އާދެ! މިއަދަކީ އިނގިރޭސީންގެ ހިމާޔަތުން ފުރިހަމަ މިނިވަންކަމެއް ލިބި ސިޔާސީ ގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 56 އަހަރު ފުރޭ މިނިވަން ދުވަހެވެ. އެގޮތުން ރާއްޖެ އިސްލާމްވުމުގެ ކުރީއްސުރެވެސް ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަމެއް ލިބިގެންވާ އަމިއްލަ ވެރިކަމެއް ކުރަމުން އައި ރާއްޖެއެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލިފައި ވަނީ 3 ފަހަރު އެވެ. ރާއްޖޭގެ މިނިވަންކަން ބީވެގެން އެންމެފުރަތަމަދިޔައީ މީލާދީން 1558 އިން 1573އަށް ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިޔަ ދުވަސްވަރެވެ. ދެންމިނިވަންކަން ގެއްލުނީ ހިޖްރައިން 1166ގައި ހޮޅީންގެ އަތްދަށަށް ރާއްޖެ ދިޔަ 3 މަހާ 20 ދުވަހެވެ. އެއަށް ފަހު ދެން ރާއްޖެ ދިޔައީ އިނގިރޭސީންގެ "ހިމާޔަތުގެ" ދަށަށެވެ.
އިނގިރޭސިވިލާތްގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްތާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންގެ ރާނީ ވިކްޓޯރިއާގެ ބަދަލުގައި، ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސާ އޭ.އެޗް.ގޯޑްން އާއި ދެމެދު ޑިސެމްބަރ 16އާއި 23 ވަނަ ދުވަހާ ދެމެދު ކުރެވުނު މުއާހަދާގެ ދަށުންނެވެ.
އެމުއާހަދާގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރި ކޮށްގެންނެވެ. ރާއްޖެއަކީ އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ގައުމެކެވެ. އެއާއެކު ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ރާއްޖެއަށް ލިބިގެންވެއެވެ. އަދި ދާޚިލީ ކަންތައްތަކާ އިނގިރޭސިންނެއް ނުބެހޭނެއެވެ. އެހެން ކަމާއެކުވެސް ރާއްޖޭގެ ތަޚުތަށް އިސްކުރެވޭ ރަސްކަލަކު އެމަގާމު ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އިނގިރޭސި ސަރުކާރަށް އެކަން އަންގައި އެ ސަރުކާރުން އެރަސްކަލެއް ގަބޫލުކުރަން ޖެހެއެވެ.
އިނގިރޭސީންގެ "ހިމާޔަތުން" ސަލާމަތްވެ، ފުރިހަމަ މިނިވަންކަމަށް ރާއްޖެ ކުރި ހިކުމަތްތެރި ދަތުރުގައި، ރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ އެއްބަސްވުމެއްގައި ފުރަތަމަ ސޮއިކުރެވުނީ 24 އޭޕްރީލް 1948ގައެވެ. އެއަށް ފަހު މި އެގްރީމެންޓާ ގުޅޭ ގޮތުން ދެން މަޝްވަރާކުރެވުނީ، އޭރު ރާއްޖޭގައި އޮތް ރަސްކަން ނިމި، 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު އުފެދުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަށް ފަހުއެވެ. ކުރު މުއްދަތެއްގެ ޖުމްހޫރީ ތަޖްރިބާއަށް ފަހު އަނެއްކާވެސް 1954 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެ، ހިނގައިދިޔަ ދުވަސްވަރު އިނގިރޭސީންނާ ދިވެހި ސަރުކާރާ ދެމެދު މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެވުނެވެ. އެގޮތުން، އޭރު އެންމެ ބޮޑަށް މަޝްވަރާކުރެވުނީ، 1948ގައި ވެވުނު އެއްބަސްވުމަށް ބަދަލުގެނެސް، ދިވެހިރާއްޖޭގެ ސިޔާސީ ހައިސިއްޔަތު، އެ އެއްބަސްވުމުގައި އޮތުމުގެ މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން 1960 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، އަނެއްކާވެސް މި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ، ދިވެހިރާއްޖެއަކީ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ، މިނިވަން، އަމިއްލަ ވެރިކަމެއްކުރާ ގައުމެއްގެ ގޮތުގައި އިނގިރޭސީން ގަބޫލުކުރާ ގޮތަށެވެ. ނަމަވެސް އެ އެއްބަސްވުމުގައިވެސް، ދިވެހީންނަށް އިނގިރޭސީންގެ ރުހުމާ ނުލައި، ޚާރިޖީ ގުޅުމަކަށް އެއްވެސް ބާރެއް ލިއްބައެއް ނުދިނެވެ.
ދެންއައީ ދިވެހީން ފުރިހަމަ މިނިވަންކަމަކަށް ފެށި ވަރުގަދަ ދަތުރެވެ. ފުރިހަމަ މިނިވަންކަމަށް ކުރި ދަތުރުގެ މަރުހަލާތަކުގެ ތެރޭން، ކޮޅުނބުގައި ހުންނެވި، އިނގިރޭސި ސަފީރާ މަޝްވަރާތައް ކުރައްވަނީ، ކޮޅުނބުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަބްދުއްސައްތާރު މޫސާދީދީއެވެ. އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދެވީ، ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އޭރުގެ ބޮޑުވަޒީރުގެ ފުރިހަމަ އިރުޝާދާއި މަޝްވަރާތަކުގެ ތެރެއިންނެވެ.
ފުރިހަމަ މިނިވަންކަމަށް ދިވެހީން ކުރި ވަރުގަދަ ދަތުރުގައި ކާމިޔާބުގެ އައްސޭރިއަށް އެންމެ ފަހުން ވާސިލްވީއެވެ. އޭރުވެސް އިނގިރޭސި ދައުލަތަށް ރާއްޖެއިން ފޮނުވާ ޖިޒީއެއް ކޮންމެ އަހަރަކު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ފޮނުވަމުން ގެންދެއެވެ.
މިހެން ކަން އޮތް ނަމަވެސް،1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ކުރެވުނު އެގްރީމެންޓަކުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލު ކުރީއެވެ. އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ގައުމަކާ އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ސީދާ އަމިއްލައަށް ގުޅުން ހިންގުމުގެ ހައްގު ދިވެހިރާއްޖެއަށް ލިބުނީއެވެ. މި ތާރީޚީ އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ.
އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނާ ސާ މައިކަލް ވޯކާއެވެ. ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ، ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަ ބަނޑޭރި ކިލެގެފާނު ނިޝާނުލްޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އެވެ.
މަސްދަރު: ދިވެހިރާއްޖޭގެ ތާރީޚް