الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ﷲ سبحانه وتعالى ގެ ޙަޟްރަތުގައި ޤަބޫލުވެވޭނޭ އަޅުކަމަކީ އެކަލާނގެ ވަޙީބަސްފުޅުގެ ޒަރީޢާއިން ރަސޫލާ صلى الله عليه وسلم އަށް ބަޔާން ކޮށްދެއްވި ކަންކަން ކަމުގައިވާތީ، އެކަމަށް ރަސޫލާ صلى الله عليه وسلم ފޮނުއްވާ އެކަލާނގެއަށް އަޅުކަން ކުރާނޭ ގޮތް ދައްކަވާ ބަޔާންކޮށްދެއްވުމުގެ އަމާނާތް އެކަލޭގެފާނުވަނީ ފުރިހަމައަށް އަދާކޮށް ދެއްވާފައެވެ. ހަމައެއްވެސް ކަމެއް ދޫކުރައްވާފައެއް ނުވެއެވެ. އަދި އަޞްޙާބު ބޭކަލުން އިސްލާމްވެ ވަޑައިގެން، ﷲ سبحانه وتعالى އަށް އީމާންވެ، އެކަލާނގެ ބާވައިލެއްވި ކީރިތި ޤުރުއާނަށް ފުރިހަމައަށް އީމާންވިއެވެ. އަދި އެނަބިއްޔާއަށް އީމާންވާންވީ ގޮތަށް އީމާންވެފައި ވުމުގެ ސަބަބުން އަޅުކަމުގެ ދާއިރާގައި ކަންކުރަންވީ ގޮތް ރަނގަޅަށްވަނީ ހިތުގައި ބިންވަޅު ނެގިފައެވެ. އެބޭފުޅުންނަށް ވަރަށް ރަނގަޅަށް ވަނީ ﷲ سبحانه وتعالى ބާވައިލެއްވި އަމުރުފުޅުތައް ފަހުމްވެފައެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ﴾الحشر: 7 މާނައީ: [އަދި ތިޔަބައިމީހުންނަށް ރަސޫލާ ގެނެސްދެއްވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެނަބިއްޔާ ތިޔަބައިމީހުންނަށް މަނާކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވާށެވެ.] އަޞްޙާބުންގެ ހިތްތަކަށް ބިންވަޅު ނެގިފައިވާ ވާހަކަ މިދެންނެވީ މިއާޔަތުގެ މަފްހޫމެވެ. އޭގެ ސަބަބުން އެއްވެސް ކަމެއް ކުރުމުގެ ކުރިން، ޚާއްޞަކޮށް ދީނުގެ ނަމުގައި އެއްވެސް ކަމެއް ޤަބޫލުކުރާ ހިނދު އަދި ޢަމަލުކުރާ ހިނދު ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަށް އެކަލޭގެފާނުގެ ޢަމަލުފުޅަށް އެބޭކަލުން ތިއްބަވަނީ ވަރަށްބޮޑަށް ދެލޯ ހުޅުވާލައްވައިގެން މަންޒަރު ބައްލަވާށެވެ. ކަންތައް ކުރަންވީ ކިހިނެއްތޯ އަބަދުމެ ވިސްނަވާ، އެޢިލްމު ދެނެގަތުމަށެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅު ބައްލަވައެވެ. އެއަށްފަހު އެގޮތް ހިތުދަސްކުރެއެވެ. އަދި އެއާ އެއްގޮތަށް އަމިއްލައަށް ޢަމަލު ކުރައްވައެވެ. އެއަށްފަހު ރަސޫލާ ދީނީ ޢަމަލެއްގެ ގޮތުގައި އެ ކުރެއްވި ކަންތައް ކުރެއްވިއިރު އެތަނުގައި ޙާޟިރުވެ ނެތް އެތަކެއް ޞަޙާބީންނަށް، އެޢަމަލެއް އުނގަންނަވާ ދެއްވައެވެ. އެއިން ކޮންމެ ޞަޙާބީ ބޭކަލެއްވެސް ކަންތައް ކުރަންވަނީ އެފަދައިންނެވެ. އިސްލާމީ އުންމަތަށް އޮތް ކޮންފަދަ ރިވެތި ނަމޫނާއެއްތޯއެވެ؟ ވާނީ އެހެންތާއެވެ؟ އެބޭކަލުން އެކަލޭގެފާނަށް އީމާންވީ، އީމާންވާންޖެހޭ ގޮތަށެވެ. ހިތުގައި އޮތީ އެކަލޭގެފާނުގެ ބަސްފުޅުތަކުގެ ތެދުވެރިކަން ކަށަވަރު ކުރެވިފައެވެ. އެބަސްފުޅުތަކާއި އެޢަމަލުފުޅުތަކާއި މެދު ކުޑަ މިންވަރެއްގެ ވެސް ޝައްކު ކަމެއް ނުވެއެވެ. އެކަލޭގެފާނު އަންގަވާ ކަންކަމާއި ކުރައްވާ ކަންކަންވެސް ކޮޕީ ކުރުމަށް އެމާތް ބޭކަލުން ތިއްބަވަނީ ފެން ބޮވައިގެންފައެވެ. ދީނީ ކޮންމެ ޢަމަލެއް ކުރައްވަމުން ގެންދެވީ މަޖްބޫރީ ވިސްނުމެއްގައެއް ނޫނެވެ. ނަމަވެސް އެއަޅުކަންކަން ދެކެ ނުހަނު ލޯބިން އަމިއްލައަށް އެކަންކަން ކުރާހިއްވާ ހިތަކައިގެންނެވެ. ވުޟޫ ކުރާނޭ ގޮތް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެބޭކަލުން އުނގެނުނީ އެކަލޭގެފާނު އެކަން ކުރާތަން ދެކެ، ކޮޕީކޮށް، ހަމައެގޮތަށެވެ. އަދި އެމަންޒަރު ފެނިފައި ނުވި އަޞްޙާބު ބޭކަލުންނަށް، އެތަން ފެނުނު ބޭކަލުން ދައްކަވައިގެން ކުރެއްވިއެވެ. އަދި އެގޮތަށް ކުރަންވީ ސަބަބު ބަޔާންކޮށްދެއްވިއެވެ. ސަބަބެއްގެ ގޮތުގައި ބަޔާންކުރައްވަނީ އެއީ ރަސޫލާ صلى الله عليه وسلم ކުރެއްވި ގޮތްކަމުގައެވެ. ޞަޙާބީ ޢުޘްމާން ބިން ޢައްފާނު رضي الله عنه ވުޟޫކުރާގޮތް މީހުންނަށް ދައްކަވާ ވިދާޅުވީ އެފަދައިންނެވެ. އިމާމް ބުޚާރީ "ޞަޙީޙް" ގައި ޙުމްރާންގެ އަރިހުން ރިވާކުރެއްވިއެވެ: أَنَّ عُثْمَانَ بْنَ عَفَّانَ رضي الله عنه دَعَا بوَضُوءٍ. فَتَوَضَّأَ. فَغَسَلَ كَفَّيْهِ ثَلاَثَ مَرَّاتٍ. ثُمَّ مَضْمَضَ وَاسْتَنْثَرَ. ثُمَّ غَسَلَ وَجْهَهُ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ يَدَهُ الْيُمْنَى إِلَى الْمِرْفَقِ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ يَدَهُ الْيُسْرَى مِثْلَ ذلِكَ. ثُمَّ مَسَحَ رَأْسَهُ. ثُمَّ غَسَلَ رِجْلَهُ الْيُمْنَى إِلَى الْكَعْبَيْنِ ثَلاَثَ مَرَّاتٍ. ثُمَّ غَسَلَ الْيُسْرَى مِثْلَ ذٰلِكَ. ثُمَّ قَالَ: رَأَيْتُ رَسُولَ اللّهِ صلى الله عليه وسلم تَوَضَّأَ نَحْوَ وُضُوئِي هذَا. ثُمَّ قَالَ رَسُولُ اللّهِ صلى الله عليه وسلم: "مَنْ تَوَضَّأَ نَحْوَ وُضُوئِي هذَا، ثُمَّ قَامَ فَرَكَعَ رَكْعَتَيْنِ، لاَ يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ މާނައީ: [ހަމަކަށަވަރުން ޢުޘްމާން ބުން ޢައްފާން رضي الله عنه ވުޟޫކުރާނޭ ފެން އެއްޗެއް ގެނެސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ދެން ވުޟޫކުރެއްވިއެވެ. އެގޮތުން އަތްތިލަ ތިންފަހަރު ދޮވެލެއްވިއެވެ. އަދި އަނގައިތެރެ ދޮވެލައްވާ ނޭފަތްތެރެއަށް ފެންލައި ފެން ބޭރުކޮށްލެއްވިއެވެ. އެއަށްފަހު ތިންފަހަރަށް އެކަލޭގެފާނުގެ މޫނު ދޮވެލެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ކަނާތު އަތް އުޅަބައްޓާ ހަމައަށް ތިންފަހަރު ދޮވެލެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ވާތުއަތް ހަމައެފަދައިން ދޮވެލެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ބޮލުގައި ފެން ފުހުނެވެ. އެއަށްފަހު އެކަލޭގެފާނުގެ ކަނާތުފައި ތަނބިކައްޓާ ހަމައަށް ތިންފަހަރު ދޮވެލެއްވިއެވެ. އެއަށްފަހު ވާތުފައި ހަމައެފަދައިން ދޮވެލެއްވިއެވެ. ދެން އެއަށްފަހުގައި ވިދާޅުވިއެވެ: ތިމަންނާ މި ވުޟޫކުރިގޮތަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ވުޟޫކުރައްވަނިކޮށް ދެކެވަޑައިގަތީމެވެ. އެއަށްފަހު އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: ތިމަން ނަބިއްޔާގެ މިވުޟޫއާ އެއްގޮތަސް ވުޟޫކުރުމަށްފަހު ދެރަކްޢަތުގެ (ސުންނަތް ނަމާދެއް) އެދެރަކްޢަތް ކުރުމުގެ ތެރޭގައި އަމިއްލަ ނަފްސާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ (މާނައީ ﷲ އަށް ޚުޝޫޢަތްތެރި ކަމާއެކު) ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ އެންމެހައި ފާފައެއް (މާނައީ އެންމެހައި ކުދިފާފަތަކެއް) ފުއްސަވައި ދެއްވައިފިއެވެ.] މިޙަދީޘުން މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ ތަންކޮޅަކީ އެހެންމީހުންނަށް ދައްކަވައިގެން ވުޟޫކުރެއްވުމަށް ފަހުގައި ވިދާޅުވިބަސްފުޅެވެ. "ތިމަންނާ މި ވުޟޫކުރިގޮތަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ވުޟޫކުރައްވަނިކޮށް ދެކެވަޑައިގަތީމެވެ." އެޞަޙާބީ މީހުންނަށް ދަސްކޮށްދެއްވި ވުޟޫގެ ޞައްޙަކަން ކަށަވަރު ކޮށްދެއްވީއެވެ. އަދި އެގޮތަށް އެހެންމީހުން ބަލައިގެން ވުޟޫކުރަންވީ ކީއްވެކަން ބަޔާންކޮށްދެއްވީއެވެ. މިއީ ރަސޫލާ صلى الله عليه وسلم ވުޟޫކުރެއްވި ގޮތެވެ. ތިޔަ އެންމެހައި މީސްތަކުންވެސް މިގޮތަށް ވުޟޫ ކުރާށޭ އެވެ. ހަމައެފަދައިން އަހަރެމެންވެސް ﷲ سبحانه وتعالى އަށާއި ރަސޫލާ صلى الله عليه وسلم އަށް އީމާންވާންވީއެވެ. އަދި އެހެންވެއްޖެ ނަމަ ދެން އަހަރެމެންވެސް ދުއްވައިގަންނާނީ ރަސޫލާ صلى الله عليه وسلم ވުޟޫކުރެއްވި ގޮތެއް ހޯދާށެވެ. މިއަދަކު އެނަބިއްޔާގެ އަރިހަކަށް ދެވޭކަށް ނެތެވެ. ނަމަވެސް އެނަބިއްޔާގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި ހަމައަށް ދެވެން އެބައޮތެވެ. ޙަދީޘް ފޮތްތަކުންނެވެ. އެބަސްފުޅުތަށް ކިޔުމާއި އެކު ނުވަތަ އަޑުއިވުމާއެކު ކިޔަމަންވުމުގެ ހިތަކައިގެން ކުރިމަތިލާން ޖެހެއެވެ. ކުރިމަތިލާންވީ ޖަދަލު ކުރުމުގެ ހިތަކައިގެންނާއި ދުލަކައިގެން ނޫނެވެ. އެބަސްފުޅުތަށް އެނގުމާއެކު އެޢަމަލުކުރާން ތައްޔާރު ވެގެންނެވެ. ރަސޫލާ صلى الله عليه وسلم ދުނިޔޭގައި ހުންނެވި އިރު އެކަލޭގެފާނު އަރިހުގައި ތިއްބެވި ޞަޙާބީންނަށް އެކަލޭގެފާނުގެ އަރިހުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މައްޗަށް ބަސްބުނުން ނަހީކުރެއްވި ފަދައިން މިއަދު ޙަދީޘް ފޮތްތަކުގައިވާ ޞައްޙަ ޙަދީޘްތަކުގެ ކުރިމަތީގައި ބަސްބުނުން ހުއްދަވެގެން ނުވާނެއެވެ. އެދުވަހުގައި ރަސޫލާ صلى الله عليه وسلم އާ ޚިލާފަށް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ބަސްބުނުން މަނާވި ފަދައިން މިއަދުވެސް ޙަދީޘްތަކުގެ ކުރިމަތީގައި ޙަދީޘްތަކާއި ޚިލާފަށް ބަސްބުނުމާއި ޢަމަލުކުރުން ހުއްދަވެގެން ނުވާނެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ يَا أَيُّهَا الَّذِينَ آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لَا تَشْعُرُونَ﴾الحجرات: 1-2 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އާއި އެކަލާނގެ ރަސޫލާގެ ކުރިން ކަންކަމުގައި ކުރިއަރައި ނުދާށެވެ. (މާނައަކީ ހުރިހާ ކަމެއްގައި ވެސް އެދެފަރާތުގެ އެންގެވުންތަކަށް ތަބާވެގެން ފަހަތުން ދާށެވެ.) އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވެވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ ކަލާނގެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް އަޑުގަދަކުރާ ފަދައިން ވާހަކަ ދެއްކުމުގައި (އެކަލޭގެފާނުގެ ކުރިފުޅުމަތީގައި) އަޑުގަދަ ނުކުރާހުށިކަމެވެ. އޭރުން ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުންނަށް އިޙްސާސްވެސް ނުކުރެވޭ ގޮތުގައި ގެއްލިގެން ހިނގައިދާނެތެވެ.] މިއަދަބު އަޚްލާޤު ރަސޫލާގެ ޙަދީޘްފުޅުތައް ކުރިމަތީގައި ހިފަހައްޓަން ޖެހެއެވެ. އަދި މިހުރިހައި އަޅުކަމެއް ކުރުމުގައި ކޮޕީ ކުރަންވީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. އެގޮތުން އެނަބިއްޔާ ޞަޙާބީންނާއި އެކު އެތަކެއް ޒަމާނެއް ވަންދެން ދުވާލަކު އެތައް ފަހަރަކު ނަމާދު ކުރެއްވިއެވެ. އެންމެންނަށް އެމަންޒަރުތައް ބަލައިލުމުގެ ފުރުޞަތު ނުލިބުނެއް ކަމަކު، އެނަބިއްޔާ صلى الله عليه وسلم ނަމާދު ކުރައްވާއިރު ގާތުގައި ހުރުމުގެ ހެޔޮނަޞީބު ލިބިފައިވީ ޞަޙާބީން އެހުރިހައި މަންޒަރެއް ފިލިން ފިއްޔަށް ބެއްލެވިއެވެ. އަދި ރަސޫލާގެ އަމުރުފުޅަށް ކިޔަމަންވިއެވެ. އަދި އޭގެ ފަހުން އައިމީސްތަކުންނަށް ފިލިން ފިއްޔަށް ވަނީ އެއިން ކޮންމެ މަންޒަރެއް ސިފަކޮށްދެއްވާ ކިޔައިދެއްވާފައެވެ. ޞަޙީޙް ބުޚާރީގައި ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم އަމުރުފުޅު ކުރެއްވިއެވެ: ((صَلُّوا كَمَا رَأَيتُمُونِي أُصَلِّي)) މާނައީ: [ތިމަން ނަބިއްޔާ ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ދުއްގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ.] މިއީ އެޒަމާނުގައި އެނަބިއްޔާގެ އަރިހުގައި ބައްދަލުވެ ބައްލަވަން ތިއްބެވި ޞަޙާބީންނަށް އެކަނި އައި އަމުރުފުޅެކޭ ބުނެވިދާނެ ހެއްޔެވެ؟ ހަމައެއްގޮތަކަށްވެސް އެހެން ނުބުނެވޭނެއެވެ. މިއީ އެކަލޭގެފާނާއި ބައްދަލުވި އަދި ބައްދަލުވެފައި ނުވާ، މިއުންމަތުގެ އެންމެހައި މީސްތަކުންނަށް އައިސްފައިވާ އަމުރުފުޅެކެވެ. އޭރުގައި ނަމަ ރަސޫލާގެ ޢަމަލުފުޅުތައް ބަލައިގެން ދަސްކުރާށެވެ. ނުވަތަ އެމަންޒަރު ފެނުނު ޞަޙާބީންނާ ސުވާލުކޮށްގެންނެވެ. މިއަދު ނަމަ އެނަބިއްޔާގެ ނަމާދާ ބެހޭ ޙަދީޘްތައް ހޯދައިގެން އެއާ އެއްފަދައިން ޢަމަލުކޮށްގެންނެވެ. ހަމައެފަދައިން އެނަބިއްޔާގެ ޙައްޖުވެސް މީސްތަކުން ކުރާގޮތް ދައްކަވައިގެން ދަސްކޮށްދެއްވިއެވެ. އަދި އެދުވަހުގައި އަރިހުގައި ތިއްބެވި ޞަޙާބީންނަށް އެކަލޭގެފާނު ކުރެއްވި ފަދައިން ތަފާތެއް ނެތް ގޮތުގައި ޙައްޖުގެ އަޅުކަންތައް އަދާކުރުމަށް އަމުރުކުރެއްވިއެވެ. އެހެން އެއްވެސް ދިމާއަކުން އެއަޅުކަން އަދާކުރާނެ ގޮތްތައް ހޯދުމެއް ނެތި ހަމައެކަނި އެނަބިއްޔާގެ އަރިހުން އެއަޅުކަމުގެ ކަންކަން ހޯދައިގަތުމަށް އަމުރުފުޅު ކުރެއްވިއެވެ. ޞަޙީޙް މުސްލިމްގައި ޖާބިރު ގެ އަރިހުން ރިވާވެގެންވެއެވެ: ޢީދު ދުވަހުގައި ނަބިއްޔާ އެކަލޭގެފާނުގެ ސަވާރީގައި އިންނަވައިގެން ޖަމްރާއަށް ހިލަ އުއްކަވާތަން ތިމަންނާ ދުށީމެވެ. އަދި ޙަދީޘްކުރެއްވިއެވެ: ((لِتَأْخُذُوا مَنَاسِكَكُمْ فَإِنِّي لَا أَدْرِي لَعَلِّي لَا أَحُجُّ بَعْدَ حَجَّتِي هَذِهِ)) މާނައީ: [ތިޔަބައިމީހުން ތިމަން ނަބިއްޔާގެ އަރިހުން ޙައްޖުގެ އަޅުކަން ކުރާނޭ ގޮތް ހިފާށެވެ. (މާނައީ އެގޮތް ބަލާ ދަސްކޮށް އެގޮތަށް މިއަޅުކަން އަދާކުރާށެވެ.) ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ އަކަށް ނޭނގެއެވެ. ފަހަރެއްގައި ތިމަންނަބިއްޔާގެ މިޙައްޖަށް ފަހުގައި ތިމަން ނަބިއްޔާ ޙައްޖު ނުވެވެސްދާނެއެވެ.] މިއީ ކޮންމެ އަޅުކަމަކާ މެދުގައިވެސް އެނަބިއްޔާ صلى الله عليه وسلم މިއުންމަތަށް އަމުރުކުރެއްވި ގޮތެވެ. އެންމެހައި އަޅުކަމެއް ސީދާ އެނަބިއްޔާ ކުރެއްވި ގޮތެއް ހޯދައިގެން އެގޮތަކަށް ޢަމަލު ކުރުމެވެ. މިއުންމަތަށް އޮތީ އެކަލޭގެފާނުގެ އަމުރުފުޅަށް ކިޔަމަންގަތުމެވެ. ބާއްޖަވެރިކަން އޮތީ އަޅުކަމުގެ ދާއިރާގެ އެންމެހައި ކަމެއްގައި އެނަބިއްޔާގެ ގޮވާލެއްވުމަށް އިޖާބަދީގެންނެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱسْتَجِيبُواْ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ﴾البقرة: 137 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އާއި ރަސޫލާ ތިޔަބައިމީހުންގެ (ހިތްތަކަށް) ދިރުން ގެނެސްދޭނޭ ކަންކަމަށް ގޮވާލެއްވުމުން ތިޔަބައިމީހުން އެކަލާނގެއާއި ރަސޫލާއަށް އިޖާބަދޭހުށިކަމެވެ.] މިއީ މުއުމިނުންގެ ސިފައެވެ. ގޮވާލެއްވުމުން ވަގުތުން އިޖާބަދިނުމެވެ. ވީމާ އަހަރެމެން ކޮންމެ އަޅުކަމެއްގައި އެއީ ޞައްޙަ އެއްޗެއްތޯ ޔަޤީން ކުރުމަށް ފަހުގައި، ރަސޫލާ صلى الله عليه وسلم އެގޮތަށް އެކަން ކުރެއްވި ކަމުގެ ސިއްކަ ޖަހާ ޔަޤީން ކުރަންޖެހެއެވެ. އެހެން ނޫންގޮތަކަށް އެއްވެސް އަޅުކަމެއް ނުކުރަން ހިތުގައި ޢަޒުމް ކުރަންޖެހެއެވެ. ޞަޙާބީންގެ ގޮތަކީ އެއީއެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ހަޖަރުލް އަސްވަދް އަށް ބޮސް ދެއްވަމުން ވިދާޅުވި ބަސްފުޅު ނިކަން ބައްލަވާށެވެ. ހުރިހައި މަޝްހޫރު ޙަދީޘް ފޮތްތަކެއްގައި އައިސްފައިވާ ރިވާޔަތެއްގައި، ޙަޖަރަލް އަސްވަދް އަށް ބޮސްދެއްވާ، ޢުމަރު رضي الله عنه ވިދާޅުވިކަމަށް އައިސްފައިވެއެވެ: ((إنِّي لَأَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ، وَلَوْلَا أَنِّي رَأَيْتُ رَسُولَ اللَّهِ ﷺ يُقَبِّلُكَ مَا قَبَّلْتُكَ)) މާނައީ: [ހަމަކަށަވަރުންވެސް ތިއީ ހިލައެއްކަން ތިމަންނާއަށް ޔަޤީނެވެ. ތިޔަހިލައަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއްވެސް ފައިދާއެއްވެސް ކޮށްނުދެވޭނެއެވެ. އަދި ހަމަކަށަވަރުންވެސް ތިޔަ ހިލައިގައި ﷲގެ ރަސޫލާ صلى الله عليه وسلم ބޮސްދެއްވަނިކޮށް ތިމަންނާއަށް ފެނިފައި ނުވާނަމަ ތިޔަހިލައަކަށް ތިމަންނާ ބޮސް ނުދެއްވާހުށީމެވެ.] މިއިން ޢިބްރަތް ޙާޞިލުކުރަންޖެހެއެވެ. ޢަމަލުތައް ބަހައްޓަންވީ ގޮތަކީ މިއީއެވެ. ޞަޙާބީންގެ ފަރާތުން ފެންނާން އެހެރީ ކޮންފަދަ ރިވެތި މިސާލުތައް ހެއްޔެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(…. ނުނިމޭ …..)