10. ބިންމައްޗަށް ނުބަލާ ވިލާގަނޑަށް ބަލާށެވެ.
ކުރަންބޭނުންވާކަމެއް ޚިޔާރުކޮށް އެމަސައްކަތް ކާމިޔާބުކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމަށްޓަކައި ހުވަފެންދެކި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ޙާޞިލުވާނެ ގޮތްތައް ރާވާށެވެ. އެކަމަށް އުންމީދު ކަނޑާނުލައި ޔަގީންކަމާއެކު އެކަމެއް ކުރަމުން ދާށެވެ. ވެއްޓިދާނެކަމަށް ވިސްނައިގެން ކުރިއަށް ދާށެވެ. ހަނދާންކުރާށެވެ. ދިރިއުޅުމުގައި ވަގުތާއި މިނިޓާއި ސިކުންތުވެސް ވެއެވެ. ހިންޏެއްފަދައިން ބުރަމަސައްކަތް ކުރާށެވެ. ކެތްތެރިކަމާއި އުންމީދާއެކު އެކަމެއްގައި ދެމިހުރުމުގައެވެ. ފާފައަކަށް އަރައިގަނެވިއްޖެނަމަ އަވަހަށް ތައުބާ ވާށެވެ. ޤުރުއާން ހިތުދަސްކުރުމަށް ވަގުތެއް ކަނޑައަޅައިގެން ކޮންމެވެސް ވަރެއް ދަސްކުރަމުން ދާށެވެ. ކުރިން ދަސްކުރި ބަޔެއް ހަނދާން ނެތިއްޖެނަމަ އެބައި ދަސްކުރަން އަވަހަށް ރުޖޫޢަވާށެވެ. އެންމެ މުހިންމުކަމަކީ އޭރުން ކަންބޮޑުވުމާއި މާޔޫސްވުމާއި ގޮތްހުސްވުމުން ދުރުހެލިވުމެވެ.
ހަނދާންކުރަންވީ ކަމަކީ މިދުނިޔޭގައި އަހަރެމެންގެ އަތުން ތައްޔާރު ކުރެވިގެން އުފައްދާ ފިލްމު ތަކުގައި ވާހެން ހިތިނިމުމަކާއި ފަހުބައެއް ނުވާކަމެވެ. ކުށްކުރެވުމާއި އަދި އިމްތިޙާންކުރެއްވުން ދަނީ ހިނގަމުންނެވެ. ކުށެއްކުރެވުމުން އެކަމުން ޢިބުރަތް ލިބިގަންނާށެވެ. އެއީ ފިލާވަޅެއްކަމުގައި ދެކޭށެވެ. ދިރިއުޅުމަކީ ހަށިގަނޑެއްކަހަލަ އެއްޗެކެވެ. ޕްލާސްޓިކް ސާޖަރީއާއި ތަފާތު ވައްތަރުގެ ކޮސްމެޓިކްސްއިން ހަށިގަނޑު ރީތިކޮށްދީ ޒުވާން ކުރުވައެވެ. މޭކަޕްކުރާ ސާމާނުތަކުން ލައްލަކާއި ހަމުގެ އަނދިރިކަން ފިލުވައިދެއެވެ. ކުރަމުންދާ މަސައްކަތް ފެއިލްވެދާނެ ހުރިހައި މަސައްކަތަކާއި ދުރުވެހުންނާށެވެ. އަދި އުންމީދު ގެއްލުމާއި ކަންބޮޑުވުމާއި ހާސްވުމާމެދު ނުވިސްނާށެވެ. މާތްﷲ ކީރިތި ޤުރުއާނުގެ ސޫރަތުލްމާއިދާގެ 23 ވަނަ އާޔަތުގައި ވަޙީކުރައްވަނީ،
…… وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ ﴿٢٣﴾
………. އީމާންވެގެން ތިބި ބަޔަކު ކަމުގައި ވާނަމަ ހަމައެކަނި ﷲ އަށް ތިޔަބައި މީހުން ވަކީލު ކުރާށެވެ!
ފާފަތަކާއި ދުރުހެލިވުމަކީ ޖިހާދެކެވެ.
11. ގަނޑުވަރެއްގައި އުޅޭ އީމާންކަން ގަބޫލުނުކުރާ އަންހެނަކަށްވުރެން ޖިފުޓިއެއްގައި އުޅޭ މުއުމިނު އަންހެނާ މާ އުފާވެރިއެވެ.
މާތް ﷲއަށް އަޅުކަންކޮށް ފަސްވަގުތު ނަމާދުކޮށް ރޯދަހިފައި ރޭއަޅުކަން ކުރަމުންދާ، ޖިފުޓިއެއްގައި އުޅޭ މުއުމިނު އަންހެނާ، މުއްސަނދި ދިރިއުޅުން އުޅެމުންދާ އަތަށްފަޔަށް ނޯކަރުން ލައިގެން އުޅޭ އީމާންތެރިކަންނެތް އަންހެނާއަށް ވުރެ އުފާވެރިއެވެ. ޖިފުޓިއެއްގައި އުޅޭ މުއުމިނު އަންހެނާ ރޮށިކޮޅަކާއި ވާރޭފެންފޮދެއް ލިބުމުން ފުދެއެވެ. އޭނާގެ އަތުގައި މުސްހަފާއި ތަސްބީހަ ފަތި އޮތްއިރު އޭނާގެ ދިރިއުޅުން ރަނގަޅެވެ. އެއީ އީމާންތެރިކަން ނުވާއަންހެނާ ހަތްތަރީގެ ހޮޓަލެއްގެ ފެންވަރަށް ތައްޔާރުކުރެވިފައިވާ ގަނޑުވަރާއި އެންމެ އަގުބޮޑު ފަރުނީޗަރު ހުއްޓަސް އަޅުކަން ކުރާނެ ފަރާތެއް ނެތި ކިޔަމަންވާނެ ރަސޫލެއް ނެތެވެ. ތިބާއަށް މިހާރު ހަގީގީ އުފަލަކީ ކޮބައިކަން އެނގެން ޖެހެއެވެ. އެއީ ގިނަމީހުން ހީކުރާ ކުޑަ އަދި ހަގީގަތެއް އޭގައިނެތް ކަމެއްނޫނެވެ. އެއީ ގިނަމީހުން ހީކުރާ ރުފިޔާއާއި ފައިސާއެއް ނޫނެވެ. މީރުކެއުންތަކާއި ބުއިންތަކާއި މޮޅެތި ފޭރާމާއި އަގުބޮޑު ގަހަނާޔާއި ފަރުނީޗަރެއްވެސް ނޫނެވެ. ދުނިޔޭގެ އެތައްމިތަނަށް ދަތުރުކުރުމެއްވެސް ނޫނެވެ. އުފަލަކީ ހިތަށްލިބޭ ފިނިކަމެކެވެ. ސިކުނޑިއަށް ލިބޭ ހަމަޖެހުމެކެވެ. ރަނގަޅު އަޚުލާގާއި ސުލޫކުން ހަށިގަނޑަށް ލިބެމުންދާ ރޫޙާނީ ބާރެކެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓު:
މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ " ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް" މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.