الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ﷲ سبحانه وتعالى ދުނިޔެއަށް ފޮނުއްވި އެހެނިހެން ނަބިއްޔުންނެކޭ އެއްފަދައިން މިއުންމަތުގެ ނަބިއްޔާ އަދި އެންމެފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވެސް ނަބީކަމާއިގެން ފޮނުއްވަވާ އެންމެފުރަތަމަ ވެސް އެގައުމުގެ މީސްތަކުންނަށް އެންގެވީ ﷲ އަށް އެކަނި އަޅުކަންކުރުމަށެވެ. އެއީ އެބައިމީހުންވެސް ޤަބޫލުކުރަމުން ދިޔަ ފަދައިން އެބައިމީހުންނާއި އަދި ދުނިޔޭގެ އެންމެހައި ކަމެއް ހިންގަވާކަމުގައި އެބައިމީހުން ޤަބޫލުކުރަމުން ދިޔަ ޚާލިޤުވަންތަ އިލާހު ﷲ އަކީ އެމީހުންގެ އެންމެހައި އަޅުކަންވެސް ހައްޤުވާ ފަރާތް ކަމުގައެވެ. އަޅުކަމުގެ ޙައްޤަކީ އެންމެ އިލާހަކަށް ލިބިގެންވާ ޙައްޤެއް ކަމެވެ. ގިނައިލާހުންތަކަކަށް ލިބިގެންވާ ހައްޤެއް ނޫނޭއެވެ. ވީމާ އެބައިމީހުން އެހެނިހެން އިލާހުންތަކަށް ކުރަމުން ދިޔަ އަޅުކަންތައް ހުއްޓާލައި އިސްލާމްވުމަށް އެނަބިއްޔާ އެބައިމީހުންނަށް ގޮވާލެއްވިއެވެ. އަދި ފުރަތަމަވެސް އެބައިމީހުންނަށް އަމުރުވެވުނީ އެމީހުން އެކުރަމުން ދިޔަ އަޅުކަންތައް ހުއްޓާލުމަށެވެ. އެއީ އެކީ އެކައްޗަކަށެވެ. އެމީހުން ކުރަމުން ދިޔަ ޝިރުކުގެ ކުޑަ ނަމަވެސް މިންވަރެއް ނުވާފަދައިންނެވެ. މާތްވެގެންވާ ޝަހާދަތުގެ ފުރަތަމަ ކަލިމައިގެ ފުރަތަމަ ބައި އެއިޝާރާތް ކުރަނީ އެޢަމަލަށެވެ. "لاَ إِلَــٰـهَ" މީގެ މާނައީ އަޅުކަންވެވޭ އެންމެހައި އިލާހުންތައް ނަފީކުރުމެވެ. އެއެންމެހައި އަޅުކަމެއް ހުއްޓާލުމެވެ. އެފަދަ އެއްވެސް އަޅުކަމެއް ނުކުރުމެވެ. އެއީ އެއްގޮތަކަށްވެސް ކުރުން ޙައްޤުވެގެންވާ ކަންކަން ނޫންކަމެވެ. ވީމާ އެހިސާބަށް ކިޔުމުން އެކިޔާމީހަކަށް އެއިޤްރާރު ވެވެނީ ނުވަތަ އެއެއްބަސް ވެވެނީ ޝިރުކުގައި އަދި ކުފުރުގައި ވާމީހާ އޭނާ އިސްލާމްދީން ޤަބޫލުކުރުމާއެކު، އަޅުކަމެއް އަދާކުރެވޭނެ އެއްވެސް ފަރާތެއް ނުވާކަމެވެ. އެހެންގޮތަކަށް ބުނަނީނަމަ އެބައިމީހުން އެހައިތަނަށް އެއަދާކުރަމުން ދިޔަ އަޅުކަންތައް ބާޠިލުކަމެވެ. އަދި ދެން އެކަން ނުކުރާނެކަމެވެ. މިވަގުތުން ފެށިގެން އެކަންކަން ހުއްޓާލީ ކަމަށެވެ. އެއްވެސް އެއްޗަކަށް އަޅުކަން ނުކުރަމޭ ބުނެ އެތީސްޓުންނަށް ވެގަނެގެން އުޅުނު މީހުންނަކީ ޙަޤީޤަތުގައި އެބައިމީހުންގެ ހަވާނަފްސު އެއީ އިލާހެއް ކަމުގައި ހަދައިގެން އުޅުނު ހަވާނަފްސަށް އަޅުވެތިވެފައިތިބި، އެހަވާނަފްސަށް އަޅުކަން ކުރަމުން ދިޔަ ބައެކެވެ. އެފަދަ މީހަކު މިކަލިމައިގެ އެބައިކިޔުމުން އެބުނެވެނީ އެހަވާނަފްސަށް އަޅުކަން ކުރުން ހުއްޓާލީ ކަމުގައެވެ. މިބައިމީހުންގެ ވާހަކަވެސް ޤުރުއާނުގައި ގެންނަވާފައި ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ﴾ [الجاثية: 23] މާނައީ: [ފަހެ އެމީހެއްގެ ހަވާނަފްސު އެއީ އޭނާގެ އިލާހު ކަމުގައި ހެދިމީހާ ތިބާއަށް ފެނުނުހެއްޔެވެ؟ ﷲ (އެމީހަކީ އެފަދަ މީހެއްކަން) ދެނެވޮޑިގެންވެ، އެކަލާނގެ އޭނާ މަގުފުރެދުމަށް ދޫކޮށްލެއްވިއެވެ. އަދި އޭނާގެ އަޑުއިވުމުގައި އަދި އޭނާގެ ހިތުގައި އެކަލާނގެ ސިއްކަ ޖެއްސެވިއެވެ. އަދި އޭނާގެ ފެނުމުގައި ފަރުދާއެއް ލެއްވިއެވެ. ފަހެ ﷲ އަށްފަހުގައި އޭނާއަށް ހިދާޔަތް ދައްކަވާނީ ކާކުހެއްޔެވެ؟ ދެން ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟] ވީމާ ޝަހާދަތު ކަލިމައިގެ ފުރަތަމަ ތަންކޮޅު ކިޔުމާއެކު އޭނާގެ އިސްލާމްކަން ފުރިހަމަވުމަށްޓަކައި މިހުރިހައި އިލާހުންތަކާއި އެއިލާހުންނަށް ކުރެވޭ އެންމެހައި އަޅުކަމެއްވެސް ދޫކޮށްލަން ޖެހުނީއެވެ. ޝަހާދަތުގެ ފުރަތަމަ ކަލިމައިގެ ދެ ރުކުނެއް ވާކަމާއި، އޭގެ ފުރަތަމަ ރުކުނަކީ އެކަލިމައިގެ މިބައިގެ ދަށުން މިފަދައިން ޢަމަލުކުރުން ކަމުގައި ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާ ބަޔާންކުރައްވާފައެވެ. އަދި އޭގެ ދެވަނަ ރުކުނަކީ ދެން ބާކީ އޮންނަބައެވެ. އެއީ "إِلاَّ اللهُ" އެވެ. މިބައިގެ މާނައީ އެންމެހައި އަޅުކަމެއް ސާބިތުކުރަނީ އަދި ކުރާނީވެސް ﷲ އަށް އެކަނި ކަމެވެ. މިހާހިސާބުން މިޝަހާދަތުގެ ކަލިމަ ކިޔާމީހާ އޭގެ ދެވަނަ ރުކުން އޭނާގެ ޢަމަލުން ސާބިތުކުރަން ޖެހެއެވެ. އެއީ އަޅުކަން ޙައްޤުފަރާތަކީ މާތްﷲ ކަމުގައި އިޤްރާރުވުމާއެކު، އެފަދައިން އެގޮތަށް އޭނާގެ ޢަމަލުތައް އަނބުރާލައި އޭނާގެ ކުރީގެ މާޟީވެދިޔަ ދިރިއުޅުން މުޅީން ބަދަލުކޮށް، ﷲ އަށް އަޅުކަން އަދާކުރަން ފެށުމެވެ. ރަސޫލާ صلى الله عليه وسلم މިފަދައިން މީސްތަކުން ލައްވާ ކިޔުއްވާ، ބުދަށާއި އެބައިމީހުންގެ ހަވާނަފްސަށާއި އަދި މިނޫންވެސް އޭތި މީއްޗަށް އަޅުކަން ކުރަމުން ދިޔަ މީހުން އެއަޅުކަންތަކުން ދުރުކުރެއްވުމުގައި މައްކާގައި އެކަނިވެސް 13 އަހަރު ދުވަސް ހޭދަކުރެއްވިއެވެ. އެ ތޭރަ އަހަރުގެ ތެރޭގައި އެކަލާނގެއަށް ކުރާނެ މާކަގިނަ އަޅުކަންތަކެއް ރަސޫލާ صلى الله عليه وسلم ބުނެދެއްވާފައެއް ނެތެވެ. އެއީ އެކަލޭގެފާނަށް އެކަންކަން އަދި އެހައިތަނަށް ޝަރުޢު ކުރައްވާފައިވެސް ނެތުމުންނެވެ. ރަސޫލާ صلى الله عليه وسلم އަށް އެންމެފުރަތަމަވެސް މާތް ﷲ އަމުރުކުރެއްވީ ކިޔެވުމަށެވެ. އެއީ އެންމެ ފުރަތަމަ ޖިބްރީލު عليه السلام ނަބިއްޔާ صلى الله عليه وسلم އަށް ކިޔައިދެއްވާ ޤުރުއާނުގެ އާޔަތްތައް ކިޔުއްވުމަށް ކުރެއްވި އަމުރުފުޅެވެ. އެހިނދުގައި ރަސޫލާ صلى الله عليه وسلم ކިޔައިދެއްވޭނެ އެއްޗެއް ހިތުގައިވެސް ނެތެވެ. އަދި އެކަލޭގެފާނަކަށް ލިޔަންކިޔަން އެނގިވަޑައި ނުގަންނަވާތީވެ ފޮތަކުންވެސް އެއްވެސް އެއްޗެއް ކިޔުއްވާފައި ނުވެއެވެ. އެހެންވެ އެވަގުތުގައި އެނަބިއްޔާ ވިދާޅުވީ "ތިމަންނާއަކަށް ކިޔާކަށް ނޭނގެއޭ" އެވެ. ޤުރުއާން ކިޔެވުމަކީ އެއީ ފުރަތަމަ ބާވައިލެއްވުނު އަޅުކަމެވެ. ޝައްކެއްވެސް ނެތެވެ. އަޅުކަން އަޅުކަމަކަށް ވަނީ ﷲ ކުރައްވާ އަމުރުފުޅު ފުރިހަމައަށް ހިތުގެ އަޑިން އެއީ އެއަމުރުފުޅަކަށް ތަބާވާންޖެހޭ އަމުރުފުޅެއް ކަމުގައި ޤަބޫލުކޮށް އެއަމުރުފުޅަށް ބޯލަނބައި ކިޔަމަންގަތުމުންނެވެ. އަދި އެކަމެއް އަހަރެމެން ކުރުމަށް އެކަލާނގެ ލޯބިކުރައްވާ އެއްވެސް ކަމެއް އެކަލާނގެ ޙަޟްރަތުން އެލޯބި ލިބުމަށް އެދިގެން އަހަރެމެން ކޮށްފިނަމަ އެކުރެވުނީ އަޅުކަމެކެވެ. ވީމާ އަޅުކަމުގެ ތަޢާރަފަކަށް ބަލާލާނަމަ އެންމެ ފުރިހަމަ ތަޢާރަފެއް ބަޔާންކުރައްވާފައިވަނީ އަލްއިމާމް އިބްނު ތައިމިޔާ رحمه الله އެވެ. އެގޮތުން "كِتابُ العُبُودِيَّة" ގެ ފުރަތަމަ ޞަފްޙާގައި ވިދާޅުވިއެވެ: "އަޅުކަމަކީ: ދުލުންބުނެވޭ ބަސްތަކުގެ ތެރެއިންނާއި ހިތުގެ ތެރޭގައި ފޮރުވިފައިވާ ޢަމަލުތަކާއި އަދި ބޭރުފުށަށް ފެންނަ ޢަމަލުތަކުގެ ތެރެއިން ﷲ އެކަމެއް ދެކެ ލޯބިވާ އަދި އެކަލާނގެ އެކަމަކަށް ރުއްސަވާ ކޮންމެ ކަމެއް އެކުލެވޭނޭހެން ދެވިފައިވާ ނަމެކެވެ. އެގޮތުން ނަމާދު، ޒަކާތް، ރޯދަ، ޙައްޖު، ތެދުބަހުން ވާހަކަ ދެއްކުން، އަމާނާތްތައް އަދާކުރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުން، ގާތްތިމާގެކަމުގެ ގުޅުން ބޭއްވުން، ޢަހްދުތަކަށް ވަފާތެރިވުން، ހެޔޮކަންތައްތަކަށް އަމުރުކުރުން، ނުބައިކަންކަން ނަހީކުރުން، ކާފިރުންނާއި މުނާފިޤުންނާއި ދެކޮޅަށް ޖިހާދުކުރުން، އަވަށްޓެރިޔާއަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި އާދަމުގެ ދަރީންގެ ތެރެއިން އަޅުކުރެވިފައިވާ މީހުންނަށްވެސް އަދި ޖަނަވާރުންނަށްވެސް ހެޔޮކޮށްހިތައި އިޙްސާންތެރި ވުމާއި، ދުޢާކުރުމާއި، ޛިކުރުކުރުމާއި، ޤުރުއާން ކިޔެވުމާއި އަދި އަޅުކަމުގެ ތެރެއިންވާ މިފަދަ ކަންކަމެވެ. އަދި ހަމައެފަދައިން ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ލޯބިވުމެވެ. އަދި ﷲ އަށް ބިރުވެތިވުމާއި ތައުބާވެ އެކަލާނގެއަށް ރުޖޫޢަވުމާއި އެކަލާނގެއަށް އަޅުކަން އިޚްލާޞްތެރިކަމާއެކު ކުރުމާއި، (ކައުނުގައި) އެކަލާނގެ ނިޔާކުރެއްވި ކަންކަމަށް ކެތްތެރިވުމާއި އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމާއި އެކަލާނގެ ޤަދަރުގައި ނިންމަވާ ކަންކަމަށް ރުހުމާއި އެކަލާނގެއަށް ތަވައްކުލު ކުރުމާއި އެކަލާނގެ ރަޙްމަތަށް އެދުމާއި އެކަލާނގެ ޢަޛާބަށް ބިރުވެތިވުމާއި މިފަދަ އެންމެހައި ކަންކަމަކީ ވެސް ﷲ އަށް އަދާކުރެވޭ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ." -اهـ-
އެބަޔާންވެ ދިޔަފަދައިން އެކަލާނގެ ލޯބިވެވޮޑިގަންނަވާ ކޮންމެ ޢަމަލަކީ އަދި އަނގައިން އެބަހެއް ބުނެގެން އެކަލާނގެ ލޯވިވެވޮޑިގަންނަވާ ކޮންމެ ބަހަކީ އެއީ އަޅުކަމެވެ. މީގެ ދަށުން އެކަލާނގެ އެލޯބިވެވޮޑިގަންނަވާ ބަސްތައް ބުނަންވެގެން އެއްވެސް އިންސާނަކަށް އެބަސްތަކެއް އަމިއްލައަކަށް ނުއެއް ހެދޭނެއެވެ. ނުވަތަ އެއީ މިވެނި އެވެނި ބަހެއް ކަމަކަށް އަމިއްލައަށް ކަނޑައަޅައި ނުނިންމޭނެއެވެ. އަދި އެކަލާނގެ ލޯބިވެ ވޮޑިގަންނަވާނެ ޢަމަލުތަކަކީ އެވެނި މިވެނި ޢަމަލުތަކެއްކަން އެއްވެސް އިންސާނަކަށް އަމިއްލައަކަށް ނުނިންމޭނެއެވެ. ޚުދު ރަސޫލުންނާއި ނަބީންނަށްވެސް އެކަންކަން އަމިއްލައަށް ނިންމުމުގެ ޙައްޤު ނޯވެއެވެ. އެކަލާނގެ ލޯބިވާ ކަންކަން އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. އިންސާނިއްޔަތުގެ ތެރެއިންވެސް އަދި އެހެން އެއްވެސް މަޚްލޫޤަކަށްވެސް މިކަންކަން ނިންމުމުގެ ޙައްޤެއް ނޯންނާނެއެވެ. ސަބަބަކީ އެއްވެސް އިންސާނަކު އެކަލާނގެއާ ބައްދަލުވެ އެމަޢުލޫމާތު ހޯދާފައި ނުވުމެވެ. އަދި އެއީ ވާނެވެސް ކަމެއް ނުމެ ނޫންމެއެވެ. ރަސޫލުންނާއި ނަބީންނަށްވެސް އެފަދަ މަޢުލޫމާތެއް ލިބެނީ ވަޙީގެ ޛަރީޢާއިން މަލާއިކަތަކު މެދުވެރި ކުރައްވާ އެވާހަކައެއް ފޯރުކޮށްދެއްވުމުން އެކަނި ކަމުގައިވުމެވެ. އަދި އިންސާނަކު މިގޮތަށް އަޅުކަމެއްކަމުގައި އެއްވެސް ކަމެއް އަމިއްލައަށް ކަނޑައަޅާ ނިންމުމީ ﷲ ހުއްދަ ދެއްވާފައިވާ ކަމެއް ނޫނެވެ. އަދި މިގޮތަށް ހުއްދަ ނެތްހިނދު އެކަންކުރުމީ ޝިރުކު ކުރުން ކަމުގައިވެގެން ދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّهُ﴾ [الشورى: 21] މާނައީ: [ނުވަތަ ﷲ ހުއްދަ ދެއްވާފައި ނުވާ، ދީނެއް އެބައިމީހުންނަށް ޝަރުޢުކޮށްދޭނޭ، ޝަރީކުންތަކެއް އެބައިމީހުންނަށް ވަނީހެއްޔެވެ؟] ވީމާ ކޮންމެ ނަބީއަކުވެސް އަދި ކޮންމެރަސޫލަކުވެސް، އަދި އެންމެފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ރަސޫލުކަން ލިބުމަށްފަހުގައި ވެސް އެކަލޭގެފާނުވެސް ޖެހިވަޑައިގެންނެވީ އެމަތިވެރިވަންތަ އިލާހު ކަމުގައިވާ ﷲ ގެ ލޯތްބާއި ރުއްސެވުން ޙާޞިލުކުރަންވީ ކޮންކޮން އަޅުކަމެއްކަން އެކަލާނގެ ބުނެދެއްވާ އަންގަވަންދެން އެއްވެސް ކަމެއް އަމިއްލައަށް ނުކޮށް އިންތިޒާރު ކުރާށެވެ. އަދި އެކަލާނގެ އެކަމެއް އަމުރުކުރެއްވުމުން ލަހެއްފަހެއް ނުވެ އެކަމެއް ކުރަން ފަށައިގަނެ، އެޢަމަލުގައި ސާބިތުވުމެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم އަށް އެކަލާނގެ އެންމެފުރަތަމަ އަމުރުކުރެއްވީ ކިޔަވާ ވިދާޅުވުމަށެވެ. އެއީ ކީރިތި ޤުރުއާނެވެ. އެހިސާބުން ޤުރުއާން ކިޔެވުމުގެ އަޅުކަން ޝަރުޢު ކުރެވުނީއެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދިން ކޮންމެ މީހަކަށްވެސް އަމުރުވެވިގެންވީ އެޤުރުއާނުގެ އާޔަތްތައް ކިޔަވާ އެއަޅުކަން އަދާކުރުމެވެ. ކޮންމެއަކަސް މައްކާގައި ހޭދަކުރެއްވި 13 އަހަރަކީ އެނަބިއްޔާ އަޅުކަންކުރަންވީ އަދި އެފަރާތަކަށް ބޯލަނބައި ކިޔަމަންވާންވީ ފަރާތް ބުނެދެއްވުމުގައި، މާނައަކީ ތައުޙީދު ބަޔާންކުރެއްވުމުގައި ހޭދަކުރެއްވި އަހަރުތަކެއް ކަމުގައިވާތީވެ، އެ އަހަރުތަކުގައި މާގިނަ އަޅުކަމުގެ ޙަރަކާތްތަކެއް ނުވަތަ ޢަމަލުތަކެއް ޝަރުޢު ކުރެވިފައި ނުވެއެވެ. އިބްނު ޙަޖަރު އަލްހައިތަމީ "تحفة المحتاج لشرح المنهاج" ގައި ވިދާޅުވިއެވެ: "މީސްތަކުންނަށް ހަމައެކަނި ތައުޙީދުގެ ތަކްލީފު ނޫން ތަކްލީފެއް ނުޖައްސަވައެވެ. ދެން އެއަށްފަހު سُورَةُ الـْمُزَّمِّل ގައި އެބައިމީހުންގެ މައްޗަށް ނަމާދު ފަރުޟު ކުރެވުނެވެ." ޢާއްމުކޮށް ނަމާދުކުރުމަށް ދުނިޔޭގައި މިސްކިތްތަކެއް އެވަގުތުގައި ނެތެވެ. ނަމަވެސް މައްކާގެ މުޝްރިކުންގެ އަތްދަށުގައި އެބައިމީހުންގެ ބާރު އެތަނެއްގައި ހިނގާގޮތަށް ހުރި މާތްވެގެންވާ ޙަރަމްފުޅު މިސްކިތް ނުވަތަ އަލްމަސްޖިދުލްޙަރާމް އޭރުގައިވެސް ހުއްޓެވެ. އަދި ފަލަސްޠީނުގައި ރޯމަނުންގެ އަތްދަށުގައި އަލްމަސްޖިދުލް އަޤްޞާ ވެސް ދުނިޔެމަތީގައި ހުއްޓެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ المَسْجِدِ الحَرَامِ إِلَى المَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ﴾ [الإسراء: 1] މާނައީ: [އެކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ. އެކަލާނގެއީ އެކަލާނގެ އަޅާ ޙަރަމްފުޅު މިސްކިތުން އެތަނެއްގެ ވަށައިގެން ބަރަކާތް ލެއްވި އަޤްޞާ މިސްކިތަށް ރޭގަނޑުން ބައެއްގައި ގެންދެއްވި ކަލާނގެއެވެ.] ނަމާދު އޭގެ ގޮތުގައި ފަސް ވަގުތުގައި މިސްކިތްތަކުގައި ފަރުޟު ކުރެއްވުމުގެ ކުރިން ހިނގި އިސްރާގެ ޙާދިޘާއަށް އިޝާރާތް ކުރައްވާ މާތް ﷲ މިއާޔަތުގައި ބަޔާންކުރައްވާފައި އެވަނީ ދެމިސްކިތެއްގެ ވާހަކައެވެ. ނަމަވެސް ނަމާދުތައް އިސްލާމްދީނުގައި ޝަރުޢު ކުރައްވާ ނިންމެވި ގޮތަށް ކަނޑައެޅިގެންވާ ވަގުތުތަކެއްގައި ފަސް ނަމާދުގެ ބަންގި މިސްކިތްތަކުގައި ގޮވާ މިސްކިތުގައި ޖަމާޢަތުގައި ކުރާގޮތަށް ޝަރުޢު ކުރެވުނީ މަދީނާއަށް ހިޖުރަ ކުރެވުމަށް ފަހުގައެވެ. އެހެނަސް އިސްލާމްދީނުގެ އެންމެ ކުރީކޮޅު މުސްލިމުންގެ މައްޗަށް އަޅުކަމުގެ ގޮތުގައި ނަމާދު ފަރުޟުކުރެވުނެވެ. ނަމާދު އެފަރުޟު ކުރެވުނީ އެމީހުންގެ ރަށްކަމުގައިވާ މައްކާގެ ޙަރަމްފުޅުގެ މިސްކިތުގައި ޖަމާޢަތުގައި އަދާކުރާގޮތަކަށް ނޫނެވެ. އެއާއެކުގައިވެސް އެމަދު މުސްލިމުންކޮޅު އެމާތް މިސްކިތުގެ ސަރަޙައްދުގައިވެސް ނަމާދުގެ އަޅުކަން އަދާކުރުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މުޝްރިކުންގެ އުނދަގުލާ ހެދި އެކަން ގިނަފަހަރަށް އޮންނަނީ ކުރެވޭގޮތް ނުވެފައެވެ. ކޮންމެއަކަސް އެންމެފުރަތަމަ ނަމާދުގެ އަމުރުފުޅު ނުވަތަ ﷲ އަށް އަޅުކަމުގެ ގޮތުގައި އަދާކުރަން ޖެހޭކަމަށް އަމުރުވެވުނު އެނަމާދަކީ ދަމުނަމާދެވެ. އެއީ ކުރިން ބުނެވިދިޔަ ފަދައިން سُورَةُ الـْمُزَّمِّل ގެ 1 ވަނަ އާޔަތުން 4 ވަނަ އާޔަތަށް އައިސްފައިވާ އަމުރުފުޅެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الْمُزَّمِّلُ (1) قُمِ اللَّيْلَ إِلَّا قَلِيلًا (2) نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا (3) أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا﴾ މާނައީ: [އޭ ފޭރާންކޮޅު ގައިކޮޅުގައި އޮޅާލައްވައިގެން އޮންނެވި ޞާޙިބާ (މުޙައްމަދު) އެވެ. ކުޑަ ވަގުތުކޮޅަކަށް ނޫނީ ރޭގަނޑުގައި ތެދުވެ ނަމާދަށް ކޮޅަށް ހުންނަވާށެވެ. އެ (ރޭގެ) ދެބައިކުޅަ އެއްބައެވެ. ނުވަތަ އެއަށްވުރެ ކުޑަވަގުތު ކޮޅެއް މަދުންނެވެ. ނުވަތަ އެއަށްވުރެ ކުޑަވަގުތުކޮޅެއް އިތުރަށެވެ. އަދި މަޑުމައިތިރިކަމާއެކު ލަސްލަހުން ޤުރުއާން ކިޔަވާވިދާޅުވާށެވެ.] މިހައިހިސާބުން އެކަލޭގެފާނަށް ނަމާދަކީ އަޅުކަމެއް ކަމުގެ ޢިލްމުފުޅު ލިބިވަޑައިގެންނެވީއެވެ. އަދި އެއީ ﷲ ލޯބިވެވޮޑިގަންނަވާ ޢަމަލެއްކަން އެނގިވަޑައިގެން އެއަޅުކަމުގެ ތަފްޞީލު ޖިބްރީލު عليه السلام އަރިހުން ލިބިވަޑައިގެންނެވި ގޮތަށް އެއަށް ޢަމަލު ކުރައްވާ އެކަލާނގެ ރުއްސެވުމާއި ލޯބި ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެވަގުތާ ހަމައަށް އިސްލާމްދީން ޤަބޫލު ކޮށްގެން ތިއްބެވި މުސްލިމުންނަށް އެޢިލްމު ފޯރުކޮށްދެއްވައި ބުނެދެއްވިއެވެ. ފުރަތަމަ ފަހަރަށް މުސްލިމުން ނަމާދުގެ އަޅުކަން އަދާކުރަން ފެއްޓިއެވެ. ނަމާދު އޭގެ އަޞްލު ގޮތުގައި ޝަރުޢު ކުރެއްވުމުގެ ކުރިން ނަމާދު އެންމެފުރަތަމަ ޝަރުޢު ކުރެވުނީ މިގޮތަށެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)