ދުވަސްވަރަކީ ރާއްޖޭގައި މަޖައްލާތައް ޝާއިއުކުރަން ފެށި ދުވަސްވަރެވެ. އޭރު އަށްޑުވަސް، ހުވާސް އަދި އުދަރެސްފަދަ މަޖައްލާތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެދުވަސްވަރު ހުރިހާ ދިވެހިން ވެސް ފޯރީގައި މަޖައްލާތައް ކިޔުމުގައި އަވަދިނެތި އުޅެމުންދެއެވެ. ކޮންމެ މީހަކުވެސް ބަލަނީ އެންމެ ފަހުން ނިކުންނަ އަދަދެއް ކިޔާލެވޭތޯއެވެ. ދޭސީއެއް ބިދޭސީއެއް ވެސް މިކަމުގައި ތަފާތެއް ނެތެވެ. އެއްދުވަހަކު އިމްނާ އޮފީހަށް ދަމުން ގެއާއި ޖެހިގެން ހުންނަ ފިހާރައަށް ވަނީ ދެ ޕެކެޓު ސުޕާރީ ގަންނާށެވެ. ކައުންޓަރުގައި އިން ކުއްޖާއަށް ދެ ފަހަރަކު ގޮވާލުމުން ވެސް ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އިމްނާއަށް ލަސްވާތީ ކައުންޓަރުގައި އިން ކުއްޖާ ކީއްތޯ ކުރަނީ ބެލިއެވެ. ކަމަކުދާކަށް ނެތެވެ. މި ކަލޭގެވެސް މީނީ އަށްޑުވަސް ކިޔާށެވެ. ދިވެހިންގެ ބަހުން ނަމަ މީ ބަންގާޅީއެކެވެ. މި ސޮރު ވެސް ފިހާރާގައި އިނީ ދިވެހި މަޖައްލާ ކިޔާށެވެ. މިކަމާ އިމްނާ އޭނާއާއި ސުވާލުކޮށްފިއެވެ. ބަލަ ސުހޭލު އަޅެ ތިޔަ މަޖައްލާ ހިފައިގެން ތި އިންނަނީ ކީއްކުރަން ހެއްޔެވެ؟ ތީގައި ލިޔެފައި އޮތްއެއްޗެއް ކިޔަން އެނގޭތަ؟ މިކަމާ އިމްނާ އާއި ސުހޭލުއާއި ދެމެދު ކުޑަކުޑަ ބަހުސެއް ހިނގުމަށް ފަހު އިމްނާ މުޅިން އާޝޯހު ކޮށްލައިފިއެވެ. މި އުޅޭ ދިވެހިންނަށް ވުރެ ވެސް ފަރިތަކަމާއެކު ސުހޭލަށް ދިވެހި ކިޔަން އެނގޭކަން ސާބިތު ކޮށްދީފިއެވެ. މިކަމާ އިމްނާ ބުނާނެ އެއްޗެއް ވެސް ނޭގި ހައިރާންވެ، އަންތަރީސް ވެއްޖެއެވެ.
ސުހޭލު އިންނަ ފިހާރައަށް އާ އެއްޗެއް ގެނެސްފި ނަމަ އެންމެ ކުރިން އެއެއްޗެއްގެ ގޮތް ބަލަނީ އިމްނާމެން ގޭ މީހުންނެވެ. އެ ފިހާރައަށް އެންމެ ފަހުން ގެނައި ޕޮޕްކޯންއަކީ އިމްނާމެން ގޭގައި އުޅޭ މީހުން ކައިކައި ފޫހި ނުވި އެއްޗެކެވެ. އެގޭގައި މި ދުވަސްކޮޅު އެންމެ ގަދަޔަށް އެންމެންވެސް ކުރާ ކަމަކީ ޕޮޕްކޯން ކެއުމާއި މަޖައްލާތައް ކިޔުމެވެ. އިމްނާމެންގެ އާއިލާގައި މަންމައާއި ބައްޕަ އަދި މާމަގެ އިތުރުން އެއްބަނޑު އެއްބަފާ އެގާރަ ކުދިން ތިބެއެވެ. ގޭގެ އެންމެންވެސް އެންމެ އަޅައިލައި ލޯބިވާ ފަރާތަކީ އެމީހުންގެ މާމައެވެ. އެމީހުން ކޮންމެ އެއްޗެއް ކެޔަސް މާމައަށް ނުދީ ނުކައެވެ. މިއަދު ވެސް އިމްނާ އޮފީސް ނިންމާފައި އަންނަމުން ސުހޭލު އިންނަ ފިހާރައިން ޕޮޕްކޯން ގަނެގެން ގެނެސް އެންމެންނަށް ބަހާފައި އެންމެ ފަހުން މާމައަށް ޕޮޕްކޯން ޕެކެޓެއް ދީފިއެވެ. އަދި ޕޮޕްކޯން ޕެކެޓު ކަނޑާދީފައި މާމަ ކާލާށޭ ބުނެފައި އިމްނާ ދިޔައީ ފެންވަރާށެވެ. އިމްނާ ފެންވަރައިގެން ނިކުތްއިރު ސިޓިންރޫމުގައި އެންމެން އެއްވެގެން އުޅެއެވެ. މާއަޑުގަދަ ކޮށްލައިގެން އުޅެނީ ކޮންކަމަކާތޯ ބަލާލަން އިމްނާ ވެސް އެތަނާ ކައިރިވެލިއެވެ. އަސްތާ! ޚަބަރު ބެލިއިރު ކަމަކުދާކަށް ނެތެވެ. މިއޮތީ މާމަގެ ޕޮޕްކޯން ޕެކެޓުން ދަތެއް ފެނިފައެވެ. މިކަމާ އައި ރުޅިން ގޭގެ އެންމެން ސުހެއިލާ ދިމާއަށް އެއްޗެހި ކިޔާހެދިއެވެ.
އެންމެފަހުން އިމްނާ އައި ރުޅީގައި ޕޮޕްކޯން ޕެކެޓު ހިފައިގެން ފިހާރައަށް ގޮސް ސުހޭލުއަށް ވަށިވަށިން ދިނުމަށްފަހު، ޕްޕޮކޯން ޕެކެޓު ސުހޭލުގެ މޫނުމައްޗަށް ޖަހާފައި ގެއަށް އަތުވެއްޖެއެވެ.
އިމްނާ ގެއަށް އައިސް ގޭގައި ތިބި އެންމެންގެ އަތުން ޕޮޕްކޯން ޕެކެޓްތައް އަތުލުމަށްފަހު ކުނިގޯންޏަށް އަޅާލައިފިއެވެ. އަދި ކޮޓަރިއަށްވަދެ ބާރަށް ދޮރުޖަހައިފިއެވެ. އޭގެ ފަހުން އޭނާ ކޮޓަރިން ނިކުތީ އެރޭގެ ކެއުމަށެވެ. އެންމެންވެސް ވަރަށް މަޖާވެފައި ކެއުމުގައި ތިއްބެވެ. މާމަ އިމްނާއަށް ގޮވާލާފައި ބުނީ ތިއިން މަސްކޮޅެއް ދީބަލާށެވެ. އިމްނާ ބަލާލިއިރު ފެނުނީ މާމަގެ މަތީ ދަތްޕިލައިގެ މެދުދަތް ނެތްތަނެވެ. ހަމައެތަން ފެނުމާއެކު ހަނދާންވީ ޕޮޕްކޯން ޕެކެޓު މަތިންނެވެ. އެއީ މާމަގެ ދަތްކަން ޔަގީން ވެއްޖެއެވެ. ކުއްލިއަކަށް އިމްނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެންމެން ހައިރާންވެފައި ތިއްބެވެ. އިމްނާ ހެމުން ހެމުން ބުންޏެވެ. މާމަގެ އަނގައިން އެއް ދަތް މަދު! އަދި ހިނިގަނޑު މައިތިރި ކުރުމަށްފަހު ބުނެލީ އެއީ ޕޮޕްކޯން ޕެކެޓުން ފެނުނު ދަތްދޯ! ކަންވީގޮތް އެނގުމުން އެންމެން ވެސް މަޖާވެގެން ބިދި ބިދިފައި ހެނީއެވެ.
އޭގެ އަނެއްދުވަހު އިމްނާ ފެނުމުން ސުހޭލު ބުންޏެވެ. ކޮބާ؟ މާމަގެ ހުރިހާ ދަތެއް ހަމަތަ؟ މިހެން ބުނުމާއެކު އިމްނާއަށް ހެވުނެވެ. އަދި ބުންޏެވެ. ސުހޭލުއަށް މާމަގެ ޕޮޕްކޯން ދަތް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު ސުހޭލު ކައިރިއަށް ފާޑެއްގެ ހިންޏެއް އައިސްފައި ހުރެ ބުންޏެވެ. އޭރުވެސް ބުނީމެއްނު ތި ވާނީ ހަމަ މާމަގެ ދަތަކަށެވެ.
7 Responses
Varah salhi. 👏👏👏 maasha Allah @F@thu v molhu
ވ.މަޖާ، ތަފާތު ލިޔުމެއް
މޮޅު ލިޔުމެއް
ވަރަށް ރީތި، ވަރަށް މަޖާ!
ވަރަށް މަޖާ ވާހަކައެއް
މަޖާ ލިޔުމެއް، މިކަހަލަ ގިނަ ލިޔުންތައް ފެންނާނެ ކަމަށް އުއްމީދު ކުރަން. "ވަށިވަށިން" އަކީ ކުރިން އަޑު ނާހަ ބަހެއް،
ޥަރަށް މޮޅު