާނަށް ރަޖިސްޓަރވުމުގެފުރުޞަތު ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީކުރުމުގެ މުއްދަތު 12 ވަނަ ދުވަހުގެ 1:00 އަށް ހަމަވާނެއެވެ. އަދި ދަރިވަރުންނަށް އޮންލައިން އިމްތިހާނަށް ޚާއްޞަކޮށް ހަދާ ކުލާސްރޫމްތަކުގެ ލިންކުތައްވެސް މިހާރު ދަރިވަރުންނަށް ވާނީ ހިއްސާ ކުރެވިފައެވެ.