މިއަދު މިފެށުނު ތަޢުލީމީ އާއަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ދަރިވަރުންނަށާއި އަދި ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރި ކަމާއެކު ދަންނަވަމެވެ.
މިއަދު މިފެށުނު ތަޢުލީމީ އާއަހަރަކީ އަޅުގަނޑުމެން ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަދުވަސްތަކެއް ހޭދަކުރުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން ސްކޫލަށް އެނބުރި އައިސް ކިޔަވަން ލިބޭ ވަރަށް އުފާވެރި ފުރުޞަތެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހަމަ ހުރިހާ ކުދިންވެސް ފުރިހަމައަށް ހިފައި ގަވާއިދުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގައި އުފާވެރި ދުވަސްތަކެއް ހޭދަކުރާށެވެ. އަދި ހަމަ އެއާއެކު ތިޔަކުދިންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ސްކޫލްގެ މާހައުލުން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށާއި ރަނގަޅު ނަތީޖާއެއް ކުރިއަށްހުރި އިމްތިހާނު ތަކުން ހުރިހާ ކުދިންވެސް ހޯދުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމެވެ. ވޭތުވެދިޔަ ތަނުގައި ތިޔަ ކުދިންގެ ކިޔެވުމުގައި ވަނީ ދަތި ދުވަސްތަކެއް ހޭދަކޮށްފައެވެ. އެ ކަން ތިޔަ ކުދިން ހަނދާނުން ފޮހެލައި އާރޫޙަކާއި އާ ފޯރިއެއްގައި ކިޔެވުމުގެ މަސައްކަތް ތަރުތީބުކޮށް ގެންދާނެކަމަށް ޕްރިންސިޕަލް އުއްމީދު ކުރަމެވެ.
މި ފުރުޞަތުގައި އަޅުގަނޑު ޓީޗަރުންނަށްވެސް ދަންނަވާލަން ބޭނުންވަނީ އޮންލައިންކޮށް ކިޔަވައި ދިނުމުގައި ވަރަށް ގިނަ ދުވަސްތަކެއް ޓީޗަރުން ހޭދަކުރައްވައިފީމުއެވެ. އެއީވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ތަޖުރިބާއެއް ކަމުގައި ދެކެވަޑައިގަންނަވާށެވެ. އަދި ތިޔަ ޓީޗަރުން އެ ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި އިތުރަށް ތިޔަބޭފުޅުންގެ ކިޔަވައި ދިނުމުގެ ހުނަރު ތަރައްގީ ކުރައްވާށެވެ. ހަމައެހެންމެ ދަރިވަރުންނާ އަނެއްކާވެސް އެނބުރި ސްކޫލުން ބައްދަލުވާއިރު ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި އަދި ހުރިހާ ދަރިވަރުންނަށްވެސް އެއްފެންވަރެއްގައި އުނގަންނައިދިނުމުގެ މަސައްކަތްތަކުގައި އިތުރު ހިތްވަރަކާއި ޖޯޝެއް ލެއްވުމަށްފަހު ކުރިއަށް ވަޑައިގަތުމަކީ، އެންމެ މުހިއްމުކަމެއް ކަމުގައި ކަނޑަ އަޅުއްވާށެވެ.
ދަރިވަރުން އެނބުރި ސްކޫލުގެ މާޙައުލަށް އައުމަކީވެސް އަޅުގަނޑުމެން އެންމެންނަށް ވެސް ލިބުނު ވަރަށް އުފާވެރިކަމާއި އަދި ހިތްހަމަޖެހުން ލިބުނު ކަމެކެވެ. އަދި އަޅުގަނޑުމެންގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދިޔަ ކަމެއްކަމުގައިވެސް އަޅުގަނޑު ދެކެމެވެ.
އަޅުގަނޑުގެ ދުޢާއަކީ މި ކޮވިޑް 19ގެ މި ބަލިމަޑު ކަމުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރައްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި އަދި ކުރިމަގުގައި އަޙްމަދިއްޔާ އަށާއި އަޙްމަދިއްޔާގެ ދަރިވަރުންނަށާއި އަދި އާއްމު ގޮތެއްގައި ދިވެހި ރާއްޖޭގެ އެންމެހާ ދަރިވަރުންނަށް އުފާވެރި އާ ދުވަސްތަކެއް މާތްﷲ މިންވަރު ކުރެއްވުމެވެ.