ސަމާސާ އަދަބު: ވައިރޯޅިއާ އެކު ފައުޒިއްޔާގެ ފައިވާން ބަދަލުވި ގޮތް

ދުވަސްވަރަކީ ސުކޫލުތަކުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީގެ ދުވަސްވަރެވެ.  ދިވެހިންނަކީ އެކި ރަށްރަށަށާއި، ދުނިޔޭގެ އެކި ގައުމުތަކަށް ޗުއްޓީ ހޭދަކޮށްލަން ދާންބޭނުންވާ ބައެކެވެ. ފައުޒިއްޔާ އަކީ މާލޭގައި ދިރި އުޅޭ ރާއްޖެތެރޭ މީހެކެވެ. މި ލިބުނު ޗުއްޓީގައި ފައުޒިއްޔާ ވެސް އޭނާގެ އަމިއްލަ ރަށަށް އާއިލާ ގާތަށް ދިޔައެވެ. އެއީ 2017 ވަނަ އަހަރެވެ. ފައުޒިއްޔާއަކީ މީހުންނާ ގުޅޭ ވަރަށް ހިތްހެޔޮ  އަދި އެހާމެ ސަކަރާތްޖަހާ މީހެކެވެ. ރަށަށް ދެވުމުން ފައުޒިއްޔާގެ ގޭގެ ކައިރި އަވަށްޓެރިންނާއެކު ވަގުތު ހޭދަކޮށް އެމީހުން ކުރާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެއެވެ. އެގޮތުން ފަތް ތެއްލުމަކީ އެރަށު މީހުން އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އެކަމަށް ފައުޒިއްޔާ ވަރަށް އަތްމަތި އަވަސްވާނެއެވެ. އެހެންކަމުން އަވައްޓެރި ގިނަމީހުން އެކަން ކުރަނީ ވެސް ފައުޒިއްޔާ ބައިވެރިކޮށްގެންނެވެ.

ފައުޒިއްޔާއަކީ ރަށަށް ދެވޭފަހަރަކު ވެއްޖިއްޔާ މޫދަށްއެރި ނުލައި ހިތްހަމަޖެހޭ މީހެއް ނޫނެވެ.  ނަމަވެސް މިފަހަރު ޗުއްޓީ ނިންމާފައި މާލެއަންނަން ހަފުތާއަކަށްވީއިރު ވެސް އަދި ފައުޒިއްޔާއަށް މޫދަށްއެރެވޭ ގޮތެއްނުވެއެވެ. މިކަމާ ދެރަވެގެން ގޭމީހުން ގާތުވެސް އޭނާއަށް މިވާހަކަ ދެއްކުނު އަދަދެއް ނޭނގެއެވެ. އެހެންކަމުން މިކަމާ ފައުޒިއްޔާ ވަރަށް ވިސްނަން ފަށައިފިއެވެ.

ފައުޒިއްޔާ ކިތަންމެ މޫދަށް އެރޭ ހިތްވިޔަސް އެކަނި މޫދަށް އެރޭކަށް ނުކެރެއެވެ. އެހެންކަމުން އެއްދުވަހަކު މާ ބޮޑަށް މޫދަށް އެރޭހިތްވެގެން އަނެއްކާ ވެސް މިވާހަކަ ކޮއްކޮމެންގެ ގާތުގައި ދައްކައިފިއެވެ. ނަމަވެސް އެކަކުވެސް މޫދަށް އެރޭ ފިކުރެއް ނުކުރިއެވެ. ސަބަބަކަށްވީ އެ ދުވަހަކީ މޫސުމަށް ބަލާއިރު ތަންކޮޅެއް ވައިގަދަ ދުވަހެކަށްވުމެވެ. ކޮއްކޮމެންގެ ބަހަނާއަކަށްވީ ވައިގަދަވީމަ ހީކަރުވާނެކަމާއި، އެއްވެސް މަޖަލެއް ނުވާނެކަމެވެ. ނަމަވެސް ފައުޒިއްޔާ ހުރީ ހަމަ އެ ދުވަހު މޫދަށް އެރޭ ހިޔާލުގައެވެ. އެހެންވެ ޖެހިގެން ހުރިގޭ ސަމީރާ ގާތު މިވާހަކަދައްކައިފިއެވެ. ސަމީރާމެން ގޭގެ އެހެންމީހުން ވެސް ތިބީ މޫދަށް އެރޭ ފިކުރެއްގައެއްނޫނެވެ. ނަމަވެސް ސަމީރާ ހުރީ ހަމަ މޫދަށް އެރެން ތައްޔާރަށެވެ. އެހެންވެ ފައުޒިއްޔާއާއި ސަމީރާ އަސުރު ނަމާދުކޮށްލައިގެން މޫދަށްދާން ތައްޔާރު ވެއްޖެއެވެ. މި ދެވެރިން ވަރަށް އުފަލުން މޫދަށް އެރުމަށްޓަކައި ރަށުގެ އުތުރުކޮޅަށް ހިނގައިގެންފިއެވެ. ދިޔަ މަގުމަތީގައި ސަމީރާގެ ބޭބެގެ ދަރިފުޅު ވިހައިގެން އޮތްވާހަކަ ސަމީރާ ބުނުމުން ފައުޒިއްޔާ އެގެއަށް ވަންނަން ބޭނުންވެއްޖެއެވެ. އެހެންކަމުން އެ ގެއަށްވަދެ، ވިހައިގެން އޮތް ކުއްޖާއާއި ކުޑަކޮށް ވާހަކަދައްކާލަން 10 ވަރަކަށް މިނިޓު އެގޭގައި މަޑުކުރުމަށްފަހު، ދެމީހުން އެގެއިން ނިކުމެގެން މޫދާ ދިމާއަށް ހިނގައިގެންފިއެވެ.

ފައުޒިއްޔާއާއި އެކު މޫދަށް އެރެން މިދާ ސަމީރާއަކީ ވެސް މާރަނގަޅަށް ފަތަން އެނގޭ މީހެއްނޫނެވެ. އެހެންކަމުން މި ދެމީހުން ނިންމީ މޫދަށް އެރުނަސް މާފުނަށް ނޭރި ރާޅުފެންޖަހާ ހިސާބުގައި ތިބޭށެވެ. އާންމުކޮށް ރަށުގެ އުތުރުފަރާތަކީ ގިނަ ބަޔަކު މޫދަށް އެރެން ދާދިމާއެކެވެ. ނަމަވެސް އެ ދުވަހު މޫދަށް އެރި އުޅޭ އެކަކުވެސް ނުފެނެއެވެ. އިރުކޮޅެއްތެރޭ ފައުޒިއްޔާމެން މޫދަށް އެރިއްޖެއެވެ. މޫދަށް އެރުނުއިރުވެސް ފުދޭ ވަރަކަށް ވައިޖެހެއެވެ. އެހެންކަމުން ކުޑަކޮށް ހީކަރުވާގޮތްވިއެވެ. މޫދުގައި 15 ވަރަކަށް މިނިޓު ވީތަނާ ވައިރޯޅި ބާރުވެ، ރާޅުތައް ބޮޑުވާން ފަށައިފިއެވެ. ނަމަވެސް ފައުޒިއްޔާމެން ތިބީ މޫދަށް އެރުނު ގޮތަށް އެތިބި ތަނުގައެވެ. އެކަކު ވެސް ދުރަކަށް ނުދެއެވެ. އިރުކޮޅަކުން ގަދަ ވައިރޯޅިއެއް އައިސް މޫދުގެ ލޮނުގަނޑަށް ވެސް ބަދަލެއް އައިހެން ހީވިއެވެ. ހަމަ އެވަގުތު ފައުޒިއްޔާ ފީނާލައިފިއެވެ. އިރުކޮޅަކުން ފައިގައި އޮތް ފައިވާން ދޫވެއްޖެއެވެ. ފައިވާން ނަގައި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އަސްތާ! މިއޮތީ ދެކަހަލަ ދެފައިވާން ކިބައެވެ. ފައުޒިއްޔާ، ސަމީރާގެ ފައިވާން ޗެކުކޮށް ބެލިއިރު ސަމީރާގެ ފައިވާން ރަނގަޅެވެ. ހަމައެއްކަހަލަ ދެފައިވާން ކިބައެވެ. ނަމަވެސް ފައުޒިއްޔާގެ ފައިވާން މިއޮތީ ތަފާތު ދެކިބައަށް ބަދަލުވެފައެވެ. އެންމެ ފަހުން ފައުޒިއްޔާ ނިންމީ އެއީ ދެންމެ އައި ވައިރޯޅީގެ ސަބަބުން ފައިވާން ބަދަލުވީ ކަމަށެވެ. އިސާހިތަކު މޫދުން އަރައި މުޅި ގޮނޑުދޮށް ބަލައި ހެދިއިރު ވެސް ބަދަލުވެފައިވާ ފައިވާނުގެ އެހެން ކިބައެއް ވެސް ގޮނޑުދޮށުން ނުފެނުނެވެ.

އިރުކޮޅަކު ބެލުމަށް ފަހު، ގެއަށް ދާން ދެވެރިން ހިނގައި ގަނެފިއެވެ. ދިޔަ މަގުމަތީގައި ވެސް ދެކެވުނީ ފައިވާން ބަދަލުވި ގޮތުގެ ވާހަކައެވެ. ދެމީހުން ވެސް ތިބީ މިވީ ގޮތަކާ މެދު ހައިރާންވެ، އަންތަރީސްވެފައެވެ. ގޭދޮށަށް ދެވުމާއެކު ފެންވަރަން ވެސް ނޫޅެ ފައިވާން ބަދަލުވީ ގޮތް ގޭ އެންމެނަށާއި އަވަށްޓެރިންނަށް ވަރަށް ފޯރިއާއެކު ކިޔައިދީފިއެވެ. ކޮންމެ މީހަކުވެސް މިވާހަކަ އަޑުއަހާފައި ބުނަނީ ގޮނޑުދޮށަށް ލައްގައިފައި ނެތް ހެއްޔެވެ. އެ ސުވާލަށް ޖަވާބު ދެމުން ފައުޒިއްޔާ ބުނީ ގޮނޑު ދޮށުގައި ނުބަލާ ތަންކޮޅެއް ވެސް ނުހުންނާނެ ކަމަށެވެ.

އެންމެ ފަހުން އެރޭ އިޝާ ނަމާދުކޮށްގެން ފައުޒިއްޔާ ނިންމީ ކޮއްކޮއާއެކު ފައިވާނެއް ގަންނަން ދާށެވެ.  އިޝާ ނަމާދު ކޮށްލައިގެން ފިހާރައަށް ދިއުމުގެ ކުރިން ސަމީރާމެންގެއަށް ވަދެ އެގޭ ޖޯލިފަތީގައި އިށީނދެ އިނދެ، އެ ގޭ މީހުނަށް ވެސް ވައިރޯޅިއަކާ އެކު ފައުޒިއްޔާގެ ފައިވާން  ބަދަލުވި ގޮތުގެ ޖާދޫ ކިޔައިދީ އަރައިގެން އިން ފައިވާން ދައްކާ ހަދަނިކޮށް އެތަނަށް އައިސް މަޑުކޮށްލީ އެ ގޭ ސަމީރާގެ ބޭބެގެ ހަގު އަންހެން ދަރިފުޅެވެ. ކުއްލިޔަކަށް އެ ކުއްޖާއަށް ފައުޒިއްޔާ އަރައިގެން ހުރި ފައިވާން ފެނިފައި ބުންޏެވެ. ތި ކަހަލަ ފައިވާން ކިބައެއް އަހަރުމެންގެ ގޭ ދޮރުމަތީގައި އެބަހުއްޓެވެ. އަސްތާ! އެހެން ބުނުމާއެކު ކުއްލިއަކަށް ފައުޒިއްޔާ މި ހަނދާންވީ މޫދަށް ދިޔަ މަގުމަތީގައި އެގެއަށް ވަދެވުނު ކަމެވެ. އެގެއިން ނިކުތްއިރު އެގޭ އެހެން މީހެއްގެ ފައިވާން ކިބަޔަކަށް އަރައިގެން ދެވުނީއެވެ. ވަގުތުން ޖޯލިފަތީގައި ތިބި އެންމެން ފައުޒިއްޔާ އާއި ދިމާކޮށްކޮށްފައި ބިނދިބިނދިފައި ހޭންފަށައިފިއެވެ. އޭގެފަހުން ފައުޒިއްޔާ ޗުއްޓީއަށް ރަށަށް ހިނގައްޖެނަމަ، މޫދަށް ގެއްލުނު ފައިވާނޭ ކިޔާ ދިމާކޮށް ހެދުން އާދައަކަށް ވެއްޖެއެވެ.

10 Responses

  1. ރާޅު ފެންޖަހާ ހިސާބަކީ ކޮބާ؟

  2. ވަރަށް ރީތި އެހާމެ މަޖާ ޝައުގުވެރި ކަމާއި އެކު ނިންމާލެވުނު

  3. ރާޅު ފެންޖަހާ ހިސާބަކީ ކޮބާ؟

  4. ޢިންޝަﷲ ފަަޢުޒިޢްޔާޢަށް ފަަޢިވާނު ފެންނާނެޢެވެ.

  5. ވަރަށް ރީތި މަޖާ ވާހަކައެއް

  6. ފައިވާނާ ގުޅޭ ވަރަށް ގިނަ ހަޤީޤީ މަޖާ ވާހަކަތައް ހުރޭ، އިތުރު ވާހަކަތައް ގެނެސް ދެއްވާނެކަމަށް އުއްމީދުކުރަން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *