އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މިއަހަރު ގްރޭޑް 10 ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ. އޮންލައިންކޮށް ބޭއްވި މިޖަލްސާގެ ޝަރަފްވެރި މެހްމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދެވެ. މިޖަލްސާގައި ގްރޭޑް 10 ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީ ލިޔުން ދިނެވެ. އަދި ގްރޭޑް 10 ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 ހޮވާ އެދަރިވަރުންގެ ނަންތައް އިޢުލާން ކުރިއެވެ.
ގްރޭޑް 10 ން 1 ވަނަ ދަރިވަރަކަށް ހޮވުނީ ގްރޭޑް 10ޑީގެ އާމިނަތު ލަޔާން ރަޝީދެވެ. އޭނާއަށް ލިބުނީ 88 އިންސައްތައެވެ. 2 ވަނައަށް ހޮވުނީ 10 ޖީގެ ރަޒާން އިބްރާހީމް ރަޝީދެވެ. ރަޒާނަށް ލިބުނީ 87.5 އިންސައްތައެވެ. 85 އިންސައްތަ ހޯދައިގެން 3 ވަނަ ލިބުނީ 10 ސީގެ އާމިނަތު މައިހާ ޝިހާމަށެވެ.
ޖަލްސާގައި ޝަރަފްވެރި މެހްމާން ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކާމިޔާބުކަމާއެކު ގްރޭޑް 10 ނިންމާލުމަކީ ހަމަ ޔަގީނުންވެސް ކުރިމަގަށްއެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެކަމާއި ގުރެޖުއޭޓް ވުމަކީ، ކިޔެވުން ނިންމާލުމެއްނޫންކަމާއި، އަދި ދަރިވަރުންނަށް ވަރަށް މުހިއްމު މަރުހަލާއެއް ކުރިއަށްއޮތްކަމުގައެވެ. ކީސްޓޭޖް 4 ނިންމާލުމަށްފަހު ކުރިއަށްއޮތީ ވަރަށް މުހިއްމު ކީސްޓޭޖެއްކަމާއި އެއީ، ކީސްޓޭޖް 5 ކަމެވެ. ހަޔަރސެކަންޑަރީ އެޑިޔުކޭޝަން ކާމިޔާބުކަމާއެކު ނިންމަން ހަމަމިރޭ އަޒުމް ކަނޑައަޅުމަކީ، ކުރަންޖެހޭނެ ކަމެއްކަމުގައެވެ.
ޖަލްސާގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ގްރޭޑް 10ގެ ކުދިން އޯލެވަލް ނިންމުމުގެ މި ދަތުރުވެސް، ނިންމީ، އެޗްޕީއޭގެ އިރުޝާދު ތަކަށް އިޙުތިރާމު ކުރުމާއެކު، ސްކޫލަށް ކުދިން އައިސްގެން ކިޔަވަން ލިބުނު ފަހި ފުރުސަތުގައި، ކްލާސް ރޫމުތަކުގައި ތިބެގެންނާއި އެނޫން ޙާލަތް ތަކުގައި އޮންލައިންގައި ތިބެގެންކަމުގައެވެ. މިއީ، ސްކޫލާ އަދި ދަރިވަރުންގެ ޙަޔާތުގައިވެސް، އަބަދަށް ދިރިހުންނާނެ ޚާއްސަ ހަނދާނެއްކަމާއި އަދި އެދަރިވަރުން ކުރި އާދަޔާ ޚިލާފު ހިތްވަރެއް ކަމުގައެވެ.
ޖަލްސާގައި ސްކޫލާ ގުޅޭ ރިޕޯޓެއް ހުށަހެޅިއެވެ. އަދި ގްރޭޑް 10 ނިންމި ބައެއް ދަރިވަރުންގެ ޝުޢޫރުފާޅު ކުރުން ވެސް ކުރިއަށް ގެންދެވުނެވެ.
2 Responses
މަރުހަބާ ލަޔާން. ތިކުރި ހިތްވަރަށް އައްސަރިބަހާއި ސާބަސް.
ލަޔާނަށް މަރުހަބާ. ރަޒާނަށް މަރުހަބާ. މައިހާ އަށް މަރުހަބާ. ވަރަށް މޮޅު ދަރިވަރުންތަކެއްތީ.