ބުރާސްފަތި, 17 އޭޕްރިލް 2025

މުހާވަރާތަކުން ސަގާފަތާއި، އާދަކާދަ ދައްކުވައިދޭ ގޮތް ވަރަށް ޝައުގުވެރި!

މުހާވަރާތަކަކީ އިހުތިބީން އެބައިމީހުންގެ ދިރިއުޅުމުގައި ބޭނުންކުރުމަށް ޓަކައި އެބައިމީހުންނަށް އެކި ގޮތްގޮތުން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި އުފައްދައިފައިވާ އަދަބީބަސްތަކެވެ. ކޮންމެ މުޖުތަމަޢެއްގައި ވެސް މިފަދަ މުޙާވަރާތަކަކީ އެ މުޖުތަމަޢެއްގައި ހުންނަ ބަހުގެ އަދަބުގައި ހިމެނި، ދޫދޫމަތިން ކިޔަމުން އައިސްފައިވާ ވަރަށް ވެސް އަގުހުރި ތަރިކައެކެވެ. އެ ތަކެއްޗަކީ ކާބަފައިންގެ ޒަމާނުއްސުރެ ބޭނުންކުރެވެމުން އަންނަ ތަކެތި ވެސް މެއެވެ. މި ލިޔުމުގައި ބަލައިލާނީ މިފަދަ މުޙާވަރާތައް އުފެދިފައި ވަނީ ކިހިނެއްތޯ އާއި މުޙާވަރާތަކުން ބައެއްގެ ސަގާފަތާއި އާދަކާދަ ފެންނަ ގޮތަށެވެ. ސަގާފަތާއި އާދަކާދައިގެ ސަބަބުން މުހާވިރާތައް އުފެދިގެން އަންނަނީ ކިހިނެއް ކަމާއި، މުޙާވިރާތައް އުފެދުމުގައި ޘަޤާފަތާއި އާދަކާދަ ކުޅޭ ދައުރަކީ ކޮބައި ކަމާއި މުހާވަރާއިން ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ އަގުތައް ދައްކުވައިދޭ ގޮތަކީ ކޮބައިކަން ހޯދައި ބެލުމުގެ ޝައުގު އަބަދުވެސް އޮންނާތީ މި ކަންކަން ދިރާސީ ގޮތުން ބަލައިލާ ހިތްވީއެވެ. މި ލިޔުން ލިޔާން މި ފެށީ "ދަތުރު ފެންނާނީ ފުރީމާ" ކަން ރަނގަޅަށް ދަނެ، "ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށޭ"، އިހު ތިބީން ބުނެފައިވާ ބުނުމަށް ވެސް ރިޢާޔަތްކޮށް ބިންގާ ސީދާކުރުމުގެ އަޒުމާ އެކުގައެވެ.

މި ލިޔުމުގައި ބަހާއި ސަގާފަތާއި އާދަކާދަ އަދި އިޖުތިމާޢީ އަގުކުރުންފަދަ މަފްހޫމްތަކުގެ ވާހަކަދައްކަން ޖެހޭއިރު. އެ މަފްޙޫމްތަކަށް އަލިއަޅުވާލުމަކީ ކޮންމެހެން ވެސް ކުރާންޖެހޭ ކަމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި ބަހާއި ސަގާފަތް ގުޅިގެންދާ ގޮތުގެ މައްޗަށް ބަލައިލާންޖެހެއެވެ.

ބަހަކީ މީހެއްގެ ހިތުގައި އުފެދޭ ޝުއޫރެއް، އަޑާއި އިޝާރާތްތައް ބޭނުންކޮށްގެން ވަކި އުޞޫލުތަކެއް ނުވަތަ ވަކިހަމަތަކެއްގެ މަތިން ފާޅުކުރާ ފާޅުކުރުމެކެވެ. އިންސާނީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމުގައި ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. ބަހަކީ އިޖްތިމާޢީ ބޭނުންތައް ފުއްދައިދޭ އެއްޗެއްގެ އިތުރުން މަޢުލޫމާތު ހޯދައި ލިބިގަނެ އަދި ފޯރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ސަގާފަތުގެ ތެރޭގައި ހިމެނޭ، އިންސާނުންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ބަހަކީ އިންސާނާގެ ހިތުގައި އުފެދޭޝުޢޫރުފާޅުކުރުމޭ ބުނެ ނިންމާލުމަށްވުރެ މާ ބޮޑު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. ބަހުގެ އެންމެ މުހިންމު ދައުރަކީ މުއާސަލާތު ކުރުމުގެ ހަތިޔާރެއް ކަމުގައި ވުމޭ ބުނުމުގެ މާނައަކީ ބަހުން ކުރެވެނީ އެންމެ ބޭނުމެއް ކަމުގައި ވުމެއްނޫނެވެ. ސަބަބަކީ އިހުސާސްތައް ފާޅުކުރުމުގެ އިތުރުން މުޖުތަމަޢުގެ އެކި ފަންތިތަކުގެ މީހުން ދެނެގަނެ ގުޅުން ގާއިމްކުރުމާއި ދީނީ އަޅުކަން އަދާކުރުން ފަދަ ކިތަންމެ ކަމެއް ބަސް ބޭނުންކޮށްގެން ފުރިހަމަކުރެވޭތީއެވެ.

އަޙްމަދިއްޔާ ގެ "ހިޔާ ޢީދު 2018″ ގެ ތެރެއިން……. ފޮޓޯ: ހަރުޝާ

ސަޤާފަތަކީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ދިރިއުޅުމުގައި ކުރާ ކަންތައްތަކާއި އެ ކަންތައްތަކާއި ގުޅިފައިވާ އާދަކާދައެވެ. ނަވާރަވަނަ ޤަރުނުގައި އެންތްރޮޕޮލޮޖިސްޓް ޓޭލަރ ލިޔުއްވި " ޕްރިމިޓިވް ކަލްޗަރ"، މި ފޮތުގައި އޭނާ 'ކަލްޗަރ' ގެ ތަޢާރަފެއްކަމުގައި ލިޔުއްވާފައި ވަނީ އެއީ ސަޤާފަތަކީ ޢިލްމުގެ އިތުރުން އަގީދާއާއި، ފަންނުވެރިކަމާއި، އަޚްލާގާއި، ގާނޫނާއި، އާދަކާދަތަކާއި، މި ނޫން ވެސް މުޖުތަމައުގައި ނުވަތަ އިޖުތިމާއީ ވެށީގައި ދިރިއުޅުމަށްޓަކައި އިންސާނަކަށް ބޭނުންވާނެ އެންމެހާ އާދަކާދަތަކާއި ގާބިލުކަމެކެވެ. ސަގާފަތަކީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާ، ޚިޔާލާ، ވާހަކަދެއްކުމާ، މަސައްކަތްތެރިކަމުގެ އިތުރުން، ކުޅިވަރާ، މިއުޒިކާއި، ނެށުން ފަދަ ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ. ބަހަކީ ސަގާފަތުގެ ބައެކެވެ. އަދި ހަމައެހެންމެ އިންސާނުންގެ ދިރިއުޅުމުގެ ވެސް ބައެކެވެ.

ސަގާފަތަކީ ހުރިހާ މާނައެއްގައި ވެސް، ބަސް ވެސް ހިމެނޭހެން އިންސާނުންގެ ދިރިއުޅުމުގެ އެންމެހާ ކަންކަމެއް އޭގެތެރޭގައި ޝާމިލުވާ އެއްޗެކެވެ. މުޙާވަރާތައް ވެސް އޭގައި ޝާމިލުވެއެވެ. ހަރުބަހާއި މުސްކުޅި ބަހެވެ. މިސާލު ބަހާއި ވައް ބަހެވެ. މަޖާޒެވެ. ސަގާފަތް ހިއްސާކުރުމުގައި އެހެން މީހުންނާ މުއާސަލާތުކޮށް ހަދަނީ ބަހުގެ ޒަރީއާއިންއެވެ. ބަހާއި ސަގާފަތާ ދެމެދު ހުރި ގުޅުން ދެނެގަތުމަށްޓަކައި ކުރެވުނު އެންމެ މަޝްހޫރު އެއް ދިރާސާއަކީ ސާރޕިރް ވޯފް ހައިޕޯތިސިސްއެވެ.

ބަސް ކިޔަވައިދިނުމުގައި ވެސް ބަހާއި ސަގާފަތަކީ ވަކިކުރެވޭނެ ދޭއްޗެއްނޫނެވެ. އެގޮތުން  ދެވަނަ ބަހެއް ދަސްކުރާއިރު، އެބަހުގެ އަހުލުވެރިންނާ އެއްފަދައިން މުއާމަލާތު ކުރެވޭނީ އެބަހުން ވާހަކަދައްކާ މީހުންގެ އަސްލު ސަގާފަތް ދެނެގަނެގެންނެވެ. ބަހުގެ މާހިރުން ވިދާޅުވާގޮތުގައި ބަސް ދަސްކުރާ ކުދިންނަށް، ވަކިން ޚާއްޞަކޮށް ދެވަނަ ބަހެއް ދަސްކުރާ ކުދިންނަށް އެންމެ ފުރިހަމައަށް އުނގަންނައިދެވޭނީ މުޢާމަލާތްކުރުމުގެ ޤާބިލިއްޔަތު (ކޮމިއުނިކޭޓިވް ކޮންޕިޓެންސް) އަދި ބަހަވީ ޤާބިލިއްޔަތުކަމާ (ލިންގުއިސްޓިކް ކޮންޕިޓެންސްއާ) އެކުއެކީގައި ލިއްބައިދީގެންނެވެ. އެހެންކަމުން ބަސްކިޔަވައިދިނުމުގައި ވަކިން ޚާއްޞަކޮށް ބޭރުބަހެއް އުނގަންނައި ދިނުމުގައި ތަފާތު މެތަޑްތަކުގެ އެހީގައި އުނގަންނައިދޭ ބަހާބެހޭ މަޢުލޫމާތާއެކު އެބައެއްގެ ސަގާފަތާބެހޭ މަޢުލޫމާތު ވެސް ދިނުން ވަރަށް މުހިންމެވެ. ބަހެއް ދަސްވުމަކީ ހުރިހާ ހާލަތެއްގައި ކުރަންޖެހޭ ހުރިހާ މުއާމަލާތެއް ބަހުގެ ބޭނުންކޮށްގެން އެންމެ ފުރިހަމަޔަށް ކުރަން އެނގުން ކަމަށްވާތީއެވެ.

ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ އަގުތައް ދައްކުވައިދީފައިވާ ގޮތާއި ބެހޭ ގޮތުން އެކި ދިރާސާވެރިންގެ ރަޢުޔުތަކާއި، ދިރާސާވެރިން މި ސުރުޚީއާ ގުޅޭ ގޮތުން ދިރާސާކޮށްފައިވާ ގޮތް ބެލުމަކީ މި ފަދަ މުޙާވަރާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކޮންމެހެން ވެސް ކުރާންޖެހިފައިވާ ކަމަކަށް ވާތީ، މި ލިޔުމުގެ ކުރިއަށް ހުރި ބައިތަކުގައި އެ ބައިތަކަށް ބަލައިލާނަމެވެ. ޝައުގުވެރިކަމާ އެކު ދެން އަންނަ ބައިތައް ވެސް ކިޔަމުން ގެންދަވާށެވެ. ދެން އޮންނަ ބަޔަކަށް އިންތިޒާރުކޮށްލާށެވެ. ކެތްކުރުމުގެ "އިނާމަކަށް" ފުޅަށް ބުޑުގައި އޮވެ މަރުވާން ދޫކޮށް  ނުލައި، ކެތްކޮށްގެން ލިބޭ "ރިހައާއި ބަތް" ލިބޭނެކަމަށް އުއްމީދުކުރާށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *