ދޫދޫ މަތިން ކިޔަމުން އަންނަ ފުލޯކު ވާހަކަތަކުންނާއި، އިހުގެ ފިލްމުތަކާއި ތަމްސީލުތަކާއި ލިޔުންތަކާއި ވަޒަންބަހުރުވައިގެ ތަފާތު އެކި ވައްތަރުތަކުން ލިބެންހުރި މަޢުލޫމާތުތަކަށް ބުރަވާއިރު، އިހު އެވޭލާ ޒަމާނުއްސުރެ ފެށިގެން ވެސް ރާއްޖޭގައި ސިހުރުހެދުމަކީ އާންމު ކަމެކެވެ. ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ގދ. ކާޑެއްދޫ ފަޅުވާން މެދުވެރިވީ އެ ރަށުގައި ހިނގައި ދިޔަ ވަރުގަދަ ސިހުރުގެ ހަނގުރާމައެއްގެ ތެރެއިން ކަމަށްވެއެވެ. ކާޑެއްދޫ ފަޅުވިކަމަށް ދެކެވޭ ވާހަކަޔަކީ "ވާދޫ އެދުރުކަލޭގެފާނުގެ ބޮޑު ފަންޑިތަ ފޮތް ކާޑެއްދޫ އެދުރުކަލޭގެފާނު އަތުގައި އޮވެގެން އެދެމެދުގައި ހިނގި ފަންޑިތަވެރިކަމުގެ ތަޅާފޮޅުމެއްގެ ވާހަކަ"އެވެ. އެ ގޮތުން، މި ފަންޑިތަފޮތް ބަލައި ވާދޫ އެދުރުކަލޭގެފާނު ކާޑެއްދުއަށް އަންނަކަން އެނގުމުން، ފަންޑިތައިގެ އެހީގައި ނެރުގެ އަނގަމަތީގައި ޖިންނިއެއްގެ އެހީ ހޯދައިގެން ފިނޮޅެއް އުފެއްދިކަމަށްވެއެވެ. ވާދޫ އެދުރުކަލޭގެފާނު ދިޔަ ދޯނި ކާޑެއްދޫ ނެރުން ވަނުމާއި އެކު، އުފެދިފައި އޮތް ފިނޮޅުގައި ދޯނި ބީހުނީއެވެ. ބީހުމުން ދޯނީގައި ތިބި މީހުނާއި އެކު ފައިބައިގެން ރަށަށް އެރީއެވެ. އަދި މި މަންޒަރު ކާޑެއްދޫ އެދުރުކަލޭގެފާނަށް ފެނުމުން އޭނާ ގެންގުޅުނު އެކުވެރި ޖިންނި ގާތު ކުޑައަށީ ފޮށިމަތީގައި ހުރި ގަލަންދާން މަތީގައި ހުރި ކިޔެވެލި ކިޔަވާފައި ހުރި ފުޅި ހިފައިން އަންނާން ބުންޏެވެ. ޖިންނި އަވަސްކުރަން އުޅެން ހަދައިގެން، ގޭގެ އޮޅީގައި އަޅައިގަނެ ފުޅި ތަޅައިން ދިޔައީއެވެ. ޖިންނި ގޮސް އެ ވާހަކަ ކާޑެއްދޫ ތަކުރުފާނު ގާތު ބުނުމުން، "ތިމަންމެންގެ ކަމާބަހާ މި ނިމި ދިޔައްޔޭ!"، މިހެން ބުނިކަމަށްވެއެވެ. އަދި ވާދޫ އެދުރުކަލޭގެފާނު ރަށަށް އަރައި ދެކޮޅުވެރިކަން އުފެދިގެން އުޅުނު ފޮތް ހިފައިގެން އަނބުރައި ރަށަށް ދިޔަ ކަމަށްވެއެވެ. އޭގެ ފަހުން ރަށުގައި ރޯގާ ފެތުރި، ގިނަ އަދަދަކަށް މީހުން މަރުވާންފެށިއެވެ. ހަމައެހެންމެ، ވަޅުނުލެވި ގިނައަދަދެއްގެ ބަޔަކު ފަސްމަތީ ތިބުމުން، ރަށުގައި ދިރިތިބި މީހުން އަތޮޅުގެ އެކި ރަށްރަށަށް ހިޖުރަކުރި ކަމަށްވެއެވެ (އިބްރާހީމް ލުތުފީ، 2019). މި ވާހަކަ އަކީ ޒަމާނުއްސުރެ ހުވަދު އަތޮޅުގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. އަދި ކާޑެއްދޫ ފަޅުވުމުން އެރަށުގައި ހުރި މުދާތައް ހުވަދު އަތޮޅު ކޮލަމާފުށީ މީހުން ކޮލަމާފުއްޓަށް ގެންދިއުމުން އެ ރަށުގެ ގޭގޭގެ މަދިރިގޭތަކުގެ ކަންކަނުގައި ހުޅުރޯވެ އެނދި ވާހަކަ އަކީ ވެސް މަޝްހޫރު ވާހަކައެކެވެ. ކާޑެއްދޫ ފަޅުވި ވާހަކައިގެ އިތުރުން ހުވަދު އަތޮޅުގެ އަތޮޅުވެރިޔާ ވީރުއަލިދީދީއަށް ސިހުރު ހަދައި ސައިތަށްޓަކަށް ވިހަ މަހެއްގެ ވިހަލައި ބޯންދީގެން އޭނާ މަރާލި ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށްޓަކައި ގއ. ނިލަންދޫ ހަކީމްދީދީ އާއި ގއ. ވިލިނގިލީ މީހަކު މަރުވެފައި އޮތް ކުޑަކުއްޖެއްގެ މޭގަނޑު ނަގައި ތެޔޮ ހޭނިކަމާއި އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި އަދަބަކަށް ބަޑި ޖަހައި މަރާލިކަން ތާރީހީ ލިޔުންތަކުން ފެންނާން އެބައޮތެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސިހުރު ހެދި މައްސަލައެއް ވެސް ސާބިތުވިއެވެ. ދިވެހިރާއްޖޭގެ 5 ވަނަ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު (2014) އެމަނިކުފާނުގެ ބަޔޯގްރަފީގައި ލިޔުއްވާފައިވާ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި، ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑާ ދިމާލުން ކަނޑަށް ފާލަމެއް އަޅައި އެތަނުގައި ކާޅާއި ރަތް ހާ ކަތިލައި ކަނޑަށް ލޭ އަޅައި ސިހުރު ހެދިއެވެ. މީގެ އިތުރުން ދޮންހިޔަލަ އާއި އަލިފުޅު ވާހަކައިގައި ވެސް ސިހުރު ހެދިކަން އެނގޭން އެބައޮތެވެ.
ސިހުރަކީ މީހުން މެރުމަށްވުރެ ނުބައި ކަމެއް ކަމަށް ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސްތަކުން އެނގޭން އެބައޮތެވެ. ސިހުރުގެ ސަބަބުން މުޖުތަމައު ރޫޅި މިތުރުން ހަތުރުންނަށްވެ، އަމާންކަން ފިލައި، ނާމަންކަން ފެތުރި، ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅުމަށް މެދުވެރިވާ ކަމަށް ދާދި ފަހުން ސިހުރުގެ ނުބައިކަން ބަޔާންކޮށް ދިން ހުތުބާއެއްގައި ބުނެފައިވެއެވެ. އެ ހުތުބާގައި ވަނީ ސިހުރުވެރިންގެ ސަބަބުން ދުޅަހެޔޮ އެތައް ބަޔަކު ބަލި މީހުންނަށްވެ، އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.
ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. އެހެންނަމަވެސް މިއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫނެވެ. މިކަމުގެ ނުރައްކަލަކީ، ސިޙުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާންޖެހުމެވެ. އެ ކުޅަދާނަކަން ހޯދޭނީ ޝައިޠާނާ މެދުވެރިކޮށް ކަމަށްވާތީއެވެ. ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިޙުރު ހަދާ މީހާއަށް ޝައިޠާނާ އަމުރުކުރެއެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިޠާނާގެ ވާގިވެރިކަމެއް ނުލިބެއެވެ. ޝައިޠާނުންނާ ގާތް ގުޅުން އުފެއްދުމަށްޓަކައި އެމީހުންގެ ފައިގައި ޚަތިމު ބަނދެގެން ފާޚާނާ އަށް ވަދެ އެވެ. ހުތުރު ތަކެތިން ހުތުރު ތަންތަނުގައި ޤުރްއާނުގެ އާޔަތްތައް ލިޔެއެވެ. އިދިކޮޅަށް ޤުރްއާނުގެ އާޔަތްތައް ލިޔެ ވުޟޫނުކޮށް ނަމާދުކުރެއެވެ. ޝައިޠާނާގެ ނަމުގައި ތަކެތި ކަތިލައި އެ ޝައިޠާނުން ބުނާ ތަނަކަށް ކަތިލި ތަކެތި އެއްލައިލައެވެ. ބައެއް ތަރިތަކާ މުޚާޠަބުކޮށް ވާހަކަ ދައްކައި، މާތް ﷲ އަށް ސަޖިދަކުރުމުގެ ބަދަލުގައި އެ ތަކެއްޗަށް ސަޖިދަ ކުރެއެވެ. ކުފުރުވާ ފަދަ ޢިބާރާތުން ތަވީދު ލިޔެއެވެ.
ސިހުރަކީ ގަދީމީ ޒަމާނުގައި ވެސް އަދި ޓެކްނޮލޮޖީގެ މި ޒަމާނުގައި ވެސް އިންސާނުންގެ ގައިގައި ވަކި ހިއްޕާލައިފައިވާ ބިރުވެރި ބަލިމަޑުކަމެކެވެ. ސައްތައިން ސައްތަ ދިވެހި ގައުމުގައި ސިހުރު ހާހޫރަ ގިނަވަމުން ދިއުމަކީ ހިތާމަހުރި ކަމެކެވެ. ސިހުރުގެ އެތައް ނުބައި އަމަލެއް ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމައުން ވެސް ހައިރާންވެ އަންތަރީސްވާ ވަރަށް ފެންނަމުންދެއެވެ. ނަމަވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ބަލާއިރު މި ފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރުން ވަނީ ދަތި ކަމަށެވެ. ދައުވާކުރުމާއި ދައުވާ ސާބިތުކުވުމަކީ ހުދުކާޅެއް ފެންނަހާ މަދުން ނޫނީ ނުވާ ކަންކަމެވެ.
މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފުލުހަށް ހުށަހަޅައެވެ. އެހެން ނަމަވެސް މިފަދަ މައްސަލަތަކަކީ އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިގެން މެނުވީ ޖަލުހުކުމަކާ ހަމައަށް ދާ މައްސަލަތަކަކަށް ނުވާތީ މި މައްސަލަތައް އޮންނަނީ ވަކި ހިސާބަކުން ހިނދިފައެވެ. ހަސަން ރަޝީދު (2020) ހާމަކުރައްވާ ގޮތުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުލުހުން ވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ ގެއަކުން ސިހުރުހަދަން ބޭނުންކުރާ ފޮތްތަކެއް އަތުލައިގެންފައެވެ. 2019 ވަނަ އަހަރު އުތުރުގެ ރަށެއްގައި އެއް ދޯންޏަކުން މަހަށް ދިޔަ ދެ މީހަކު ދޯނި މަތީގައި ގާތްގާތުގައި މަރުވުމާ ގުޅިގެން އެ މަރުތަކާ ސިހުރުވެރިކަމާ ގުޅުމެއް ވޭތޯ ފުލުހުން ތަޙްގީގުކުރަން ފެށިއެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެކުނުގެ ރަށެއްގައި ފުޅާ ދާއިރާއެއްގައި ސިހުރުހަދަމުން ދިޔަ ބައެއްގެ މައްސަލަ ބަލަން ފަށާފައި ވާއިރު، 2020 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ވެސް ދެކުނުގެ ރަށެއްގައި ސިހުރުގެ ކަންތައް ބޮޑުވެ ނޫސްތަކުގައި އެކަން ރިޕޯޓުކޮށަފައިވެއެވެ. އެހެން ނަމަވެސް ކުރިން ވެސް ދެންނެވި ފަދައިން ރާއްޖޭގައި ސިހުރުހަދަނީ ވަރަށް ސިއްރުން ކަމަށްވެފައި އެފަދަ މައްސަލައެއް ކުރިއަށް ގެންދެވޭ ވަރުގެ ހެއްކާއި ޤަރީނާ ހޯދަން އުނދަގޫވުމުގެ ސަބަބުން ސިހުރުވެރިންނަށް އަދަބުން ރެކުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން އިސްވެ ދެންނެވި ކަންކަމަށް ބަލާއިރު ދިވެހި މުޖުތަމަޢުގެ ތެރޭގައި ސިހުރުގެ ބަލިމަޑުކަން އޮތް މިންވަރުގެ ބޮޑުކަން މިއޮތީ ހާމައަށް ފެންނާށެވެ.
(ނުނިމޭ)