ދިވެހި މަސައްކަތްތަކުގެ ތެރެއިން.. ކުނާވިޔުން

ޒަމާނުއްސުރެ ކުރަމުންއަންނަ، ދިވެހީންގެ ހުނަރުދައްކުވައިދޭ އެއްމަސައްކަތަކީ ކުނާވިޔުމެވެ. މިއީ ދެކުނުގެ ބައެއް ރަށްތަކުގައި ވަރަށް ފުރިހަމަކަމާއެކު، ކުރެވެމުން އަންނަ ބުރަ މަސައްކަތެކެވެ. މިމަސައްކަތަށް އެންމެ މޮޅީ ގދ.ގައްދޫ މީހުންނެވެ. ކުނާވިޔުމަކީ އަތު މަސައްކަތްތެރިކަން ބޮޑު، އެތައް ބައިތަކަކަށް ބެހިގެންވާ މަސައްކަތެކެވެ. އަދި މިމަސައްކަތަކީ ވަރަށް ގިނަވަގުތު ހޭދަވާ މަސައްކަތެއް ވެސް މެއެވެ. މިމަސައްކަތް ފުރިހަމަކަމާއެކު ނިންމޭނީ ވަރަށް ކެތްތެރި އަދި މުރާލި މީހަކަށެވެ. މިއީ ވަރަށް އުނދަގޫ، ގިނަ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ މަސައްކަތެކެވެ. މިހާރު މިމަސައްކަތަކީ ވަރަށް އަގުބޮޑު މަސައްކަތެކެވެ. އަދި މިމަސައްކަތުން ލިބޭ އާމްދަނީވެސް އެހާމެ ރަނގަޅެވެ.

ކުނާވިޔުމަކީ ކަވި އަދި  ވަރަށް ބުރަ މަސައްކަތެކެވެ. އެގޮތުން ދިވެހި ކުނަލަކީ ވަކި ފާޑެއްގެ ވިނައަކުން ފޭރާންކުރާ އަދި ވަކި  ވައްތަރެއްގެ ހަރުގައި ވިޔެގެން އުފައްދާ އެއްޗެކެވެ. މި މަސައްކަތަށް ދިވެހިން ބޭނުންކުރާ ވިނަގަހަށް ކިޔަނީ ހައިގަހެވެ. ނުވަތަ ކުނަލުހައެވެ. އެކިވައްތަރުގެ ފަތުގައި ވިޔާ ކުނަލަށް އެކި ދަރަޖަތައް ދެވިފައިވެއެވެ. ހައިގައި ވިޔާ ކުނަލަށް އެއްވަނަ ދަރަޖަ ދެވިފައިވާއިރު، ކަށިކެޔޮފަތުގައި ނުވަތަ ބޯކެއުފަތުގައި ވިޔާ ކުނަލަކީ ދެވަނަ ފެންވަރުގެ ކުނަލެވެ.

ދިވެހީން ކުނާ ބޭނުންކުރާ އެތައް ސަބަބުތަކެއްވެއެވެ. އެގޮތުން އާންމު ގޮތެއްގައި ކުނާ ބޭނުންކޮށް އުޅެނީ ނަމާދުކުރާއިރު އަޅާ މުސައްލައެއްގެ ގޮތުގައްޔާއި، ބިންމަތީގައި އިށީނުމަށާއި، އަދި މީހުން މަރުވުމުން ސަންދޯކުގައި އެޅުމަށެވެ. މީގެ އިތުރުން ދޫލަފައިގެ ގޮތުގައި ތަންތަން ޒީނަތްތެރި ކުރުމަށްވެސް ކުނާ ބޭނުންކުރެވެއެވެ. އަދި އިހުޒަމާނުގައި މިކުނާތަކަކީ ހަދިޔާގެ ގޮތުގައިވެސް ދީހަދައި އުޅުނު އެއްޗެކެވެ. ކުރިޔާ ހިލާފަށް މިހާރު މީހުން މިމަސައްކަތްކޮށް އުޅެނީ ވިޔަފާރީގެ ގޮތުގައި އާމްދަނީ ހޯދުމަށެވެ. އަދި މިއީ މިހާރު ފަތުރުވެރިން ރާއްޖެއައިސް ގަނެގެން ގެންދާ އެއްޗެއްވެސްމެއެވެ.

ކުނާވިޔުމުގެ މަސައްކަތުގައި އެތައް ހަރުފަތްތަކެއް ގިރާ ކުރަންޖެހެއެވެ. އެންމެފުރަތަމަ ކުނާވިޔުމަށްޓަކައި ރޯހައި ކަނޑައިގެން ފެންނުޖެހޭ ގޮތަށް ރަނގަޅަށް ހިކެންދެން އަތްވާއި ފިނީގައި ބަހައްޓާނީއެވެ. މިގޮތަށް ބަހައްޓާއިރު އެއްވެސް ގޮތަކަށް ފެންޖެހުނަ ނުދީ ހައިތައް ބަހައްޓަންޖެހެއެވެ. އެހެންނޫންނަމަ ހައިތައް ހަލާކުވެ އެއަށް ގެއްލުންވެއެވެ. ހައިތައް ހިއްކަން ބަހައްޓާއިރު ކޮންމެ ދުވަހަކު އެއްފަހަރު އެއެއްޗެހި ފުށްފުށަށްޖަހައި ހާވިޔާ ކުރަމުން ގެންދިއުން މުހިންމެވެ. އަދި ހައިތައް ރަނގަޅަށް ހިކުމުން އޭގެތެރެއިން ކުނާވިޔުމަށް ބޭނުންވާ ވަރަށް ހައިނަގައި އެއްކުރާނީއެވެ. އަދި ތަފާތު ކުރެހުން އަޅައިގެން ޑިޒައިންކޮށް ވިޔާ ކުނަލެއްނަމަ، ތަފާތު ކުލަތައް ހައިގައި ޖައްސާނީއެވެ. އިހުޒަމާނުން ފެށިގެން އައިސް މިހާރުވެސް ދިވެހިން ހައިގައި ޖައްސާ ކުލަ ތައްޔާރު ކުރާ އެތައް ގޮތެއް ހުރެއެވެ. އޭރު އެޒަމާނުގައި ކުނާވިޔުމަށްޓަކައި ބޭނުންކުރާ ކުލައަކީވެސް އަމިއްލައަށް އުފައްދައިގެން ބޭނުންކުރާ އެއްޗެކެވެ. މިކުލަ އުފައްދަނީ ގަސްގަހުގެ މުލާއި ތޮށި އަދި ފަތާއި މާފަދަ ތަކެތި ބޭނުންކޮށްގެންނެވެ. އެގޮތުން އާންމު ގޮތެއްގައި ޖައްސާ އުޅޭ ތިންކުލައަކީ ކަޅުކުލައާއި، މުށިކުލައާއި، އަދި ރީނދޫކުލައެވެ. ކުލަޖައްސާ ބާރުމިނާއި ހިއްޕާގޮތަކުން ކުލައަރާގޮތް ތަފާތުވުން އެކަށީގެންވެއެވެ. ކުލަ ގަދަކުރަން ބޭނުންނަމަ، ކުލަފެނުގައި ހައިތައް ގިނައިރު ކެއްކުން މުހިންމެވެ. އަދި ކުލަ މަޑުކުރަން ބޭނުންނަމަ ކުޑަވަގުތުކޮޅަކަށް ކައްކާނީއެވެ. ދިވެހިން އާންމުކޮށް ޖައްސާއުޅޭ ތިންކުލައިގެ އިތުރުން އާއްމުކޮށް ދެން ހުންނަ ކުލަތަކަކީ ހައި ނުވަތަ ފަތް ހިއްކުމުން އޭގައި ހުންނަ ތަބީޢީ ކުލައެވެ. އަދި މިއީ ހުދާއި ކައިރިކުރާ ކުލައެކެވެ. އެގޮތުން ހައިގައި ކުލަޖެއްސުމަށް ދިވެހިން ބޭނުންކޮށްއުޅޭ ކުލަތައް ތައްޔާރުކުރާނެ ގޮތާއި އެކަމަށް ބޭނުންވާ ތަކެތި ކުރުގޮތަކަށް ބަޔާންކޮށްލަމެވެ.

ކަޅުކުލަ

ކުނަލުގައި ކަޅުކުލަ ޖައްސަން ކުލަހަދަން ބޭނުންކުރާ އެއްޗެއްސަކީ ރޯކާށި ފަތް، އުނި ގަހުގެ ރޯތޮށި، ކާށިފެން، ކާށިތެޔޮ، ގަނޑުއަޅި އަދި ދަގަނޑެވެ. މިކުލަޖެއްސުމަށް ފުރަތަމަ ކާށިފެނަށް ދަގަނޑު އަޅައިގެން "ދަގަނޑު ރާ" ކިޔާ ޚާއްޞަ ފެނެއް ތައްޔާރުކުރާނީއެވެ. އެއަށްފަހު ކުލަޖެއްސުމަށްޓަކައި، މިފެނާއިއެކު ކުރިން ދެންނެވި އެހެން ތަކެތި ބޭނުންކޮށްގެން ހުރިހާއެއްޗެއް އަޅައި ކައްކާނީއެވެ. އަދި މިފެނުގެ ތެރެއަށް ހައިއަޅައި ވަކިވަގުތެއްވަންދެން ވަކިގޮތަކަށް ހައި ކައްކާ ފެނުއަޅާފައި ބަހައްޓާނީއެވެ. ފެނުއަޅާފައި ބަހައްޓާގަޑިއަކުން ހައިއަށް އަރާ ކުލަ ތަފާތުވުން އެކަށީގެންވެއެވެ. މިގޮތަށް ގިނަވަގުތު ބެހެއްޓުމުން ބޭނުންވާވަރަށް ގަދަކޮށް ކަޅުކުލަ ހުންނާނީ ހައިގައި ޖެއްސިފައެވެ.

މުށިކުލަ

މުށިކުލައިގެ ހައިހަދަން މައިގަނޑު ގޮތެއްގައި ބޭނުންވާނީ އަހިގަހުގެ ރޯމުލެވެ. އެގޮތުން ފުރަތަމަ އަހިގަހުގެ ރޯމޫ ހޯދައި ސާފުކުރާނީއެވެ. އަދި ކުނާވިޔަން ހިއްކާފައިހުރި ހައި، ރަނގަޅަށް ކުލަ ހިފަންދެން އަހިމުލުގައި ވަކިގޮތަކަށް ފެނުކައްކާނީއެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ވަގުތެއް ވަންދެން ބަހައްޓައިގެން ކުލަހިއްޕާނީއެވެ. މިކަން ރަނގަޅަށް ކޮށްނިމުމުން ހައިގައި ހުންނާނީ ރަނގަޅަށް މުށިކުލަޖެއްސިފައެވެ.

ރީނދޫކުލަ

ހައިގައި ރީނދޫކުލަ ޖައްސަން ބޭނުންވާ މައިގަނޑު އެއްޗަކީ ހިއްކާފައި ހުންނަ ރީނދުލެވެ. އެގޮތުން ފުރަތަމަ ފެނުގައި، ހިއްކާފައި ހުންނަ ރީނދުލުގެ ދެބަޔަށް މޫދުލޮނު އަޅައިގެން ގަދަޔަށް ކުލައަރާވަރަށް ކައްކާނީއެވެ. އެއަށްފަހު ކުލަޖައްސަން ބޭނުންވާ ހައިތައް އެފެނަށް އަޅައިގެން ކައްކާނީއެވެ. ރީނދޫ ކުލަ ގަދައަށް އަރުވަންބޭނުންނަމަ ގިނައިރުވަންދެން ހައިތައް ފެނުގައި ކައްކާނީއެވެ. މިގޮތަށް ރަނގަޅަށް ކައްކާލައި ނިމުމުން ހައި ހުންނާނީ ބޭނުންވާ ވަރަށް ފުރިހަމަ ރީނދޫ ކުލައަށް އަރާފައެވެ.

ހައިގައި ކުލަޖެއްސުމުގެ މަސައްކަތް ނިމޭނީ ކުލައެތިން ހައިތައް ނެގުމަށްފަހު މޫދުލޮނުން ކުޑަކޮށް ދޮވެލުމުންނެވެ. އަދި މި  ހައިތައް ހާވިޔާވާފަދައިން ހިޔާ ތަނެއްގައި ބަހައްޓައި، ރަނގަޅަށް ފެންހިއްކާލުމުން ހައިގައި ކުލަޖެއްސުމުގެ މަސައްކަތް ނިމުނީއެވެ.

ހުދުކުލަ

ހުދުކުލައަކީ ގަހުން ހައި ކަނޑައި އެ ރަނގަޅަށް ސާފުކޮށް ހިއްކުމުން އެއިން ނުކުންނަ ތަބީޢީ ކުލައެވެ. އެގޮތުން ވީހާވެސް ހުދާގާތް ކުލައެއް ގެންނަން ބޭނުންނަމަ ހައިތައް ވާރޭގައި ނުޖައްސައި، އަތްވާއި ފިނީގައި ބަހައްޓައިގެން ހިއްކުން މުހިންމެވެ. އެއިރުން އޭގައިވާ ހުދުކަން ބޮޑަށް ފާޅުވެގެންދާނެއެވެ.

ވިޔުން

ހައިގައި ކުލަޖައްސާ ނިމުމަށްފަހު ދެން އޮންނާނީ ކުނާވިޔުމުގެ މަސައްކަތް ފަށައިގަތުމެވެ. މިމަސައްކަތް ފެށުމަށްޓަކައި  ކުނާވިޔާ ހަރުގައި ކުނާވިޔަން ބޭނުންވާ ސައިޒަކަށް ރޮދި ފުރާނީއެވެ. އިހުޒަމާނުގައި މިކަމަށް ބޭނުންކޮށް އުޅުނީ ދިއްގާވަކަ ސާފުކޮށް މުއިރު ނަގައިގެން އޭގައި އަޅާ ރޮއްޖެކެވެ. އެހެންނަމަވެސް މިޒަމާނުގައި އޭގެ ބަދަލުގައި ބޭނުންކޮށް އުޅެނީ ނައިލޯނުފަދަ ގަދަ ބަރަނީގެ ރޮއްޖެވެ.

ކުނާވިޔަން ފެށުމަށްޓަކައި ފުރަތަމަ ވިޔާ ހަރުގައި އެމީހަކު ބޭނުންވާ ފުޅާ މިނަކަށް އަދި ދިގުމިނަކަށް ރޮދި ފުރައި، ކުނާވިޔުމުގެ މަސައްކަތް ފަށާނީއެވެ. މިކަމަށް ފޭރާން ހެއުކޮށް މޮޅަށް ބޭނުންނަމަ ބޭނުންކުރާނީ ބޯކެއުފަތެވެ. ހަރަށް ރޮދިފުރާއިރު ފަތިގަނޑެއް ބޭނުންކުރުން ވަރަށް މުހިއްމެވެ. ފަތިގަނޑާއިއެކު ކުނާވިޔާ ހަރަށް ފަށް ފުރާ ނިމުމުން ކުނާވިޔަން ފަށަންވީއެވެ. އެންމެ ފުރަތަމަ އެއްފަށް ދަށުން އަނެއްފަށް މަތިން ވެން، ހަރުގެ އެއްކޮޅުން އަނެއްކޮޅަށްދާގޮތަށް ލައްވާނީއެވެ. ދެން ވެނުގެ ކޮޅުގައިވާ  ވިދަކަށް ހައިލެއްވެމަށްފަހު، ވެން ލެއްވި ކޮޅުން ދަމައިގަންނާނީއެވެ. މިގޮތަށް ހެދުމަށްފަހު ފަތިގަނޑުން ޖައްސާ އެއްވަރުކޮށް ކައިރިކޮށްލާނީއެވެ. މިގޮތަށް ލައްވާއިރު ހައި ލައްވަންވާނީ ކޮންމެ ދެފަށުން އެއްފަށް މައްޗަށް ނަގާފައެވެ. މިގޮތަށް މަސައްކަތް ކުރަމުންދާއިރު ކޮންމެ ފަހަރަކު ފަތިގަނޑުން ޖައްސައި ކައިރިކޮށްލުން މުހިންމެވެ. ހަރުފުރެންދެން ވިޔާނީއެވެ. އަދި ފުރުމުން ހުރިހާ ކޮޅެއް ބައްދާލާނީއެވެ. ވިޔުމުގައި އެމީހަކު އިޚްތިޔާރުކުރާ ނަމޫނާއަކަށް ތަފާތު ކުލަތަކުން ތަފާތު ގޮތްގޮތަށް ވިޔަމުން ގެންދެވޭނެއެވެ. އަދި މަންޒަރުތަކާއި ކުރެހުންތައް އެކުލަވާލައިންވެސް ވިޔެވޭނެއެވެ. ހައިގައި ވިޔާ ތުނޑުކުނާތަކަކީ އެއްފުށުން ބޭނުންކުރެވޭ ގޮތަށް ވިޔާ ކުނާތަކެކެވެ. މިއާ ޚިލާފަށް ފަތުގައި ވިޔާ ބައެއް ވައްތަރުގެ ކުނާ ދެފުށްވެސް ބޭނުންކުރެވޭ ގޮތަށް ވިޔެހަދައެވެ. މިޒަމާނުގައި ކުނާވިޔާއިރު ތަފާތު ވައްތަރުގެ ކުރެހުންތަކާއި މަންޒަރުތައް ސިފަވާގޮތަށް ވިޔުންތައްވަނީ ތަރައްގީވެފައެވެ. މިބަދަލު އަންނަން ފަށާފައިވަނީ 1948އިން ފެށިގެން ކަމަށް އަހުމަދު ޝަފީގު (1986) ހާމަކުރައްވައެވެ.

3 Responses

  1. ވަރަށްރަގަޅު އަހަރުމެންގެ ކާބަފައިން ކޮށްފަހުރި ތިކަހަލަ އަގުހުރި މަސައްކަތުގެ މައުލޫމާތު ލިބޭލިއުން ގެނަސްދޭތި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *