ބުރާސްފަތި, 17 އޭޕްރިލް 2025

ދިރާސީ އާ އަހަރަށް އަޙްމަދިއްޔާ މި ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ. މި ތިބީ ވަރަށް އުފަލުން: ޕްރިންސިޕަލް

"ދިރާސީ އަހަރަށް އަހްމަދިއްޔާއިން މި ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ. ދެން ހަމައެއާ އެކީ ދަންނަވާލަން މި ޖެހެނީ ދިރާސީ އަހަރެއްގެ ކިޔެވުން މިއަދު ފެށުނު އިރު އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން". މިއަދު މި ފެށުނު ދިރާސީ އަހަރަށް ވެފައިވާ ތައްޔާރީތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ މިހެންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސްކޫލް ކަމަށްވާ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މި ފެށުނު ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ހަމައެކަނި ތަނުގެ އާބާތުރަފިލުވީކީ ނޫނެވެ. ރާއްޖޭގައި ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުން ވަނީ އާ އަހަރަށް އެ ސްކޫލުގައި ތަފާތު އެކި ވަޞީލަތްތައް ވެސް ޤާއިމްކޮށްފައެވެ. އެގޮތުން އިތުރު ބައެއް ޓީޗަރުން ހޯދުމާއި ފަންނީ ވަޞީލަތްތައް ގާއިމްކުރުމުގެ އިތުރުން އިންތިހާއަށް ޖާގައިގެ ދަތިކަން ދިމާވެފައިވާ އެ ސްކޫލުން ވަނީ ސްކޫލް ހިންގުމަށް ބޭނުންކުރާ އިމާރާތްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފައި، ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަދެވޭނޭ ގޮތަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

އަޙްމަދިއްޔާގެ ގްރޭޑް 10 ގެ ދަރިވަރުންނަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ އެސެމްބްލީއެއްގެ ތެރެއިން.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ނަވަށްކުރާ ބާރު އެނގެނީ ކެނބަށޭ އިހުތިބީން ބުނެ އުޅެއެވެ. ހަމަ މި ބީދައިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ފަދަ ތޮއްޖެހިފައިވާ ސްކޫލަކަށް ކުރިމަތިވާނޭ ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ސްކޫލްގެ ޕްރިންސިޕަލަށެވެ. އެހެންނަމަވެސް ޖާގައިގެ ދަތިކަން ކުރިމަތިވެ، ސްކޫލަށް ވަންނަން އެދުނު ވަރަށް ގިނަ ދަރިވަރުންނަށް ޖާގަނުދެވުމުގެ ހިތްދަތިކަމާއެކު ވެސް މި އާ އަހަރާއެކު ޕްރިންސިޕަލް އުފާފުޅުކުރައްވާ އެއް ކަމަކީ އެތައް ދުވަހަކަށް ފަހު، ދަރިވަރުން ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ފެށުމުގެ ފުރުސަތު ލިބުމެވެ.

ދިރާސީ އާ އަހަރަށް އަހްމަދިއްޔާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި. އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

"ގާތްގަޑަކަށް ދޮޅު އަހަރު ވެއްޖެ ސުކޫލްތަކަށް ކުދިން ނުގެނެސް އޮންލައިންކޮށް ނުވަތަ ގޭގަތިބެގެން ކިޔަވައިދޭ އުސޫލްގެ ތެރެއިން ދަރިވަރުންނަށް ކިޔަވާދެމުން ގެންދާތާ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޯވިޑް 19 ފެށިގެން އެކި ސަރަހައްދުތައް ބަންދުކުރަމުން އައިސް މާލެ ފުރަބަންދު ކުރުމާއި ގުޅިގެން މާލޭގެ ހުރިހާ ސުކޫލްއެއްގެ ކިޔެވުން މިވަނީ ހުއްޓާލައި އޮންލައިނަށް ބަދަލުކުރެވިފަ." ޕްރިންސިޕަލް ވިދާޅުވިއެވެ. "އެހާ ހިސާބުން ފަށައިގެން އަޅުގަނޑުމެން ދިރާސީ އަހަރު މި ނިންމީ މުޅިން އޮންލައިންކޮށް މައިގަނޑުގޮތެއްގަ ހަމަ 80 އިންސައްތަ އޮންލައިންކޮށް ކިޔަވައިދީގެންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެ. އެހެންވީމަ މިއަދު އަނެއްކާ ދިރާސީ އާ އަހަރެއް ފެށިގެން އަންނަ އިރު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިވަރުން ސުކޫލަށް ގެނެސްގެން ކިޔަވައިދިނުމަށް ފުރުސަތު ހުޅުވިފަ އޮތުން. އެހެންވީމަ  ޓީޗަރުންގެ އާއިލާއަށް އަދި ހަމަ ދަރިވަރުންގެ އާއިލާއަށް މަރުހަބާ ކިޔުމަށްޓަކައި އަޅުގަނޑުމެން ސުކޫލާއި ޓީޗަރުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފަ".

ޕްރިންސިޕަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލާއިރު މިއަހަރު ސްކޫލަށް ކުދިން ގެނެސްގެން ފަސޭހަ މާހައުލެއްގައި ކިޔަވައިދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކޮވިޑް ވެކްސިން ޖެހޭ އުމުރުގެ އެންމެން ވެސް ވެކްސިން ޖަހައި މިއަހަރުގެ އުއްމީދަކީ އާއްމު ހާލަތަށް ރުޖޫޢަވުމުގެ ފުރުސަތު ލިބުންކަމަށް ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

"(އުއްމީދުކުރަނީ) އިރާދަކުރެއްވިއްޔާ މިއަށްވުރެ ވެސް ފަސޭހަ މާހައުލެއްގައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ ފުރުސަތު ސުކޫލް ތެރޭގަ، ކްލާސްރޫމްތެރޭގަ ކިޔަވައިދޭން އަޅުގަނޑުމެންނަށް ލިބޭނެކަމަށް. ކޮވިޑް19 ގެ މިހާރުގެ މި ހާލަތަށް ބަލައިލާ ކަމަށް ވަންޏާ ﷲގެ ރަހުމަތުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މިވަނީ ވަރަށް ބޮޑުތަނުން މަދުކުރެވިފަ. އުމުރު ހަމަވާ ހުރިހާ އެންމެން ވެކްސިން ޖަހައިގެން އާއްމު ހާލަތުގެ އެންމެން އުޅޭތަން ދެކެން ބޭނުންވަނީ. ހެލިފެލިވެ އުޅެވޭނެ ކަހަލަ ދުވަހެއް ފެނުން. ކުރީގެ މާހައުލަށް ސުކޫލްގެ ހުރިހާ ކަންތައްތަކެއް ބަދަލުވެގެން ދިއުން މިއީ އެންމެ ބޮޑަށް ކުރެވޭ އުއްމީދަކީ. މާނައަކީ ކިޔަވައިދިނުމާއި ދަރިވަރުންނަށް ލިބިދޭންޖެހޭ އިތުރު ހަރަކާތްތަކާއި ކުޅިވަރާއި އެހެނިހެން ކަންކަން ވެސް ދަރިވަރުން ޝާމިލްވެގެން ކުރީގެ ދިރިއުޅުމަށް އަނބުރާ ބަދަލުވެވޭނެ ދުވަހެއްގެ އިންތިޒާރުގަ މި ތިބީ. މިއީ އަޅުގަނޑު އެންމެ ބޮޑަށް ކުރާ އުއްމީދަކީ". ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާގެ ދަރިވަރަކު ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރި މިންވަރު ބަލަނީ. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރަކީ ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ޖާގަހޯދުމަށް ބެލެނިވެރިން ބޮޑު ކިޔުއެއް ދަމާލި އަހަރެކެވެ. އެހެން ނަމަވެސް ކުރިން ވެސް ފާހަގަކުރި ފަދައިން އެ ސްކޫލުން ޖާގަ ލިބުނީ ޖާގައަށް އެދި ހުށަހެޅިއަދަދާއި އަޅައި ބަލާއިރު ވަރަށް މަދު ދަރިވަރަކަށެވެ. ޕްރިންސިޕަލް ވެސް ވިދާޅުވީ މުޅިން އަލަށް ތިން ސަތޭކައެއްހާ ދަރިވަރުންނަށް މި ދިރާސީ އާ އަހަރު ޖާގަދޫކުރި ނަމަވެސް ސްކޫލްގެ ޖާގައިގެ ދަތިކަންހުރި ގޮތުން ބައެއް ދަރިވަރުންނަށް ޖާގަދެވޭ ގޮތް ނުވި ކަމަށެވެ.

"އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގަ ވަރަށް ގިނަ ބޭފުޅުން އަހްމަދިއްޔާއަށް ވަންނަން ވެގެން ނަން ނޯޓުކުރި. އެހެންނަމަވެސް ޖާގައިގެ ދަތިކަން ހުރި ގޮތުން އަޅުގަނޑުމެންނަށް އެދިވަޑައިގެންނެވި ހުރިހާފަރާތްތަކަށް ޖާގަ ދެވޭގޮތެއްނުވި. އެހެންނަމަވެސް އަޅުގަނޑުމެން 300 އެއްހާ ޖާގަ، ގްރޭޑް 1 އިން ގްރޭޑް 10 އަކާ ދޭތެރޭ ކުލާސްތަކަށް ދޫކުރިން. އެހެންވީމާ ލިބުނު ތަރުހީބަށް ބަލާކަމަށްވަންޏާ އަދިވެސް އަހުމަދިއްޔާއަށް ކުދިން ވައްދަން އިންތިޒާރުގަ ތިބި ވަރަށް ގިނަ ބޭފުޅުން އެބަތިއްބެވި. އެހެންނަމަވެސް ޖާގައިގެ ދަތިކަން ހުރިގޮތުން އަޅުގަނޑުމެންނަށް އިތުރު ފުރުސަތު ނުދީ މިހާރު މިވަނީ ކުދިން ވެއްދުން ގާތްގަނޑަކަށް މެދުކަނޑާލެވިފަ." ޕްރިންސިޕަލް ވިދާޅުވިއެވެ. އެހެން ނަމަވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ކުދިން ވައްދަން އެދޭ ފަރާތްތަކަށް ޕްރިންސިޕަލް ދެއްވި އުއްމީދަކީ މިއެވެ.  ކުދިން ވެއްދުމުގަ ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދީގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް އަޙްމަދިއްޔާއިން ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އަޙްމަދިއްޔާގެ މުދައްރިސުންނަށް އިއްޔެ ހިންގި ޚާއްޞަ ޕްރޮގްރާމެއްގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކިޔެވުމާ ދުރުގައި، ޚާއްސަކޮށް ރަސްމީ ތައުލީމް ނުވަތަ ސުކޫލްތަކުގައި މި ކިޔަވައިދޭ އުސޫލާ މުޅިން ދުރުގައި  އޮންލައިންކޮށް ކިޔަވައިދިނުމުގެ ނިޒާމު ވަރަށް ގިނަ ދުވަހު ކުރިއަށް ގެންދަންޖެހިފައި އޮތުމަށް ފަހު، އެނބުރި ސްކޫލަށް އައިސް ކިޔަވަން ފުރުސަތު ލިބުނީމާ ވަގުތުގެ ބޭނުން ހުރިހާކުދިންވެސްހިފަން މަސައްކަތްކުރުމަށް ޕްރިންސިޕަލް އިލްތިމާސް ކުރެއްވިއެވެ. ވެހޭތާ ފެންނަގާށޭ ބުނާ ބީދައިން ގެއްލިގެން ދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް އަނބުރައި ހޯދުމަށްޓަކައި ހުރިހާ ކުދިންވެސް ވަރަށް ބުރަކޮށް ކިޔެވުމުގެ ތެރެއަށް އަލުން އައިސް، އިތުރަށް ފިލާވަޅުތައް މުތާލިއާކޮށް، މިހާރަށްވުރެ ރަގަނޅު ނަތީޖާތަކެއް ހޯދުމަށް އަތުކުރި އޮޅާލުމަށް ޕްރިންސިޕަލް ގޮވާލެއްވިއެވެ.

އަޙްމަދިއްޔާ ގްރޭޑް 1 ގެ ދަރިވަރުން … އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ޕްރިންސިޕަލް ވަނީ ވަރަށް ހަރުދަނާ، އަގުހުރި އިލްތިމާސެއް ކުރައްވާފައެވެ. "ބެލެނިވެރިންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ބަރާބަރަށް ދަރިވަރުން ސުކޫލަށް ފޮނުވާށޭ. ވޭތުވެދިޔަ ހުރިހާ ދުވަހެއްގަ ދަރިވަރުން ތިބީ ހަމަ ގޭބަންދުގަ ކިޔަވަން. ސުކޫލް މާހައުުލުން ކިޔަވަން ނުލިބި ގޭބަންދުވެފަ. އެހެންވީމާ ސުކޫލަށް އެނބުރި އައިސް މި ހުޅުވާލެވިފައިވާ ފުރުސަތުގެ ތެރޭގައި، ސުކޫލުގައި ދަރިވަރުން ކިޔަވަން އެކުރާ މަސައްކަތުގައި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވައިގެން، އެ ދަރިވަރުންގެ ކުރިމަގަށް، އެ ދަރިވަރުންގެ ކުރިއެރުމަށް މިހާރަށްވުރެ ބޮޑަށް ހުރިހާ ބޭފުޅުން މަސައްކަތްކޮށްދެއްވާށޭ. ވޭތުވެދިޔަ ދޮޅުއަހަރު ގެއްލިގެން ދިޔަ ކަންތަައްތަކުގެ މަތިން ހަދާންނައްތަވައިލައްވައި، އާ ރޫހަކާއި އާ ފޯރިއެއްގަ ކުދިން ސުކޫލަށް ފޮނުއްވައި، ކުދިންގެ ތައުލީމަށް އިތުރު މަސައްކަތްކެއް ކޮށްދެއްވައި، ރަނގަޅު ނަތީޖާއެއް ނެރެވޭތޯ އަޒުމު ކަނޑައަޅުއްވާށޭ."

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *