ކޯވިޑު 19ގެ މިޙާލަތަކީ، ސްކޫލަށާ އަދި ދަރިވަރުންގެ ޙަޔާތުގައިވެސް، މުޅިން އަލަށް ކުރަންޖެހުނު ވަރަށް އާދަޔާޚިލާފު ތަޖުރިބާއެއް- ޕްރިންސިޕަލް

ކޯވިޑު 19ގެ މިޙާލަތަކީ، މުޅި ދުނިޔެފަދައިން، ސްކޫލަށާ އަދި ދަރިވަރުންގެ، ޙަޔާތުގައިވެސް،  މުޅިން އަލަށް ކުރަންޖެހުނު، ވަރަށް އާދަޔާޚިލާފު ތަޖުރިބާއެއްކަމަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އަހްމަދިއްޔާގެ ގްރޭޑް 10 މިއަހަރު ނިންމި ދަރިވަރުންނަށް އޮންލައިންކޮށް މިރޭ ބޭއްވި ދަސްވެނިވުމުގެ ޙަފްލާގައި އެމަނިކުފާނު ވިދާޅުވީ،  މިހިނގާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދަރިވަރުން ކިޔަވަމުން ގެންދިޔައީ، ވައިބާރު، މޫސުންގޯސް ، ކަނޑުގަދަ ދަތުރެއް ކުރަމުންދިޔަ އޮޑިއެއް، ވިލާގަނޑަށް ބަލައިގެން، އެކި ބަނދަރުތަކުގެ ނިވަލުގާ މަޑުކޮށް، މޫސުން ފަހިވެލާތަނުން، އަނެއްކާވެސް އޮޑިނަގައިގެން، ދަތުރުކުރަމުން، ގެންދިޔަ ފަދަ ގޮތަކަށް ކަމުގައެވެ.

އިތުރަށް ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، ގްރޭޑް 10ގެ ކުދިން އޯލެވަލް ނިންމުމުގެ މި ދަތުރުވެސް، ނިންމީ، އެޗްޕީއޭގެ އިރުޝާދު ތަކަށް އިޙުތިރާމު ކުރުމާއެކު، ސްކޫލަށް ކުދިން އައިސްގެން ކިޔަވަން ލިބުނު ފަހި ފުރުސަތުގައި، ކްލާސް ރޫމުތަކުގައި ތިބެގެންނާއި އެނޫން ޙާލަތް ތަކުގައި އޮންލައިންގައި ތިބެގެންކަމުގައެވެ.  މިއީ، ސްކޫލާ އަދި ދަރިވަރުންގެ ޙަޔާތުގައިވެސް، އަބަދަށް ދިރިހުންނާނެ ޚާއްސަ ހަނދާނެއްކަމާއި އަދި އެދަރިވަރުން ކުރި އާދަޔާ ޚިލާފު ހިތްވަރެއް ކަމުގައެވެ.

ބެލެނިވެރިންނާ މުޚާޠަބުކޮށް ޕްރިންސިޕަލް ވިދާޅުވީ ތަޢުލީމީ ޙަޔާތަށް އައި، މޫސުން ގޯސް، މި ދަނޑިވަޅުގައި، ބެލެނިވެރިން، ދަރިވަރުންގެ ކިޔެވުމަށް ދެއްވީވެސް  އެހާމެ ބޮޑު ސަމާލުކަމެއްކަމާއި، ބެލެނިވެރިން، ކުދިންނަށް ދެއްވި ހިތްވަރަކީވެސް ސްކޫލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ހިތްވަރެއް ކަމުގައެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވަމުން ގެންދެވި އިރުޝާދު ތަކަކީވެސް، ސްކޫލުން ޝުކުރުވެރި ކަމާއެކު، ފާހަގަކުރާ، އިރުޝާދުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

މުދައްރިސުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، ލޮބުވެތި މުދައްރިސުން، ކޯވިޑުގެ ޙާލަތު ފެށުމާއެކު، އޮންލައިންކޮށް ކިޔަވައި ދިނުމަށްޓަކައި ސްކޫލުން ހިންގި،  ތަމްރީނުތައް ފުރިހަމަކޮށް ސްކޫލް މެނޭޖުމަންޓާއެކު އަތާއަތް ގުޅާލައިގެން ކުރެއްވީވެސް އެހާ މަތިވެރި ޚިދުމަތެއްކަމާއި  މިއީ މި ސްކޫލުގެ ތާރީޚުގައި ބިންވަޅުނެގިފައި އޮންނާނެ މަތިވެރި ޚިދުމަތެއްކަމުގައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަހްމަދިއްޔާ އިން ތި ކޮށްދެއްވަނީ ވަރަށް ފުރިހަމަ މަސައްކަތެއް. ވަރަށް ކާމިޔާބު މަސައްކަތެއް. ޕްރިންސިޕަލަށް ޝުކުރިއްޔާ. މެނޭޖްމެންޓަށް ޝުކުރިއްޔާ!

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *