ދަތުރުނާމާ: ކޮވިޑަށްފަހު ކުރެވުނު ފުރަތަމަ ދަތުރު

ކޮވިޑުއައުމާއެކު އެންމެންހެން ތިބެންޖެހުނީ ރަށު ބަންދެއްގައެވެ. މިގޮތުގައި ދޮޅުއަހަރު ހޭދަކުރުމަށްފަހު ލިބުނު ލުޔާއެކު އާއިލާގެ އެންމެން ރޭވީ ރިސޯޓަކަށް ދިއުމަށެވެ. އެގޮތުން މިއީ 2021 ވަނައަހަރުގެ ޖުލައި 9 ވީ ހުކުރު ދުވަހު އާއިލާ އެންމެން މަޖާކޮށްލުމަށްޓަކައި ބިޔާދޫ އައިލެންޑު ރިސޯޓަށް ކުރި ދަތުރުގެ ދަތުރު ނާމާއެވެ.

މި ދަތުރުގައި ބައިވެރިވީ ޖުމުލަ 8 މެންބަރުންނެވެ. އޭގެތެރޭގައި އާއިލާގެ ކުދިބޮޑު އެންމެން ހިމެނެއެވެ. ދަތުރަށް ފުރުން އޮތީ މެންދުރު 1.40ގައި އެއާރޕޯޓުންނެވެ. އެންމެންވެސް ހެނދުނުހެނދުނާ ހޭލައިގެން ދަތުރަށް ތައްޔާރުވީ ވަރަށް ނުތަނަވަސް ހިތަކާއެކުއެވެ. އިރުއެރިއިރު މޫސުންއޮތީ މުޅިން ގޯސްވެފައެވެ. ދަތުރުގައި ބައިވެރިވަނީ ގިނައިން އަންހެނުންނެވެ. އެހެންކަމުން އެންމެންވެސް އިންތިޒާރުކުރީ ފުރާގަޑިއަށް މޫސުމަށް ކުޑަ ނަމަވެސް ބަދަލެއް އާދޭތޯއެވެ.

މޫސުމަށް ބަލާއިރު ދަތުރުކުރަން އެހާ ރަނގަޅު ދުވަހެއް ނޫނެވެ. އިންތިހާއަށް ކަނޑުގަދަ ދުވަހެކެވެ. ވައި ވެސް އެހާގަދައެވެ. ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވެސް އޮތީ ހުދު ސަމާލު ނެރެފައެވެ. ދަތުރުކުރާ ދަތުރުވެރިން ބަލައިގެން ދަތުރުކުރުމަށް ސަމާލުކަން ދޭން އަންގާފައެވެ. ނަމަވެސް ދަތުރުދާން ހުރިހާ ކަމެއް ހަމަޖެހިފައި އޮތްގޮތަށް ދަތުރަށް ފުރަން އެއާރޕޯޓަށް ދިޔައީ މެންދުރު 12.45ގައެވެ. ލޯންޗަށް ފަހަރަކު މީހަކު އަރަމުން ދިޔައެވެ. އާއިލާގެ އެންމެން އަރާހަމަޖެހުނު އިރުވެސް މަންމަ ލޯންޗަށް އަރުވަން ޖެހުނީ ގަދަކަމުންނެވެ. އަދި ތިމަންނަ ނުދާނަން ކަމަށް ބުންޏެވެ. މަންމަ ބަހައްޓާފައި ދިޔުމަށް އެދުނެވެ. ނަމަވެސް އެހެން ހެދޭކަށް ނެތެވެ. އެންމެފަހުން އެކިއެކި ވާހަކަދައްކައިގެން ރުއްސައިގެން ލޯންޗަށް އެރުވިއެވެ. ހުޅުލޭގެ ފަޅުތެރެއިން ލޯންޗު ކަނޑަށް ނިކުތުމާއެކު ކަނޑު ގަދަކަން އެނގުނެވެ. ލޯންޗުގައި ތިބި އަންހެން ވެރިންނާއި ކުޑަކުދިން އެއްފަހަރާ ބިރުން ހަޅޭއްލަވައި ރޯންފެށިއެވެ. ބައެއް މީހުން އެމީހަކަށް ކިއުނު ހެޔޮ އެއްޗެއް ކިޔަމުން ދިއައެވެ. ބައެއް ފަހަރު ނަގާ ބިޔަރާޅުން ލޯންޗު ހީވަނީ ބަންޑުން ޖަހާލަފާނެ ހެންނެވެ.

ލޯންޗުތެރެއިން ފެންނަނީ އެކަކު އަނެކަކަށް ބިރުން ތިބި މަންޒަރެވެ. އެންމެފަހުން ލޯންޗުގެ ފަޅުވެރިއަކު އައިސް ބުނީ ވަކި ހިސާބަކަށް ދުއްވާލުމުން ރަނގަޅުވާނެ ވާހަކައެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ރަށަށް ދެވިދާނެ ކަމަށެވެ. ގާތްގަނޑަކަށް 45 މިނެޓުން އެރަށަށް ދެވޭނެ ވާހަކަވެސް ބުންޏެވެ. ނަމަވެސް މޫސުން ގޯސްވެފައިވާތީ އެ ރަށަށް ލެފުނީ ބަރާބަރު 55 މިނިޓު ފަހުންނެވެ.

ރަށުގެ ފާލަން ކައިރިއަށް ލޯންޗު ގާތްކުރުމާއެކު، އެރަށުގެ މުވައްޒަފުން ދަތުރުވެރިންނަށް މަރުހަބާ ކިއުމަށްޓަކައި މީރުމީރު ކުރުނބާތަކެއް ހިފައިގެން އައިސް ތިއްބެވެ. އެ މަންޒަރު ފެނުމުން ކަނޑުމަތީގައި ހޭދަވީ ވަގުތުތައް އެންމެންގެ ހިތުންވެސް ފިލައިގެން ދިޔަކަހަލައެވެ. ހުރިހާ އެންމެންގެ މޫނުމަތިން ފެންނަނީ ހިނިތުންވުން ތަކެވެ. އެންމެންވެސް އަވަސްވެގަތީ އެބަޔަކު ތިބެން ހަމަޖެހިފައިވާ ކޮޓަރިއަކަށް ގޮސް ދަތުރުގެ ވަރުބަލި ފިލުވާލާށެވެ. އެންމެން ވެސް އަރާމުކޮށްލައިގެން ހަވީރު ރަށުތެރެ ބަލައިލަން ދާން ނިންމިއެވެ.

ރަށަކީ ވަރަށް ކުޑަ ރަށެކެވެ. ރަށުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ އަޖައިބުން ފުރިގެންވާ ރީތި ގުދުރަތީ މަންޒަރުތަކެވެ. ފެހިފެހި ގަސްތަކާއި ރީތި ހުދު ދޮންވެލި ގޮނޑު ދޮށެވެ. އެ ގޮނޑުދޮށަށް ޖައްސާ އެކި ކަހަލަ ޗާލު ދޫނި ތަކެވެ.  ކޮންމެ މީހަކުވެސް ރަށުގެ ކޮންމެ ސަރަހައްދަކަށް ދެވުނަސް އަވަސްވެގަންނަނީ ފޯނުގައި ފޮޓޯތައް ރައްކާކުރުމަށެވެ. ފޭސްބުކާއި ވައިބަރ އަދި އިންސްޓަރގްރާމްގައި ރައްޓެހިންނަށް ފޮޓޯތައް ހިއްސާކުރުމަކީ ކޮންމެ މީހަކުވެސް އެންމެ ކުރާހިތުން ކުރި އެއްކަމެވެ. މިގޮތުގައި ވަގުތު ހޭދަވެގެން ދިޔަގޮތްވެސް އެކަކަށް ވެސް އިހުސާސެއް ނުކުރެވުނުނެވެ. ރަށުތެރެއަށް އަދިރިކަން ވެރިވެގެން ދާން މާގިނަ ވަގުތެއް ނުނެގިއެވެ. ކުރިންވެސް ބުނި ފަދައިން ރަށަކީ ގަސްތަކުން ފުރިފައިވާ ރަށަކަށް ވާތީ މަގުތަކުގައި ޖަހާފައި ހުރި މަގުބައްތި ތަކުން އެހާ އައްޔެއް ނުވެއެވެ.

މި ރިސޯޓުގެ ގަވާއިދުތައް އޮންނަގޮތުން ވަކި ގަޑިތަކެއްގައި ރެސްޓޯރެންޓަށް ގޮސް ކެއުން އޮވެއެވެ. މި ރިސޯޓުގެ ވަޒީފާތަކުގައި ވެސް ގިނައިން ތިބީ ދިވެހިންނެވެ. ހީކުރިވަރަށް ވުރެވެސް ޚިދުމަތް ރަނގަޅުވެފައި ފުރިހަމައެވެ. ކޮންމެ ކާގަޑިއެއްގެ ކެއުމުގެ ފަހަށް ހުންނަ ފޮނި ކާތަކެއްޗަކީ މިދަތުރުގެ ބައިވެރިންގެ ހިތުގެ ވިންދު ކަމުގައިވިއެވެ. ކެއުން ފުރިހަމަވަނީ ފޮނި ކާތަކެތިންނެވެ. ހިތުގެ ހަމަޖެހުން ގެނެސްދޭ ބައިވެރިއަކީ ވެސް ޑެޒާރޓްސް ގެ ގޮތުގައި ހުންނަ ތަކެއްޗެވެ. މި ދަތުރުގައި ބައިވެރިވި އެންމެން ވެސް މުޅިދުވަސް ހޭދަކުރީ ކެއުމާއި މޫދަށްއެރުމާއި ތަފާތު ވައްތަރުތަކުގެ ކުޅިވަރު ކުޅުމުގައެވެ. އެންމެ ގަޔާވާ ކުޅިވަރަކަށް އެންމެނަށްވީ ބެޑުމިންޓަން ކުޅުމެވެ. މިދަތުރުގެ އެންމެ މުހިންމު ބައެއް އަދާކުރީ އާއިލާގައި ތިބި ތުއްތު ކުދިންނެވެ. އެކުދިންގެ ހުނުމާއި ވާހަކަދެއްކުމާއި، މުޅިތާގައި ދުވެ،ކުޅެ، އުޅޭ މަންޒަރަކީ ބަލާ ފޫހިވާނެ މަންޒަރެއް ނޫނެވެ. ބަރާބަރު ދޮޅު އަހަރަށްފަހު، މިފަދަ މާހައުލަކަށް އައުމުން ކުދިވެރިންގެ ހިތްތައްވެސް ވަނީ އުފަލުން ފޮޅިފައެވެ.

މިދަތުރުގައި ރިސޯޓުގެ ރެސްޓޯރެންޓުގައި ތިބި މުވައްޒަފުން ވެސް ވީ ވަރަށް ގާތްބަޔަކަށެވެ. ކާގަޑިތަކުގައި އާއިލާގެ އެއްވެސް މެންބަރެއް މަދުނަމަ ވަރުވަރުން ސުވާލުކޮށް ހަދައި އެމީހަކު ކާގަޑިއަށް ހާޟިރުކުރުމަށް ވަރަށް މަސައްކަތްކުރިއެވެ.  މީގެއިތުރުން ކުޑަކުދިންނަށް ކެވޭގޮތަށް ބައެއް ކާތަކެތި ތައްޔާރު ކޮށްދީ ހަދައެވެ. މި ދަތުރު ނިންމާލުމަށްފަހު، އެބުރި މާލެއައީ މިފަދަ އިތުރު އެހެން ދަތުރެއް އެހެން ރިސޯޓަކަށް ކުރުމަށް އެންމެން ރާވާފައެވެ. ދަތުރުގެ ހުރިހާ ބައިވެރިން ވެސް މި ދަތުރާމެދު އެންމެ ހިތްހަމަޖެހުނީ ދަތުރުގެ އަގާއި އެއްވަރަށް ޚިދުމަތްތައް ރަނގަޅުވީމައެވެ. ކޮންމެ މީހެއްގެ ވެސް ފޯނުގައި ރައްކާ ކުރެވިފައިވާ ފޮޓޯތަކަކީ ދަތުރުގެ ހަނދާންތަކެވެ.

 

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ޝައުގުވެރި ކިޔާލަން ހިތްގައިމު ދަތުރުނާމާއެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *