ސިހުރު ހެދުމަކީ އެންމެ ޤަދީމީ ޒަމާނުއްސުރެ ފެށިގެން ވެސް ދުނިޔޭގައި އޮންނަ ކަމެކެވެ. މީގެ އެތައް ޒަމާނެއްކުރިން ފެށިގެން ރާއްޖޭގައި ވެސް ދަނީ ސިހުރު ހަދަމުންނެވެ. މިކަމުގެ ހިތްދަތިކަމާ، ވޭނާއި ކެކުޅުން އެތައް އެތައް ދިވެހި ޢާއިލާތަކުން ވަނީ ބަރުދާސްތުކޮށްފައެވެ. ސިހުރު ފެށިގެން އައި ގޮތުގެ ވާހަކަތައް ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތް الله ވަނީ ބަޔާންކޮށްދެއްވާފައެވެ. ސިހުރަކީ، ބާބިލަށް ފޮނުއްވުނު ދެ މަލާއިކަތުން ކަމުގައިވާ ހާރޫތާއި މާރޫތާއެކު އުޑުން ބިމަށް މާތް ﷲ ބަވައިލެއްވި އެއްޗެކެވެ. އެއީ މީސްތަކުން ޢިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އަދި މާތް ﷲ ވަނީ ސިހުރުހެދުން ނަހީ ކުރައްވާފައެވެ.
މި ދިރާސާ މަޒުމޫނަކީ ދިވެހި ސަގާފަތުގައި ސިޙުރުވެރިކަން، މި މަފްޙޫމް އޮތް ގޮތް ދެނެގަތުމަށްޓަކައި ދިވެހި އޮންލައިން ނޫސްތަކުންނާއި، ތަމްސީލުތަކުންނާއި، ފިލްމުތަކުންނާއި، ވާހަކައިންނާއި، ވަޒަންބަހުރުވައިގެ ބާވަތްތަކުންނާއި، އަދި މަޒުމޫނު ފަދަ ލިޔުންތަކުގެ އިތުރުން ދޫދޫމަތިން ދެކެވެމުން އަންނަ ފުލޯކު ވާހަކަތަކުންނާއި، ބަސްދީގަތުންތަކުން މަޢުލޫމާތު އެއްކޮށްގެން ކޮށްފައިވާ ޢިލްމީ މަސައްކަތެކެވެ. މި މަޒުމޫނުގައި ދިވެހި ސަގާފަތުގައި ސިހުރުވެރިކަން އޮތް ގޮތުގެ އިތުރުން، އުތުރުކަރައާއި ތުރުކީވިލާތުގެ ސަގާފަތުގައި ސިހުރުގެ ކަންކަން އޮތް ގޮތަށް ވެސް މި މަޒުމޫނުގައި ބަލައިލެވިފައިވާނެއެވެ. އަދި އެ ސަގާފަތްތަކާއި ދިވެހި ސަގާފަތުގައި ސިހުރުވެރިކަން އޮތްގޮތް އަޅައިކިޔޭތޯ ވެސް މަސައްކަތްކޮށްފައި ވާނެއެވެ.
ސިހުރަކީ ކޮބާ؟
"ސިޙުރު" މިއީ މަކަރާއި ޙީލަތާއި އޮޅުވާލުން މިލަފުޒުގެ މާނަތަކުގެ ތެރޭގައި ހިމެނޭ ޢަރަބި ލަފުޒެކެވެ. ސިހުރަކީ އުނގެނި ދަސްކޮށް ބަހާއި ޢަމަލުންކުރެވޭ ފާފަތަކަށް އަރައިގަނެ ޖިންނި ޝައިޠާނުންގެ އެހީ ހޯދުމާއެކު ކުރާ އާދަޔާ ޚިލާފު ކަންތައްތަކެކެވެ. މުސްލިމުން އެ މައްޗަށް ޢަމަލުތައް ބައްޓަންކުރާންޖެހޭ މައިގަނޑު މަސްދަރުކަމަށްވާ ކީރިތި ޤުރުއާނުގައި ހާރޫތާއި މާރޫތު ނަމަކަށް ކިއުނު ދެ ސިހުރުވެރިންގެ ވާހަކައިގެ އިތުރުން އެ ފޮތުގެ އެތައް އާޔަތެއްގައި އެނޫން ސިހުރުވެރިންނާއި ސިހުރުގެ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން (2016) ބަޔާންކުރައްވާ ގޮތުގައި ސިޙުރަކީ ޙަޤީޤަތެއްވާ ކަމެއް ނޫން ކަމަށް ބުނެ ބައެއް މީހުން އަޑުއުފުލަމުންދިޔަ ނަމަވެސް ސިހުރަކީ ޙަގީގަތެކެވެ. "ފަހެ، މީހާ އާއި އެމީހާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ." އަދި ފަލަޤު ސޫރަތުގެ ހަތަރު ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އަދި ގޮށްތަކަށް ފުމޭ މީހުން (އެބަހީ: ސިޙުރު ހަދާ މީހުން)ގެ ނުބައިކަމުން ވެސްމެ އެވެ." އެބަހީ "ސިޙުރު ހަދާ މީހުން އެބައިމީހުން ގެންގުޅޭ ތަކެތީގައި ގޮށްޖަހައި ބަނދެ އެއަށް ފުމެ އެވެ." ސިޙުރު ހެދުމަކީ ޝައިޠާނީ ޢަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫޙުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިޠާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ" (ޙަސަން ތައުފީޤު ޢަބްދުއްރަޙްމާން، 2016). އެހެންކަމުން ސިހުރުގެ ނުބައިކަން ކިތާބީ ހެއްކާ އެކު މި އޮތީ ފެންނާށެވެ.
ސިޙުރަކީ ވުޖޫދުގައި ނުވާކަމެއް ނަމަ އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މާތް ﷲ އަމުރު ނުކުރެއްވީހެވެ. ސިޙުރަކީ ޙަޤީޤަތެއްވާ އެއްޗެކެވެ. އެގޮތަށް ޖުމްހޫރު ޢިލްމުވެރިންނާއި ޢާންމު ޢިލްމުވެރިން އެއްބަސްވެއެވެ. ހަމަ އެފަދައިން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން މިކަން ސާބިތުވެ އެވެ. އެހެންކަމުން ސިހުރަކީ ހަގީގަތެއް ކަމާއި ހާރޫތާއި މާރޫތުގެ ވާހަކައަށް ބަލާއިރު ސިޙުރަކީ ފިތުނައިގެ ތެރޭގައި ހިމެނޭ ކުފުރުގެ ބާވަތެއްކަން އެނގެއެވެ. އަދި ސިހުރު ހެދުމާއި ސިހުރު އުނގަންނައި ދިނުމަކީ ވެސް މަކަރާއި ޙީލަތުގެ މައްޗަށް ބިނާވެފައިވާ ކާފިރުކަމުގެ ޢަމަލެއްކަން ވެސް އެނގެއެވެ.
ސިހުރުގެ ތަފާތު އެތައް ވައްތަރެއްވާ ކަމަށް އަބްދުލް މުއީދު (2008) ހާމަކުރައްވައެވެ. އެގޮތުން ސައިންސް ޢިލްމުގެ ނިވަލުގައި ތިބެ، މާއްދިއްޔަތުގައިވާ ވަކި ޚާއްޞިއްޔަތުތަކެއް ބޭނުންކޮށްގެން ހަދާ މާއްދީ ސިހުރާއި ޖިންނި ބޭނުންކޮށްގެން ހަދާ ޖިންނި ސިހުރާއި، ފަލަކީ ހިސާބުތައް ކޮށްގެން ހަދާ ފަލަކީ ސިހުރާއި، ދެބައޮޑުވައިގެން ކުރާ ހީކުރުވުމުގެ މައްޗަށް ބިނާކުރެވިފައިވާ ހީކުރުވުމުގެ ސިހުރުގެ އިތުރުން އަވަސް ހަރަކާތާއި ހެވިކަމުގެ އުކުޅާއި ހީލަތްތެރިކަމުގެ މައްޗަށް ބިނާކޮށްފައިވާ ހެވިކަމުގެ ސިހުރަކީ ސިހުރުވެރިކަމުގެ ފާހަގަކޮށްލެވޭ ވައްތަރުތަކެވެ. އެހެން ކަމުން ސިހުރުގެ ކޮންމެ އަމަލަކީ ވެސް ކޮންމެ ވައްތަރަކީ ވެސް ދޮގާއި މަކަރާއި އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ކިތާބީ ހެއްކާ އެކު މި އޮތީ ފެނި ހާމަވާށެވެ.
ހައްގު ގޮތުގައި ހުރި އިންސާނަކަށް މި އިން އެއްވެސް ބާވަތެއްގެ ސިހުރަކުން ގެއްލުން ނުދެވޭނޭ ކަމަށް ބުންޔާމީން ބުނު މުޙައްމަދު (2014) ހާމަކުރައްވައެވެ. އަދި ސިޙުރުން އަސަރުކޮށް އެއިން ގެއްލުން ލިބެނީ ހަރުދަނާ އީމާންކަމެއް ނެތް މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެހެންކަމުން ސިޙުރުން އަސަރު ފޯރާފަދަ ދަށުދަރަޖައަކަށް އީމާންތެރިކަން ކުޑަވެ، ނަފްސާނީގޮތުން އަރިއަޅާލިޔަ ނުދިނުމަށް މުއުމިނުން މަސައްކަތްކުރަން ޖެހެއެވެ.
ސިހުރު ޖެހިއްޖެ ނަމަ އޮތް ގޮތަކީ ހުއްދަ ރުޤްޔާކޮށްގެން ރަނގަޅުވޭތޯ މަސައްކަތްކުރުމެވެ. ސިހުރު ޖެހިފައިވާ މީހާ އެކަމުން ސަލާމަތްވުމަށްޓަކައި ފަރުވާ ކުރަން ޖެހެއެވެ. އެގޮތުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ޝަރުޢީ ރުޤުޔާގެ އެހީގައި ޞިޙުރަށް ފަރުވާ ކުރެއެވެ. މީގެއިތުރުން، ސިހުރުން ސިހުރު ބާތިލު ކުރުމަކީ ވެސް ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ސިހުރު ޖެހިފައިވާ މީހާއަށް ސިހުރުހަދައިގެން ސިހުރުން ސިހުރު ބާތިލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަމެއް ނޫނެވެ (ބުންޔާމީން ބިން މުޙައްމަދު، 2014). އެހެންކަމުން ސިހުރުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މާތް ﷲ އެންގެވި ގޮތަށް ޢަމަލުކުރުން މަތީ ދެމިތިބުމެވެ. ދުރާލައި ސިހުރުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ. ސިހުރުޖެހިއްޖެ ނަމަ ސިހުރު ބާޠިލްކުރުމަށް ސިހުރު ހެދުމުގެ ބަދަލުގައި ޝަރުޢީ ރުޤްޔާކޮށްގެން ފަރުވާކުރުމެވެ.
(ނުނިމޭ)