ސަމާސާ އަދަބު 3 – ޅަހުއްތުބޭގެ ރޯދަވީއްލުން

ޅަހުއްތުބޭއާއި ކުޑަހުއްތުއަކީ ދެ އަވަށްޓެރިންނެވެ. ޅަހުއްތުބޭއަކީ ރުންކުރު ސިނގުރުޅިއެއް އަންނަ މީހެކެވެ. ޅަހުއްތުބޭގެ ކޮންމެވެސް އަވަށްޓެރިއަކާއި ޒުވާބު ނުކުރާ ދުވަހެއް މަދުވާނެއެވެ. އޭނާއަކީ މާރުކޭޓުގައި އުނގުވިޔަފާރި ކުރާ މީހެކެވެ. ގިނަ ދުވަސްދުވަހު ވިޔަފާރި މަސައްކަތް ނިމިގެން ގެއަށް އަންނައިރު ވެސް ހުންނާނީ ރުޅިގަދަވެފައެވެ. މިއާއި ޚިލާފަށް ކުޑަހުއްތުއަކީ ވަރަށް މަޑުމައިތިރި މީހުންނާ ގުޅޭ އޯގާތެރި މީހެކެވެ. މި ދެ މީހުންގެ މިޒާޖު އުނޑާ ބިމާހާ ތަފާތެވެ. އަދި ޚާއްސަކޮށް ޅަހުއްތުބޭ ވިޔަފާރި ނިންމާފައި ގެއަށް އަންނަ މަގުމަތީގައި ކުޑަހުއްތު ފެނިއްޖެނަމަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އިރުއަރާނީ ޅަހުއްތުބޭ ކޮންމެވެސް މީހަކާއި ޒުވާބުކުރާ އަޑުފައްގަނޑަށެވެ. މިކަމާހެދި ޅަހުއްތުބޭގެ އަންހެނުންނާއި ދަރިންތިބެނީ ވަރަށް ލަނދުންނެވެ. އެހެންވެ ތަންގަނޑުމީހަކާ ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރެއެވެ.

ރޯދަމަސް ބޯމަތިވަމުން އަންނާތީ އެންމެންވެސް އަވަދިނެތި އުޅެނީ ގޭ ދޮރުމައްޗަށް ކަށިވެލިލައި ގޭގައި ހުރި ބައެއްތަންތަނުގެ އާބާތުރަ ފިލުވާށެވެ. އެ ޒަމާނަކީ އެއްގޭގެ ތެރެއިން އަނެއްގެއަށް ވަދެވެން ހުންނަ ޒަމާނެވެ. ވަށާފާރު ރާނައި ދޮރާށިލާފައި ހުންނަނީ ހާލަކުން ގެއެއްގައެވެ. އެއީ އެންމެ މުއްސަނދިންގެ ގޭގޭގައެވެ. ޅަހުއްތުބޭގެ ދިރިއުޅުން މާ ތަނަވަހެއް ނޫނެވެ. ގިނަ ފަހަރަށް ގޭގައި ލައިގެންކާނެ އެއްޗެއް ނުހުރެއެވެ. ކުޑަހުއްތަކީ މަސްވެރިއަކަށްވާތީ ލައިގެން ކާއެއްޗެހި އެގެއިން އެމީހުންނަށް ފޯރުކޮށްދޭލެއް މަދެއްނޫނެވެ. ނަމަވެސް މިކަމެއް ޅަހުއްތުބޭއަކަށް ނޭނގެވެ. އެކަން އެނގިއްޖެނަމަ ކުޑަހުއްތުއަށް ކޮށްލާނެ ވަރުއެނގޭތީ، ދެގޭގެ އަންހެންވެރިންނާއި ކުދިން މިކަން އޮންނަނީ ބޮޑުސިއްރަކަށް ހަދާފައެވެ. ބޮޑުކަމެއް ޖެހިގެން އުޅޭ ފަހަރުފަހަރު ވެސް ކުޑަހުއްތުގޭގެ މީހުންގެ ދީލަތި އެހީތެރިކަން ޅަހުއްތުބޭގެ އާއިލާއަށް ލިބެއެވެ. ދުވާލުދާ ހަތަރުދަމު ޅަހުއްތުބޭ އުޅޭނީ ބާޒާރު މަތީގައެވެ. ކުއްޖަކަށް ކަމެއްވިޔަސް ޅަހުއްތުބެއަކަށް ނޭނގޭނެއެވެ. އެނގުނަސް އެކަމާ އަޅައެއް ނުލާނެއެވެ.

ރޯދަމަސް އައުމާއެކު ކޮންމެ މީހަކުވެސް މިބަލަނީ ވީހާވެސް ގިނަވަގުތު އަޅުކަމުގައި ޝާމިލް ވެވޭތޯއެވެ. ނަމަވެސް ޅަހުއްތުބޭގެ ކަމަކީ ދުވާލުދާ ހަތަރުދަމު ބާޒާރުމަތީގައި އުޅެފައި އިރުއޮއްސެން ވިއްސަކަށް މިނިޓުވުމުން ގެއަށް ވަދެ ރޯދަވީއްލަން ހުރީ ކޮންއެއްޗެއްތޯ ބެލެމުވެ. ކޮންމެ ދުވަހަކު ވެސް ރޯދަވީއްލަން ވާއިރަށް މޭޒުމައްޗަށް ހުރިހާ ކާތަކެއްޗެއް ނެރެންވާނެއެވެ. އެންމެ ލަސްވެގެން ފަނަރަ މިނިޓްކުރިން ހުންނަންވާނީ މޭޒުމަތި ތައްޔާރު ކުރެވިފައެވެ. ބަންގި ނުގޮވަނީސް ޅަހުއްތުބޭ އިންނާނީ މޭޒު ކައިރީގައެވެ. އެވަގުތު ރޭޑިއޯ ވެސް ހުންނަންވާނީ ހުޅުވާފައެވެ. ރޭޑިއޯއިން ﷲ އަކުބަރުގެ އަޑު އިވުމާއެކު، މޭޒުކައިރީގައި ތިބޭ އެހެންމީހުންގެ މޫނަކަށް ބެލުމެއްނެތި ކާއެއްޗެހިތައް ކެވޭތޯ ބަލާނެއެވެ. އިސް އުފުލައިލާނީވެސް މޭޒުމަތި ގާތްގަނޑަކަށް ހުސްވުމުންނެވެ. ކެއުމުގައިވެސް ހައްދެއް ނޯވެއެވެ. އެއިރަކު ހުރި ކޮންމެ އެއްޗެއް ވެސް ވަރިހަމަވާނެއެވެ. ކާވަގުތު  ކޮށިއަރަފިއްޔާ އެ ރެއެއްގެ ކަންތަކާ ޖެހުނީއެވެ. ކާއެއްޗެހީގެ ކުޅި ގަދަކަމުން ވީގޮތެއް ކަމަށްބުނެ، ތަރާވީސްގަޑިއާއި ޖެހެންދެން އަންހެނުންނަށާއި ދަރިންނަށް ނުކުރާކަ ވަރެއް ނުއޮންނާނެއެވެ.

ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމި ދެވަނަ ދިހައިގެ ފުރަތަމަ ހުކުރު ދުވަހެވެ. އެދުވަހު ކުޑަހުއްތު ވެސް މަހަށްނުދާ ދުވަހަކަށްވާތީ އަންހެނުންނަށް އެހީތެރި ވެދިނުމުގެ ގޮތުން ބަދިގެ ތެރޭގައި އުޅުނެވެ. އެހެންދުވަސް ދުވަހާއި ޚިލާފަށް ރޯދަ ވީއްލުމަށްޓަކައި އިތުރަށް ކާތަކެތި ތައްޔާރު ކުރިއެވެ. ބަންގި ގޮވުމުގެ ކުރިން މޭޒުމައްޗަށް ކާއެއްޗެހި ނެރުމަށްފަހު، ކުޑަހުއްތުގެ އަންހެނުން ހުރިހާ ދަރިންނަށް ގޮވައި މޭޒުކައިރިއަށް ގެނެސްފިއެވެ. ކުޑަހުއްތު ދިޔައީ ގިފިއްޔަށް ވުޟޫކޮށްލައިގެން އަންނާށެވެ. އިރުކޮޅެއް ނުވެ ޅަހުއްތުބޭއައިސް މިގެއަށް ވަދެ ކުޑަހުއްތު އިށީންނަ ގޮޑީގައި ޖައްސާލައިފިއެވެ. ހަމައެވަގުތު ކުޑަހުއްތުއަށް ވެސް ގިފިލިން ނިކުމެގެން އައިސް ކާގޭތެރެއަށް ވަދެވެއްޖެއެވެ. ގޮޑީގައި އިށީންނަން ބަލާލިއިރު އަސްތާ! ޅަހުއްތުބޭ މިއިނީ އައިސް ރޯދަވީއްލާށެވެ. ކުޑަހުއްތުގެ އާއިލާގެ އެންމެންނަށް ވެސް ވީވަރަކީ ބަންގި ގޮވިއިރު ވެސް ރޯދަ ނުވީއްލާ ޅަހުއްތުބެއާއި ދިމާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ޅަހުއްތުބޭއަކީ ރޯދަވީއްލާ ގަޑީގައި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާ މީހެއް ނޫނެވެ. އެހެންވެ ޅަހުއްތުބޭ އިންތާ އިނދެ ހަބަނޑަށް ކައި ނިންމާލުމަށް ފަހު ބުނެފިއެވެ.

"ހަރީރާ! މިއަދު ރޯދަވީއްލަން ހަދާފައި މިހިރަ ތަކެއްޗަކީ އަދި މިހާތަނަށް ދުވަހަކުވެސް ނުކެވޭހާ މީރު އެއްޗިހި. މަށަށް ދެން ނޭނގޭ މިރޭ ހާރުވެސް ކެވޭނެކަމެއް! ހާދަ ގިނައެއްކޮށޭ މިކެވުނީ!" އޭރު ޅަހުއްތުބޭގެ ގޭގެ މީހުން ޅަހުއްތުބޭ ރޯދަވީއްލަން ނައިސްގެން އެކަމާ ކަންބޮޑުވެފައި ތިއްބެވެ. ސަލާން ގޮވާލާފައި ކުޑަހުއްތުއައިސް ޅަހުއްތުބޭ އެ ގޭގައި ރޯދަވީއްލަން އިންވާހަކަ ބުނެފިއެވެ. ވަގުތުން ހަރީރާ ދުއްވައިގަތީ ޅަހުއްތުބޭ ބަލަ އެވެ. ހަމަ އެގެއަށް ވަދެ ހަރީރާއަށް ބުނެވިއްޖެއެވެ.

"އެކަމަކުވާ ޅަހުއްތޫ! މިގޭގައި ހުރި ހުރިހާ އެއްޗެއް ކައި ތިޔަ ހުސްކޮށްލީ ދޯ! އަޅެ ބަލައިލަން ވާނެއެއްނު! މިއަދުވެސް އިރުއެރިތަނުން ކުޑަހުއްތުއާއި ޒުވާބުކޮށްފައި ބާޒާރަށް ދިޔައީ! އެހެންވެ އަބަދުވެސް ބުނަމެއްނު ކައިރި އަވަށްޓެރިންނާއި ޒުވާބު ނުކުރާށޭ! ހަރީރާގެ ވާހަކަ ރަނގަޅަށް ނުނިމެނީސް ޅަހުއްތުބޭ ވަރަށް ރުޅިއައިސްފައި ބުނެފިއެވެ.

"އެހެންނުވާނީ! މިއޮތީ އަހަރުމެންގެ ގޭގެ ކާމޭޒުގައި އަޅާފައި އޮތްކަހަލަ ރަބަރެއްނު! އެހެންވެ މަށަށް ނޭނގުނީ! މީގެފަހުން ކުޑަހުއްތުމެން އަހަރުމެންގެ ގޭގައި ހުންނަ ކަހަލަ އެއްޗެހި ނުގަންނާތި!" ހަރީރާއަށް އަނގަހިމޭނުން ލައިގެން ނުހުރެވިގެން ބުނެފިއެވެ.

"އެންމެފަހުން މި ނުބައިވީ މިގޭގެ ކާމޭޒުމަތީގައި އަޅާފައި މިއޮތް ރަބަރުގަނޑެއްނު! (މަލާމާތުގެ ރާގަކަށް) އާފަހެ، ޅަހުއްތުގެ އެއްވެސް މައްސަލައެއް ނެތްދޯ! އެހެންވިއްޔާ ނަސީބެއް މިތާ މިތިބަ މީހުން ހަމައަށް ތިބިކަން!"

އޭގެ އަނެއްދުވަހު ޅަހުއްތުބޭ ބާޒާރަށް ދިއުމުން ޅަފުރާގެ ކުދިންތައް ޅަހުއްތުބެއަށް ވައްބަހުން ދިމާކޮށް ހެދިއެވެ.

4 Responses

  1. ވަރަށް މަޖާ ލިޔުމެއް. ވަރަށް ކަމުދޭ.

  2. ޢަޑުގަދަ މިިިީހަާގެ ރުއްގިނަވަާނެ ޅަހުއްތުބެއައް ރޯދަމަހަާ ރޯއްޖާ ކީއްކުރާނި ބައެއް މީހުންގެ ފެންފަރު ބޯހަލާކު

  3. ތިވަރައްބޮދު ތެދެއް ތިދެބާަވަތުގެ މީހުންވެސްއުޅެ އަހަރުމެންގެ ތެރޭގަވެސް

  4. Thafaathu mizaaju ge myhun ulhey thi vaahakain varahbodah ekan faahaga vehje thi hama mujuthamauga higamundhaa kaneh

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *