ބުރާސްފަތި, 17 އޭޕްރިލް 2025

އަހްމަދިއްޔާ އަކީ، ދިވެހި މުޖުތަމަޢަށް ވަރަށް ޢިލްމީ ވަރަށް އަޚްލާޤީ ހުނަރުވެރި ދަރިންތަކެއް ނެރެދެއްވާ ސްކޫލެއް. ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު

އަޙްމަދިއްޔާ ސްކޫލް ފާހަގަ ކުރެވިގެންދަނީ، ވަރަށް ރަނގަޅަށް ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތު އަދި އެހެނިހެން ހުނަރުތައް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސްކޫލެއްގެ ގޮތުގައިކަމާއި، ޖުމްލަގޮތެއްގައި ސްކޫލްގެ ކަންތައް ވަރަށް ރަނގަޅަށް ގެންގޮސް ދިވެހި މުޖުތަމަޢަށް ވަރަށް ޢިލްމީ ވަރަށް އަޚްލާޤީ ހުނަރުވެރި ދަރިންތަކެއް ނެރެދެއްވާ ސްކޫލެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަހަރު ގްރޭޑް 10 ނިންމި ދަރިވަރުންނަށް މިރޭ އޮންލައިންކޮށް ބޭއްވި ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" ބައެއް ފަހަރު ހަމަ ބައެއް މީހުންނަށް ބުނެވޭ އެއްޗެއް އަޑުއިވޭ. އަޙްމަދިއްޔާއިން ހަމައެކަނި ދަރިވަރުންނަށް ކިޔަވައިދޭށޭ މަސައްކަތް ކުރަނީ. އެހެން ނަމަވެސް އަޙްމަދިއްޔާގެ ބައެއް ރަސްމިއްޔާތުތަކުގައި ބައިވެރިވެފައިހުރީމާ އަޅުގަނޑަށް ފާހަގަ ކުރެވޭ ހަމައެކަނި ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް އެކަނި ނޫންކަން އަހްމަދިއްޔާއިން ކުރައްވަނީ. ރާއްޖޭގައި ބޭއްވޭ އެކިއެކި އިންޓަސްކޫލް މުބާރާތްތަކުން އަދަބީ މުބާރާތް ވިޔަސް ކުޅިވަރުގެ މުބާރާތްތައްކަމަށް ވިޔަސް އަޙްމަދިއްޔާއިން ކާމިޔާބީތަކެއް ހޯދާފައި ހުރިކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން ތަޢުލީމީގޮތުން ވަރަށް ޚާއްޞަގޮތެއްގައި އަޙްމަދިއްޔާ ފާހަގަ ކުރެވޭ." ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދަސްވެނިވި ހުރިހާ ދަރިވަރުންނަށް މުޚާޠަބުކޮށް ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކާމިޔާބުކަމާއެކު ގްރޭޑް 10 ނިންމާލުމަކީ ހަމަ ޔަގީނުންވެސް ކުރިމަގަށްއެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެކަމާއި ގުރެޖުއޭޓް ވުމަކީ، ކިޔެވުން ނިންމާލުމެއްނޫންކަމާއި، އަދި ދަރިވަރުންނަށް ވަރަށް މުހިއްމު މަރުހަލާއެއް ކުރިއަށްއޮތްކަމުގައެވެ. ކީސްޓޭޖް 4 ނިންމާލުމަށްފަހު ކުރިއަށްއޮތީ ވަރަށް މުހިއްމު ކީސްޓޭޖެއްކަމާއި އެއީ، ކީސްޓޭޖް 5 ކަމެވެ. ހަޔަރސެކަންޑަރީ އެޑިޔުކޭޝަން ކާމިޔާބުކަމާއެކު ނިންމަން ހަމަމިރޭ އަޒުމް ކަނޑައަޅުމަކީ، ކުރަންޖެހޭނެ ކަމެއްކަމުގައެވެ. އެއީ ސްކޮލަރޝިޕަކަށް ބަލާލިޔަސް ޑިގްރީހެދުމަށް ބަލާލިޔަސް އެކަޑަމިކް މީހަކަށް ވުމަށްޓަކައި އޭލެވެލް ހެދުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، ބައެއް ފަހަރު ޝޯޓްކަޓް ނަގަން ބައެއް ދަރިވަރުން މަސައްކަތް ކުރާތަން ފެނިވަޑައިގަންނަވާ ކަމުގައެވެ.  10 ނިންމުމަށްފަހު އޭލެވެލް ހެދުމަކީ ބޭނުންކަމެއްނޫންކަމަށް ބައެއް ދަރިވަރުން ދެކޭ ކަމުގައެވެ.

" އެކަމަކު ރަނގަޅަށް ކިޔަވާ ތޫނުފިލިކަން ހުރި ޝައުގުވެރިކަންހުރި އަދި ހަމައެހެންމެ  އޭލެވެލްހެދުމުގެ ޝަރުތުހަމަވާ އެއްވެސް ކުއްޖަކު އޭލެވެލް ނުހަދާ ދޫކޮށްލަން ހަމަ ޔަގީނުންވެސް އަޅުގަނޑު ނަސޭހަތެއް ނުދޭނަން. އޭގެ ބަދަލުގައި އަޅުގަނޑު ދަންނަވާލާހިތްވަނީ، ގްރޭޑް 11 ރަނގަޅަށް ފުރިހަމަކޮށް ގްރޭޑް 12 ރަނގަޅަށް ފުރިހަމަކޮށް ރަނގަޅު ޢިލްމީ މީހަކަށް ވުމުގެ ބިންގާ ވަރަށް ބޮޑަށް ހަރުދަނާ ކޮށްދޭކަމެއް އޭލެވެލް އަކީ.    އެހެންވީމާ އޭލެވެލް ކާމިޔާބުކޮށް ތިޔަކުދިން ގެންދާށޭ."  ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަހްމަދިއްޔާ އަކީ އަބަދުވެސް 1 ވަނަ ސްކޫލް. ކިޔެވުމުގައެއްނޫން ހަމަ އެކަނި. ހުރިހާ ރޮނގަކުންވެސް ހުރިހާ ކަމަކުންވެސް 1 ވަނަ ސްކޫލް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *