އަންނަ ހަފުތާގައި ދިރާސީ އާ އަހަރު ފަށައި ސްކޫލުތަކަށް ކުދިން ކިޔަވަން ދާން ފަށާއިރު، ކިޔަވައިދޭނީ ކޮވިޑް-19 ފެތުރުމުގެ ކުރިން ކަނޑައަޅާފައިވާ ވަގުތުތަކާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނީ، ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ކަމަށެވެ. ނަމަވެސް، ފުރަތަމަ ދެ ހަފުތާގައި މާލޭގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑުތަކަށް ތަފާތުކޮށް، ވީހާ ވެސް ތޮއްޖެހުން ކުޑަވާނެ ގޮތަށް އިންތިޒާމު ކުރަން ވަނީ އަންގައިފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާ އިތުރު ފިޔަވަޅުތަކެއްގެ ގޮތުން މި މަހުގެ ތެރޭގައި، ރާއްޖެ އިން ބޭރުން އެނބުރި އައިސްފައިވާ ދަރިވަރުންނާއި މުވައްޒަފުން، ރާއްޖެ އެނބުރި އަންނަތާ 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނައްސި ވެފައިވޭތޯ ކަށަވަރުކުރުމާއި މިހާރުން ފެށިގެން މޮނިޓަރިންގައި އޮތް ރަށްރަށުން ދަތުރުކުރާ ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން، 5 ދުވަހާއި 7 ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނައްސި ވެފައިވޭތޯ ކަށަވަރުކުރުން ވަނީ ކަނޑައަޅާފައެވެ. އަދި ދަރިވަރުންނަށް މާސްކާ ނުލައި ތިން ފޫޓު ދުރުމިނުގައި، ތޮއްޖެހިގެން ނުތިބެ ހެލިފެލިވެ އުޅެވޭނެ ވަގުތުކޮޅެއް ޓޭބަލުގައި ހިމެނުމާއި، އިންޓަވަލް ގަޑީގައި ދަރިވަރުން ތިން ފޫޓު ދުރުގައި ތިބެގެން ކެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ހައި ރިސް ކެޓަގަރީގައި ހިމެނޭ ކުދިންނަށް މާސްކާ އެކު ފޭޝް ޝީލްޑް ބޭނުންކުރަން ފުރުސަތު ދިނުމަށް ވެސް ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. ކްލާސްތަކުގައި ވައި ދައުރުވާ ގޮތަށް ހުރިހާ ވަގުތެއްގައި ވެސް ދޮރުތައް ހުޅުވާފައި ބެހެއްޓުމާއި އިޖުތިމާއީ ގައިދުރުކަން ކްލާސްތަކުގައި ބެހެއްޓުމާއި އޭސީ ހަރުކޮށްފައިވާ ކްލާސްތަކުގައި ކުދިންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ވަނީ ބުނެފައެވެ.
ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އާ އުސޫލެއް ސްކޫލުތަކަށް ކަނޑައަޅާފައިވާއިރު، އިތުރު ހަރަކާތްތައް ފެށޭނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. މުއްޒަފުން ކޮވިޑް-19ގެ ޑޯޒުތައް ފުރިހަމަ ކޮށްފައިވީނަމަވެސް ސްކޫލުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީއިންވަނީ އަންގާފައެވެ.
ދިރާސީ އާއަހަރުގެ ކިޔެވުން ފަށާނީ މި ހިނގާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.