މި ބައިގައި ބަލައިލާފައި ވާނީ މުހާވަރާ އުފެދޭ ގޮތާއި މުހާވަރާގެ އާންމު ބާވަތްތަކާ ބެހޭ ގޮތުން އެނގިފައިވާ މައުލޫމާތު ހާމަކުރުމަށެވެ. ފައިދާހުރި މައުލޫމާތުތަކަކަށް ވާނޭ ކަމަށް އުއްމީދުކުރަމެވެ. ކިޔާލާށެވެ.
މުހާވިރާ އުފެދޭ ގޮތް
ޙަޤީޤަތަކީ މުހާވަރާއަކީ ދުނިޔޭގެ ގިނަ ބަސްބަހުގައި ވެސް އެ ބައެއްގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ގޮތުން އުފަންކޮށްފައި ހުންނަ އަދަބީ އުފެއްދުމެއްކަމެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އާންމު ގޮތެއްގައި މި ފަދަ ލަފުޒުތައް ނުވަތަ ބަސްކޯޅިތައް އުފެދިފައި ވަނީ އާންމުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ ތެރެއިންކަމެވެ. ކުރެވޭ މުއާމަލާތުގެ ތެރެއިން ކަމެވެ. އެ ގޮތުން ރާއްޖޭގެ މާހައުލުގައި ހެދިފައި ހުރި މުހާވަރާތަކަކީ ވެސް ތަފާތު އެކި ދުވަސްވަރު ތަފާތު ގޮތްގޮތަށް ހެދިފައި ހުރި މުހާވަރާތަކެވެ. ކުރު ބަސްތަކެއްގެ ސިފައިގައްޔާއި، ދިގު ޖުމުލަތަކެއްގެ ސިފައިގައްޔާއި އަދި ރައިވަރުތަކުގެ ސިފައިގައި ވެސް ދިވެހި މުހާވަރާތައް ހެދިފައިވެއެވެ. އަދަބުގައި އެކުލެވޭ ފުލޯކު ވާހަކަތަކާއި، އިޖުތިމާއީ ވާހަކަތަކުން ވެސް މުޙާވިރާގައި ހިމެނޭ އަދަބީ ބަސް އުފެދެއެވެ. ބައެއްގެ ވަށައިގެން ހިނގާ ކަންތައްތަކާއި، ވަށައިގެންވާ ދިރޭ ތަކެއްޗާއި، އަދި ދިރުން ނެތް ތަކެއްޗަށް ނިސްބަތްކޮށް ވެސް މުހާވިރާ ހެދިފައި ހުރެއެވެ. ދުވަހީ ދިރިއުޅުމުގެ ބޭނުންތަކާއި ޚާއްޞަ ވަކި ދުވަސްތަކާ ގުޅޭ ގޮތުން ވެސް މުހާވިރާ އުފެދި ބޭނުންކުރަމުންދެއެވެ. މީގެ އިތުރުން ގްރީސް ފަދަ ގައުމުތަކުގައި އަގީދާއާ ގުޅޭ މުހާވިރާތައް ގިނައިރު ތުރުކީ ފަދަ ކުރިން ދަނޑުވެރިކަމަށް މަޝްހޫރު ގައުމުތަކުގައި ދަނޑުވެރިކަމާ ގުޅޭ ގޮތުން ހެދިފައިވާ މުހާވިރާތައް ގިނަކަން ފާހަގަކުރެވެއެވެ.
ދިވެހި އަދަބުގެ ތެރޭގައި ހިމެނޭ މުހާވިރާތަކަކީ ކޮން ޒަމާނެއްގައި ކާކު އުފައްދާފައިވާ އެއްޗެއްކަން ބުނެދޭން ނޭނގޭ ނަމަވެސް މިފަދަ އަދަބީ ބަސްތަކުގައި ބައެއް މީހުންގެ ނަން ބޭނުންކޮށްގެން ވެސް މިސާލު ބަސް ފަދަ ބަސްތައް އުފެދިފައި ހުންނާތީ އާއި، އެ ހުންނަނީ ވަކި މީހަކަށް އަމާޒުކޮށްފައިކަން ދޭހަވާތީ އެއީ އެމީހަކު އުޅުނު ޒަމާނެއްގައި ނުވަތަ އެއަށްވުރެ ފަހުން ހެދިފައިވާ އެއްޗަކަށް ވެސް ވެދާނެކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. މިސާލު: "ކަނދިކަމަނާގެ މަސްތެލުލުން" "ތުނޑު ހަސަނާ ޖެހުނު މީދާ" "މުޅި އޮޑީގައި ހަސަނުގެ ދެ ފައި" މިގޮތަށް ހެދިފައި ހުރި މުހާވަރާތަކަށް ތަފާތު ދުވަސްވަރު ތަފާތު ނަންދެވިފައި ވެސް އެބަވެއެވެ. އެގޮތުން ބަލާއިރު މަޖާޒް، ވައްބަސް، ފަށުވި ޢިބާރާތް، މިސާލު، މިސާލުބަސް، ހަރުބަސް، އަދި މުސްކުޅިބަސް ހިމެނެއެވެ. ދިވެހިބަހެކޭ އެއްފަދައިން ދުނިޔޭގެ އެހެނިހެން ބަސްތަކުގައި ވެސް މިފަދަ މުހާވަރާތައް ހެދިފައި ހުރީ މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ، އެތައް އެތައް ބަޔަކު ހިއްސާކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކަން ހާމަވެއެވެ. މިދެންނެވި ހުރިހާ ބައިތަކުގެ ތެރެއިން ހެދިފައިވާ އަދަބީ ބަސްތަކަކީ ބަހުގެ މުހާވަރާތަކެވެ.
މި ބައިގައި ދެން ބަލައިލާނީ މުހާވަރާގެ ބައެއް ބައިތަކަށެވެ. މަޖާޒު (މެޓަފަރ)، މިސާލު އަދި މިސާލު ބަސް (ސިމިލީސް)، މުސްކުޅިބަސް (ވައިސް ސޭއިންގސް) އާއި ހަރުބަސް (ޕްރޮވަރބްސް) އަދި ވައްބަސް ފަދަ ބައިތަކަށެވެ. މީގެ އިތުރުން ސަގާފަތާއި ގުޅުންހުރި ބައިތަކަށް ވެސް މި ބައިގައި ބަލައިލާނަމެވެ.
މަޖާޒު ( މެޓަފަރ )
ދިވެހިބަހުގެ އުސްތާޛް ޢަބްދުﷲ ޞާދިގު ވިދާޅުވާގޮތުގައި މަޖާޒަކީ އެ ބަހަކުން ދޭހަވާ މާނަ ނޫން ތަފާތު އެހެން މާނައެއް ދޭހަވާ ފަދަ ބަސްބަހެވެ. މީގެ ތެރޭގައި އެއްބަހުން ހުންނަ މަޖާޒާއި އެއް ބަހަށްވުރެ ގިނަ ބަހުން ހުންނަ މަޖާޒު ހުރެއެވެ. މަޖާޒުގެ ތެރޭގައި އާންމު މަޖާޒާއި ޚާއްސަ މަޖާޒު ވެސް ހިމެނެއެވެ. އާންމު މަޖާޒަކީ އާންމުކޮށް އެ އެއްޗެއް ބުނުމުން އޭގެ މާނަ ދޭހަވާފަދަ މަޖާޒުތަކެވެ. މިސާލު: ބަތްކެއްކުން، ބޯކޮށުން، ފަދަ މަޖާޒުތަކެވެ. ބަތެއް ނުކައްކާނެއެވެ. ބަތަށް ވަނީ ފެނުގައި ހަނޑޫ ކެއްކީމައެވެ. ބޯކޮށުން ކިޔަކަސް ކޮށަނީ ބޮލެއް ނޫނެވެ. އިސްތައްޓެވެ. އިނގިރޭސި ބަހުގައި މިއީ މެޓަފަރ އެވެ. އޭގެ ތައުރީފަކީ އެއްޗެއް އެހެން އެއްޗެއްގެ ގޮތުގައި ދެއްކުމެވެ. އިނގިރޭސި ބަހުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. “She is a gem” ޚާއްސަ މަޖާޒަކީ އެ ލަފުޒެއް ބުނުމުން އެއާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލަންޖެހޭ ފަދަ ބަސްބަތަކެވެ. އެއީ އޭގެ މާނަ އެނގިގެން މެނުވީ އެ ފަދަ ލަފުޒުތަކުން އެ ބުނާ އެއްޗެއް ދޭހަނުކުރެވޭނެތީއެވެ.
މިސާލު އަދި މިސާލު ބަސް ( ސިމިލީސް )
ޢަބްދުﷲ ޞާދިގު (2008) ވިދާޅުވާގޮތުން މިސާލަކީ އެހެން ބަސްބަހުގައި ވެސް ހުންނަ ފަދައިން އެއްޗަކަށް ނިސްބަތްކޮށް ޖަހާ މިސާލެވެ. މިސާލު: ހަނދެއް ފަދަ މޫނު މި ފަދަ ބަސްބަހެވެ. " ހަނދު އެއީ ކޮންއެއްޗެއްކަން އެނގުނުކަމުގައިވީ ނަމަވެސް މިސާލު ބަހަކީ ކޮންމެވެސް ކަމަކަށް ޖަހައިއުޅޭ ބަހެއް ކަމުން އެ ޖެހުނު ގޮތަކާއި ކޮންކޮން ކަންކަމަކަށް ނިސްބަތްކޮށް ކޮން ގޮތަކަށް ޖެހިފައިވާ ބަހެއްކަން އެނގޭ ފަދަ އިތުރު މަޢުލޫމާތު ބޭނުންވާނެ ފަދަ ބަސްބަހެވެ. މިސާލު: "ލޮނުގޮއްޔެގެ ތަރުތީބުކިޔުން" މިހެން ބުނުމުން ލޮނުގޮއްޔެ ތަރުތީބު، މިހެން ކީ ކޮންގޮތަކަށް، ކިހިނެއްކަމެއް ނޭނގޭނެއެވެ. އެހެންކަމުން އެއީ ކިހިނެއް ވެގެން ކޮން ގޮތަކަށް ޖެހުނު މިސާލެއްކަން ހޯދަންޖެހެއެވެ. ފިގަރޭޓިވް ސްޕީޗުގެ ތެރެއިން މުޖުތަމަޢާއި ވެށްޓާ އެންމެ ބޮޑަށް ގުޅިފައިވާ 2 ބާވަތަކީ މެޓަފަރ އަދި ސިމިލީއެވެ. ސަބަބަކީ މި ބާވަތްތައް އުފެދިފައި ވަނީ ދިރިއުޅުމުގެ ކަންތައްތަކުން މިސާލުޖަހައިގެންކަމަށް ވާތީ އެވެ. އިނގިރޭސި ބަހުގެ މިސާލަކަށް ބަލައިލާއިރު “hard as a rock” މި ސިމިލީގައި މިވަނީ އެއްޗެއްގެ ހަރުކަން ވަރަށް ހަރު އެހެން އެއްޗަކާ އެއްފަދަކޮށްފައެވެ. އެހެންކަމުން މިއީ އިނގިރޭސި އަދި ދިވެހިބަހުގައި ވެސް ވަރަށް އާންމު ބާވަތެކެވެ.
މުސްކުޅިބަސް (ވައިސް ސޭއިންގސް) އާއި ހަރުބަސް (ޕްރޮވަރބްސް)
ހަރުބަހަކީ މުސްކުޅި ބުނުންތަކުގެ ތެރެއިން އެބަހެއް އަމުރަކަށް ނުވަތަ ނަސޭހަތަކަށްވާ ކޮންމެ ބަހެކެވެ. އަދި އެބަހަކުން އިބުރަތެއް ލިބޭ ކޮންމެ ބަހެކެވެ. މިސާލު: "ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާ ތަން ދަމައިގަންނާނެއެވެ". މިތާނގައި ނަރެކޭ މި ބުނެވެނީ ބޮނބި ނަރަކަށެވެ. ކެނބެކޭ މި ބުނެވެނީ އޮޑިދޯނިފަހަރު އަޅާން ގެންގުޅޭ އެންމެ ފަލަ ވަލަށެވެ. މިފަދައިން ބުނެއުޅެނީ "ޤާނޫނާއި ޤަވާއިދު ފަދަ ކަންކަމާއި ފައިސާ ބެލެހެއްޓުން ފަދަ ކަންކަން ފަދަ ކަމަކުން ކިތަންމެ ކުޑަ ލުޔެއްދިނަސް އެއިން ލިބޭ ގެއްލުމުގެ ނުވަތަ އެއިން ހޯދާ ނޭދެވޭ ފައިދާ މާ ބޮޑުވާނެކަން މީހުންނަށް ކިޔައިދިނުމުގެ ބޭނުމުގައެވެ." ބޭރު ބަސްބަހުގައި ވެސް ހަރުބަސް ހުރެއެވެ. މިބާވަތަށް އިނގިރޭސި ބަހުގައި ކިޔައި އުޅެނީ ޕްރޮވަރބްއެވެ. މިއީ އަމުރެއް ނުވަތަ ނަސޭހަތަކަށް ފުދޭ ގޮތަށް ހުންނަ މުހާވަރާއެވެ. ހަރުބަހަކީ ގައުމީ އަދި ޔުނިވަރސަލް ވެސް އެއްޗެއްކަމަށް ބަހުގެ މާހިރުން ވިދާޅުވެއެވެ. ހަރުބަސް ގައުމީ ވަނީ ބައެއް ހަރުބަހަކީ ހަމަ އެކަނި އެ ގައުމެއްގެ ވެށްޓާއި ގައުމުވަންތަކަން އަންގައިދޭ އެއްޗަކަށް ވާތީ ކަމަށް މި ބޭފުޅުން ވިދާޅުވެއެވެ. ހަރުބަސް އުފެދެނީ ވެސް ކޮންމެވެސް ޒަމާނެއްގައި ދިރިއުޅުނު މީހުންގެ ފަރާތުންނެވެ. ހަރުބަސް އުފައްދާއިރު ވެސް އުފެދެނީ ވެށްޓާއި ގުޅިގެންނެވެ. ސަބަބަކީ އެބައެއްގެ މުޢާމަލާތުގައި ބޭނުންކުރާނީ އެބައެއްގެ ތެރެއިން ފެންނަން ހުންނަ ކަންތަކަށް ބިނާކޮށް ކަމަށްވާތީއެވެ.
މުސްކުޅިބަހަކީ އުފެދިފައިވާ މުސްކުޅިބުނުންތަކުގެ ތެރެއިން އަމުރަކަށް ނުވަތަ ނަސޭހަތަކަށް ނުވާ ބަސްބަހެވެ. އަދި އެ ބަހަކުން އިބުރަތެއް ނުލިބޭ ބަސްބަސް ވެސް މެއެވެ. މި ދެ ބާވަތުގެ ބަސް ވެސް ހުންނަނީ ޖުމުލައިގެ ގޮތުގައެވެ. މިސާލަކަށް "ހިތްއޮންނާނީ ދެލިގަނޑެއްހެންނެވެ. ކަންއޮންނާނީ ވެލިގަނޑެއް ހެންނެވެ". މިހެން ބުނެ އުޅެނީ ހިތް ނުބައިކޮށްގެން ބޭރުފުށް އޮމާންކޮށްގެން ކުރާ ކަންތައްތަކާއި ބެހޭގޮތުންނެވެ. މީހަކަށް ކަމެއްކޮށްދީފައި ހުރިގޮތުން އެއީ އޭނާގެ ހިތުގެ އަޑިން އެމީހަކު އުފާވާނޭގޮތަށް ކޮށްދިން ކަމެއްކަމަށް ގަބޫލު ވެސް ކުރެވެއެވެ. އެހެންނަމަވެސް އެ ކަމެއް ކޮށްދިން ފަރާތުން އެހެން މީހެއްގެ ގާތުގައި ބުނާގޮތުން އެކަންތައް އޭނާކޮށްދިނީ އޭނާގެ ހިތާއިދެކޮޅަށް ނުވަތަ ޖެއްސުމަށްކަމަށް މި މުހާވިރާއިން ދޭހަވެއެވެ. އިނގިރޭސި ބަހުގައި ވެސް މުސްކުޅި ބަސް ހުރެއެވެ. މިގޮތުން އިނގިރޭސި ބަހުގައި ހުންނަ ވައިސް ސޭއިންގސް ނުވަތަ އެފޯރިޒަމްއަކީ މުސްކުޅިން ބުނެފައި ހުންނަ ހަރުދަނާ ބުނުންތަކެވެ. މި ބުނުންތައް އުފެދިފައި ހުންނަނީ ކޮންމެވެސް ޒަމާނެއްގައި ދިރިއުޅުނު ދުރުވިސްނޭ ހަރުދަނާ މީހެއްގެ ފަރާތުންނެވެ.
ވައްބަސް
ވައްބަހަކީ މިސާލާއި މިސާލުބަސް ފަދައިން އަދި މި ދެ ވައްތަރުގެ ބަސް ބޭނުންކޮށްގެން ވެސް، މީހަކަށް ނިސްބަތްކޮށް މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެކެވެ. ވައްބަހުންޖެހޭ ކޮންމެ މީހަކަށް އެ ބުނި އެއްޗެއްގެ މާނަ ނުވަތަ އެ ކުރީ މަލާމާތެއްކަން ގިނަފަހަރު އެނގޭނެއެވެ. މިއީ މުޖުތަމައުގައި ވަރަށް އާންމު ކަމެކެވެ. އޮންނަ ގާތްކަމަކުން ޖެއްސުންކޮށްލުމަށާއި، ގަސްދުގައި އަނެކާ ދެރަކޮށްލުން ފަދަ ބޭނުންތަކަށް ވެސް ވައްބަސް ބޭނުންކުރެއެވެ. މިސާލު: "މުރަނގަ ގަސްދޮށުމާލިމީ" ފަދަ ވައްބަހަކީ ވެސް ބައެއް ޙާލަތްތަކުގައި މަލާމާތުގެގޮތުގައި ވަރަށް އާންމުކޮށް ޖަހައިލެވޭ ވައްބަހެކެވެ. މީހަކަށް ވަކި މިވެނި ތަނެއްގައި ނޫނީ އެވެނި މިވެނިކަމެއް ނުކުރެވޭނެކަން ނުވަތަ ކުރަން ދަތިވާކަން ހާމަކުރަން މި ބާވަތުގެ ވައްބަސް ބޭނުންކޮށްއުޅެއެވެ.
(ނުނިމޭ)