ރޯނު ވެށުން

މިހާރަކަށް އައިސް ގިނައިން ރާއްޖެއިން ބޭރުން ތަކެތި އެތެރެކޮށް އުޅުނު ނަމަވެސް ދިވެހިންނަކީ އިހު ޒަމާނުއްސުރެ އަމިއްލަ ބުރަ މަސައްކަތުން ތަކެތި އުފައްދައިގެން ރަށްވެހިވެގެން އުޅުނު ބައެކެވެ. މިގޮތުން ވަރަށް ހީވާގި ކަމާއިއެކު ދިވެހިން ކޮށް އުޅުނު އެއް މަސައްކަތަކީ ރޯނު ވެށުމެވެ. މި މަސައްކަތް ފެށިގެން އައި ތާރީޚަށް ބަލާއިރު މީލާދީ ސަނަތުން 1077 ގެ ކުރިއަށް ގެންދެވެއެވެ. (އަހްމަދު ޝަފީގު، 1982). އެގޮތުން މިހާ ތާރީޚީ ބުރަ އަދި ސަގާފަތަކަށް ވެސް ވެފައިވާ މަސައްކަތެއް އުވިގެން ދިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ ރަށެއް ކަމަށްވާ ކުޅުދުއްފުށީގެ ރައްޔިތުން ދަނީ އަދިވެސް މި މަސައްކަތް ކުރަމުންނެވެ. ރޯނު ވެށުމަކީ ބުރަ މަސައްކަތެއް ނަމަވެސް މި މަސައްކަތް ގިނައިން ކޮށް އުޅޭ ދިވެހި އަންހެނުންގެ މުރާލިކަން މަސައްކަތަށް ބަލައިލުމުން އެނގިގެންދެއެވެ. ރޯނަކީ އިހު ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމުގައި އެކި ކަންކަމަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. މި މަޒުމޫނުގައި ރޯނު ވަށާ ގޮތާއި ބެހޭ ގޮތުން ރަނގަޅަށް އިރުޝާދު ދެވިފައިވާނެކަމަށް އުއްމީދު ކުރަމެވެ.

 

ރޯނު ވެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް:

އަޅުގަނޑުމެންނާ ހަމައަށް ރޯނު އަންނަނީ ރޯނު ވެށުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ދިވެހި ރުކުގެ ހުރިހާ ބައި ތަކަކީ ވެސް ދިވެހިންގެ ދިރިއުޅުމަށް ނުހަނު ބޭނުންތެރި ބައި ތަކެކެވެ. އެންމެ ފުރަތަމަ ކަމަކަށް ރުކުން ލިބޭ ކާށި ނުވަތަ ގަބުޅި ޖެހޭނީ ހެހެންށެވެ. ހެހުމަށްފަހު އަރިތައް ވަކިކޮށްލާށެވެ. ބޮނބިއަރިތައް ދެން ޖެހޭނީ ފާ ކުރުމަށްޓަކައި ވަޅުލާށެވެ. ބޮނބި ފާ ކުރުމަށް އާންމުކޮށް ރާޅުޖަހާ ހިސާބަށްވުރެ މޫދުގައި، ނުވަތަ މާޑުމަތީ، ނުވަތަ ޗަސް ބިމުގައިވެސް މި ވަޅުލައި އުޅެއެވެ. (މޫސާ އަލީ، 2010).  ބޮނބި ވަޅުލާ ތަނަށް ކިޔައި އުޅެނީ "ބޮނބި ފާ" އެވެ. ބޮނބި ވަޅުލާ އިރު ބޮނބިގަނޑުގެ ތޮށިފުއް އޮންނަންވާނީ މައްޗަށްވާ ގޮތަށް ބޮނބިގަނޑު ވެލިން ފޮރުވިފައި ހުންނަ ވަރަށް ބަރި ބަރިއަށެވެ. މިގޮތަށް ވަޅުލާ އިރު ބޮނބިތައް އޮޔާ ނުދާނެހެން ނުވަތަ މައްޗަށް ނާރާނެހެން ބޭއްވުމަށްޓަކައި އޭގެ މަތީގައި ބަރު ކޮންމެސް އެއްޗެއް ބޭއްވުން މުހިންމެވެ. މިގޮތަށް ވަޅުލާ ބޮނބިތައް ފާވުމަށް ނަގަނީ އެކި މުއްދަތެވެ. އާންމު ގޮތެއްގައި ކުރުނބާ ބޮނބި ފާވަނީ ތިން މަސް ދުވަހުންނެވެ. ގަބުޅި ބޮނބި ހަތަރު މަސް ދުވަހުން ފާވާއިރު ކާށީގެ ބޮނބި ފާވަނީ އަށް މަސް ދުވަހުންނެވެ. (މޯހިރު، 2019).

މި މަސައްކަތް ކުރާ އަންހެންވެރީން ބޮނބި ފާވުމުން ފާލުން ނެގުމަށް ފަހު އަނެއްކާވެސް އާ ބޮނބިތައް އަޅައެވެ. ބޮނބިތައް ފާވުމުން ބޮނބި ތަޅައި ބޭރު ހިލަ ތޮށިގަނޑު ޗިސް ކޮށްގެން އެތެރޭގެ ނަރުތައް ނެގުމަށް ފަސޭހަ ވެގެން ދެއެވެ. ބޮނބިތައް ފާވުމުން ފާލުން ނެގުމަށްފަހު ދެން ޖެހޭނީ ކޮންމެ ބޮނބިގަނޑެއްގެ ބޭރުގައި އޮންނަ ތޮށިފަށް ނައްޓާލުމެވެ. ނުވަތަ ތޮށި ފިލުވުމެވެ. ވާތޮށި ފިލުވުމަކީ ރޯނު ވެށުމާ ބަލާފައި ކުރަން ފުދޭވަރަކަށް ފަސޭހަ ކަމެކެވެ. ވާތޮށި ފިލުވުމަށްފަހު ދެން އިންނާނީ ރޯނު ވެށުމުގެ އެންމެ ބުރަ މަރުހަލާއެވެ. އެއީ ބޮނބި ތެޅުމެވެ. ބޮނބި ތެޅުމަށްޓަކައި ވަކަރުގަނޑެއްގެ މަތީގައި ވާތޮށި ފިލުވާފައިވާ  ބޮނބިގަނޑު ބޭއްވުމަށްފަހު ހަތަރެސްކަނަށް އޮންނަ ވަކަރު މުގުރިބުރިއަކުން އޭގައި ތަޅާނީއެވެ. ބޮނބި ތަޅާ ގައު ތައްޔާރުކޮށްފައި ހުންނަނީ ރުއް ލަކުޑިން ރީތިކޮށް އޮމާންކޮށްފައި އެއްކޮޅުގައި ހިފާނެ މުއްގަނޑެއް ލާފައެވެ. (ސަމީލާ މުރާދު، 2014). ބޮނބިގަނޑުން ވަކި ވަރަކަށް ކުނޑި ފިލުމުން ބޮނބިގަނޑުގެ ދެކޮޅުގައި ހިފާފައި ރަނގަޅަށް ފެލާލުން މުހިންމެވެ. ބޮނބިގަނޑުގައި މުގުރި ބުރިން ތެޅުމުން އޭގައި ހުންނަ ކުނޑިތައް ފިލުވައި ނަރުތައް ރޫޅާލެވޭނެއެވެ. އަދި އިތުރަށް ކުނޑި ފިލުވައި ނަރުތައް ވަކި ކުރުމަށްޓަކައި މޫދަށްލާ ދޮވެލައެވެ. މިކަން ކޮށް އުޅެނީ ނަރު ސާފުކޮށް އަލި ކޮށް ބެހެއްޓުމުގެ ބޭނުމުގައެވެ. މޫދު ލޮނުން ދޮވެ، ތެންމާފައިވާ ބޮނބި ފިހިތައް ގެނެސް ދިލަ ހޫނު އަވީގައި ބަހައްޓައިގެން ހިއްކާނީއެވެ.

ދެން ފެށިގެން ދާނީ ބޮނބި ފިނދުމުގެ މަސައްކަތެވެ. ބޮނބި ފިނދުމަކީ ބޮނބީގެ ނަރުތައް ރޫޅައި ރަނގަޅަށް ވަކިކުރުމެވެ. އެއަށްފަހު އެ ނަރުތަކުން ލީލި އަޅައެވެ. ލީލިއެޅުމަކީ ފިނދާފައިވާ ބޮނބިގަނޑުގެ ތަންކޮޅެއްގައި ދެ އިނގިލި ކުރިން ހިފައި އަނބުރަމުން، ވަކި ފަލަމިނެއްގެ އުޅިއެއް ހަދައި، ފައިގެ ފަލަމަސްގަނޑާއި އަތްތިލައިގެ ދެމެދުން އަނބުރަމުން ދިގު ކުރަމުން ގެންދިއުމެވެ. ލީލި އަކީ ވަކި މިނެއްނެތި ދިގުކޮށް އަޅާ އެއްޗެކެވެ. ރޯނު ވެށުމުގެ ފަސޭހަކަން ބަރޯސާވެގެން ދަނީ އަޅާފައިވާ ލީލީގެ ރީތިކަމާއި ފުރިހަމަ ކަމަށެވެ.

ރޯނު ވެށުމަށްޓަކައި އިށީނދެގެން އިންނަން ރަނގަޅު އުސްމިނެއްހުރި ގޮނޑިއެއް ބޭނުންވާނެއެވެ. އެ ގޮނޑި ކުރިމަތީގައި ލީލި އަޅާފައިވާ ވަށި ނުވަތަ ފޮށިގަނޑު ބައިންދާލާށެވެ. އަދި ރޯނުވަށާ މީހާއާއި ލީލިފޮށިގަނޑާ ދެމެދު ކަންޏެއް ޖަހާށެވެ. ގޮނޑީގައި އިނދެގެން ރޯނު ވަށާއިރު ފޮށިގަނޑުން ނަގާ ލީލިފަށް ރޯނުވަށާ މީހާގެ އަތަށް ގެނެވިފައި އޮންނަނީ ކުރިމަތީގައި ހުންނަ ކަނީގެ މަތިން ލާފައެވެ. ލީލި ފަށް ފޮށިގަނޑުން ނެގުމަށްފަހު ކުރިމަތީގައި ޖަހާފައި އިން ކަނީގެ ކަނިގަނޑުގެ ދެމެދުން އަތާ ހަމައަށް ގެނެސް ލީލިފަށް ފަށް ކޮށްލުމަށްފަހު އަވަސް ހަރަކާތަކުން ދެ އަތްތިލަ އުނގުޅުމުން، އަތްތިލައިގެ ފަހަތުން ރޯނު އުފެދެމުން ދާނެއެވެ. ބައެއް މީހުން ރޯނު ވަށާއިރު ލީލިފަށް އެހާ ދިގެއް ނުކުރެއެވެ. މި ގޮތަށް ކުރުކޮށް ހުންނަ ލީލިފަށް ބޭނުން ކޮށްގެން ރޯނު ވަށާއިރު ކަންޏެއް ބޭނުން ކުރާކަށް ނުޖެހެއެވެ.

ލީލި ރޯނަށް ވުމަށްފަހު ދެން އޮންނާނީ ރޯނު ވެށުމުގެ އެންމެ ފަހު މަރުހަލާއެވެ. އެއީ ފޯލި އެޅުމުގެ މަރުހަލާއެވެ. ފޯލި އެޅުމަށްޓަކައި ފައިތިލައިގައި ރޯނުގަނޑު އެޅުވުމަށްފަހު ވަކި މިނަކަށް ފަށްތަކެއް އަޅައި ގޮށްޖަހާލާށެވެ. އާންމު ގޮތެއްގައި ރޯނު ފޯއްޔެއްގައި ހުންނަނީ 16 ފަށެވެ. ފޯއްޔަކީ ރިޔަނެއްގެ ދިގުމިން ހުންނަ ސައުވީސް ފަށެވެ. އެކި ބޭނުން ތަކުގައި ވަށާ ރޯނު ތަކުގެ ބަރުމިން ވެސް ތަފާތެވެ.

ރޯނެއްގެ ފަލަ ނުވަތަ ހިމަކަން ބިނާވެގެން ވަނީ އެ ރޯނަކުން ހިފާނެ ބޭނުމެއްގެ މައްޗަށެވެ. ރޯނުން ކުރެވޭ އެތަކެއް ބޭނުން ތަކެއް ހިމެނެއެވެ. ރޯނު ރޯނަކަށް ވުމުގެ ކުރީން އެތައް މަރުހަލާ ތަކެއް ކަޑައްތުކުރަން ޖެހުނު ނަމަވެސް މި މަސައްކަތަކީ ފައިދާހުރި މަންފާލިބޭ ހުނަރުވެރި މަސައްކަތެކެވެ. ރޯނު ބޭނުން ކޮށްގެން ގެދޮރު އެޅުމާއި،  އޮޑިދޯނި ފަހަރު ބަނުން، ދަނޑުވެރިކަމަށް ބޭނުން ކުރުން، ޖޯލި ހެދުން، އަދި ރާ ވެރި ކަމުގެ މަސައްކަތްތައް ފަދަ ކަންކަމަށް ފާހަގަ ކޮށްލެވެއެވެ. ރޯނުގެ އެކި ވައްތަރުތައްވެސް  ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހަދައެވެ. މި ގޮތުން ހދ. ކުޅުދުއްފުށީގައި ވަރަށް ޚާއްޞަ ހިމަ ރޯނެއް ވަށައެވެ. މި ރޯނު ވަށަނީ ބޮނބި ތެޅުމަށް ފަހު އެއިން ލިބޭ ރީތި ހިމަ ނަރުތައް ހޮވުމަށްފަހު އެވެ. މިކަހަލަ ރޯނު ބަލައިލަން ރީތި ވެފައި ހަމަ އެހާމެ ވަރުގަދަ ވެސް މެއެވެ.

 

ތަފާތު ވައްތަރުގެ ރޯނުތައް:

ބޮޑުރޯނު (ދިފާއީ ބުރުޒާއި ފަސް ބާޑީގައި ބޭނުން ކުރެވޭ) ، ފަލަރޯނު (އެއް ފަށުގެ ބޭނުން ތަކުގައި ބޭނުން ކުރެވޭ)، މެދުރޯނު (ގިނަ ބަނުން ތަކުގައި ބޭނުން ކުރެވޭ)، ހިމަރޯނު ( ވާ އެޅުމާއި، ރީތިކޮށް އަދި ގަދަކޮށް ބަންނަ ބަނުން ތަކަށް ބޭނުން ކުރެވޭ)، ހަޅަނގުރޯނު (ބަނދެފައި ހުންނަ ފުރާ ދުއްވާ ތަކެތި ކޮޅުމަށް)، ރަސްރޯނު (ވިޔުމާއި ގެތުމަށް ބޭނުން ކުރެވޭ). (އަހްމަދު ޝަފީގު، 1982).

ޒަމާން ބަދަލުވެގެން ދިޔަ ކަމުގައި ވިޔަސް ރޯނު ވެށުން ފަދަ ތާރީހީ ސަގާފަތެއް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކުރުން ވަރަށް މުހިންމު ކަމެކެވެ. ޒަމާނުއްސުރެ ކުޅި ތަކުގައި ބޮނބި ފާ ކުރަމުން ދިޔަ ރަށްތަކުގައި ކުޅިތައް ނައްތަމުން ދާތީ ބޮނބި ވަޅުލާނެ ތަނެއް ނެތި މި ސަގާފަތް ގެއްލިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވާން ފަށާފައެވެ. މޫދުގައި ބޮނބި ފާ ކުރާ މީހުން އުޅުނު ކަމުގައި ވިއަސް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ސަބަބަކަށް ވަނީ ދިޔަވަރު ބޮޑުވުމާއި ހިކުމުން ބޮނބިތައް ރަނގަޅަށް ވަޅުނުލެވޭތީ ބޮނބި ފާ ވުމަށް ގިނަ ދުވަސް ނެގުމެވެ. މިހެން ވުމާއި އަދި މިކަމުން މިހާރު މާ ބޮޑު އާމްދަނީއެއް ނުލިބޭތީ ރޯނު ވަށައި އުޅޭ މީހުންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ މި އަގުހުރި މަސައްކަތް ދެމެހެއްޓުމަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. އަދި މި ލިޔުން ކިޔާލުމުން ރޯނު ވަށާ ގޮތުގެ މައުލޫމާތު އެނގިގެންދާނެ ކަމަށް އުއްމީދުކުރަމެވެ.

4 Responses

  1. Alhamdhulillah dhivehinge thereygaves ebathihbey dhw haadha hunaruveri masaihkaihtherin kuryzamaanuga dhivehin kohulhunu thikahala masaihkaih dhookohnulaa kuriyah gendhaa faraaihthakah hama ahsaribahaa saabas dhevaruve

  2. ކުރީޒަމާނުގެ މީހުންނަކީ ހާދަމަސައްކަތްތެރި ބައެއްކަން ތިވާހަކައިން ވަރައްފާހަގަވެއްޖެ ރޯނުވެށެމަކީ ވެސް ހާދަބުރަމަސައްކަތެކޭ މިހާރުވެސް ތިމަސައްކަތް އާލާކޮއޮދިރުވާ ތިމަސައްކަތުގަ ކުރިޔައްދާފަރާތްތަކައް އައްސަރިބަހާސާބަސް ދޭވަރުވެ

  3. ިރޯނު ވަށާ ގޮތް ވަރަށް ފުރިހަަމައަށް އެނގިގެންދާ ލިޔުމެއް. މިކަހަލަ ދިވެހީންގެ ހުނަރުތައް މިއަދުގެޖީލާއި ހަަޔަށް ގެނެސްދިނުން ވަަރަށްމުހިންު. ތިކުރާ މަސައްކަތަށް ހަމަހިއްވަރާއި ސާބަސް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *