މިއަހަރުގެ އަދަބީ އީދު އޮންލައިންކޮށް ބާއްވަނީ

ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށް ޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އޮންލައިން އަދަބީ އީދެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީއިން އިޢުލާން ކޮށްފިއެވެ. މިއީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަދަބީ އީދެކެވެ.

އަދަބީ އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ 4 މުބާރާތެކެވެ. އެއީ، ބަނދި ކިޔުމާއި، ޅެންކިޔުމާއި، ވާހަކަ ހުށަހެޅުމާއި، ރައިވަރު ކިޔުމެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ ގިނަވެގެން 2 މުބާރާތުގައެވެ.

އަޙްމަދިއްޔާ އަދަބީ ޢީދު 2011 ގައި ދަރިވަރަކު ބަނދި ކިޔަނީ .. ފޮޓޯ: ވަޖީހު

މިއަދަބީ ޢީދުގައި ބައިވެރިވުމަށް ހަމަޖައްސާފައިވަނީ 3 ފުރައަކަށެވެ. އެއީ 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ 17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރައެވެ.
މުބާރާތަށް ހުށައަޅާ އަދަބީ އުފެއްދުންތައް ހުށައަޅާނީ އެކެޑަމީގެ 7986230 ނަންބަރުގެ ޓެލެގުރާމަށެވެ. ހުށައަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމްޕީ 4 ފޯމެޓުގައި ލޭންޑްސްކޭޕްކޮށެވެ. ޓެލެގުރާމަށް ފޮނުވާ އަދަބީ އުފެއްދުމުގައި ކޮންމެ ބައިވެރިއެއްގެ އެޑްރެހާއި އުމުރުފުރާ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި ވީޑިއޯއާ އެކު މެސެޖެއް ފޮނުވަން ވާނެއެވެ.

އަޙްމަދިއްޔާ އަދަބީ ޢީދު 2015 ގައި ދަރިވަރަކު ރައިވަރު ކިޔަނީ .. ފޮޓޯ: ވަޖީހު

އޮންލައިން އަދަބީއީދުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައަޅާނެ ސުންގަޑިތަކެއް ކަމަށް އިޢުލާންގައިވަނީ، 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ 28 ޖޫން 20121 ވާ ހޯމަ ދުވަހުގެ 2:00 ގެ ކުރިން، 13 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ 29 ޖޫން 20121 ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން،  17 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާ 30 ޖޫން 20121 ވާ ބުދަ ދުވަހުގެ 2:00 ގެ ކުރިންނެވެ.

ދިވެހިބަހުގެ އެކެޑަމީއިން އެންމެފަހުން އަދަބީ ޢީދެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަދުވަހުއެވެ. އެމުބާރާތްތައް ބޭއްވީ ސްކޫލްތަކަށް ހުޅުވާލައިގެންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *