މުހާވިރާތަކާއި ސަގާފަތާ ހުރި ގުޅުން އެނގުމަކީ އަދަބީ މުއްސަނދިކަން ލިބުމުގެ އިތުރުން އިހުތިބީންގެ ވިސްނުން ހުރި ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަ، އަދި ކަންކަމުގެ ޠަބީޢަތް ދެނެގަތުމަށް ފަސޭހަވާކަމެއް ވެސްމެއެވެ. މުހާވަރާތަކުން އެބަޔަކު ކޮށްއުޅުނު ކަންތައްތަކާއި، ގެދޮރުއަޅައި އުޅުނު ގޮތާއި، ކޮށް އުޅުނު މައިގަނޑު މަސައްކަތްތަކާއި އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ރަނގަޅަށް ހާމަވެއެވެ. މިސާލަކަށް ބަލާނަމަ ދިވެހި މުހާވަރާތަކުގައި ދީނީ އަގީދާ އާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި، ރާވެރިކަން ފަދަ ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ކަންތައްތައް ފެނެއެވެ. "ރުކަށް އެރި މީހާގެ ނަދުރު"، "ރައިވެރިއެއްގެ ދަރިއަކަށް ވެސް ހަތަރެތިން އެކަތި އޮންނާނެ"، "ފެތުނު އޮޑީގެ ރިޔާ ދަށު ވިޔަސް ކަނަކު އަތްދަށު ނުވާތި"، އަދި "މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ"، ފަދަ މުހާވިރާތަކުން ސަގާފަތް އޮތް ގޮތް ދައްކުވައިދެއެވެ. މިއީ ދިވެހީންގެ އޭރުގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަންތައްތަކެވެ. މިއަދު ޒަމާނާ އެއްގޮތަށް ދިވެހީންގެ ދިރިއުޅުން ބަދަލުވެފައިވީ ނަމަވެސް މުހާވަރާތަކުން އިހުގައި ދިވެހިން ކޮށް އުޅުނު މަސައްކަތްތައް ދެނެގަނެވެއެވެ.
ހަގީގަތަކީ ދިވެހީންގެ ސަޤާފަތުގައި ވެސް އަދި އެހެން ސަގާފަތްތަކުގައި ވެސް ހިމެނި އިހުއްސުރެ ސަޤާފީ ގޮތުން ކުރަމުން އަންނަ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަމެވެ. މި ގޮތުން ދިވެހީން ކުރީގައި ކުޅެ އުޅުނު އެންމެހައި ކުޅިވަރުތަކަކީ ވެސް ދިވެހީންގެ ސަގާފަތާއި އަމިއްލަވަންތަކަން ވަރަށް ބޮޑަށް ފެނިގެންދާ ތަކެއްޗެކެވެ. ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ތަފާތު ކުޅިވަރުތައް އިހު ދިވެހީން ކުޅެފައި އެބަހުއްޓެވެ. ބޮޑެތި މީހުން ކުޅޭ ކުޅިވަރުތަކާއި، ކުޑަކުދިން ކުޅޭ ކުޅިވަރުތައް ވެސް މި ދެންނެވި ފަދަ އަމިއްލަވަންތަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން ވެސް ތަފާތުއެކި މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި ކުޅެއުޅޭ އެކި ކުޅިވަރުތަކާއި، ގޭތެރޭގައި ކުޅޭ ކުޅިވަރުތައް ވެސް ހިމެނެއެވެ. ތަފާތު މުނާސަބަތުތައް ފާހަގަކުރުމަށްޓަކައި ކޯޑި ޖެހުމާއި ބޮޑު މަސް ބޭނުން، ބޮޑު މާލިނެށުން ފަދަ ކުޅިވަރުތައް ވެސް ކުޅެއެވެ. އިހު ދިވެހީން އެބައިމީހުންގެ ކުޅިވަރުތައް ބައްޓަންކޮށްފައި ހުންނަނީ މާބޮޑު ޚަރަދެއް ނުކޮށް ރާއްޖޭގައި އުފައްދާ ތަކެއްޗާއި މި ރާއްޖޭގެ ވެށިން ލިބޭން ހުންނަ އާދައިގެ ތަކެތި ބޭނުންކޮށްގެންނެވެ. އެ ސަގާފަތުގެ ތެރެއިން އެބައިމީހުންގެ އާދަކާދައާއި އިޖުތިމާޢީ އަގުތައް ވެސް ފެނެއެވެ. އަގީދާއާއި ގަބޫލުކުރާ ގަބޫލުކުރުން ފެނެއެވެ. އެގޮތުން ކުޅިވަރުތަކުގެ ތެރެއިން މުނިފޫހިފިލުވުމުގެ އިތުރުން ހަށިގަނޑަށް ކަސްރަތުލިއްބައިދިނުމުގެ މަގްޞަދު ވެސް ހާޞިލްކުރެއެވެ. މީގެއިތުރުން ވެސް މިއުޒިކީ ތަފާތު އެކި ހުނަރު ދައްކުވައިދިނުމުގެ ގޮތުން ކުޅެފައިވާ އެތައްއެތައް ކުޅިވަރުތަކެއް ވެސް ހިމެނެއެވެ.
ދިވެހީން ކުޅެމުން އައިސްފައިވާ ނަލަ މިޔުޒިކީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑުބެރުޖެހުމާއި، ދަނޑިޖެހުމާއި، ދެނަވުގެރާނީ އައި ތާރަޖެހުމާއި، ބަނޑިޔާޖެހުމާއި، ލަނގިރިޖެހުން، ފަތިގަނޑު ޖެހުން ގާ އޮޑީލަވަ ދަނޑިޖެހުން ހިމެނެއެވެ. ދިވެހީންގެ ސަޤާފަތުގެ ތެރޭގައި ހިމެނޭ އެކި ކުޅިވަރުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ގޭތެރޭގެ ކުޅިވަރުތަކުގެ ތެރޭގައި ބޮލިގަނޑު ކުޅުން، ޕަޗަސްކުޅުން، ގޮޓިކުޅުން ހިމެނެއެވެ. ރަސްކަމުގެ ފަރާތުން ކުޅޭ ސަޤާފީ އެތައް ކުޅިވަރުތަކެއް ވެސް ދިވެހީންގެ ސަޤާފަތުގެ ތެރޭގައި ހިމެނެއެވެ. އަދި މި ކަންކަމުގެ މައްޗަށް ގިނަ މުޙާވިރާތަކެއް އެބަހުއްޓެވެ. މިކަންކަމުގެ ތެރެއިން ދިވެހިންގެ ސަގާފަތާއި އާދަކާދައާއި އިޖުތިމާޢީ އަގުތައް ފެންނާން އެބަހުއްޓެވެ. މުޙައްމަދު ޖަމީލު (1983) ވިދާޅުވާގޮތުން ދިވެހީންގެ ސަޤާފަތަކީ ނަލަކަމުގެ މައްޗަށް ހުސްވެފައިވާ ސަޤާފަތެކެވެ. އޭގެ ތެރޭގައި ސާފުތާހިރުކަމާއި، ގައިންތާހިރުވުމާއި ނަލަ ހެދުން ވަރަށް މައްޗަށް އޮތް ކަމަށެވެ. މީގެއިތުރުން، އިހު ދިވެހީންގެ ދިރިއުޅުމުން ފާޑުވެރިކަމާއި، ހުނަރުވެރިކަމާއި، ކަންކުރުމުގެ ގޮތްފޮތާއި، ވައްޓަފާޅި ފެނިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ. މީގެ ތެރޭގައި ކުރެހުންތެރިކަމުގެ ހުނަރުވެރިކަން ވެސް ވަރަށް ބޮޑަށް ހިމެނެއެވެ. ލިޔެކިޔުން އާންމުނުވާ ޒަމާނުގައި ވެސް ސަގާފީ ތަޖުރިބާތަކުގެ ތެރެއިން މުހާވިރާ އުފެދި އެކެއްގެ ކިބައިން އަނެކަކަށް އަނގަބަހުން ނަގުލުވެގެން ދިޔައެވެ. މި ފަދަ މުހާވަރާތަކުން އެބައެއްގެ މެދުގައި ގެންގުޅެމުން އައި އިޖުތިމާޢީ ރީތި އާދަތައް ރަމްޒުކޮށްދެއެވެ.
ދިވެހީންގެ އާދަކާދައާއި ދިވެހިންގެ ސަގާފަތަކީ ގުޅިލާމެހިފައިވާ ދޭއްޗެވެ. އެހެންކަމުން ދިވެހިންގެ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ ގިނަކަންތައްތައް އެނގި ހާމަވެގެންދާނީ އެމީހުންގެ އާދަކާދައިގެ ތެރެއިންނެވެ. އަދަކާދައިގެ ގޮތުން އިސްވެ ދެންނެވި ފަދަ ވަރަށްގިނަ ކަންތައްތަކެއް ދިވެހިންގެ ދިރިއުޅުމުގެ ތާރީޚަށް ފުންކޮށް ބަލާލައިފިނަމަ ފެނިގެންދާނެއެވެ. ދިވެހި މުޖުތަމަޢެކޭ އެއްފަދައިން ބޭރުގެ މުޖުތަމަޢުތަކުގައި ވެސް އެބަޔަކަށް ޚާއްޞަކަންތައްތަކެއް ވަކި ދުވަސްވަރަކުން ފެށިގެން ވަކި ގޮތަކަށް ތަރުތީބުވެގެން އައިސް އެ ބައެއްގެ ސަޤާފަތަށްވެފައި އެބަހުއްޓެވެ. ސަގާފަތް ދަސްކުރުމުގެ ތެރެއިން މުހާވިރާތައް އުފެދިފައިވާ ގޮތް އޮޅުންފިލައެވެ. އަދި މުހާވަރާތަކަކީ އެ މުޖުތަމައެއްގެ އަގުތައް އަންގައިދޭ އެއްޗަކަށްވީހިނދު، އެފަދަ މުހާވިރާތަކުގެ ތެރެއިން ސަގާފަތް އުނގަންނައިދީގެން ދަރިވަރުންގެ ކިބައިގައި ރީތި އާދަތަކާއި ބަސްބަހުގެ ގާބިލްކަން ވެސް އެންމެ ފުރިހަމައަށް އަށަގަންނާނެއެވެ.
ވަކި މުޖުތަމައެއް އިސްތިސްނާވުމެއް ނެތި، ކޮންމެ މުޖުތަމައެއްގައި ވެސް، މުހާވިރާތައް އުފެދި އެކެއްގެ ކިބައިން އަނެކެއްގެ ކިބައަށް، އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސްފައި ވަނީ އެ އިރެއްގައި ދުނިޔޭގައި ތިބި ބަޔަކަށް ފެނުނު، އަޑުއިވުނު އަދި ތަޖުރިބާކުރެވުނު ތަކެއްޗާއި ކަންކަމުގެ މައްޗަށް ބިނާކޮށްކަން ހޯދުނެވެ. އެހެންކަމުން އެއިން ކޮންމެ މުހާވިރާއަކީ ވެސް އެ މުހާވިރާއަކުން ސަގާފަތާއި އާދަދައްކުވައިދޭ މުހާވިރާއެއްކަން އެނގުނެވެ. އަދި ހަމަ މިއާއެކު މުހާވިރާތަކުގެ ތެރޭގައި އެބައެއްގެ ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި އުޞޫލުތަކާއި ހަމަތަކާއި، އިޖުތިމާޢީ އަގުތައް ދައްކުވައިދޭ މުހާވިރާތަކެއް ހުރިކަން ހޯދުނެވެ. މުހާވިރާތައް ބިނާވެފައިވަނީ ސަގާފަތުގެ ތެރޭގައި ހިމެނޭ ޢިލްމާއި، އަގީދާއާއި، ފަންނުވެރިކަމާއި، އަޚްލާގާއި، ގާނޫނާއި، އާދަކާދަތަކާއި، މި ނޫން ވެސް މުޖުތަމައުގައި ނުވަތަ އިޖުތިމާއީ ވެށީގައި ދިރިއުޅުމަށްޓަކައި އިންސާނަކަށް ބޭނުންވާނެ އެންމެހާ އާދަކާދަތަކާއި ގާބިލުކަން ފަދަ އެންމެހާ ކަމެއްގެ މައްޗަށް ކަމަށް ވާތީ މި ހުރިހައިކަމެއް މުހާވިރާތަކުން ފެނެއެވެ. އެހެންކަމުން މުހާވިރާ އުފެދުމުގައި ސަގާފަތުގައި ހިމެނޭ މާއްދީ އަދި މާނަވީ ކަންތައްތައް ދައްކައެވެ. ސަގާފަތަކީ މުހާވިރާ އުފެދުމުގެ ބިންގަލެވެ. އެހެނީ ބަޔަކު ދިރިއުޅޭ މާހައުލުގައި ހިމެނޭ މާއްދީ ތަކެއްޗާއި ކަންކަމާއި ވިސްނުމާއި ފިކުރާއި ގުޅޭ މައުނަވީ ކަންކަމުގެ ތެރެއިން މެނުވީ މުހާވިރާ އުފެދިފައެއްނުވެއެވެ. ވީމާ މުހާވިރާ އުފެދުމުގެ އަސްލަކީ ސަގާފަތެވެ. ސަގާފަތާއި ނުލައި މުހާވިރާއެއް އުފަންވެފައެއްނުވެއެވެ.
މިފަދަ މުޙާވިރާތަކަކީ އިހުގެ ދިރިއުޅުމާއި ވައްޓަފާޅި ވަރަށް ރަނގަޅަށް ދައްކުވައިދޭ މުހާވިރާތަކަކަށް ވުމުން ސަގާފަތް އުނގެނުމާއި އުނގަންނައިދިނުމުގައި މި މުހާވިރާތަކުގެ ބޭނުން ހިފިދާނެއެވެ. އަދި މުހާވަރާތަކުން ހަރުދަނާ ބުނުންތަކާއި ނަސޭހަތާއި ލަފަޔާއި އިރުޝާދުތައް ފެންނާތީ، މި ޖީލުގެ ދަރިންނަށް ރަނގަޅު މަގުދައްކައި ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ވެސް މި ހޯދުނު ހޯދުންތަކުގެ ބޭނުންކުރެވިދާނެއެވެ. އަދި ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމަށް ވެސް މިފަދަ ރިވިއުއެއްގެ ބޭނުންހިފިދާނެއެވެ.