ބަހަކީ ކޮންމެ ޤައުމެއްގައި ވެސް ޤައުމިއްޔަތުގެ ބަހާއެކެވެ. ޤައުމިއްޔަތުގެ އެއް ރުކުނެވެ. ޤައުމިއްޔަތުގެ ތަނބެކެވެ. އެހެން ކަމުން ބަސް ދިރިދެމިނުވާ ތަނެއްގައި ޤައުމިއްޔަތުގެ ކުނޑިފުކެއް ވެސް ނޯންނާނެއެވެ. އެހެނީ ބަހަކީ އިންސާނީ އިޖުތިމާޢީ ގުޅުން ބަދަހިކޮށް، އިންސާނުންގެ ވަށައިގެންވާ އެންމެހައި ހަޤީޤަތްތަކާ އެބައިމީހުން ގުޅުވައިދޭ ފާލަމެވެ. ބަހުގެ މައިގަނޑު ބަހާތަކުގެ ތެރެއިން އެއް ބަހާ އަކީ މޯފޮލޮޖީއެވެ. މި ލިޔުމުގައި އަޅުގަނޑު ޚުލާސާ ގޮތެއްގައި ބަލައިލާނީ މޯފޮލޮޖީ ޢިލްމަށެވެ.
މޯފޮލޮޖީއަކީ ބަހެއްގެ އަޑުތައް ގުޅިގެން ލަފުޒުތައް އުފެދޭ ގޮތް ދިރާސާކުރާ ޢިލްމެވެ. ލަފުޒުގެ ޢިލްމެވެ. ލަފުޒުތަކާ ބެހޭ ހުރިހާ ކަމެއް ދިރާސާކުރުމުގެ އިލްމެވެ. މިހެންވުމުން އިންސާނުން ވާހަކަ ދައްކާ ބަސްބަހުގެ ލަފުޒުތަކާ ބެހޭ ކަންކަން ދިރާސާކުރެވެނީ މިއިލްމުގެ ތެރެއިންނެވެ. މި ޢިލްމު ބެހިގެން ވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެ ބައިތަކަކީ އިންފްލެކްޝަނަލް މޯފޮލޮޖީ، ޑެރިވޭޝަނަލް މޯފޮލޮޖީ، އައިސޮލޭޓިން މޯފޮލޮޖީ އަދި އަގުލޫޓިނޭޓިން މޯފޮލޮޖީއެވެ.
އިންފްލެކްޝަނަލް މޯފޮލޮޖީއަކީ އެއް ލަފުޒެއް ތަފާތު ގޮތްގޮތަށް ބަދަލުކުރުމާ ބެހޭ ޢިލްމެވެ. އިންފްލެކްޝަން ކަމަށް ބެލެވެނީ އިތުރުކުރެވޭ އެފިކްސްގެ ސަބަބުން ރޫޓު މޯފީމުގެ ލެކްސިކަލް ކެޓަގަރީ ބަދަލުނުވާ ނަމައެވެ. އެފިކްސް އަކީ ބަހުގެ ކުރިޔަށް، މެދަށް ނުވަތަ ފަހަތަށް އިތުރުކުރެވޭ މޯފީމެވެ. ބަހަވީ ޢިލްމުވެރިއެއް ކަމަށްވާ ޑޭވިޑް ފިނެގަން ވިދާޅުވެފައިވާ ގޮތުގައި ޑެރިވޭޝަންގައި އެފިކްސޭޝަންގެ ސަބަބުން ރޫޓްމޯފީމު (މައި ލަފުޒު) ގެ ލެކްސިކަލް ކެޓަގަރީ ބަދަލުވެއެވެ. ނުވަތަ މާނައަށް ބަދަލު އާދެއެވެ. މިސާލަކަށް "ގޮނޑިތައް" މި ލަފުޒުގައި "ތައް" އަދާކުރަނީ އިންފްލެކްޝަނަލް މޯފީމެއްގެ ދައުރެވެ. ސަބަބަކީ "ގޮނޑި"، މި އެކަހެރި ނަމަށް، "ތައް"، މި އަކުރު ގުޅުވާލުމުން ލަފުޒުގެ ލެކްސިކަލް ކެޓަގަރީ ބަދަލުވާތީއެވެ. އެކަހެރި ނަމަކުން ގިނަ ނަމަކަށް ބަދަލުވާތީއެވެ. ނަމަވެސް "ގޮނޑިތައް" މި ލަފުޒުގެ ލެކްސިކަލް ކެޓަގަރީއަކީ ހަމަ ނަމުގެ ގުރޫޕެވެ. އެހެން މިސާލަކަށް ބަލައިލަމާ ހިނގާށެވެ. "ހިނގުން"، މިއީ މަސްދަރު ނުވަތަ ކަމުގެ ނަމެކެވެ. އެހެން ނަމަވެސް "ހިނގަނީ، ހިނގައިފި، ހިނގާނެ"، މިފަދައިން މި ލަފުޒު ބޭނުންކުރުމުން އެ ލަފުޒުގެ ލެކްސިކަލް ކެޓަގަރީ މުޅިން ބަދަލުވެ ކަމުގެ ލަފުޒުތަކަކަށްވެއެވެ. ކަމުގެނަމަކުން (މަސްދަރަކުން) ކަމަކަށް ބަދަލުވެއެވެ. ކަމުގެ އެކި ޒަމާންތަކަށް ބަދަލުކުރެވެއެވެ.
ޑެރިވޭޝަނަލް މޯފޮލޮޖީއަކީ ލަފުޒެއްގެ ކުރިއަށް ނުވަތަ ފަހަތަށް މޯފީމް އިތުރުކުރުކޮށްގެން ތަފާތު ލަފުޒު އުފެއްދުމާ ބެހޭ ޢިލްމެވެ. މިގޮތަށް ލަފުޒު އުފައްދާއިރު ފުރަތަމަ ލަފުޒު އޮތް ޤަވާޢިދުގެބައި ނޫން އެހެން ބަޔަކަށް ބައެއް ފަހަރު ލަފުޒު ބަދަލުވާނެއެވެ. މިސާލަކަށް "ރީތި"، މި ނަންއިތުރުގެ ލަފުޒުގެ ފަހަތަށް "ކޮށް"، މިއަކުރު ބޭނުންކުރުމުން ނަންއިތުރު ކަންއިތުރަކަށް ބަދަލުވެއެވެ. އެހެން ނަމަވެސް މިގޮތަށް ލަފުޒު އުފައްދާއިރު ލަފުޒު ހިމެނޭ ލެކްސިކަލް ބައި ބަދަލުނުވެ ވެސް ހުރެއެވެ. މީގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. "ކާމިޔާބު"، މި ލަފުޒަކީ ނަންއިތުރެކެވެ. މި ލަފުޒުގެ ކުރިއަށް ނަފީގެ އަކުރެއް ކަމަށްވާ "ނާ"، އިތުރުކުރުމުން އެ ލަފުޒުގެ ރޫފަ ބަދަލުވެ، "ނާކާމިޔާބު" އަށް ވީ ނަމަވެސް އެވެސް ހަމަ ނަންއިތުރެކެވެ. ލެކްސިކަލް ކެޓަގަރީ ބަދަލެއްނުވެއެވެ. "އިންސާފު، ބޭއިންސާފު" މި ދެ ނަމަކީ ވެސް އެ ފަދަ މިސާލުތަކެވެ. އެހެނަސް ފާހަގަކޮށްލަންޖެހޭ ކަމަކީ މި މިސާލުތަކުގައި ވެސް މިވަނީ ލަފުޒުތަކުގެ މާނައަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިކަމެވެ.
އައިސޮލޭޓިން މޯފޮލޮޖީގެ ކޮންމެ ލަފުޒަކީ ވަކި މޯފީމެކެވެ. މީގެ ނަމޫނާ ބަހެއްގެ ގޮތުގައި ޗައިނާ ބަސް އަދި ވިއެޓްނާމްބަސް ފަދަ ބަސްބަސް ބެލެވެއެވެ. އަގުލޫޓިނޭޓިން މޯފޮލޮޖީގައި ބައެއްކަހަލަ ޕްރީ ފިކްސް އާއި ސަރފިކްސް ހިމެނޭނެއެވެ. ނަމަވެސް މި ޕްރީފިކްސް އާއި ސަރފިކްސްތައް ވަރަށް ފަސޭހައިން ފާހަގަކުރެވި ބައިތަކަށް ބެހޭނެއެވެ. އިނގިރޭސި ބަހުގައި މިގޮތަށް ފަސޭހައިން ފާހަގަ ނުކުރެވޭ ލަފުޒުވެސް ހުރެއެވެ. ދިވެހި ބަހުގެ މިފަދަ ބައިތައް ދިރާސާކޮށްފައި ހުންނާތީ ފެންނަނީ "ހުދުކާޅެއް ދައްކާލާހާ" މަދުންނެވެ.
ބަހުގެ ޢިލްމު ނުވަތަ ބަހަވީ ޢިލްމަކީ އޭގެ ފުންމިން އަންދާޒާކޮށްލަން ވެސް ނޭނގޭހާ ފުން ކަނޑެކެވެ. އެ ފުންކަނޑުގައިވާ ބަހަވީ ޢިލްމުގެ ތަފާތު އެކި ބާވަތްތަކަކީ އަގުހުރި މުތީތަކެކެވެ. މި މުތީތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބަހުގެ ދިރާސާތައް ކުރަންޖެހެއެވެ. ޚާއްޞަކޮށް ދިވެހި ބަހުގެ ބަސްކޮށާރަށް ލަފުޒު އިތުރުކުރުމުގައްޔާއި އައު ލަފުޒު އުފެއްދުމުން ކުރިމަތިވާ ފާޑުކިޔުންތަކަށް އެކަށީގެންވާ ވަރުގެ "ވަރުހެސަ" ރައްދެއް ދެވޭވަރުގެ މަސައްކަތެއް ކުރާން އެބަޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ވަރުގެ މަސައްކަތެއް ކުރެވޭނީ ދިވެހިބަހުގެ މޯފޮލޮޖީއާ ބެހޭ ގޮތުން އިތުރަށް ދިރާސާކޮށްގެންނެވެ. ބަހުގެ ފުންމިން ނޭނގޭ ކަނޑުގެ އެންމެ ފުނަށް ފީނައިގެންނެވެ.