2020ވަނަ އަހަރަށް އަޅުގަނޑުމެން އެންމެންވެސް މަރުހަބާކީ އައު އުންމީދު ތަކަކާއި ހުވަފެންތަކަކާ އެކުއެވެ. ކިޔަވާ ކުދިންނާއި ކިޔަވައިދޭ މުދައްރިސުން އައު ލަނޑުދަނޑިތައް ކަނޑައެޅިއިރު ސްކޫލްތަކުންވެސް ވިހިވިއްސާ ދިމާކޮށް ބޮޑެތިކަންކަން ދިޔައީ ރާވަމުންނެވެ. ވިހިވިއްސަކީ ވަރަށް ތަފާތު އަހަރަކަށް ވެގެންދާނެކަމަށް އެންމެންނަށްވެސް ގަބޫލުކުރެވުނެވެ.
ހަގީގަތުގައި ކަންތައްވީ ވެސް ހަަމަ އެގޮތަަށެވެ. 2020ވަނަ އަހަރު ވެގެން މިދިޔައީ ވަރަށް ތަފާތު އަހަރަކަށެވެ. އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މިއަހަރު، ތަފާތު ކަންކަން އަޅުގަނޑުމެން އިމްތިހާނު ކުރަން ޖެހުނެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އެއްތަފާތަކަށް ވެގެން މިދިޔައީ ކިޔަވައިދެމުން ދިޔަ ގޮތަށް ގެނުވި ބަދަލެވެ. މުދައްރިސުންނަށް ކިޔަވައިދޭން މިޖެހުނީ ގޭގައި ތިއްބަވައިގެންނެވެ. ދަރިވަރުންނަށް ކިޔަވަން މިޖެހުނީ އެކުއްޖެއްގެ ގޭގައި އެކުއްޖަކު ހުރެެގެންނެވެ. ކިޔަވައިދިނުން ކުރިއަށް ގެންދަން ޖެހުނީ ސްކޫލްތަކުގައި ބޮޑު ތަޅު އަޅުވައިގެންނެވެ. ހުރިހައި ސްކޫލެއް ބަންދު ކޮށްގެންނެވެ. އާދޭހެވެ. ކިޔަވައިދިނުން ކުރިއަށް ގެންދަންޖެހުނީ ކުރިއާ ޚިލާފަށް އޮންލައިން ކޮށެވެ.
ސްކޫލްތައް ބަންދުކުރުން.
ކޮވިޑް 19ގެ ނުރައްކާތެރިކަން ބޮޑުވެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔެވުން އެއީ އެންމެ ރައްކާތެރިގޮތެއް ކަމަށް ނުފެންނާތީ އަހަރުގެ ފުރަތަމަ ޓާމުގެ މެދު ޗުއްޓީއާ ހަމައިން ސްކޫލްތައް އިތުރު ދެ ހަފްތާއަކަށް ބަންދުކުރިއެވެ. އަދި އެއަށްފަހު އެމުއްދަަތު ފަހުން އިތުރުކޮށް ސްކޫލްތައް ނުހުޅުވޭނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާ ގުޅޭ އެހެން އިދާރާތަކުން އެންގުމާއެކު ކިޔަވައިދިނުން މެދުކަނޑާނުލައި ކުރިއަށް ގެނދިޔުމަށް ސްކޫލުން ތައްޔާރުވާން ފެށިއެވެ. އެގޮތުން ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު، ސީނިޔަރ މެނޭޖްމަންޓުގެ ޓީމާ ބައްދަލުކޮށް ކިޔަވަައިދިނުން އޮންލައިންކޮށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. އަދި ސްކޫލްގެ މުދައްރިސުންނާ ބައްދަލުކޮށް އޮންލައިންކޮށް ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށާއި ދަރިވަރުން ގޭގައި ތިއްބަސް އެކުދިންނަށް އުނގެނުމުގެ ފުރުޞަތު ނުގެއްލޭނެ ގޮތަށް މަސައްކަތްތައް ރާވާލުމަށް ހިތްވަރުދެއްވިއެވެ.

ގޫގުލް ކުލާސް، ވައިބާރ އަދި ޔޫޓިއުބްގެ އެހީގައި އޮންލައިން ކުލާސްތައް ފެށުން.
ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށް ފަހު 15 މާޗް 2020ގައި ސްކޫލްތަކުގެ ކިޔެވުން ފަށާގޮތަށް ކުރިން އެކަޑަމިކް ކަލަންޑަރުގައި އޮތްނަމަވެސް، ކޮވިޑް 19އާ ގުޅިގެން ސްކުލްތައް ބަންކުރަން ނިންމުމާއެކު 15 މާޗް 2020ވީ އާދިއްތަ ދުވަހުން ފެށިގެން ވައިބާގައި ދަރިވަރުންނަށް ފިލާވަޅުތައް ފޮނުވައިގެން ކިޔެވުން ކުރިއަށް ގެންދަން ފެށުނެވެ. ކުލާސްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭނެހެން ހެދި މި ވައިބާ ގުރޫޕުތަކުގައި ފުރަތަމަ ކިޔަވައިދޭން ފެށުނީ ގުރޭޑް 9ން މަތީގެ ދަރިވަރުންނަށެވެ. އެގޮތުން ސްކޫލްގައި ވާޗުއަލް ކޮށް ކިޔަވައިދިނުމަށް ކުލާސްރޫމެއް ތައްޔާރުކޮށް އެތަނުގައި މުދައްރިސުންގެ ގަޑިތައް ރިކޯޑުކޮށް ވައިބާރއާއި ޔޫޓިއުބްގެ އެހީގައި ގްރޭޑް 9، 10، 11 އަދި 12ގެ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވުނެވެ. އަދި އޭގެ ދެތިން ދުވަސްފަހުން ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށާއި ޕްރީ ޕްރައިމަރީގެ ދަރިވަރުންނަށްވެސް ކިޔަވައިދެވެން ފެށުނެވެ.

ސްކޫލްތައް ބަންދުކުރަން މިނިސްޓްރީއިން ނިންމިއިރު އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ސްކޫލް އޮތީ އެއްވެސް ވަރަކަށް ތައްޔާރުވެފައެއް ނޫނެވެ. އެހެންކަމުން ގޫގުލް ކުލާސްރޫމާއި ގޫގުލް މީޓްސް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް އަޙްމަދިއްޔާއަށް ޖެހުނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާށެވެ. އެހެން ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ނަންގަވައިދެއްވުމުގައި އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތި އަޙުމަދިއްޔާގެ ހީވާގި މުދައްރިސުން ދިޔައީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ ތަފާތު އެކި ޕްލެޓްފޯމްތަކުގެ އެހީގައި މުދައްރިސުން ދިޔައީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ.
ޖީ-ސުއިޓް އެކައުންޓް ލިބި ގޫގުލް މީޓްސްގައި ކިޔަވައިދޭން ފެށުން.
މާޗް 15އިން ފެށިގެން ކިޔަވައިދިނުން މެދު ނުކެނޑި ކުރިއަށް ގެންދެވުނީ ތަފާތު އެކިއެކި ޕްލެޓްފޯމްތަކުގައެވެ. ބައެއް ޓީޗަރުން ވައިބާރ އާއި ޔޫޓިއުބްގައި ވީޑިޔޯތައް ހިއްސާކޮށްގެން ފިލާވަޅުތައް އޮޅުންފިލުވައި ދެއްވަމުން ދިޔައިރު އޮންލައިންކޮށް ކިޔަވައިދިނުމަށް ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ބޭނުންކުރަމުންދާ ޒޫމް އެޕްލިކޭޝަންގެ އެހީގައި ބައެއް ޓީޗަރުން ދިޔައީ ފިލާވަޅުތައް ނަންގަވާދެއްވަމުންނެވެ. ތަފާތު ގިނަ ގޮންޖެހުންތަކާ އެކުވެސް ކުރަމުންދިޔަ މަސައްކަތަށް އައު ހިތްވަރެއް ލިބުނީ ސްކޫލަށް ރަސްމީކޮށް ޖީ-ސުއިޓް އެކައުންޓެއް ލިބުނު ހިސާބުންނެވެ. އެގޮތުން ގޫގުލް މީޓްސް މެދުވެރިކޮށް ޓީޗަރުންނާ ބައްދަލުވުމެއް ބޭއްވުނީ ނިމިގެންދިޔަ މެއި މަހުގެ 11ވަނަ ދުވަހުއެވެ. އެހިސާބުން ގޫގުލް މީޓްސް އާއި ގޫގުލް ކުލާސްރޫމް މެދުވެރިކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ޓީޗަރުން ތައްޔާރުކުރުމުގެ މަސައްކަތް ފެށުނެވެ. މި އެޕްލިކޭޝަންތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް ސެޝަންތަކެއް ނަގައިދެވުނެވެ. އަދި ހަަމައެއާއެކު ދަރިވަރުންނަށް، އެކުދިންގެ ސްކޫލް އީމެއިލް ހަވާލުކުރެވި ކިޔަވައިދިނުން ގޫގުލް މީޓްސްއާއި ގޫގުލް ކުލާސްރޫމަށް ބަދަލުކުރެވުނެވެ. އަދި ގޫގުލް މީޓްސްއާއި ގޫގުލް ކުލާސްރޫމު ބޭނުންކުރާނެގޮތް ދަރިވަރުންނަށް އޮޅުންފިލުވައި ދިނުމަށްވެސް މަސައްކަތްތަކެއް ކުރެވުނެވެ. މިހުރިހާކަމެއް ކުރިއަށް ދިޔައިރުވެސް މުދައްރިސުން ދިޔައީ ކިޔަވައިދިނުން މެދުކަނޑާނުލައި ބަރާބަރަށް ފިލާވަޅުތައް ނަންގަވައި ދެއްވަމުންނެވެ. ކުރެވުނު ދިގު އިންތިޒާރަކާއި ކުރަންޖެހުނު ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކަކަށް ފަހު ގޫގުލް މީޓްސް މެދުވެރިކޮށް ކިޔަވައިދޭން ފެށުނީ މެއި މަހުގެ 16ވީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ވާޗުއަލް ކުލާސްރޫމެއްގައި ދަރިވަރުންނާއި މުދައްރިސުން ބައްދަލުކޮށް އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ރަސްމީކޮށް ފެށުނީ އެހިސާބުންނެވެ.
-
އަޙްމަދިއްޔާގެ އެލް.ކޭ.ޖީ ދަރިވަރުންނަށް ކުރިއަށްގެްނދިޔަ ގޫގުލް މީޓްސް ލެސަންގެ ފޮޓޯއެއް. -
ގޫގުލް މީޓްސް މެދުވެރިކޮށް ބެލެނިވެރިންނާ ބައްދަލުކުރުން
އޮންލައިން ކުލާސްތައް ކުރިއަށް، ނަތީޖާއަކީ ކޮބާ؟
ފުރަތަމަ ޓާމުގެ މެދު ޗުއްޓީއަށްފަހު މާޗް 15ގައި ކިޔެވުން ފަށާގޮތަށް ކުރިން ރާވައިފައި އޮތް ނަމަވެސް ކޮވިޑާ ގުޅިގެން ކިޔެވުން ބަންދުކުރުމަށް ނިންމި ނިންމުމާއެކު އަޙްމަދިއްޔާއިން އޮންލައިންކޮށް ކިޔަވައިދޭން ފެށިއެވެ. އަދި އެކި މަރުހަލާތައް ކަޑައްތު ކުރަމުންގޮސް ގޫގުލް މީޓްސްގައި ރަސްމީކޮށް ކިޔަވައިދިނުން ކުރިއަށް ގެންދެވުނެވެ. މިކަމުގައި ސްކޫލުގެ އިސްވެރިންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންވެސް ވަރަށް ކެތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން ސްކޫލުން ކުރިއަށް ގެންދިޔަ އޮންލައިން ކުލާސްތަކަށް ބެލެނިވެރިންގެ ތަރުހީބު އޮހިގެންދިޔައެވެ. ބައެއް އެހެން ސްކޫލުތަކުގައި އޮންލައިން ކުލާސްތައް ނަގައިދެމުންދިޔަ ގޮތާއި އަޙްމަދިއްޔާއިން ގޫގުލް މީޓްސްގައި ކުރިއަށް ގެންދިޔަ ކުލާސްތަކާހުރި ތަފާތު ބެލެނިވެރިން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް އެކަން ސްކޫލުގެ ސަމާލުކަމަށްވެސް ގެނައެވެ.
ނިއު ނޯމަލްގައިވެސް އޮންލައިން ކުލާސްތައް
01 ޖުލައި 2020ން ފެށިގެންނިއު ނޯމަލްގެ ހާލަތުގައި ކިޔަވައިދިނުން ފެށި ނަމަވެސް އަޙްމަދިއްޔާގެ އޮންލައިން ކުލާސްތައް މެދު ނުކެނޑި ކުރިއަށް ގެންދާގޮތަށް ސްކޫލުން ވަނީ ނިންމާފައެވެ. މިގޮތުން ގުރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް ހަފްތާގެ 3 ދުވަހު އޮންލައިން ކުލާސްތައް ކުރިއަށް ގެންދާގޮތަށް ނިންމާފައިވާއިރު ގްރޭޑް 9ން ދަށުގެ ދަރިވަރުންނަށް ހަފްތާގެ 5 ދުވަހު އޮންލައިން ކުލާސްތައް މިހާރުވެސް ކުރިއަށް ދެއެވެ.

ކޮވިޑް 19އާ ގުޅިގެން މިއަދު ކިޔަވައިދިނުމަށް މިވަނީ ގިނަ ބަދަލުތަކެއް ގެންނަންޖެހިފައެވެ. އެގޮތުން ދަރިވަރުން ސްކޫލަށް އަންނަންޖެހޭ ދުވަހުގެ އަދަދު މަދުވެފައިވާއިރު އިޖްތިމާޢީ ގައިދުރުކަން ގާއިމްކުރުމަށް ކޮންމެ ދެ ޑެސްކެއްގެ ދެމެދުގައި 3 ފޫޓު ބަހައްޓައިގެން ޑެސްކުޖަހާފައިވުމުން ކުލާސްތަކުގައި ތިބެނީ މަދު އަދަދެއްގެ ދަރިވަރުންނެވެ. ސްކޫލުތަކުގެ ކިޔެވުން ފެށިނަމަވެސް އަހްމަދިއްޔާއިން ކުރިއަށް ގެންދާ އޮންލައިން ކުލާސްތައް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް ސްކޫލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ ލިޔުމެއް