الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަޅުކަން ކިޔެނީ އެބަޔަކު ޤަބޫލުކުރާ ކަލާނގެއެއް މަތިވެރިކުރުމުގެ ގޮތުން، ނުވަތަ އެކަލާނގެއަކަށް އަޅުވެތިވުމުގެ ގޮތުން ނުވަތަ އެކަލާނގެ އެމީހަކަށް ކޮށްދޭ ފައިދާއެއް ކޮށްދޭނީ އެވެނި ކަމެއް މިވެނި ގޮތަކަށް ކުރުމުން ކަމުގައި ދެކިގެން، ނުވަތަ އެމީހަކަށް ލިބެންއުޅޭ ގެއްލުމަކުން އެމީހަކު ސަލާމަތްވާނީ އެކަލާނގެ އަކަށްޓަކައި އެވެނި ކަމެއް ކުރުން ހުއްޓާލުމުން ކަމުގައި އަދި މިފަދަ ޒާތުގެ ކަންކަމަށެވެ. ބާޠިލުގޮތުގައި ކުރެވޭ މިފަދަ އެންމެހައި ކަންކަމަކީ ހުރިހައި އިންސާނުންވެސް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަންކަމެވެ. އަދި އެއަށްފަހު އެއެންމެހާ ކަންކަމެއް ﷲ سبحانه وتعالى އަށް އެކަނި އަދާކުރާން ޖެހޭ ކަންކަމެވެ. ވީމާ އަޅުކަމަކަށްވާ ކަމެއް، އެކަމަކީ ﷲ سبحانه وتعالى އަންގަވާފައި ނުވާ ކަމެއްނަމަ، އެއީ ހުއްޓާލާންޖެހޭ ކަމެކެވެ. އަދި ކުރަންޖެހެނީ އެކަލާނގެ އަޅުކަމުގެ ގޮތުގައި ކަނޑައެޅުއްވި ކަންކަން އެކަންޏެވެ. އެނޫން ހަމަ އެއްވެސްކަމެއް އަޅުކަމުގެ ގޮތުގައި އެއްވެސް އިންސާނަކު އެއްވެސް ކަމެއް ކުރުމަކީ ދުނިޔޭގައި ކުރެވޭނޭ އެންމެ ނުބައި ކަންކަމުގެ ތެރޭގައި ހިމެނޭނޭ ކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެބަޔަކު ދިރިއުޅޭ މާޙައުލުގެ މީހުން އެއީ ނުބައިކަމެއްގެ ގޮތުގައި ނުދެކޭ، އެބައިމީހުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކޮންމެ ކަމެއް އެއީ ހެޔޮރަނގަޅު ކަމެކޭ އެވެ. އަދި އެމާޙައުލުގެ މީހުން އެއީ ރަނގަޅުނޫން ކަމެއްގެ ގޮތުގައި ދެކޭ ކޮންމެ ކަމަކީ އެއީ ރަނގަޅު ނޫން ކަމެކޭ އެވެ. އަޅުކަން ކަނޑައެޅުމުގައި މިއުޞޫލު ގެންގުޅުމަކީ ވަރަށްވެސް ނުރައްކާބޮޑު ކަމެކެވެ. ސަބަބަކީ އޭރުން އެމީހެއްގެ ސިކުނޑިން ކަންކަން މިނާނީ އޭނާގެ މާޙައުލުން ކަމަށްވާއިރު، އެމީހެއްގެ މާޙައުލުގައި ބުދަށް އަޅުކަން ކުރުން ރަނގަޅު ނަމަ އެއީ ރަނގަޅު ކަމެކެވެ. ޤަބުރަށް އަޅުކަން ކުރުން ރަނގަޅު ކަމެއްގެ ގޮތުގައި ބަލާނަމަ އެއީ ރަނގަޅުކަމެކެވެ. ޒިޔާރަތްތަކަށް ނަދަރުބުނުން އެއީ އެރައްޔިތުންގެ ތެރޭގައި ރަނގަޅުކަމެއް ނަމަ އެއީ ރަނގަޅު ކަމެކެވެ. މިފަދައިން ކަންކަން ނިންމުމުން ކަންކަން އެނިންމެނީކީ ޙައްޤުގޮތަކީ ކޮބައިކަން ބަލައިގެނެއް ނޫނެވެ. އެހެނަސް ކަންކަން އެނިންމަނީ މުޖްތަމަޢަށް ނުވަތަ ކާބަފައިންނަށް ތަޤްލީދު ކޮށްގެންނެވެ. ތަޤްލީދު ކޮށްގެންނޭ އެބުނެވެނީ އެމީހަކު ބަރޯސާވަނީ އެހެން ބައެއްގެ ނިންމުންތަކަށް ބަލައިގެން ކަމުގައި ވުމުންނެވެ. އަދި އެނިންމުން ނިންމި ބަޔަކު އެކަމެއް ނިންމީ ދަލީލުތަކެއްގެ މައްޗަށް ނުވަތަ ޢިލްމީ ޙަޤީޤަތެއްގެ މައްޗަށްތޯ ބެލުމެއް ނެތިކަމުގައި ވުމުންނެވެ. އެކަންކަން އެގޮތުގައި އެނިންމި ކާބަފައިންގެ މީހުންނަކީ ޢިލްމީ ގޮތުން ވަރަށް ދެރަ ނިކަމެތި ބަޔަކު ކަމުގައިވެސް ވެދާނެއެވެ. އެއީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ވިސްނި ހުރެމެ އެބައިމީހުންނަށް ލިބެމުންދާ ދުނިޔެވީ ފައިދާގަނޑެއް ޙާޞިލު ކުރަން މީހުންލައްވާ ކުރުވާ ކަމެއްކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް ތިމާމީހާ އެއިން އެއްވެސް ކަމެއް ބެލުމެއް ނެތި ވިސްނުމެއް ނެތި ހަމަ އެބަޔަކު ބުނާހައި ގޮތަކަށް ތަބާވުމީ ދެލޯ ކަނުވެފައި ތިބެގެން ބަޔަކަށް ތަޤްލީދު ކުރާމީހެކެވެ. ބުދަށް އަޅުކަން ކުރަމުން ދިޔަ މައްކާގެ މުޝްރިކުންވެސް އެމީހުން ކުރަމުން ދިޔަ ކަންކަން ރަނގަޅުކޮށް އުޅުނީ މިއުޞޫލުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللّهُ قَالُواْ بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءنَا أَوَلَوْ كَانَ آبَاؤُهُمْ لاَ يَعْقِلُونَ شَيْئاً وَلاَ يَهْتَدُونَ وَمَثَلُ الَّذِينَ كَفَرُواْ كَمَثَلِ الَّذِي يَنْعِقُ بِمَا لاَ يَسْمَعُ إِلاَّ دُعَاء وَنِدَاء صُمٌّ بُكْمٌ عُمْيٌ فَهُمْ لاَ يَعْقِلُونَ﴾ البقرة: 170-171 މާނައީ: [ﷲ ބާވައިލެއްވި ތަކެއްޗަށް ތިޔަބައިމީހުން ތަބާވާށޭ އެބައިމީހުންނަށް ބުނެވޭ ހިނދު އެބައިމީހުން ބުނެއެވެ. އަދި ކިއެއްހެއްޔެވެ. އަހަރެމެން ތަބާވާނީ އެގޮތެއްގެ މަތީގައި އަހަރެމެންގެ ކާބަފައިން ތިބިތަން އަހަރެމެންނަށް ފެނުނު ގޮތަށެވެ. އެބައިމީހުންގެ ކާބަފައިންނަށް ކަންކަން ނޭނގުނަސް އަދި ހިދަޔާތް ލިބިފައި ނެތަސް (ތިޔަބައިމީހުން ކަންކުރާނީ އެފަދައިން) ހެއްޔެވެ؟ އަދި ކާފިރުވީ މީހުންގެ މިސާލަކީ އެތަކެއްޗަކަށް ގޮވާލެވޭ ގޮވާލުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑު ނޫނީ ނީވޭ (ބަކަރި އައިނެއްގެ) މިސާލެވެ. އެބައިމީހުންނީ ބީރު މަންމަން ކަނު ބައެކެވެ. އަދި އެބައިމީހުންނަކަށް ނުވިސްނެއެވެ.] އަދިވެސް ﷲ ވަޙީކުރެއްވިއެވެ: ﴿وَإِذَا قِيلَ لَهُمْ تَعَالَوْاْ إِلَى مَا أَنزَلَ اللّهُ وَإِلَى الرَّسُولِ قَالُواْ حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءنَا أَوَلَوْ كَانَ آبَاؤُهُمْ لاَ يَعْلَمُونَ شَيْئًا وَلاَ يَهْتَدُونَ﴾ المائدة: 104 މާނައީ: [އަދި ﷲ ބާވައިލެއްވި ތަކެތި އަދި ރަސޫލާއަށް ބާވައިލެއްވި ތަކެއްޗަށް އަންނާށޭ އެބައިމީހުންނަށް ބުނެވޭ ހިނދު އެބައިމީހުން ބުނެތެވެ. އަހަރެމެންގެ ކާބަފައިންނަށް އެގޮތެއްގެ މަތީގައި ވަނިކޮށް އަހަރެމެންނަށް ފެނުނު ގޮތްތައް އަހަރެމެންނަށް ފުދެއެވެ. އަޅެފަހެ އެއީ އެބައިމީހުންގެ ކާބަފައިންނަށް އެއްވެސް އެއްޗެއް ނޭނގޭ ނަމަވެސް ހެއްޔެވެ؟ އަދި އެބައިމީހުންނަށް ހިދާޔަތެއްވެސް ލިބިފައި ނުވާނަމަވެސް ހެއްޔެވެ؟] ވީމާ މިއުޞޫލަކީ ވަރަށް ވިސްނުންކޮށިކޮށް ގެންގުޅޭ ބައެއްގެ ގޮތެކެވެ. އަދި ޚާއްޞަކޮށް އަޅުކަމުގެ ކަންކަން މިފަދައިން ނިންމުމީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާކަމާއި، ދުނިޔެވީ އެދުންވެރިކަމާއި ހަވާނަފްސަށް ހެއްލުން އެފަދަ މީހެއްގެ ބޮޑުކަމުގެ ނިޝާނެކެވެ. އަޅުކަމުގެ ކަންކަމަކީ ހަމަ އެއްގޮތަކަށްވެސް އެއީ ތިމާމެންގެ ކާބަފައިންވެސް އަޅުކަން ކުރަމުން އައި ގޮތްކަމުގައި ބުނެ ނިންމާލެވޭ ވަރުގެ ލުއި ކަމެއް ނޫނެވެ. އަޅުކަމުގެ ގޮތުގައި ކުރެވޭ ކަންކަމަކީ އެއީ އެކަމެއް ކުރުމަށް އަހަރެމެންނަށް ﷲ سبحانه وتعالى ހުއްދަ ދެއްވާފައިވާ ކަމެއްތޯ ނުވަތަ ނޫންތޯ ހޯދައި ބެލުމަކީ އަމިއްލަ ޒިންމާއެކެވެ. އެއީ ހަމަ ކޮންމެ އިންސާނެއްގެ ވެސް އަމިއްލަ ބޮލުގައި ކަރުގައި އެޅިފައިވާ ޒިންމާއެކެވެ. މިއަދު އެކަމުން ރެކިގަނެގެން، ޤިޔާމަތްދުވަހުގައި އެހެންބައެއްގެ ބޮލަށް އެކަންކަން ކަނޑާލެވިދާނެ ކަމަށް ދެކުމަކީ އިންތިހާއަށް އެމީހެއްގެ ބުއްދީގެ އުނިކަން ދައްކުވައިދޭނޭ ކަމެކެވެ. މިއަދު އެކަންކަން ބުއްދީގެ ލޮލަކުން ނުފެނި، ބުއްދީގެ ކަންފަތަކުން އަޑު ނައަހާ، ބުއްދީގެ ހިތަކުން ނުވިސްނައި، އެކަމާމެދު ބުއްދިވެރި ޢަމަލީ ފިޔަވަޅެއް ނާޅާ ފަހަށް މަޑުކޮށްފި ނަމަ، އެފަދަ މީހަކަށް މަރުވުމުގެ ކުރިން ހަނދާންކޮށްދޭން ޖެހެނީ ޤިޔާމަތްދުވަސް އައުމަށްފަހު ޙަޤީޤީ ފެނުމުން މަންޒަރުތައް ފެނި، ޙަޤީޤީ އަޑުއިވުމުން އަޑުތައް އިވުމުން، ދެން އެކަން ރަނގަޅުކުރާނަމޭ ހިތައި، އެފަދައިން އެދުވަހުން ކިތަންމެ ވަރަކަށް ހަޅޭއްލެވި ކަމުގައި ވީނަމަވެސް އެފަދަ މީހަކަށް ދެން މިދުނިޔެއަށް އެކަންކަން ރަނގަޅު ކުރާކަށްވެސް އަނބުރާ ނާދެވޭނެޔޭ އެވެ. އަދި އެފަދައިން އެބައިމީހުންނަށް މަގުދައްކާ އެބަޔަކު މަގުފުރެއްދި ބަޔެއްގެ ބޮލަށް އެކަންތައް ޖެހުމަށްފަހުގައި ތިމާއަކަށް އެކަމުން ސަލާމަތެއްވެސް ނުމެވެވޭނޭ މެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿إِذْ تَبَرَّأَ الَّذِينَ اتُّبِعُواْ مِنَ الَّذِينَ اتَّبَعُواْ وَرَأَوُاْ الْعَذَابَ وَتَقَطَّعَتْ بِهِمُ الأَسْبَابُ وَقَالَ الَّذِينَ اتَّبَعُواْ لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّؤُواْ مِنَّا كَذَلِكَ يُرِيهِمُ اللّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ﴾ البقرة: 166-167 މާނައީ: [ތަބާވެވުނު މީހުން، ތަބާވީ މީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވެގަންނަ ހިނދެވެ. އަދި އެބައިމީހުން ޢަޒާބު ދެކޭ ހިނދެވެ. އެބައިމީހުންގެ މެދުގައިވީ ގުޅުންތަށް ކެނޑިގެން ދާހިނދެވެ. އަދި (އެހިނދުގައި) ތަބާވީމީހުން ބުނާނެތެވެ. (އަނބުރާ ދުނިޔެއަށް) ދިއުމަށް އަދި އެއްފުރުޞަތު އަހަރެމެންނަށް ދީފިނަމަ، ފަހެ އެއީ، އެބައިމީހުން އަހަރެމެންނާ ބަރީއަ މިވީ ފަދައިން، އަހަރެމެން އެބައިމީހުންގެ ކިބައިން ދުރުހެލިވެ ބަރީއަވުމަށެވެ. އެބައިމީހުންގެ މައްޗަށް ހުރި ހިތާމަތަކެއްގެ ގޮތުގައި، އެބައިމީހުންގެ ޢަމަލުތައް އެބައިމީހުންނަށް ﷲ ދައްކަވާހުށީ އެފަދައިންނެވެ.] ވީމާ މިފަދައިން ތަޤްލީދު ކުރުމަކީ ހެދޭ ވަރަށްބޮޑު ގޯހެކެވެ. ﷲ سبحانه وتعالى އަށް އަދާކުރެވޭ އަޅުކަންތަކަކީ ހަމަ ބަޔަކު ކުރާތީ ކުރަނީއޭ ބުނެ ފަރުވާކުޑަކުރެވޭ ވަރަށްވުރެ އަހައްމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ. ރަނގަޅެވެ. ކުރެވޭ ކޮންމެ ތަޤްލީދަކުން މީހަކު ދީނުން ބޭރުވެ ކުފުރުގެ ތެރޭގައިވާ މީހެއްގެ ގޮތުގައި ކަނޑަ ނޭޅޭނެއެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ އެފަދައިން ކަނޑައެޅިގެން ދިޔައަސް، އެނޫން މައްސަލަތަކުގައި އެގޮތަށް ކަނޑަނޭޅޭނެއެވެ. ނަމަވެސް އަޅުކަމުގައި ޤުރުއާނާއި ސުންނަތުން ސާބިތު ނޫންގޮތަކަށް، އަޅުކަމުގެ ކަންކަމުގައި ބަޔަކު ކުރާތީ ކުރާކަމެއްގެ ގޮތުގައި ހެދުމުން ޙަޤީޤަތުގައިވެސް އެއީ އެކަލާނގެއަށް އަޅުކަމުގެ ގޮތުގައި ކުރުމަށް ތިމާއަށް ހުއްދަ ދެއްވާފައިވާ އަޅުކަމެއްކަން ނުވަތަ ނޫންކަން ދަލީލުން އެނގިފައި ނެތް ނަމަ ޤިޔާމަތް ދުވަހުން އެކަމުގެ ޒިންމާ ނަގާނީ ފަހެ ކާކުހެއްޔެވެ؟ ވީމާ އަޅުކަން ކުރަންވީ ފަރާތަކީ ﷲ سبحانه وتعالى ކަމަށްވާއިރު އަޅުކަމުގެ އެންމެހައި ކަންކަން ކަނޑައަޅުއްވާ ޝަރުޢު ކުރައްވާ އެކަންކަން ބަޔާން ކުރައްވާނީ ވެސް ﷲ އެވެ. ރަސޫލުންނާއި ނަބީންނަކީ އެކަންކަމުގެ ތަފްޞީލު ދެއްވަން ފޮނުއްވާ ބައެކެވެ. ވީމާ އެއްވެސް އަޅުކަމެއް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެއީ ބަލައިގަނެވޭނޭ، ޤަބޫލުވެވޭނޭ ޢަމަލަކަށް ހެދުމަށްޓަކައި އެކަމެއްގައި 2 ޝަރުޠެއް ފުރިހަމަވާން ޖެހޭނެއެވެ. އެއިން އެއްވެސް ޝަރުޠެއް އުނިވެއްޖެ ނަމަ އެއަޅުކަމެއް ޤިޔާމަތްދުވަހު ޖަޒާ ދެއްވާ ކަލާނގެ އެޢަމަލެއް އެމީހެއްގެ ފަރާތުން ޤަބޫލު ނުކުރައްވާނެކަން ނައްޞުތަކުގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކުރައްވާފައެވެ. އެދެޝަރުޠުގެ ތެރެއިން ފުރަތަމައީ: الإِخْلاَصُ އެވެ. އޭގެ މާނައަކީ އެއަޅުކަމެއް އަދާކުރުމުގައި އިޚްލާޞްތެރިކަން އޮތުމެވެ. ދެވަނައީ: الْـمُتَابَعَةُ އެވެ. އޭގެ މާނައަކީ ރަސޫލާ صلى الله عليه وسلم އެއަޅުކަމެއް ބަޔާންކުރެއްވި ގޮތް ނޫން ގޮތަކަށް އެކަމެއް އަދާ ނުކުރުމެވެ. ވީމާ މިދެޝަރުޠު ވެސް އެކަމެއްގައި ފުރިހަމަ ނުވާނަމަ އެއަޅުކަމެއް ﷲ سبحانه وتعالى ޤަބޫލު ނުކުރައްވާނެއެވެ. އެމީހަކު އަޅުކަން އަދާކުރީ ﷲ ނޫން ފަރާތަކަށްވެފައި އަދި އެކަމެއް ކުރީ އިންސާނީ ބުއްދިތަކަކުން ތައްޔާރުކޮށްފައިވާ ގޮތަކަށް ނަމަ އެކަމެއް ކުރުމުގައި މިދުނިޔޭގައި ކިތަންމެ ބުރަކޮށް ދާއޮހޮރުވައިގެން އަޅުކަން އަދާކުރުމުގައި އެތަކެއް ޒަމާންތަކެއްގައި ވަރުބަލި ވެފައިވީ ނަމަވެސް އެކަމެއް ﷲ ޤަބޫލު ނުކުރައްވާނެއެވެ. ޢުމުރުދުވަހު ޖުއްބާގައި ނުވަތަ ބުރުގާއާއެކު ފޮރުވިފައިވާ ހެދުމެއްގައި ފައްޅީގެ ތެރޭގައި އަޅުކަމުގެ ގޮތުގައި ކުރާ ކަންކަން ކުރުމުގައި ހޭދަކުރިއަސް އެއަކުން ލިބޭނޭ ހަމަ އެއްވެސް ފައިދާއެއް ނެތެވެ. މިފަދަ މީހުން ޤިޔާމަތްދުވަހުން ތިބޭނޭ ގޮތް ބަޔާންކުރައްވާ ﷲ ވަޙީކުރެއްވިއެވެ: ﴿وُجُوهٌ يَوْمَئِذٍ خَاشِعَةٌ. عَامِلَةٌ نَّاصِبَةٌ﴾ الغاشية/ 2-3 މާނައީ: [އެދުވަހުގައި ނިކަމެތިވެގެންވާ ޙާލުގައިވާ މޫނުތަކެއް ވެއެވެ. މަސައްކަތުގައި ވަރުބަލިވެފައިވާ މޫނުތަކެކެވެ.] އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ: ބިރުވެތިވެ ޢަމަލުކުރިއެވެ. ނަމަވެސް އެމީހުންގެ ޢަމަލުތަކަކުން އެއްވެސް ފައިދާއެއް ނުކުރިއެވެ. ރިވާވެގެން ވެއެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ހުރަސްކޮށް ރާހިބަކު ދިޔައެވެ. (ރާހިބަކީ ނަޞާރާ ދީނުގެ ޢިލްމުލިބިފައިވީ މީހުންނެވެ.) ދެން ޢުމަރު رضي الله عنه އޭނާއަށް ގޮވާލެއްވިއެވެ. އޭ ރާހިބު އެވެ. އެހިނދު އޭނާ މަޑުކުރިއެވެ. ދެން ޢުމަރުގެފާނު އޭނާއާ ދިމާއަށް ބައްލަވައި ކީރިތި ކުރެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. އޭ މުއުމިނުންގެ އަމީރުއެވެ. މިކަމުން ތިޔަ ކީރިތި ކުރެއްވުނީ ކީއްވެގެންތޯއެވެ؟ ވިދާޅުވިއެވެ. ﷲ عزَّ وجلَّ އެކަލާނގެ ފޮތުގައި ވަޙީކުރެއްވި ﴿عَامِلَةٌ نَّاصِبَةٌ. تَصْلَىٰ نَارًا حَامِيَةً﴾ މާނަ: [މަސައްކަތް ކޮށް ވަރުބަލިވެފައިވީ މޫނުތަކެކެވެ. އަނދައަނދާ ހުންނަ ހޫނު އަލިފާނަށް އެބައިމީހުން ވަންނާނެއެވެ.] މިބަސްފުޅުގެ މަތިން ތިމަންނާ ހަނދާންވީއެވެ. {އިބްނު ކަޘީރުގެ ތަފްސީރުން ނެގިފައި}. މިބަސްފުޅުން އެނގިގެން ދިޔައީ ނަޞާރީދީނުގެ ޢިލްމު ޙާޞިލުކޮށްގެން ތިބި އެމީހުންގެ އަޅުވެރި މީހުން، ރަސޫލާ صلى الله عليه وسلم މިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު، އެކަލޭގެފާނަށް އީމާން ނުވެ ތިބެ އެބައިމީހުން ކުރި އަޅުކަންތައް ބޭކާރުވެގެން ދިޔަކަމެވެ. އެއީ އެބައިމީހުން ކުރި އަޅުކަންތައް ކޮށްފައިވަނީ ﷲ سبحانه وتعالى އަށް ޚާލިޞްކޮށްނެއް ނޫނެވެ. މާނައީ ހަމައެކަނި ﷲ سبحانه وتعالى އަށް ޓަކައި ނޫނެވެ. އަދި ރަސޫލާ صلى الله عليه وسلم މެދުވެރި ކުރައްވާ ﷲ އެއަޅުކަންތައް އަދާކުރުމަށް އެންގެވި ގޮތަކަށްވެސް ނޫނެވެ. ވީމާ އެބައިމީހުން އެވަނީ އެބައިމީހުންގެ އަޅުކަމުގައި އެދެޝަރުޠުވެސް ފުރިހަމަ ނުވެއެވެ. ހަމައެފަދައިން މިތަނުން އެއްޝަރުޠު ފުރިހަމަވެ ދެވަނަ ޝަރުޠު ފުރިހަމަ ނުވާނަމަ، އެއަޅުކަންވެސް ﷲ سبحانه وتعالى ޤަބޫލު ނުކުރައްވާނެއެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)