ތަޢުލީމީ ޙަޔާތް މިހިސާބުން ނިންމާ ނުލައި ކުރިއަށް ގެންދިއުމަށާއި މިޒަމާނަކީ ތަޢުލީމާ ނުލައި ޙަޔާތް އައު އުސްމިން ތަކަކަށް ގެންދެވެން އޮތް ޒަމާނެއް ނޫންކަމާއި މިއީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް، ޢިލްމީ، ޤާބިލު، ހުނަރުވެރި ދަރިން އިންތިހާއަށް ބޭނުންވެފައި އޮތް ދުވަސްވަރެއްކަމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަހަރު ގްރޭޑް 10 ނިންމި ދަރިވަރުންނަށް އޮންލައިންކޮށް ބޭއްވި ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕްރިންސިޕަލް ވިދާޅުވީ، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރެވޭނެ މަގު މިއަދު އޮތީ ފަހިވެފައިކަމާއި އޭލެވަލް އިމްތިޙާނާއި ކުރިމަތިލައި ހުރިހާކުދިންވެސް މަތީ ތަޢުލީމު ޙާސިލު ކޮށްގެން ޙަޔާތުގެ މައިދާނަށް ނިކުތުމަށް ޕްރިންސިޕަލް ނަސޭޙަތްދެއްވާ އިރުޝާދު ދެއްވާ ކަމުގައެވެ.
"ތިޔަކުދިންގެ ސްކޫލް އަޙްމަދިއްޔާގައިވެސް ސަރުކާރުގެ ޚަރަދުގައި އޭލެވަލް އިމްތިޙާނަށް ކިޔެވުމުގެ ފުރުސަތު މިއަދު އެބަ އޮތް. އެހެންކަމާއެކު، އަޙްމަދިއްޔާއިން ތަޢާރަފުވި، ތިޔަ ދަރިވަރުންގެ ރަޙުމަތްތެރި އަދި ދެކެފަރިތަ އެކުވެރި ކުދިންނާއެކު، މި އުފާވެރި މާޙައުލުގާ، ގްރޭޑު 11 އަދި 12 އަށްވެސް މި ސްކޫލުގައި ކިޔަވަން އެދޭނަމަ އެފަދަ ކޮންމެ ދަރިވަރަކަށް އުފަލާއެކު ސްކޫލުން މަރުޙަބާ ކިޔާނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.
އަޙުމަދިއްޔާ އަބަދުވެސް އޮންނާނީ، ސްކޫލުން ތަޢުލީމު ޙާސިލުކުރި ދަރިވަރުންގެ ކާމިޔާބީއަށް އެދިގެން އޮތް ސްކޫލެއްގެ ގޮތުގައިކަމާއި މި ސްކޫލް އަބަދުވެސް ތިޔަކުދިންނަށް، ހެޔޮ އެދޭނެކަމާއި ކާމިޔާބީއަށް އެދޭނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. މި ގައުމަށް ޚިދުމަތްކުރާ ނަމޫނާ މުވާޠިނުންނަށް، ތިޔަކުދިން ވެގެން ދިއުމަކީ، އަޙުމަދިއްޔާގެ އުންމީދު ކަމާއި އަދި އަޙުމަދިއްޔާ ދެކޭ ހުވަފެންކަމުގައިވެސް ޕްރިންސިޕްލް ވިދާޅުވިއެވެ.