ޤައުމީ މަންހަޖުގެ ކީސްޓޭޖް 5 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ގްރޭޑް 12 ނިންމާ ދަރިވަރުންނަށް ދެވޭ "ދިވެހިބަސް" ކަރުދާހަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން މީގެ ކުރިން އިމްތިހާން ކުރެވުނު ގިނަބައިތައް އުނިކުރެވި އަދި ބައެއް ބައިތައް ވަނީ އިތުރު ކުރެވިފައެވެ. އިމްތިޙާނު ބިނާވެފައިވަނީ މައިގަނޑު 2 ކަރުދާހެއްގެ މައްޗަށެވެ.
ފުރަތަމަ ކަރުދާސް ތައްޔާރުކުރަނީ ލިޔުމުގެ ހުނަރުގެ މައްޗަށެވެ. މިބަޔަށް 45 މާކުސް ކަނޑައަޅާފައި ވެއެވެ. ހިމެނޭނީ މައިގަނޑު ދެ ބައެވެ. މި ދެ ބަޔަށް ވެސް ޖަވާބު ދޭންޖެހޭނެއެވެ. ޖަވާބު ދިނުމަށް 120 މިނިޓް ކަނޑަ އަޅާފައިވެއެވެ.
ފުރަތަމަ ބައިގައި މަޒުމޫނާއި ރިޕޯޓް ލިޔުމަށް އަމާޒުކޮށްދެވޭ 3 ސުވާލުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ލިޔުމެއް ލިޔަން ދެވޭނެއެވެ. އެއީ މަޒުމޫނެއް ނުވަތަ ރިޕޯޓެކެވެ. ލިޔުމުގެ ދިގުމިނަކީ 55 ފޮޅުވަތާއި 65 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ.
ރިޕޯޓްގެ ސުވާލު ދެވޭނީ މައްސަލަ ބަޔާން ކުރުމަށް ނުވަތަ ހާލަތު ބަޔާންކުރުމަށެވެ. މިދެ ބާވަތުގެ ތެރެއިން ކޮންމެވެސް އެއް ބާވަތެއް ސުވާލު ކަރުދާހުގައި ހިމެނޭނެއެވެ.
މިސުވާލު ކުރީއަހަރުތަކާ ތަފާތުވަނީ، ކުރިން މަޒުމޫނު ލިޔަންދެވެނީ، މައިގަނޑު 4 މައުޟޫޢެކެވެ. އޭގެ ތެރެއިން ކޮންމެވެސް އެއް މައުޟޫޢަކަށް މަޒުމޫނު ލިޔާ ގޮތަށެވެ. މިހާރު މަޒުމޫނު ލިޔަންދޭ މައުޟޫޢު އޮންނާނީ ސިނާރިއޯއެއްގެ މައްޗަށެވެ. އެހެންކަމުން ދަރިވަރުން ލިޔަން ޖެހެނީ އެސިނާރިއޯއެއްގައި ދީފައިވާ މައުޟޫޢެއްގެ މައްޗަށެވެ. މަޒުމޫނު ލިޔަން މިހާރު ދެވެނީ، 3 ވައްތަރެކެވެ. އެއީ، އޮޅުންފިލުވައިދިނުމަށް ދެވޭ ލިޔުމާއި، ދެކޮޅަށް ލިޔާ ލިޔުމަކާއި ( ދެކޮޅު ހާމަކޮށްދޭ ލިޔުން) ، ބަހުސް ކުރުމަށް ލިޔާ ލިޔުމެވެ. މި 3 ވައްތަރުގެ ސުވާލު ދޭއިރު ދަރިވަރު އިޚްތިޔާރުކުރަން ޖެހޭނީ ކޮންމެވެސް އެއްބާވަތެއްގެ ލިޔުމެކެވެ. މަޒުމޫނާއި ރިޕޯޓް ލިޔަން ކުރިން ދެނީ 50 ފޮޅުވަތާއި 60 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ. ނަމަވެސް މިހާރު ދެވެނީ 55 ފޮޅުވަތާއި 65 ފޮޅުވަތާއި ދެމެދުގެ މިންވަރެކެވެ. 65 ފޮޅުވަތަށްވުރެ އިތުރުވާނަމަ އިތުރުވާ ބަޔަށް އެއްވެސް މާކުހެއް ނުލިބޭނެއެވެ. މިބަޔަށް ކުރިން 25 މާކުސް ކަނޑައަޅާފައި ވިޔަސް މިހާރު ވަނީ 30 މާކުސް ކަނޑައަޅާފައެވެ.

ފުރަތަމަ ކަރުދާހުގެ ދެވަނަ ބައިގައި ހިމެނޭނީ، އުފެއްދުންތެރި ލިޔުމެވެ. އުފެއްދުންތެރި ލިޔުމުގެ ގޮތުގައި ހިމެނެނީ، ބައޮގްރަފީ / އޮޓޯބައޮގްރަފީ، ދަތުރުނާމާ، ތަމްސީލު / ޑްރާމާ، ފީޗަރ އާޓިކަލް އެވެ. މިބައިތަކުގެ ތެރެއިން ކަރުދާހުގައި ހިމަނާނީ ކޮންމެވެސް ދެ ބާވަތެކެވެ. އޭގެ ތެރެއިން ދަރިވަރު އިޚްތިޔާރު ކުރަންޖެހޭނީ ކޮންމެވެސް އެއްބާވަތެކެވެ. މިބަޔަށް ކަނޑައަޅާފައިވަނީ 15 މާކުހެވެ. މިބަޔަށް ގެނެސްފައިވާ ބަދަލަކީ، ކުރިން ކަރުދާހުގައި ހިމެނޭ ސަމާސާ އަދަބުގެ ބަދަލުގައި ފީޗަރ އާޓިކަލް ހިމެނުމެވެ. އާޓިކަލް އަކީ އާއްމުކޮށް ނޫސްތަކުގައި ލިޔާ ލިޔުމެކެވެ. އާޓިކަލްގައި ދެވޭ ސުވާލަށް ކަނޑައަޅާ ސުރުޚީއަކީ އާޓިކަލް ކިޔާ މީހުން ޝައުގުވެރިކުރުވުމަށް ބާރުލިބޭގޮތަށް ކަނޑައަޅާ ސުރުޚީއަކަށް ވާން ޖެހޭނެއެވެ. ސުރުޚީކަނޑައަޅަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. ކުރިންމިބަޔަށް ދެވޭ ލިޔުން ތަކުގެ ދިގުމިނަކީ، 20 ފޮޅުވަތާއި 25 ފޮޅުވަތާއި ދެމެދުގެ މިންވަރު ނަމަވެސް މިހާރު ދެވެނީ 25 ފޮޅުވަތާއި 30 ފޮޅުވަތާއި ދެމެދުގެ މިންވަރަކަށް ލިޔާށެވެ. މާކުހަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ލިބޭނީ 15 މާކުހެވެ.
2 ވަނަ ކަރުދާހުގައި 3 ބައެއް ހިމަނާފައިވާނެއެވެ. 3 ބަޔަށް 55 މާކުސް ކަނޑައަޅާފައި ވެއެވެ. ވަގުތަކީ 120 މިނިޓެވެ. ފުރަތަމަ ބައިގާ ހިމެނެނީ، ކިޔުމުގެ ހުނަރަށް އަމާޒުކޮށް ދެވޭ ދެ ބާވަތެއްގެ ދޭހައިގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ. މިބައިގައި މައިގަނޑު ދެ ލިޔުމެއް ހިމަނާފައިވާނެއެވެ. އެއީ ދޭހަ 1 އާއި ދޭހަ 2 އެވެ. ދޭހަ 1 އަށް 8 ސުވާލު ދޭއިރު ކަނޑައަޅާފައިވާ މާކުހަކީ 18 އެވެ. ދޭހަ 2 ގައި 7 ސުވާލު ހިމެނޭނެއެވެ. ކަނޑައަޅާފައިވަނީ 12 މާކުހެވެ. މިދެބައިގެ ޖުމްލަ މާކުހަކީ، 30 އެވެ.
މީގެ ކުރިން ދޭހައަށް ނަގަނީ އެއްވައްތަރެއްގެ ސުރުޚީއަށް ދެ ލިޔުންތެރިއަކު ލިޔެފައިވާ ދެލިޔުމެކެވެ. ނަމަވެސް މިފަހަރު 2 ލިޔުންވެސް ތަފާތުވާނެއެވެ. ދޭހަ 1 ގައި އަދަބީ ލިޔުމެއް ހިމަނާފައިވާއިރު ދޭހަ 2 ގައި ހިމަނާފައިވާނީ ޢިލްމީ ލިޔުމެކެވެ. ކުރީ ފަހަރުތަކަށްވުރެ މިފަހަރު ދޭހައިގެ ސުވާލު ގިނަވެފައި މާކުސްވެސް ގިނަވާނެއެވެ. ކުރިންދެވެނީ، ދެ ދޭހައިގެ 7 ސުވާލަށް 15 މާކުހެވެ. މިފަހަރު ދެ ދޭހައިގެ 14 ސުވާލަށް 30 މާކުސް ކަނޑައަޅާފައިވާނެއެވެ. ކުރިން ދެވަނަ ދޭހައިގެ ފަހުސުވާލުގެ ގޮތުގައިދެވޭ ދެދޭހަ އަޅާކިޔާ ސުވާލެއް މިހާރަކު ނޯންނާނެއެވެ. މިފަހަރު ފުރަތަމަ ދޭހައިގެ ފަހު ސުވާލެއްގެ ގޮތުގައި ބޭނުންކުރުމަށްވުރެ މަތީސުވާލެއް އަންނާނެއެވެ. އެސުވާލަށް 4 މާކުސް ކަނޑައަޅާފައިވެއެވެ.

2 ވަނަ ކަރުދާހުގެ ދެވަނަ ބައިގައި ހިމެނޭނީ ޚުލާސާކުރުމެވެ. މި ބަޔަށް ކަނޑައަޅާފައިވަނީ 10 މާކުހެވެ. މިފަހަރު ޚުލާޞާ ކުރާ ގޮތަށް ވަނީ ބަދަލުގެނެސްފައެވެ. ކުރިން ޚުލާޞާ ކުރަނީ ދޭހައަށް ދެވޭ 2 ލިޔުމުން ކޮންމެވެސް 1 ލިޔުމެއްގެ ވަކި ޕެރެގްރާފްތަކެއްގެ މުހިއްމު ނުކުތާތައް ނަގައިގެން ޚުލާޞާ ކުރާ ގޮތަށެވެ. މިފަހަރު ގެނެވުނު ބަދަލަކީ ތީމެޓިކްކޮށް ޚުލާސާ ކުރުމެވެ. އެއީ ލިޔުމުގެ މެދުގައިވާ މަޢުލޫމާތު ތަކަށް ބަލައި އެލިޔުމުގައި ހިމެނޭ ވަކި މަޢުލޫމާތު ތަކެއް (ވަކި ކަމަކާ ގުޅުންހުރި މަޢުލޫމާތެއް) ޚުލާޞާ ކުރުވާ ގޮތަށެވެ.
2 ވަނަ ކަރުދާހުގެ ތިންވަނަ ބައިގައި ހިމެނެނީ ރަސްމީ ލިޔެކިޔުމުގެ ބައެވެ. އެއީ، ސިޓީ ، ޕްރޮޕޯޒަލް، ތަޤުރީރެވެ. ކޮންމެ ފަހަރަކުވެސް މި 3 ބާވަތުގެ ތެރެއިން 2 ބާވަތެއް ހިމަނާނެއެވެ. ދަރިވަރު ޖަވާބުދޭނީ ކޮންމެވެސް އެއްބާވަތަކަށެވެ. ސިޓީ ބައްޓަން ކޮށްފައި ހުންނާނީ، ރަސްމީ އެކިއެކި ބޭނުން ތަކުގައި އަމިއްލަ ފަރުދުންނާއި ރަސްމީ އިދާރާ ތަކުން ލިޔާ ސިޓީއެއް ލިޔާގޮތަށެވެ. މިބަޔަށް ކަނޑައަޅާފައިވަނީ 15 މާކުހެވެ. ސިޓީ ، ޕްރޮޕޯޒަލް، ތަޤުރީރު މިތިން ބަޔަކީ، މުޅިންއަލަށް ކަރުދާހުގައި ހިމަނާފައިވާ ބާވަތްތަކެވެ.
މީގެ ކުރިން 3ވަނަ ސުވާލުގެ ގޮތުގައި ދެވުނު، ޅެމަށް ފާޑު ކިޔުމާއި/ ޅެން ޝަރަޙަކުރުމާއި، 4ވަނަސުވާލަށް ދޭ ރައިވަރުގެ ދޭހަވާމާނަ/ ރައިވަރުގެ ޝަރަހަ ކުރުމެއް ނާންނާނެއެވެ. އަދި 5ވަނަ ސުވާލުގައި އަދަބިއްޔާތުގެ ބައިގެ ގޮތުގައި ދިން ކުރުވާހަކަތަކަށް ފާޑުކިޔުމާއި ދިގުވާހަކައަށް ފާޑުކިޔުން ވެސް ނާންނާނެއެވެ. އެބައިތައް މިހާރުވަނީ އާ ސިލަބަހުގެ މުގައްރަރުންވެސް އުނިކުރެވިފައެވެ.
މަސްދަރު:ޑީޕީއީ