الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަޅުކަމަކީ ދުނިޔެމަތީގައި ކުރާނޭ އެންމެ ހެޔޮޢަމަލެވެ. އެޢަމަލު ހެޔޮޢަމަލަކަށް ވާ ދެ ސަބަބެއް ވެއެވެ. އެންމެފުރަމައީ އެކަން ކުރެވޭ މަޤްޞަދަކީ އެންމެހައި މަޚްލޫޤުން އުފެއްދެވި ފަރާތުގެ ލޯތްބާއި ރުއްސެވުމުގެ މަޤްޞަދުގައި ކުރެވޭ ކަމަކަށް ވާތީއެވެ. އެރުއްސެވުން ޙާޞިލުކުރެވެނީ އިންސާނުން އަޅުކަމޭ ކިޔައިގެން ކުރާހައި ޢަމަލުތަކަކުން ނޫނެވެ. ނަމަވެސް އަޅުކަމެއްގެ ގޮތުގައި ރަސޫލާ صلى الله عليه وسلم ކުރެއްވި ޢަމަލުން އެކަންޏެވެ. ދެވަނަ ސަބަބު ނެގެނީ މިނުކުތާއިންނެވެ. އެއީ އެއަޅުކަން ކުރާނޭ ގޮތް ރަސޫލާ صلى الله عليه وسلم އުންމަތަށް އެކަލޭގެފާނުގެ ޢަމަލުފުޅުން ދެއްކެވި ގޮތް އެއީ އެޢަމަލު ހެޔޮޢަމަލަކަށް ވީ ދެވަނަ ސަބަބެވެ. ވީމާ އެއްވެސް އަޅުކަމެއް އެޢަމަލުގައި 2 ޝަރުޠެއް ފުރިހަމަ ނުވެ އެއަޅުކަން ﷲ سبحانه وتعالى ޤަބޫލުވެވޮޑި ނުގަންނަވާނެއެވެ. އެއިން އެއްވެސް ޝަރުޠެއް އުނިވެއްޖެ ނަމަ އެއަޅުކަމަކަށް ޤިޔާމަތްދުވަހު ހެޔޮޖަޒާ އެކަލާނގެ ނުދެއްވާނެތެވެ. އެދެޝަރުޠުގެ ތެރެއިން ފުރަތަމައީ: الإِخْلاَصُ އެވެ. އޭގެ މާނައަކީ އެއަޅުކަމެއް އަދާކުރުމުގައި އިޚްލާޞްތެރިކަން އޮތުމެވެ. ދެވަނައީ: الْـمُتَابَعَةُ އެވެ. އޭގެ މާނައަކީ ރަސޫލާ صلى الله عليه وسلم އެއަޅުކަމެއް ބަޔާންކުރެއްވި ގޮތް ނޫން ގޮތަކަށް އެކަމެއް އަދާ ނުކުރުމެވެ. މީގެ ތެރެއިން ފުރަތަމަ ޝަރުޠު ކަމުގައިވާ އިޚްލާޞްތެރިވުމަށް ބަލާލަމާ ހެއްޔެވެ. އޭގެ މުރާދަކީ އަޅުކަމުގެ ގޮތުގައި ރަސޫލާ އުނގަންނަވައި ދެއްވި ކޮންމެކަމެއް، ނަމާދުވިޔަސް ރޯދަވިޔަސް ޒަކާތްވިޔަސް ޞަދަޤާތްވިޔަސް ޙައްޖުވިޔަސް ނަދުރުބުނުން ވިޔަސް ޤުރުބާންކުރުން ވިޔަސް މިއެންމެހައި އަޅުކަމެއް ކުރުމުގައި މީހާގެ ހިތުގައި ކަނޑާނެގިފައި އޮންނަންވާނީ އެންމެ ބޭނުމެކެވެ. އެއީ ﷲ سبحانه وتعالى ޝަރުޢު ކުރެއްވި ކަމަކަށް ވުމުން، އެކަލާނގެ ރުއްސެވުމާއި ލޯބިހޯދުމުގެ ގޮތުން، އަދި އެކަލާނގެ އެކަންކަމަށް ދެއްވާނެ، ދަރުމަޔާއި ޘަވާބު ލިބިގަތުމަށް އެދި އެއެންމެހައި ކަމެއް އަދާކުރުމެވެ. މިކަން މިގޮތަށް ކުރުމަށް އަމުރުކުރައްވާ ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ البينة/ 5 މާނައީ: [އަދި އެންމެހައި ޝިރުކަކުން އެއްކިބާވެގެންވާ ޙާލުގައި ﷲ سبحانه وتعالى އަށް އަޅުކަން ޚާލިޞްކޮށް އަޅުކަން ކުރުމަށާއި، ނަމާދު ޤާއިމްކުރުމަށާއި، ޒަކާތް އަދާކުރުމަށް، މެނުވީ އެބައިމީހުންނަށް އަމުރުވެވިގެން ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.] ވީމާ އެންމެފުރަތަމަ އިޚްލާޞްތެރިވުމަށްޓަކައި އެންމެހައި ޝިރުކަކުން ދުރުހެލިވާންޖެހެއެވެ. އަދި އެއަށްފަހު ކުރާ އަޅުކަމުގައި ﷲ سبحانه وتعالى އާމެދު ރަނގަޅު ނިޔަތެއް އޮންނަން ޖެހެއެވެ. އެކަލާނގެއަށް ކިޔަމަން ގަންނައިރު އެކިޔަމަންވުމުގެ ޤަޞްދަކަށް އޮންނަންޖެހޭނީ އެހެން އެއްވެސް ކަމެއް ނުވަތަ ޤަޞްދެއް އޭގައި ބައިވެރި ކުރުމަކާއި ނުލައި ހަމައެކަނި ﷲ އަށްޓަކައި އެކަނި އެކަން އަދާކުރުމުގެ ނިޔަތެވެ. އެރަނގަޅު ނިޔަތް އޮވެގެން ނޫނީ އެއްވެސް ޢަމަލެއް ނުވަތަ އަޅުކަމެއް އެއީ ބަލައިގަނެވޭނޭ ޢަމަލަކަށް ނުވެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((إِنَّمَا الأَعْمَالُ بِالنِّيَّاتِ)) މާނައީ: [ހަމަކަށަވަރުންވެސް ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ.] މުރާދަކީ ޢަމަލުތައް ޤަބޫލުވުމުގައި ބެލެވެނީ އެޢަމަލެއް ކުރިމީހަކު އެޢަމަލެއް ކުރި ޤަޞްދެއްގެ މައްޗަށެވެ. ނުވަތަ އެޢަމަލެއް ކުރި ބޭނުމެއްގެ މައްޗަށެވެ. އެޢަމަލެއް ކުރީ ﷲ سبحانه وتعالى ގެ ރުއްސެވުމާއި އެކަލާނގެ ޙަޟްރަތުން ޘަވާބު ލިބިގަތުމަށްޓަކައި ކަމުގައި ވާނަމަ އެކަން ޤަބޫލުވެވޭނެ ވާހަކައެވެ. އަޅުކަމެއް ކުރީއޭ ބުނެ އެކުރި ޢަމަލެއް ކުރީ ކޮންމެވެސް އެހެން ބޭނުންމެއް ކަމުގައި ވާނަމަ އޭނާ އެޤަޞްދަށް ބެއްލެވުމަށް ފަހު އެކަމެއް ﷲ އެމީހެއްގެ ފަރާތުން ޤަބޫލު ނުކުރައްވާނެއެވެ. އެކަން އެނގެނީ މިބުނެވިދިޔަ ޙަދީޘްގެ ފަހަތުބައިންނެވެ. އޭގައި އޮންނަނީ މިފަދައިންނެވެ: ((وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ)) މާނައީ: [އަދި ހަމަކަށަވަރުންވެސް މީހާއަށް ވަނީ އޭނާ ނިޔަތްގަތް ކަމެކެވެ. ފަހެ އެގޮތުން އެމީހަކު ހިޖުރަކުރީ ދުނިޔެއިން ލިބެންވާ ބައެއް ލިބިގަތުމަށް ކަމުގައިވާނަމަ ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށް ކަމުގައިވާނަމަ، ފަހެ އޭނާގެ އެހިޖުރަކުރުން ވަނީ އޭނާ އެހިޖުރަ ކުރުމުގައި އޮތް ޤަޞްދެއްގެ މައްޗަށެވެ.] މިޙަދީޘްގެ މުރާދަކީ ކޮންމެ ހެޔޮޢަމަލެއްވެސް އިޚްލާޞްތެރި ޢަމަލަކަށް ހެދުމަށްޓަކައި، އެހެޔޮޢަމަލެއް ކުރުމުގެ ކުރިން އެއީ ﷲ އަށްޓަކައި އަދާކުރާ ކަމެއްކަމުގައި ހިތުގެ އަޑިން އެކަމަށް ނިޔަތް ގަންނަންޖެހޭ ކަމެވެ. އަދިވެސް މިއިން ނެރެވޭ އަނެއް މުރާދަކީ އެޢަމަލުކުރީ ދުނިޔެވީ އެދުމަކަށް ކަމުގައިވާނަމަ އެޢަމަލަކީ ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބު ދެއްވާނޭ ޢަމަލެއް ކަމުގައި ނުވާނެޔޭ އެވެ. މިފަދައިން އަޅުކަން ކުރުމުގައި އޮންނަ ނިޔަތުގެ ސަބަބުން އޭނާގެ ޢަމަލު ކުރުމުގައި ޢަމަލުގައި ފަރުވާތެރިވުމާއި ނުވުންވެސް ބިނާވަނީ އޭނާގެ ހިތުގައި ހިނގަމުންދާ ޤަޞްދާ އެއްގޮތަށެވެ. ފުރިހަމަ ރަނގަޅު އިޚްލާޞްތެރި ނިޔަތެއް ނެތް ނަމަ އެޢަމަލެއްގައި ވަރަށް ފަރުވާކުޑަވެ ކަންނެތްކަން އެކުލެވިގެންވެއެވެ. ނުވަތަ ކޮންމެވެސް ދުނިޔެވީ ބޭނުމެއް އޭގެ ތެރެއަށް ވަދެއެވެ. އެކަން އެހެންވެއްޖެ ހިނދު އެއީ ނަމާދެއް ނަމަވެސް އެނަމާދުގެ ސަބަބުން ﷲ ގެ ރުއްސެވުމާއި ލޯބި އޭނާއަށް ލިބުމުގެ ބަދަލުގައި އޭނާއާ ކުރިމަތިވާނީ އެކަލާނގެ ކޯފާ އާއި ނުރުއްސެވުމެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އެނަމާދާއި އެޞަދަޤާތާއި އެނޫންވެސް އަޅުކަމެއް އެކުރީ އެކަލާނގެ ލޯތްބާއި ރުއްސެވުން ހޯދާކަށް ނޫންވިއްޔާއެވެ. މިފަދަ ސިފަތަކެއް އެކުލެވޭ ޙާލުގައި ނަމާދު ކުރާމީހާއަށް ﷲ سبحانه وتعالى ގެ ކޯފާ އޮތްކަން ހާމަވެގެންދަނީ ސޫރަތުލް މާޢޫން ގައިވާ އެކަލާނގެ ވަޙީބަސްފުޅުންނެވެ: ﴿فَوَيْلٌ لِّلْمُصَلِّينَ﴾ މާނައީ: [ފަހެ ނަމާދުކުރާމީހުންނަށް ހަލާކުހުއްޓެވެ.] ނަމާދު މިއީ އެންމެ މަތިވެރި އަޅުކަމެވެ. އެހެންވީއިރު ﷲ އަށް ކުރެވޭ މިފަދަ މާތް މަތިވެރި އަޅުކަމެއް ކުރާބަޔަކަށް ހަލާކުހުރި ވާހަކަ ބަޔާން ކުރައްވާ ﷲ ގެ ކޯފާގެ ބަސްފުޅު މިވަނީ ފަހެ ކީއްވެގެން ހެއްޔެވެ؟ އެއީ އެނަމާދުގައި ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުންނެވެ. އެތެރެފުށާއި ބޭރުފުށުން އެޢަމަލުން ފެންނަންޖެހޭ ކަންކަން ފެންނަން ނެތުމުންނެވެ. ހިތުގައިވާ ޤަޞްދު ރަނގަޅުކުރުމަށް ފަރުވާކުޑަ ކުރުމުންނެވެ. އަދި ހީވާގިކަމާއެކު ކުރާން އޮތް ގޮތަށް އެކަން ނުކޮށް ފަރުވާކުޑަ ކުރުމުންނެވެ. މިއާޔަތާއި ޖެހިގެން އޮތް އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ. الَّذِينَ هُمْ يُرَاؤُونَ﴾ މާނައީ: [އެބައިމީހުންނަކީ އެއީ އެބައިމީހުންގެ ނަމާދުގައި ފަރުވާކުޑަކޮށްފައިވާ މީހުންނެވެ. އެބައިމީހުންނީ އެއީ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.] ވަގުތުގައި އަދާކުރުމުގައި ފަރުވާކުޑަކުރި މީހުންނެވެ. އެފަދަ މީހަކަށް ނަމާދެއް ކުރުމަކީ ނުހަނު ބުރަ ކަމެކެވެ. އެކަން އޮންނަނީ އޭނާއަށް ބޮޑުބުރައަކަށް ވެފައެވެ. ނަމާދު އަދާކުރުމުގައި މުރާލިކަމެއް ނުފެންނަ، ނަމާދުގެ ފުރިހަމަކަމެއް ނުފެންނަ ނަމާދުތަކެއްގެ ގޮތުގައެވެ. ނިސާ ސޫރަތުގެ 142 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا﴾ މާނައީ: [ހަމަކަށަވަރުން މުނާފިޤުން ﷲ އަށް އޮޅުވާލައެވެ. އަދި އެކަލާނގެ އެބައިމީހުންނަށް އޮޅުވާލެއްވިއެވެ. އަދި އެބައިމީހުން ނަމާދަށް ތެދުވާހިނދު ތެދުވަނީ ކަންނެއް ކަމާއެކު މީސްތަކުންނަށް ދެއްކުންތެރި ކަމާއެކުގައެވެ. އަދި އެބައިމީހުންނަކީ މަދުން ނޫނީ ﷲ މަތިން ހަނދުމަ ނުކުރާބައެކެވެ.] އެބައިމީހުންނަށް މުނާފިޤުން ކިޔުނީ އެތެރެފުށާއި ބޭރުފުށް އެއްގޮތް ނުވުމުންނެވެ. އެބައިމީހުންގެ ތެރެއިން އެއްބަޔަކީ އެތެރެފުށުން ﷲ އަށާއި ރަސޫލާ އަށާއި އިސްލާމްދީނަށާއި އެކަލާނގެ އަޅުކަމުގެ ގޮތުގައި ޝަރުޢު ކުރެއްވި ކަންކަމަށް ހިތުގައި ނަފުރަތު އުފެދިފައިވާ ބައެކެވެ. ބޭރުފުށުން ކުރަމުން ދަނީ އިސްލާމްދީނުގެ ޢަމަލުތަކެވެ. ﷲ سبحانه وتعالى ރުއްސެވުން ލިބޭނޭ ޢަމަލުތަކެވެ. ނަމަވެސް އެތެރެއާ ބޭރުފުށް އެޢަމަލުގައި ދިމާނުވެއެވެ. އެޒަމާނުގައި މަދީނާގައި އުޅުނު މުނާފިޤުން ބޭރުފުށުން އިސްލާމްވީއެވެ. އިސްލާމްވެއްޖެނަމަ މުސްލިމުން ކުރާ ޢަމަލުތައް ކުރަންޖެހެއެވެ. އެގޮތުން އެޢަމަލުތައް ފެންނަގޮތުގައި ކުރަނީއެވެ. އިސްލާމްވީ ދުނިޔޭގައި އަދި ޚާއްޞަކޮށް އެމީހުންގެ ރަށުގައި (މަދީނާގައި) އުޅުމަށް ފަސޭހައަކަށެވެ. އެޒަމާނުގައި ރޭގަނޑުވުމުން ދިއްލާނޭ ބައްތިތައް މަދުވުމުން، ފެތުރިފައިވާ އަނދިރިކަމުގެ ތެރެއިން އެބައިމީހުން ތިބޭކަން ނުވަތަ ނުތިބޭކަންވެސް ރަސޫލާ صلى الله عليه وسلم އަށް އަދި އެކަލޭގެފާނުގެ އިޚްލާޞްތެރި ޞަޙާބީންނަށް ނޭނގޭނޭ ޙާލަތުގައި އެއިޚްލާޞްތެރި ކަމެއް ނެތް މުނާފިޤުމީހުން ނަމާދަށް މިސްކިތަށް ޙާޟިރުނުވެ ގޭގައި ތިބެއެވެ. އެގޮތުން އަނދިރިކަމުގައި ފޮރުވިގެން ތިބެ ޢިޝާ ނަމާދަށާއި ފަތިސް ނަމާދަށް މުސްލިމުންނާއެކު މިސްކިތަށް އެބައިމީހުން ޙާޟިރުނުވެ ތިބެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((أَثْقَلُ الصَّلَاةِ عَلَى الْمُنَافِقِينَ صَلَاةُ العِشَاءِ وَصَلَاةُ الْفَجْرِ)) މާނައީ: [މުނާފިޤުންނަށް އެންމެ އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސް ނަމާދެވެ.] ނަމަވެސް ޤިޔާމަތްދުވަހުން އެކަމުގައި ހުރި މަތިވެރި ޘަވާބާއި ދަރުމަ އެބައިމީހުންގެ ހިތަށް ނަގައިގަނެވޭ ނަމަ ނުވަތަ އިޚްލާޞްތެރި ހިތަކައިގެން އިސްލާމްދީނުގެ ޢަމަލުތައް ބަލައިގެންފައި ވާނަމަ އެމީހެއްގެ ގުނަވަންތައް އެޢަމަލެއް ކުރުމަށް ދަހިވެތި ވެފައިވާލެއް ބޮޑުކަމުން ކޮންމެފަދަ ޙާލަތެއްގައި ނަމަވެސް އެނަމާދުތަކަށް އެބައިމީހުން ޙާޟިރުވީހެވެ. އެވާހަކަ ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَلَوْ يَعْلَمُونَ مَا فِيْهِمَا لَأَتَوْهُمَا وَلَوْ حَبْوًا)) މާނައި: [އެބައިމީހުންނަށް އެދެނަމާދުގައި ހުރި ހެޔޮކަން އެނގޭނަމަ، ހަތަރެސް ފައި ޖަހައިގެން ފިރުކިފައިވެސް އެނަމާދުތަކަށް ޙާޟިރުވާނެކަން ކަށަވަރެވެ.] ނަމަވެސް ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު މުނާފިޤުން މުސްލިމުންނާ ހަނގުރާމަ ނުކޮށް ލެއާއި މުދަލުގެ ރައްކާތެރިކަމުގެ ނިވާފަތްގަނޑަކަށް ހެދީ އިސްލާމްދީނެވެ. ވީމާ އެމީހުން ހިތުން ﷲ އަށާއި ރަސޫލާއަށް އެބައިމީހުން އޮޅުވާލީއެވެ. ނަމަވެސް މާތްﷲ އެބައިމީހުން އެގޮތުގައި މިދުނިޔެއަށް ދޫކޮށްލެއްވިއެވެ. އަދި ޤިޔާމަތްދުވަހުގައި ޢަޒާބު ދެއްވާނެކަން ބަޔާންކުރެއްވިއެވެ. އެބައިމީހުންނަށް އެނުބައި ޖަޒާ ދެއްވުމަށް ތައްޔާރު ކުރެއްވުން އެއީ އެކަލާނގެ އެބައިމީހުންނަށް އޮޅުވާލެއްވި ގޮތެވެ. މިފަދަ ޙާލަތެއްގައިވާ ބައެއްގެ ހިތުގެ ޙާލަތު ހުންނާނެ ގޮތް ވިސްނާލާށެވެ. ޢަމަލުތަކުގެ ހުރިހައިވެސް މަޤްޞަދަކީ މީސްތަކުންނަށް އެބައިމީހުން ނަމާދުކުރާކަން ދެއްކުމެވެ. އެއީ އިސްލާމްދީނުގައި އެބައިމީހުން ތިބިކަން ދެއްކުމަށެވެ. މިހާތަނުން ހިތަށް ތަޞައްވުރު ކޮށްލެވެނީ މިޒަމާނުގެ ބައެއްމީހުންގެ ނުބައިކަން ހުރި ޙާލަތެވެ. އެއީ އިސްލާމްދީން އެމީހެއްގެ ކިބައިން ފެނުމަށްޓަކައި ކުރަންޖެހޭ ނަމާދު އެއްގޮތަކަށްވެސް ނުކުރާ މީހުންނެވެ. މިއީ އަދި ކޮންފަދަ ނުބައިޙާލަތެއްގެ ބަޔަކަށް ވާނޭ ހެއްޔެވެ؟ މިފަދަ ކަންކަން ހިތަށް އެރުމުން އަޖައިބުވެ އަންތަރީސް ވާވަރުވެއެވެ. އެފަދަ ބައެއްމީހުން ހީކުރާގޮތުގައި، އެވެނި މިވެނި މީހަކު މިސްކިތަށް އެއަރަނީ ދެއްކުންތެރި ކަމާއެކުގައެވެ. އަހަރެމެން އެމީހުންނަށްވުރެ މާރަނގަޅެވެ. އަހަރެމެންގެ ގައިގައި އެދެއްކުންތެރި ކަމެއް ނެތެވެ. މިހިރީ ޝައިޠާނާ އެފަދަމީހުންގެ ބޮލަށް ސަވާރުވެފައިވާ ވަރެވެ. އެފަދަ މީހަކަށް ނޭނގޭ ކަމަކީ ދެއްކުންތެރިކަން އޮވެ ނަމާދަށް އަރާމީހާ ނުވަތަ ބަރާބަރަށް ނަމާދު އަދާކުރާމީހާއަށް ބަލާލުމުން، ފަހަރުގައި އެއްވެސް އިންސާނަކަށް ފެންނަން ނެތް ހިތުގައި އެބުނި ފަދައިން ނުވެސް އޮވެދާނެއެވެ. އަދި އެބުނިފަދައިން ދެއްކުންތެރިކަން އޮތްކަމުގައި ވީނަމަވެސް، ފަހަރުގައި އެމީހެއްގެ އިސްލާމްކަމާއި އީމާންކަމުގައި ތެދުވެރި އިޚްލާޞްތެރިއަކަށްވެ ހަމައެކަނި އެޢަމަލުގައި އޮންނަންޖެހޭ އިޚްލާޞްތެރިކަން ގެއްލިފައިވުންވެސް އެކަށީގެންވެއެވެ. ނަމަވެސް މިފަދަމީހުންނަށް ޢައިބުގެ ބަސްބުނެ އެއަށްވުރެ ނުބައި ޢަމަލެއް ކަމުގައިވާ އެއަޅުކަން އަދާނުކޮށް ދޫކޮށްލާ މީހާ އެވަނީ އެމީހަކު ތަބާވާ އިސްލާމްދީނަށް އިޚްލާޞްތެރިކަމެއް ނެތް ހާލަތެއްގައެވެ. ޝައިޠާނާ މީސްތަކުންގެ ބޮލަށް ސަވާރުވުމަށް އެންމެ ފަސޭހަ އެއްގޮތަކީ އެމީހުންގެ އިޚްލާޞްތެރިކަން ފިލައިގެން ދިއުމެވެ. ވީމާ ކަންކުރަންވީ ގޮތަކީ އެންމެ ގޮތެކެވެ. އެއީ ﷲ އެންގެވި އަޅުކަންތައް އަދާކުރަންވީއެވެ. އަދި އަދާކުރަންވީ އިޚްލާޞްތެރި ނިޔަތަކާއެކުގައެވެ. އެއީ ޝައިޠާނާގެ ކިބައިން އެންމެ ފަސޭހައިން ރައްކާތެރިވެވޭނޭ ގޮތެވެ. ޝައިޠާނާ ބުނެފައިވާ ކަމުގައި، ޤުރުއާނުގައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَلأُغْوِيَنَّهُمْ أَجْمَعِينَ . إِلاَّ عِبَادَكَ مِنْهُمُ الـمُخْلَصِينَ﴾الحجر: 40:39 މާނައީ: [އަދި އަހުރެން އެމީހުން އެންމެން މަގުފުރައްދާ ހުށީމެވެ. އެބައިމީހުންގެ ތެރެއިން އިޚްލާޞްތެރިންގެ ގޮތުގައިވި އިނބައިލާހުގެ އަޅުންތައް މެނުވީއެވެ.]
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)