އާރޓިކަލް 27 : އަޅުކަމުގެ ހަޤީޤަތަށް ނަޒަރެއް ހިންގާލަމާހެއްޔެވެ! – (12)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ﷲ سبحانه وتعالى  އިންސާނާއަށް އެކަލާނގެއަށް އެކަނި އަޅުކަން ކުރަން އެންގެވިއެވެ. އަދި އެކަލާނގެއަށް އަދާކުރަންޖެހޭ އަޅުވެތިކަން އަދާކުރާނެ ގޮތަކީ ރަސޫލާ صلى الله عليه وسلم    އަށް ކިޔަމަންވުން ކަމުގައި ކަނޑައަޅުއްވާ އެންގެވިއެވެ. އަދި އެކަންކަމުގައި އެނަބިއްޔާއަށް ކިޔަމަންވާންޖެހޭނެ ކަމާއި، ކިޔަމަން ނުވެއްޖެ ނަމަ އެބައިމީހުން އެކަލާނގެއަށް އަޅުވެތިވުމުގެ ގޮތުން އެކުރިކަންކަން ބާޠިލުވާނެކަމާއި، އެއިން އެއްވެސް ކަމެއް އެކަލާނގެ ޤަބޫލު ނުކުރައްވާނެކަންވެސް އެންގެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ﴾محمد: 33 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލު ނުކުރާހުށިކަމެވެ.] ވީމާ ނަމާދުގެ އަޅުކަން އެނަބިއްޔާ صلى الله عليه وسلم     އަދާކުރެއްވި ގޮތަށް ކުރުމަށް އެނަބިއްޔާ އަމުރު ކުރެއްވިއެވެ. އެއަމުރަށް ކިޔަމަންވާން ޖެހެއެވެ. އެނަބިއްޔާ ޙައްޖުވީގޮތަށް ހައްޖުވުމަށް އަމުރު ކުރެއްވިއެވެ. އެއަމުރުފުޅަށް ކިޔަމަންގަތުންވެސް އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ހަމައެފަދައިން ޛިކުރުތައް ކިޔުމުގައްޔާއި، ސުންނަތް ނަމާދުތަކާއި ސުންނަތް ރޯދަތައް ހިފުމުގައިވެސް އަދި އެހެނިހެން އެންމެހައި އަޅުކަމެއްގައިވެސް އެކަލޭގެފާނަށް ފުރިހަމައަށް ކިޔަމަންވެ، އެއަޅުކަމެއް އަދާކުރުމުގައި އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގެން އެކަމެއް ކުރަންޖެހެއެވެ. އަދި އެއެންމެހައި އަޅުކަމެއްގައި އެކަލޭގެފާނު ކުރެއްވި މިންވަރަށް ކޮށްފައި ހުއްޓާލަންޖެހެއެވެ. މާތް އަޞްޙާބުބޭކަލުން އަޅުކަން ކުރުމުގައި އެކަލޭގެފާނު އަދާކުރެއްވި ގޮތްތައް އެމިންވަރަށް ފުއްދަވައިލެއްވިއެވެ. އަދި އޭގެ އިތުރަށް ރަސޫލާ صلى الله عليه وسلم   ދައްކަވާފައި ނުވާ އެއްވެސް ކަމެއް ކޮށްގެން އެބައިމީހުން ޞާލިޙުންގެ ގޮތުގައި ކުރިއަރާ ނުދާނެކަމުގައި ޤަބޫލުކުރެއްވިއެވެ. ޛިކުރުތައް ކުރުމުގައި އެނަބިއްޔާ صلى الله عليه وسلم    ކަނޑައެޅުއްވި ގޮތުގައި ހިއްޕަވައި އެއަށްވުރެ އިތުރުގޮތްތައް އޭގެ ތެރެއަށް ނުވައްދަވައެވެ. އަދި ކިޔުއްވި ވިރުދުތައް އެނަބިއްޔާ صلى الله عليه وسلم    ދަސްކޮށްދެއްވި މިންވަރުގައި ހިފަހައްޓަވައި އެވަރުގައި އިޤްތިޞާދު ކުރެއްވިއެވެ. އެއަށްވުރެ މޮޅުކުރުމަށްޓަކައި އޭގެ ތެރެއަށް އިތުރުގޮތްތަކާއި އިތުރު ވިރުދުތައް ހަދަހަދައިގެން ނުކިއުއްވައެވެ. އެއީ ރަސޫލާ صلى الله عليه وسلم   ގެ މިންވަރު އެއީ އެންމެހެޔޮ މިންވަރުގައި ކަމުގައި އެބޭކަލުން ޤަބޫލުފުޅު ކުރައްވާތީއެވެ. ނަމަވެސް މިއަދު ބައެއް އިސްލާމީ ގައުމުތަކުގައި ފެންނަނީ ބަންގީގައި، ނަމާދުގައި ނަމާދު ނިންމާފައި ކިޔާ ޛިކުރު ތަސްބީޙަ ކިއުމުގައިވެސް ސުންނަތުން ފެންނާން ނެތް އެތައް ކަމެއް އިތުރު ކޮށްގެން ކިޔާއުޅޭ ތަނެވެ. ދުނިޔޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ނިންމުމަށްފަހު އިމާމް މީހާ ޛިކުރު ތަސްބީޙައިގެ ތަންކޮޅެއް ކިޔުމުން ފަހަތުގައި ތިބޭ އެންމެން އެއް އަޑަކުން ބާރަށް އެތަން ކޮޅު ކިޔައެވެ. އަދި ދެންއޮތް ބައި އިމާމް ކިޔަނީ މައުމޫމުން ފުރަތަމަބައި ކިޔާ ނިމުމުންނެވެ. ހަމައެފަދައިން ނިމެންދެން ޢަމަލުކުރެއެވެ. އަނެއްބައި މިސްކިތްތަކުގައި މިސްކިތުގައި ޛިކުރު ކުރުމުގެ ނަމުގައި ހުރިހައި މީހުން ތެދުވެ ވައްބުރަކަށް އެތުރިލައި މުޅި ހަށިގަނޑު އަތްއަތަށް ހޫރުވަމުން އެއްއަޑަކުން ޛިކުރު ކިޔާހަދައެވެ.  މިއީ އެއްވެސް ސުންނަތަކުން އެއްވެސް ޙަދީޘަކުން އެއްވެސް ޞަޙާބީއެއްގެ ޢަމަލަކުން ފެންނާން ނެތް ކަންތައްތަކެވެ. މިއީ މިމީހުންނަށް ކޮންތަނަކުން އެނގިގަނެގެން އުޅޭ އެއްޗެއް ހެއްޔެވެ؟ އެއަކުން ނިކުންނާނީ ކޮން ހެޔޮކަމެއް ހެއްޔެވެ؟ ސުންނަތާ ޚިލާފަށް ޢަމަލު ކުރުމުގެ ފާފަ އެމީހުންގެ ބޮލުގައި ނޭޅި ނުދާނެއެވެ. މިއީ މިއުންމަތައް ޖެހުނު ކޮންފަދަ ބޮޑު މުޞީބާތަކާއި ބައިބައިވުމެއް ހެއްޔެވެ؟ ޞަޙާބީންގެ ހަތަރު ޚަލީފާއިންގެ ޒަމާން ނިމޭންދަނިކޮށް މިކަންތައްގަނޑެއް މިއުންމަތުގެ އިސްލާމުންތައް ކުރާންފެށިއެވެ. އަދި އޭރުން ސުރެ ފެށިގެން މިއަލަށް ދީނަށް ގެނެވޭ ކަންކަން މަދެއް ނުވެއެވެ. އޭގެ ފަހަށް މިކަންކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ދެން ސާދަސަތޭކަ އަހަރުފަހުން މިކަން އިތުރުވެފައި ހުންނާނޭ މިންވަރު ނިކަން ވިސްނާލާށެވެ! މިއީ އުންމަތުގެ ނަބިއްޔާ صلى الله عليه وسلم    އެކަމަކާމެދު މިއުންމަތަށް އިންޒާރު ދެއްވި ބިދުޢައެވެ. އަދި އަޞްޙާބު ބޭކަލުން އެކަންކަމަކާ މެދު އިންޒާރު ދެއްވި ބިދުޢައެވެ. ދީނަށް އަލަށް ވެއްދުނު ކަންކަމެވެ. އައްދާރިމީ ސުނަނުގައި ރިވާކުރެއްވިއެވެ: މާތް ޞަޙާބީ އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ: " الاِقْتِصَادُ فِي السُّنَّةِ خَيْرٌ مِن الْاِجْتِهَادِ فِي البِدْعَةِ " މާނައީ: [ސުންނަތުގައި އިޤްތިޞާދު ކުރުން (މާނައީ: ސުންނަތުން ފެންނަން އޮތް މިންވަރުގައި ހިފާ އެހިސާބުން ހުއްޓާލުން) ބިދުޢަ ހެދުމުގައި އިޖްތިހާދު (ގަދައަޅާ މަސައްކަތް) ކުރުމަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.] އަދި އައްދާރިމީ ސުނަނުގައި ރިވާކުރެއްވިއެވެ: މާތް ތާބިޢީ އަލްޙަސަން އަލް ބަޞަރީ رحمه الله ވިދާޅުވިއެވެ: »عَمَلٌ قَلِيلٌ فِي سُنَّةٍ، خَيْرٌ مِن عَمَلٍ كَثِيرٍ فِي بِدْعَةٍ« މާނައީ: [ސުންނަތާ އެއްގޮތަށް ކުރެވޭ މަދުޢަމަލެއް، ބިދުޢައިގެ ގޮތުގައި ކުރެވޭ ގިނަގުނަ ޢަމަލަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.] ރަސޫލާ صلى الله عليه وسلم   ގެ ސުންނަތުން ދަސްވި ބަންގީގެ ކަލިމަތައް ފުދިގެން ވެއެވެ. އޭގެ އިތުރަށް ބަންގީގެ ތެރެއަށް ކިތަންމެ ގިނައިން ތަކްބީރާއި ތަޙްލީލު އިތުރު ކުރިޔަސް އެބަންގިއެއް ސުންނަތުން ފެންނަން އޮތް މިންވަރަށްވުރެ ޒީނަތްތެރިއެއް ނުވާނެއެވެ. އެމާތް ކަލިމަތަކާއި ޢިބާރާތްތައް ގޯސްވަނީކީއެއް ނޫނެވެ. ނަމަވެސް ސުންނަތާ ޚިލާފުވުން ގޯހަކަށްވަނީއެވެ. މިފަދައިން އެއްވެސް އަޅުކަމެއްގައި ރަސޫލާ صلى الله عليه وسلم   ގެ ނަމޫނާއަށް އުނިއިތުރުކަން ގެނައުމަކީ އެއީ ނުހަނު ބޮޑު ގޯހެކެވެ. ރަސޫލާ صلى الله عليه وسلم   ވަކި ވިސްނުމެއް އަޞްޙާބު ބޭކަލުންނަށް ބުނެދެއްވުމުން، ހަމަ އެވިސްނުން ހުރިހައި ޞަޙާބީން ޢަޤީދާއެއްގެ ގޮތުގައި ސާބިތުކުރައްވާ ނިންމެވުމުން، އެމައްސަލައެއްގައި ފަހުން އަންނަ އެއްވެސް ބަޔަކު ތަފާތުކޮށް ވިސްނައިފި ނަމަ ނުވަތަ އިތުރު އާ ގޮތަކަށް ވިސްނައިފި ނަމަ އެބައެއްގެ ޢަޤީދާގައި އެއޮތީ އާކަމެއް އިތުރުކޮށް ބިދުޢަ ހަދާފައެވެ. ޢަމަލީ ގޮތުންވެސް ވަކި އަޅުކަމެއްގައި ރަސޫލާ صلى الله عليه وسلم ޞަޙާބީންނަށް ދައްކަވާ އެންމެހައި ޞަޙާބީން އެގޮތެއްގައި ދެމިހުއްނެވުމުން ދެން އެއަށް އިތުރުކުރާ ކޮންމެ އެއްޗަކީ ބިދުޢައެވެ. މިބިދުޢައިން ދުރުހެލިވުމަށް އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم   ވަރަށް ކަންބޮޑުވެވަޑައިގެން ހުންނަވާ ވަނީ އިންޒާރުގެ ބަސްތައް މިއުންމަތަށް ދޫކުރައްވާފައެވެ. ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާ ކާފިރުންގެ ވާހަކަތައް ދައްކަވާއިރު ވެސް ނުވާހާ ބޮޑު ކަންބޮޑުވުން، މިއުންމަތުގައި ބިދުޢަ ހަދާނެ މީހުންގެ ވާހަކަ ދެއްކެވި އިރު އެކަލޭގެފާނު މޫނުފުޅުން ފާޅުވެގެން ދިޔައެވެ. އަބޫދާވޫދު އަދި އައްތިރްމިޛީ އަލްޢިރްބާޟު ބުން ސާރިޔާ رضي الله عنه  ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި އެޞަޙާބީ ވިދާޅުވިއެވެ: ‏"‏وَعَظْنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَوْعِظَةً بَلِيغَةً وَجِلَتْ مِنْهَا القُلُوبُ وَذَرَفَتْ مِنْهَا العُيُونُ، فَقُلْنَا‏:‏ يَا رَسُول اللهِ كَأَنَّهَا مَوْعِظَةٌ مُوَدَّعٌ فَأَوْصِنَا‏.‏ قَالَ‏:‏ ‏"‏أُوصِيكُمْ بِتَقْوَى اللهِ ، وَالسَّمْعَ وَالطَّاعَةَ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ حَبَشِيٌّ، وَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافاً كَثِيراً‏.‏ فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٍ‏" މާނައީ: [އެއްފަހަރަކު ﷲ ގެ ރަސޫލާ صلى الله عليه وسلم    ވަރަށް އަސަރުކުރުވަނިވި ނަޞޭޙަތެއް އަހަރެމެންނަށް ދެއްވިއެވެ. އޭގެ ސަބަބުން ހިތްތައް މަޑުމޮޅިވެބިރުވެތިވެގެން ދިޔައެވެ. އަދި ލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ. ދެން ތިމަންމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. ތިޔަ ނަޞޭޙަތް ހީވަނީ ވަދާޢީ ނަޞޭޙަތެއް ހެންނެވެ. ފަހެ ތިމަންމެނަށް ވަޞިއްޔަތް ކުރައްވާށެވެ. ޙަދީޘްކުރެއްވިއެވެ: ﷲ سبحانه وتعالى  އަށް ތަޤްވާވެރިވުމަށް ތިޔަބައިމީހުންނަށް ތިމަންނަބިއްޔާ ވަޞިއްޔަތް ކުރައްވަމެވެ. އަދި ޙަބަޝީ އަޅަކު ތިޔަބައިމީހުންގެ މައްޗަށް ވެރިޔެއްގެ ގޮތުގައި ޢައްޔަނު ކުރެވުނު ކަމުގައިވީ ނަމަވެސް އެމީހަކަށް ތިޔަބައިމީހުން އަޑުއަހާ ކިޔަމަންގަންނާށެވެ. އެހެނީ ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ ތެރެއިން ދިރިއުޅޭނޭ މީހުންނަށް ގިނަގުނަ ޚިލާފުތައް ވާތަން ފެންނާނެތެވެ. ވީމާ ތިޔަބައިމީހުންގެ މައްޗަށް ލާޒިމު ވެގެންވަނީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ހިދާޔަތް ލިބިގެންވީ ޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުމެވެ. އޭގައި ތިޔަބައިމީހުންގެ ކޮލުދަތްތަކުން ދައްއަޅާ ހިފަހައްޓާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް ގެނެވޭ ކަންކަމުން ތިޔަބައިމީހުން ދުރުހެލިވާހުށިކަމެވެ. އެހެނީ ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ.] މިއީ ބިދުޢައިގެ ނުބައިކަން ބަޔާންވާ ޙަދީޘްތަކުގެ ތެރެއިން އެންމެ ޙަދީޘެކެވެ. އެފަދަ އެތަކެއް ޙަދީޘެއް އެތައް ފަހަރަކު އެނަބިއްޔާ صلى الله عليه وسلم   ވަނީ ޙަދީޘްކުރައްވާފައެވެ. އެގޮތުން ތަކުރާރުކޮށް ހުކުރު ޚުތުބާގައި ވިދާޅުވާ ކަމުގައި އިމާމް މުސްލިމް ގައި ރިވާވެގެންވެއެވެ: أَمَّا بَعْدُ، فَإِنَّ خَيرَ الْحَديثِ كِتَابُ اللَّه، وخَيْرَ الْهَدْي هدْيُ مُحمَّدٍ ﷺ، وَشَرَّ الأُمُورِ مُحْدثَاتُهَا، وكُلَّ بِدْعَةٍ ضَلالَةٌ މާނައީ: [ދެންފަހެ ދަންނައެވެ! ފަހެ ހަމަކަށަވަރުން އެންމެ ހެޔޮ ބަހަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު صلى الله عليه وسلم    ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ ކަމަކީ އޭގެ ތެރެއަށް ގެނެވޭ އާ ކަންތައްތަކެވެ. އަދި ކޮންމެ ބިދުޢަ އަކީ މަގުފުރެދުމެކެވެ.] އަދި އަނެއްބައި ރިވާޔަތްތަކުގައި މިއެންމެހައި މަގުފުރެދުމެއް ވަނީ ނަރަކައިގައި ކަމަށްވެސް ބަޔާންކުރައްވާފައި ވެއެވެ. މިފަދައިން މިބިދުޢައިގެ ނުބައިކަން ބަޔާންވާ ވަރަށް ގިނަ ޙަދީޘްތައް ވެއެވެ. އަދި މިގޮތަށް ދީނުގައި އަޅުކަމުގެ ގޮތުގައި ކުރެވޭ އާކަންތައްތައް މާތް ﷲ ޤަބޫލު ނުކުރައްވާނެކަން ބަޔާންކުރައްވާ ވެސް އެނަބިއްޔާ صلى الله عليه وسلم   ބަސްފުޅުތައް ވިދާޅުވެފައިވެއެވެ. އެގޮތުން ބުޚާރީއާއި މުސްލިމްގައިވާ ރިވާޔަތެއްގައި ވެއެވެ: އެނަބިއްޔާ صلى الله عليه وسلم   ޙަދީޘްކުރެއްވިއެވެ: ((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)) މާނައީ: [ތިމަންމެންގެ މިކަމުގައި (މާނައީ މިދީނުގައި) ނުވާ އާކަމެއް ކޮށްފިމީހާ ދަންނާށެވެ. ފަހެ އެކަން ވަނީ ރައްދުވެގެންނެވެ. (މާނައީ އެޢަމަލެއް ޤަބޫލު ނުކުރައްވާ ރައްދުކުރައްވާނެއެވެ.)]  އަދި އެހެން ރިވާޔަތެއްގައި ވެއެވެ:  ((مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ)) މާނައީ: [ތިމަންނަބިއްޔާގެ ގޮތާ އެއްގޮތް ނުވާފަދައިން މީހަކު ޢަމަލެއް ކޮށްފިނަމަ އެމީހެއްގެ އެޢަމަލެއް ވަނީ ރައްދުވެގެންނެވެ.] ވީމާ ބިދުޢައިގެ ގޮތުގައި ކިތަންމެ އަޅުކަމެއް މީހަކު ކުރިކަމުގައި ވީނަމަވެސް އެއީ ހުސް ބޭކާރު ޢަމަލުތަކަށް ވެގެންދާނެއެވެ. މިއީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. އަދި ބިދުޢައިގެ ފާފަކުރާ މީހާގެ އަނެއް ނުރައްކާތެރި ކަމަކީ މަރުވަންދެންވެސް އެއިން ދޫނުކޮށް ހިފަހައްޓާ އެނުބައިކަން މަތީގައި ހުރެ މަރުވުން ގާތް މީހަކަށް އޭނާވުމެވެ. ސަބަބަކީ އޭނާ އެކުރަނީ ގޯސްކަމެއް ކަމެއް އޭނާއަށް އިޙްސާސް ނުވެހުރުމެވެ. އެއީ އޭނާ އެކަންކަން ކުރަނީވެސް އެއީ ހެޔޮކަންކަން ކަމުގައި ދެކިގެންނެވެ. މިއާ ޚިލާފަށް ރާބުއިމާއި ވައްކަން ކުރުން ފަދަ ނުބައި ފާފަތައް ކުރާމީހަކަށް އޭނާ އެކުރަނީ ރަނގަޅުކަމެއް ކަމުގައި ދުވަހަކުވެސް ހިތަކަށް ނާރާނެއެވެ. ވީމާ ބިދުޢަ ހަދާމީހަކަށްވުރެ އެނޫން ގޯސް ކަންކަން ކުރާމީހަކަށް ތައުބާވުމަށް ފަސޭހަވާނެއެވެ. ސުފްޔާން އައްޘައުރީ رحمه الله ވިދާޅުވިއެވެ: إِنَّ البِدْعَةَ أَحَبُّ إِلَى إِبْلِيسَ مِنَ الْمَعْصِيَةِ؛ لِأَنَّ الْبِدْعَةَ لَا يُتَابُ مِنْهَا وَالْمَعْصِيَةُ يُتَابُ مِنْهَا މާނައީ: [ހަމަކަށަވަރުންވެސް ފާފައަށްވުރެ ބިދުޢަ އިބްލީސްގެ ގާތުގައި މާ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ. އެހެނީ ބިދުޢަ އަކުން ތައުބާއެއް ނުވެވޭނެއެވެ. (މާނައީ: އޭނާއަށް އޭގެ ގޯސްކަން އިޙްސާސްނުވުމުގެ ސަބަބުން އެކަމުން ދުރުވެ ތައުބާ ނުވާނެއެވެ.) އަދި ފާފަތަކަކީ އެއިން ތައުބާވެވޭ ކަމެކެވެ.] އިމާމް މާލިކް رحمه الله ވިދާޅުވިއެވެ: من ابتدع في الإسلام بدعة يراها حسنة فقد زعم أن محمداً خان الرسالة  މާނައީ: [އިސްލާމްދީނުގައި ބިދުޢައެއް، އެއީ ހެޔޮއެއްޗެއް ކަމުގައި ދެކިގެން ހަދައިފި މީހާ، ހަމަކަށަވަރުންވެސް މުޙައްމަދުގެފާނު އެކަލޭގެފާނުގެ ރިސާލަތަށް ޚިޔާނަތްތެރިވެއްޖެ ކަމަށް ދަޢުވާކޮށްފިކަން ކަށަވަރެވެ.]

ވީމާ އަޅުކަމުގެ ތެރެއަށް ބިދުޢަ ވައްދައިގެން ސުންނަތް ގޮތާއި ޚިލާފު ގޮތްގޮތަށް އެއަޅުކަންތައް އަދާކުރުމަކީ އެންމެބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުބައިވެގެންވާ ކަމެކެވެ. މިއެންމެހައި ކަންކަމުން ދުރުހެލިވެ ހުރެ ޠާހިރު ޞާލިޙު އަޅުކަން އަހަރެމެން އަދާކުރާންޖެހެއެވެ. އަޅުކަމުގެ ގޮތުގައި ގަދައަޅާ މިކުރެވޭ ކަންކަން ބާޠިލުވެގެން ދިއުމަކީ ކޮންފަދަ ބަދުނަޞީބެއްކަން ހިތަށް ގެންނަންޖެހެއެވެ. އަޅުކަންތައް ޤަބޫލުވެވޭ ޢަމަލުތަކެއްގެ ގޮތުގައި ހެދުމަށްޓަކައި ޝިރުކުގެ އެއްވެސް ބާވަތެއް އޭގައި ހިމެނިގެން ނުވާނޭ ފަދައިން، ސުންނަތާއި ޚިލާފު ބިދުޢީ ޢަމަލަކަށްވެސް ޖާގަދެވިގެން ނުވާނެއެވެ. އަހަރެމެންގެ ރަސޫލާ صلى الله عليه وسلم   މިދުނިޔެއަށް ވަޑައިގެން އަހަރެމެންނަށް އުނގަންނަވައި ދެއްވި އެންމެ މާތް ކަލިމަ لاَ إِلَهَ إِلاَّ اللهُ، مُحَمَّدٌ رَسُولُ اللهِ ގެ މަފްހޫމަކީވެސް މިދެންނެވި ފަދައިން އެކަލާނގެއަށް އަޅުވެތިވުމެވެ. ޝިރުކާއި އެކު ނުވަތަ ބިދުޢަ އާއިއެކު އަޅުކަން ކުރުމުން މިދެންނެވި ދެކަލިމައިގެ ދަށުން އެކަލާނގެއަށް އަޅުކަން ކުރެވުނު ކަމުގައި ނުވާނެއެވެ. އަޅުވެތިވުމާއި، އަޅުކަން އަދާކުރުމުގެ މަފްހޫމަކީ އެއީއެއް ނޫނެވެ. އޭގެ މަފްހޫމަކީ ﷲ އަށްޓަކައި ސުންނަތާއި އެއްގޮތަށް އަޅުކަންތައް އަދާކުރުމެވެ. އަޅުކަމުގެ ޙަޤީޤީ މާނައަކީވެސް އަދި ޙަޤީޤަތަކީވެސް އެއީއެވެ.

ދުޢާއަކީ އަޅަމެން ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން ގަދައަޅާ ކުރާ އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާލިޞް ނިޔަތުގައި، އެކަލާނގެ ނަބިއްޔާގެ ސުންނަތާއި އެއްގޮތަށް އަދާކުރުމުގެ ހެޔޮތައުފީޤު ދެއްވުމެވެ. އަދި އަޅަމެންގެ އެންމެހައި އަޅުކަންތައް އެކަލާނގެ ޤަބޫލުކުރެއްވުމެވެ. އާމީން.

 

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނިމުނީ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *