އާނިކާއަކީ މެދު އުމުރުގެ ރީތި ހަށިގަޑެއްގެ ވެރިއެކެވެ. އުމުރަށްވުރެ ޒުވާންކަމަށް ދައްކައި، ރީތި އަންހެނެކެވެ. ބަލާބެލުމަށް ތިން ކުދިންގެ މަންމައެއް ކަމެއް ނޭނގެއެވެ. މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ ވެރިއެކެވެ. ކޮންމެ އުމުރެއްގެ މީހަކާ ވެސް ވަހާކަދައްކާ ސަމާސާކޮށް ހަދައެވެ. އާނިކާއަކީ ހިނގުމުގައި ވަރަށް ހަލުވި މީހެކެވެ. އެހެންކަމުން އާނިކާގެ ގޭދޮށު ފިހާރަތަކުގައި އުޅޭ ބަންގާޅި ކުދިން އާނިކާއާއި މުޚާތަބު ކުރަނީ ސްޕީޑު ދައްތަގެ ނަމުންނެވެ. އެކުދިންނާއި ވެސް ގާތްގުޅުމެއް ބާއްވާތީ އެކުދިންވެސް ތިބެނީ ނުހަނު އުފަލުންނެވެ. ގެއަށް ބޭނުންވާ ގިނަ އެއްޗެހި ގަންނަނީ އޯޑަރު ކޮށްލައިގެންނެވެ. އެގޮތަށް ގަންނަ އެއްޗެހި ގެނެސްދެނީ އެއްކަލަ ބަންގާޅީ ކުދިންނެވެ. އެކުދިންނަށް ޓިޕްސްގެ ގޮތުގައި ކޮންމެވެސް ޚައިރާތެއް ކުރެއެވެ.
ފިރިމީހާއަކީ ރިސޯޓެއްގައި ވަޒީފާއަދާކުރާ މީހަކަށް ވާތީ ދަރިންގެ ހުރިހާކަމެއް ކޮށްއުޅެނީ ސްޕީޑުދައްތައެވެ. ސްޕީޑުދައްތައަކީ ސްކޫލުދޮށަށް އަދި ޓިއުޝަންގޭގެއަށް ދަރިންގޮވައިގެން ހިނގާ މަންމައެކެވެ. ނަމަވެސް ހިނގުމުގައި ހަލުވި ވިއަސް މަސައްކަތުގައި އަތްމަތި އެހާ އަވަހެއް ނޫނެވެ. އެހެންކަމުން ފަތިހުފަތިހާ ތެދުވެގެން ނަމާދު ކޮށްގެން ދަރިންގެ ހެނދުނުގެ ނާސްތާގެ ކަންތައްތައް ނިންމާލާފައި ސްކޫލަށް ގެންދެވެނީ ކިރިޔާއެވެ. ގަޑިނުޖެހި ދެވެނީ ވެސް އޭނަގެ ހަލުވިކަމުންނެވެ. ދަރިންކޮޅު ސްކޫލުން ނިމެންވާއިރަށް މެންދުރުގެ ކެއްކުން ނިންމާލުމަށްފަހު، ދަރިންބަލައި ސްކޫލުދޮށަށް ދާންތައްޔާރުވެގެން ގެއިން ނިކުމެވޭވަރުވަނީ ގިނަފަހަރަށް ގަޑިޖެހޭ ފަހުންނެވެ. ނަމަވެސް ސްކޫލުގެ ގޭޓުން އެހެންކުދިންތައް ނިކުތުމުގެ ކުރިން ހުންނާނީ ގޭޓު ކައިރީގައެވެ. މިހެންވެ އާނިކާގެ ރައްޓެހިންވެސް ތިބެނީ މިކަމާ ހައިރާންވެފައެވެ. ރައްޓެހިންނާއި ޖެހިއްޖެނަމަ، ވާހަކަދެއްކުމުގައި ގަޑި ދެގަޑިއިރު ވިޔަސް ގަޑިންވާއިރެއް ނޭނގި ފޫހިކަމެއްނެތި އޭނާގެ ވާހަކައިގައި ޖެހިފައި ރައްޓެހިންނަށް ތިބެވެއެވެ. އަދި އޭނާގެ މަޖާކަމަކީ ހަނދާންނެތިގެން ކުރާ މޮޅެތި ކަންތައްތަކެވެ.
އާދައިގެމަތިން ސްޕީޑުދައްތަގެ ދަރިފުޅު ޤުރުއާން ކުލާހަށްލާފައި ގެއަށް އައިސް އިނީ ޓީ.ވީ ބަލާށެވެ. ޤުރުއާންކުލާސް ނިމޭނީ އެއްގަޑިއިރުފަހުން ކަމަށްވާތީ، ވަރަށް ހަމަޖެހިލައިގެން އިނީ ބިގުބޮސް ބަލާށެވެ. ޓީވީއަށް ގެއްލިފައި އިންވަރުން ގަޑިންވާއިރެއް ނޭނގެއެވެ. ކުއްލިއަކަށް ފޯނެއް އަތުވެއްޖެއެވެ. އަސްތާ! ޤުރުއާން ކުލާސް ނިމުމުން ދަރިފުޅުބަލައި ނައިސްގެން ޤުރުއާން މިސް ގުޅީއެވެ. އަވަސްއަވަހަށް ޤުރުއާން ކުލާހަށްދާން މިސްރާބު ޖެހިއެވެ. ޤުރުއާން މިސްގެ ގޭ ދޮރުމައްޗަށް އެރުމާއެކު ދަރިފުޅު ނިކުމެއްޖެއެވެ. ނަމަވެސް އެހާއަވަހަށް ގެއަށް ދިއުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު، މިސްއާއި ވާހަކަ ދައްކާލަން މަޑުކޮށްލިއެވެ. އަދި ދަރިފުޅުގެ ކިޔެވުމާއިބެހޭ ގޮތުން ތަފާތު ވާހަކަތައް ދެއްކުމުގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ދައްކަންތިއްބެވެ. އިރުކޮޅަކުން ދަރިފުޅު ފޫހިވެގެން ގެއަށްދާން ބޭނުންވެއްޖެއެވެ. ދަރިފުޅުގޮވައިގެން ނިކުމެއްޖެއެވެ. ގެއަށް ވަދެ ދަރިފުޅަށް ހަވީރުގެ ސައިދޭން ތައްޔާރުވެއްޖެއެވެ. އިރުކޮޅެއް ފަހުން ފިރިމީހާ ގުޅާނެކަން ހަނދާންވުމުން ދަރިފުޅުގާތުގައި ފޯނު ގެނެސްދިނުމަށް އެދުނެވެ. ނަމަވެސް ދަރިފުޅަކަށް ފޯނެއް ނުފެނުނެވެ. މޭޒުމަތީގައި ފޯނުނެތް ވާހަކަ ބުންޏެވެ.
"ހަމަ ދެންމެ އެއްނު ފޯނުބޭއްވީ! ރަނގަޅަށް ބަލައިބަލަ އޮންނާނެ!"
"މަންމާ! މޭޒުމަތީގައި އޮތީ ދެ ރިމޯޓު، އެތާކު ފޯނެއް ނެތް."
"ދަރިފުޅާ! ކޮން ދެ ރިމޯޓެއް؟ އެތާ ރިމޯޓު ކައިރީގައި މަންމަ ފޯނުބޭއްވީ. އެތާގައި އޮތީ ފޯނެއްނޫންތަ؟" މިހެންބުނެ، ގޮސް ބެލިއިރު، ފޯނެއްނެތެވެ.
"އަޅޭ ދަރިފުޅާ! މިއާދެވުނީ ޤުރުއާން މިސްގެ ގޭގެ ރިމޯޓު ހިފައިގެން. ދެން ކިހިނެއް ހަނދާނީ ވެސް. މިއީ އާންމުކޮށް ބައްޕަ ގުޅާގަޑި. މިހާރު މިސްވެސް ހުންނާނެ އެގޭ ރިމޯޓު ވީތަނެއް ނޭނގިފައި. އަބަދުވެސް މިކަހަލަ ކަންތައްތައް މަންމައަށް ކުރެވެނީ. ކުރީ ދުވަހުވެސް ސްކޫލުގައި އޮތް ބެލެނިވެރިންގެ ބައްދަލުވުމަށް ގޮސްފައި އާދެވުނީ ޓީޗަރުގެ ފޯނުހިފައިގެން."
އެވަގުތު ސަލާމް ގޮވާލާފައި ވަނީ ޤުރުއާން މިސްއެވެ.
"އާނިކާ ފޯނު ބާއްވާފައި ދިޔައީމަ މިއައީ ހިފައިގެން. އަދި މިއުޅެނީ އަހަރުމެންގެ ޓީ.ވީ. ރިމޯޓުވެސް ވީތަނެއް ނޭނގިގެން. އަނެއްކާ އާނިކާއަކަށް ނުގެނެވޭތަ؟ ކުރީ ދުވަހުވެސް ޤުރުއާން ކުލާހުގެ އެހެންކުއްޖެއްގެ ފޮތްތައް ވެސް ގެންދިޔައީމަ ހަމަ އަހާލީ!"
އާނިކާ ލަދުންހުރެ ދިއްކޮށްލީ ޤުރުއާން މިސްގެ ޓީ.ވީ ރިމޯޓެވެ. އެވަގުތު ޤުރުއާން މިސްއަށާއި ދަރިފުޅަށް އެއްފަހަރާ ހީނގަނެވިއްޖެއެވެ. މިކަހަލަ އެތައް ދުވަހެއް ސްޕީޑުދައްތަގެ ހަޔާތުގައި ހިނގައެވެ.
3 Responses
ވަރަށް ރަނގަޅު ކަމެއް މިކަހަލަ ލިޔުންތައް ކިޔާލަން ލިބުމަކީ.
ޥަރަށް މަޖާ ޢަދި ރީތި ވާހަކަަޢެއް
ވަރަށް މަޖާ ވާހައެއް