މުހާވަރާތަކުން ސަގާފަތާއި، އާދަކާދަ ދައްކުވައިދޭ ގޮތް ވަރަށް ޝައުގުވެރި! (ދެވަނަބައި)

ވޭތުވެދިޔަ، ދުރު އަދި ކައިރި މާޒީގައި ދިވެހިންނާއި ބޭރުގެ ބައެއް ދަތުރުވެރީން ވަނީ ދިވެހި ބަހާއި ސަގާފަތާއި އާދަކާދައާ ބެހޭ ގޮތުން ކޮންމެވެސް މިންވަރަކަށް ދިރާސާކޮށްފައެވެ. އަދި ސަގާފަތާއި އާދަކާދައާއި މުޖުތަމަޢުގެ އަގުތަކާއި މުޙާވިރާއާ ގުޅިގެންދާ ގޮތުން ބައެއް ޢިލްމީ ލިޔުންތައް ވެސް ލިޔުއްވާފައެވެ. އެހެން ނަމަވެސް މުޙާވަރާތަކާއި ދިވެހި ސަގާފަތާއި އާދަކާދަތަކާއި މުޖުތަމަޢުގެ އަގުތަކާއި ގުޅިގެންދާ ގޮތުގެ ޢިލްމީ ފުން ދިރާސާއެއް އަދާހަމައަށް ވެސް ކުރެވިފައިވާ ތަނެއް ފެންނާކަށް ނެތެވެ. އެހެންކަމުން މިއީ މި ދާއިރާއިން ކުރެވޭ ވަރަށް ވެސް އަގުހުރި މަސައްކަތަކަށްވާނެކަމަށް ދެކެމެވެ.

މިފަދަ ދިރާސާއެއްގެ އަލީގައި ބަހުގައި ހިމެނޭ މުހާވަރާތަކުން އަދަބިއްޔާތާއި ސަގާފަތާއި އާދަކާދައިގެ އިތުރުން އިޖުތިމާޢީ އަގުތައް ދައްކައިދޭކަން ސާބިތުކޮށްދީ، މުޙާވަރާތަކާއި އާދަކާދަ ގުޅިގެންދާ ގޮތް އެނގި މި އަދަބު ދިރުވުމަށް އިތުރު ބާރެއް ލިބި، ކުރިމަގުގައި މުޅިން އައު މުޙާވަރާތައް އުފަންކުރުވުމަށް މަގުކޮށިގެންދާނެއެވެ. އަދި އަންނާން އޮތް ޖީލުތަކުގެ ދަރީންގެ މެދުގައި ބަހާއި އަދަބަށް ޚިދުމަތްކުރުމުގެ ރޫޙު އައުވެ އާލާވެ، އޭގެ ފައިދާ ބަހާއި އަދަބަށްކުރާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކާބަފައިންގެ ފަރާތުން ލިބިދީފައިވާ މި އަމިއްލަވަންތަކަން ގެއްލި ދިއުމަކީ ކޮންމެ މުޖުތަމައަކަށް ވެސް ލިބޭނޭ އިޔާދަނުކުރެވޭނޭ ފަދަ ބޮޑު ގެއްލުމަކަށް  ވީއިރު، އަންނަން އޮތް ޖީލުތަކާއި ހަމައަށް އަދަބުގެ މި ބައިތައް ވާސިލްކޮށްދިނުމަކީ ދިރިތިބީން މިއަދު ކޮންމެހެން ވެސް ކުރާންޖެހިފައިވާ ކަމެކެވެ. މިއަދުގެ ޒުވާނުންނަކީ އާދަކާދައާއި ސަގާފަތުގައި ހިމެނޭ ކަންކަމަށް ލޯ ހުޅުވިފައިވާ ބަޔަކަށް ނުވެއްޖެނަމަ މިފަދަ މުހިއްމު އަދަބުތައް އުވި، ނެތިގެން ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ. މި ސުރުޚީއަށް ހަދާފައިވާ ދިރާސާތަކަށް ފާޑުކިޔުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އާދަކާދަ އާއި ސަގާފަތް ދިރުވައިއާލާކޮށް އެ ކަންކަން ރަމްޒުކޮށްދޭ  ކަންތައްތައް ހޯދައިބަލައި  ކުރިއަށް އޮތް ޅަޖީލުތަކަށް މި ކަންކަން ވާޞިލުކޮށްދިނުމެވެ. ދަންބެރަށް ވުރެ ތަގުޑި ދިގުކުރާކަށް ނެތީމެވެ. އަޅުގަނޑު ކުރަން މިއުޅޭ ކަމަކީ މުހާވަރާއިން ސަގާފަތާއި، އާދަކާދައާއި އިޖުތިމާޢީ އަގުތައް ދައްކުވައިދޭތޯ ބެލުމެވެ. އެހެންކަމުން މި ބައިގައި ހިމަނާފައިވާނީ ބަހާއި ސަގާފަތާއި އާދަކާދަ އޮންނަ ގޮތާއި ގުޅޭ ގޮތުން އިލްމުވެރިން ލިޔުއްވާފައިވާ އެކިއެކި ލިޔުއްވުންތަކުން ލިބިފައިވާ މައުލޫމާތުތަކުގެ ޚުލާޞާތަކާއި، މީގެ އިތުރުން މި ދާއިރާއިން ކުރެވިފައިވާ ދިރާސާތަކުގެ މުރާޖަޢާއެވެ.

ކާކު ކޮންއިރަކު ހެދި އެއްޗެއްކަން ކަނޑެޅިގެން އެނގެން ނެތް ނަމަވެސް ދިވެހި މުޖުތަމަޢުގައި ބޭނުންކުރާ މުޙާވަރާތަކެއް އެބަހުއްޓެވެ. އަދި އެކި ގޮތްގޮތުން އެ ތަކެތީގެ ބޭނުން ވެސް މިއަދާ ހަމައަށް ވެސް ދިވެހިން ކުރަމުން ވެސް ދޭމެއެވެ. ބަހުގެ މުހާވަރާއަކީ ކޮންއެއްޗެއްކަން ހާމަކޮށްދެއްވަމުން ދިވެހި ބަހުގެ އުސްތާޛް ޢަބްދުﷲ ޞާދިގު (2008) ވިދާޅުވެފައިވަނީ "މުހާވަރާ" މި ލަފުޒުގެ އަސްލަކީ އަރަބި ބަސް ކަމަށެވެ. މި ލަފުޒު ޢަރަބި ބަހުން އުރުދޫ ބަހުގެ މަގުން ދިވެހި ބަހަށް ދަތުރުކުރީ ކަމަށް އޭނާ ވިދާޅުވެއެވެ. ހަރުބަހާ، މުސްކުޅިބަހާއި މިސާލުބަހަކީ އާންމު އަދަބުކަމުގައެވެ. އެއީ އެ ތަކެއްޗަކީ އާންމުންގެ ތެރެއިން އުފެދި، އެމީހުންގެ ދޫދޫމަތިން ކިޔަމުން އައިސްފައިވާ އަދަބީ ޚަޒާނާއެއްކަމުގައެވެ. އެޗް.ސީ.ޕީ.ބެލް (1924) އާ ހަވާލާދެއްވައި ޢަބްދުﷲ ޞާދިގު (2008) ބަޔާންކުރައްވަނީ "ގައުމެއްގެ މުހާވަރާތަކަކީ އެ ގައުމެއްގެ ލޮލަށް ވުރެ ވަކި ބާރުކުޑަ އެއްޗެއް ނޫނެވެ." ވަކި ނަޒަރަކުން ބަލާއިރު ބޮޑަށް ބުރަދަން ހުރެފައި އަޞްލެއް އެކުލެވޭ އިބާރާތެއް ނަމަ، އެ އިބާރާތަކީ މުހާވަރާއެކެވެ. މުހާވަރާއަކީ ވަރަށް ވެސް ފުން ޚިޔާލުތަކަކާއި ޙިކުމަތްތެރި ވިސްނުންތަކުން ހެދިފައިހުންނަ ޖުމުލައެއް ނުވަތަ އިބާރާތެއް ފަދަ ކުރު އެއްޗެއް ނަމަވެސް އެއީ ވަރަށް ގިނަ ވާހަކަތަކާއި ކަންކަމެއް އޭގެ މާނަ އާއި އޭގެ އަޞްލިއްޔާތުގައި ހިމެނޭ ގޮތަށް ހެދިފައިހުރި ތަކެތި ކަމަށެވެ. ޙަބީބު (2008) ބަޔާންކުރައްވާފައިވާ ގޮތުގައި، ބަހުގައިވާ އެންމެ ޚާއްޞަ ސިފަތައް ކަމަށްވާ ތޫނުފިލިކަމާއި، ބުއްދިވެރިކަން އަދި ބަހުގެ ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަން ދޭހަކޮށްދެނީ މުހާވަރާއިންނެވެ. އެހެންކަމުން މުހާވަރާއަކީ އެ ބަހެއްގައި ހިމެނޭ އަދަބުގެ ނުހަނު ބޭނުންތެރި، އަދި އެހާމެ މުހިންމު ބާވަތެކެވެ. މީގެއިތުރުން މުހާވަރާއަކީ އެ ބަޔަކު ދިރިއުޅެމުންދާ މާޙައުލާ ޘަގާފަތާ ގުޅޭގޮތުން ހެދިފައި ހުންނައެއްޗެއް ވެސް މެއެވެ. ދުނިޔޭގައި މޮށެއުޅޭ އެހެން ބަސްބަހާއި ބަހުރުވަތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައި ދިވެހިބަހާއި ބަހުގެ ބަހުރުވަތަކުގައި ވެސް މިގޮތަށް ހެދިފައި ހުރި މާނަފުން، ޙިކުމަތްތެރި މުހާވަރާތައް ހުރެއެވެ. އެ ތަކެއްޗަކީ ތަފާތު އެކި ދުވަސްވަރުމަތިން ހެދިފައިހުރި މުހާވަރާތަކެވެ. އެއީ ޘަގާފަތާއި އާދަކާދަތަކުގެ ތެރެއިން ވަރަށް ގިނަ ޤަބޫލުކުރުންތަކާއި ވިސްނުންތަކުން އުފަންވެ ފައްކާވެފައިވާ އަދަބުގެ ބާވަތެއްކަން ހާމަވަނީ މި ދެންނެވި ސަބަބުތަކަށްޓަކައެވެ.

ކޮންމެ ގައުމެއްގައިމެ، ނުވަތަ ކޮންމެ މުޖުތަމައެއްގައިމެ މުހާވަރާތައް ހެދިފައި ހުންނާނީ އެ ގައުމެއްގެ ވެށީގައި ހިނގާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން ކަމަށް ދުށުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު އެންމެންމެ، އިއްތިފާގުވާނޭ ކަމެކެވެ. އެ ގޮތުން ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް ވުމާއި މަސްވެރިކަމަކީ އިހު ދިވެހީން ދުށް ގޮތުގައި، ޚާއްޞަ ގޮތެއްގައި، ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ ތަރައްގީވެ އޭގެ މަންފާ މުޅި ގައުމަށް ލިބެން ފެށުމާ ހަމައަށް، ދިވެހީން ބަލަމުން އައި ގޮތުގައި، މަސްވެރިކަމަކީ ރާއްޖޭގެ ލޭނާރު ކަމަށް ވާތީ ކަނޑުފަޅާއި މަސްވެރިކަމާއި ގުޅިގެން އައިސްފައިވާ މުހާވިރާތައް ނިސްބަތުން ގިނަ ވާނޭ ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ އިހުގެ ދިރިއުޅުމުގެ ވައްޓަފާޅިހުރި ގޮތާއި، ދަނޑުވެރިކަމާއި، ރާ އެރުން، ބޮލިހިލުން ފަދަ ސަގާފީ މަސައްކަތްތަކާއި ގުޅިގެން ހެދިފައިވާ މުހާވިރާތައް ގިނައިން ފެންނާން ހުންނާނޭ ކަމަށް ބެލެވެއެވެ. އެހެންކަމުން އާދަކާދައިގެ ސަބަބުން މުހާވިރާތައް އުފެދިގެން އަންނަނީ ކިހިނެއްކަމާއި، މުހާވިރާތައް އުފެދުމުގައި ސަގާފަތް ކުޅޭ ދައުރަކީ ކޮބައިކަމާއި، އަދި މުހާވަރާއިން ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ އަގުތައް ދައްކުވައިދޭ ގޮތަކީ ކޮބައިތޯ ބެލުމަކީ މި ސުރުޚީގެ މައިގަނޑު ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބުތައް ހޯދުމަށް ނުހަނު ފުނަށް ފީނާންޖެހެއެވެ. ނުފުރޮޅާ އެންމެ ގަލެއް ވެސް ނުބާއްވައި، ދުނިޔޭގެ ހަތަރު ބިތުން، ދުރާއި ގާތުން މަޢުލޫމާތު އެއްކުރާންޖެހެއެވެ. އެހެންކަމުން މިދަތުރަކީ އުނދަގޫ ދަތުރަކަށް ވާނެ ދަތުރެކެވެ. އެހެނަސް ހިތްވަރު އެލުވާނުލައި ދަތުރަށް މި ފަށަނީ "ދަތުރު ފެންނާނީ ފުރީމާކަން" އެނގޭތީއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *