ދޮޅުއަހަރު ދުވަސް ވަންދެން ކިޔަވައިދިނުމަށްފަހު، ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް ބޮޑުޗުއްޓީ މިއަދު ދީފިއެވެ. މިފަހަރު ބޮޑު ޗުއްޓީދިނީ ދޮޅުމަސްދުވަހަށެވެ. މިއަދު މިނިމުނީ މިދިޔަ އަހަރު ޖެނުއަރީމަހުގެ 10 ވަނަ ދުވަހުފެށި ދިރާސީއަހަރެވެ.
މީގެ ކުރިން އަހަރުގެ ފަހުކޮޅު ބޮޑުޗުއްޓީ ދިން ނަމަވެސް ކޮވިޑްގެ ހާލަތާގުޅިގެން ކިޔަވައިދިނުން 6 މަސްދުވަހަށް އިތުރުކޮށް މިއަހަރުންފެށިގެން ބޮޑުޗުއްޓީ ޖޫންމަހުގެ ފަހު ކޮޅުންފެށިގެން ލިބޭގޮތަށް މިހާރުވަނީ ދިރާސީ ކަލަންޑަރަށްވެސް ބަދަލު ގެނެސްފައެވެ. މިއީ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއެކު ބޮޑުޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައިވެސް މިއަދުވަނީ ރިޕޯޓްފޯމްދީފައެވެ. އެހެން ސްކޫލްތަކާއެއްގޮތަށް އަޙްމަދިއްޔާގައިވެސް ރިޕޯޓްފޯމްދިނީ އޮންލައިންކޮށެވެ. މިއަދު ހަވީރު ރިޕޯޓްފޯމްދިނީ، ގްރޭޑް 8،7 އަދި 9 ގެ ދަރިވަރުންނަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އަޙްމަދިއްޔާގެ ޕްރީސްކޫލާއި ޕްރައިމަރީގެ ދަރިވަރުންނަށްވެސްވަނީ މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރިޕޯޓްފޮތްދީފައެވެ. އޭލެވެލް ކުލާސްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް މިހާރުވަނީ ރިޕޯޓްފޯމްފޮނުވިފައެވެ.
އަހްމަދިއްޔާގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އެކުދިންގެ "ދަސްވެނިވުން" ފާހަގަ ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ޖުލައިމަހުގެ 1 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކަމަށް ސްކޫލުން މަޢުލޫމާތު ލިބިފައިވެއެވެ. މިރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީވެސް އޮންލައިން ކޮށެވެ.

ކޮވިޑްއާ ގުޅިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި އާންމުގޮތެއްގައި ކިޔަވައިދެމުން ދިޔައީ އޮންލައިންކޮށެވެ. ކޮވިޑް ކޭސްތައް މަދުވި ދުވަސްތަކުގައި ސްކޫލްތަކަށް ގެންގޮސްގެން ކިޔަވައިދިނެވެ. އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައި ދިނީ ސްކޫލްތަކަށް ކުދިން ގެންގޮސްގެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.