އަޅުގަނޑުގެ ލޮލުން ނިކަން އަޙްމަދިއްޔާ ބަލާލަބަލަ!

އަޅުގަނޑުގެ ލޮލުން އަޙްމަދިއްޔާއަށް ބެލުމުގެ ކުރިން އަޅުގަނޑާއެކު މީގެ 3 އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ. އެއީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. އަވައްޓެރި ސިލޯނުގައި އީސްޓަރ ބޮމުގެ ނިރުބަވެރި ހަމަލާ ދީގެން އެ ގައުމުގައި ދިރިއުޅުނު ދިވެހިންގެ ތެރެއިން ބައެއް މީހުން މާލެ ބަދަލުވަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު ލަންކާއިން މާލެ ބަދަލުވި ދެ އާއިލާއެއްގެ ފަސް ކުއްޖަކަށް ދިވެހި މާއްދާއިން ޓިއުޝަން ދިނުމުގެ ފުރުސަތު ލިބުނެވެ. އެ އާއިލާތަކުން ބޭނުންވީ އެ ހުރިހާ ކުދިން ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވައްދާށެވެ. އޭރު އަޅުގަނޑަކީ މި ސްކޫލުގެ ޓީޗަރަކަށްވާނޭ ކަމަށް ހުވަފެނުން ވެސް ދުށް މީހެއް ނޫނެވެ. ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެކެވެ. މަސައްކަތްކުރީ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ 3000 ޓީޗަރުން ޕްރޮގްރާމްގެ މުދައްރިސުން ޑިގްރީ ފެންވަރަށް ގެނެވޭތޯ އަޅުގަނޑާއެކު މި ސްކޫލުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލަކު ވެސް ނިކަން އަވަދިނެތި އުޅުއްވިއެވެ. ދަންބެރަށްވުރެ ތަގުޑި ދިގުވާހެން އަޅުގަނޑަށް އެބަހީވެއެވެ. ތިޔަ ބޭފުޅުންނަށް އެހެން ހީފުޅުވާނަމަ މަޢާފަށް އެދެމެވެ. ކޮންމެއަކަސް މިއިން ހަމަ އެއްކުއްޖަކު ވެސް ހިލާ އަޙްމަދިއްޔާއަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އިވުނީ އެއް އަޑެކެވެ. އަޙްމަދިއްޔާއަށް ވަނީމާ 24 ގަޑިއިރު އުޅެން ޖެހޭނީ ފޮތްބޮނޑި ހިފައިގެން ސްކޫލްގައެވެ. ހަމަ އެއްކަލަ އަޑެވެ. "އަޙްމަދިއްޔާގަ ވަރަށް ގަވައިދު ބޮޑުވާނެ، އަބަދު ސްކޫލަށް ގެންދާނެ، ހުކުރެއް ހޮނިހިރެއް އޮންނަ ތަނެއް ނޫން އެއީ" ގެ އަޑެވެ. އެހެނަސް މި އަޑުތަކަށް ބެލުމެއް ނެތި ކިޔަވާ ހިތުން، މާލެއާއި ރާއްޖޭގެ އަތޮޅުތަކުގެ އެތައް ސްކޫލުތަކަކުން މި ސްކޫލާ ގުޅިފައިވާ ދަރިވަރުން އެ ދަނީ، މި ސްކޫލަށް ބަދަލުވާން ނިންމި ނިންމުމާ މެދު މިއަދު އުފާކޮށް ފަޚުރުވެރިވަމުންނެވެ. މިކަމުގައި އެއްކަލަ ފަސް ކުދިން ވެސް އިސްތިސްނާއެއް ނުވެއެވެ.

ދަންނަވަން މިއުޅެނީ މިއަދު މިދެކޭ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، ސްކޫލްގެ ތާރީޚަށް ފަޚުރުވެރި މާޒީއެއް ދޫކޮށްފައިވި ފަޚުރުވެރި ސްކޫލެއްކަން އަޅުގަނޑެކޭ އެއްފަދައިން ދިވެހިރައްޔިތުން ހެކިވާނެ ވާހަކައެވެ. ފާހަގަކުރަން މިއުޅެނީ މި މަގާމަށް ވާސިލްވާން އެތައް ހަރުފަތްތަކެއް ގިރާކުރަމުން، ފޮނި ކާމިޔާބީތައް ޙާސިލްކުރަމުން، ބައިނަލް އަޤްވާމީ ސްކޫލެއްގެ ގޮތުގައި، މި ސްކޫލް ހިންދެމިލި މާޒީއަކީ، އެ މާޒީގެ ހަނދާންތައް ރަންއަކުރުން ފަވާލެވިފައިވީ ފޮނި ހަނދާންތަކެއް ކަމެވެ.

އަޙްމަދިއްޔާގެ އެކިއެކި ހަނދާން ތަކާއި ކާމިޔާބީތައް ދައްކުވައިދޭ އަޙްމަދިއްޔާ ހަނދާނީ ގެލަރީ. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ރާއްޖޭގެ ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން އެންމެ މޮޅު ނަތީޖާ ނެރެދޭ ސްކޫލަށް މި ސްކޫލް ވެފައިވާ އިރު، މިއީ އުނގަންނައިދިނުމުގެ އިތުރުން ތަރުބިއްޔަތުގެ ވެސް ނަމޫނާ ދައްކާ ސްކޫލެކެވެ. މިއީ މި ސްކޫލުގެ ސާނަވީ މުދައްރިސެއްގެ ގޮތުގައި އަޅުގަނޑު މި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުގެ ހިތް މި ސްކޫލަށް ހިބަކޮށްދެވުމުގެ އެއް ސަބަބެވެ. ދެ ހާހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިކޮށް، ފަސް މާއްދާއިން ފާސްވާ ނިސްބަތް އެންމެ މަތީ ސްކޫލްގެ ގޮތުގައި މި ސްކޫލަށް ދެމި މި އޮވެވެނީ ތައުލީމާ އެއްވަރަށް ތަރުބިއްޔަތަށް ދެވޭ އިސްކަމުގެ ސަބަބުންކަން މިއަދު އަޅުގަނޑަށް ޤަބޫލުކުރެވިއްޖެއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ކިޔަވައިދިނުމުގައި ޑިޖިޓަލް ޒަމާނާ ފައިހަމަކޮށްފައިވާ ސްކޫލެކެވެ. މިއީ ޓެކްނޮލޮޖީގެ ޤާބިލްކަން ހުރިހާ މާނައެއްގައި ކިޔަވައިދިނުމުގައި ލިބިގަންނަމުންދާ ސްކޫލެކެވެ. ދަރިވަރުންނަށް ލިބިދޭންޖެހޭ ކިޔަވައިދިނުމާ ގުޅޭ އެހެނިހެން ފަސޭހަތަކާއި ވަސީލަތްތައް ވެސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ޤާއިމްކޮށްފައިވާތީ ފެނެއެވެ.

2019 ވަަނަ އަހަރުގެ ސައިންސް ކޭންޕުގެ ތެރެއިން. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ސްކޫލުގެ ނިމިދިޔަ ސާނަވީ ބެޗުގެ ދަރިވަރުންނަށް އަލްވަދާޢު ކިޔުމަށް ބޭއްވި ޙަފްލާއަށް ރިޕޯޓެއް ތައްޔާރުކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އެ ރިޕޯޓު އެކުލަވައިލުމަށް ސްކޫލުގެ ވޭތުވެދިޔަ އަހަރުތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރަމުން ދިޔައިރު، އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ، އީޕީއެސްގައި އަޅުގަނޑު ކިޔެވިއިރުގެ މުދައްރިސް ވަޖީހު ސަރގެ ފަށުވި އިބާރާތްތަކުން ވިރުވާއަޅާފައިވާ އިބާރާތްތަކެއް ފެނުނެވެ. "އަޙްމަދިއްޔާގެ ކާމިޔާބާ ގުޅިފައިވާ ހުރިހާ ވެސް ސިއްރަކީ މި ސްކޫލުގެ ހިތްވަރުގަދަ ޚިދުމަތްތެރިންގެ ޓީމުން ކުރާ މިންނެތް ބުރަ މަސައްކަތް. މި ސްކޫލްގެ ލޮބުވެތި ދަރިވަރުން ކިޔަމަންތެރިކަމާ އެކު ނުގުޑާ ފަދަ ޢަޒުމެއްގައި އެންމެ ރަނގަޅު، އެންމެ މޮޅު ނަތީޖާއަށް ވާސިލްވާން ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތް. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކާމިޔާބީގެ ސިއްރު ކަމުގައިވާ މަސައްކަތަކީ މި ސްކޫލްގެ ޢިއްޒަތްތެރި ޕްރިންސިޕަލް މުހައްމަދު ރަޝީދުން ފެށިގެން ދަރިވަރުންނާއި، ބެލެނިވެރިންނާއި ސްކޫލްގެ ކޮންމެ މުވައްޒަފަކު ވެސް އެކަމުގައި ޝާމިލްވާ ކަމެއް". ވަޖީހު ސަރ ލިޔުއްވާފައިވެއެވެ. "މި ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަކީ އަޙްމަދިއްޔާ މިއަދު މި ދެކޭ އަރުތައަށް  ވާސިލް ކޮށްދެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި މިއަދު ވެސް އަދާކުރައްވަމުން ގެންދަވާ ހަރުދަނާ ހިންގުންތެރި ބޭފުޅެއް. ސްކޫލް ހިންގުމަށް ރަނގަޅު ޓީމެއް ބިނާކޮށް، ދުވަހުން ދުވަހަށް ސްކޫލްގެ ކަންކަން ބައްލަވައި ކިޔަވައިދިނުމުގެ ކަންކަން ވީހާ ވެސް ރަނގަޅަށް ގެންދަވަން، ދެއްވަންޖެހޭ އިރުޝާދާއި ލަފާ ކޮންމެ ދުވަހަކުހެން އެމަނިކުފާނު ދެއްވަމުން ގެންދަވާކަމީ މިއަދު އަޙްމަދިއްޔާ މިދެކޭ ކާމިޔާބުގެ ސިއްރޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ".

2020 ވަނަ އަހަރުގެ ސްކޫލްގެ އަހަރީ ދުވަހުގެ ޚާޢްޞަ އެސެމްބްލީގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވާހަކަފުޅު ދައްކަވަނީ. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މި ދެންނެވި ބަހުގެ ތެދުކަން މިވީ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑަށް ވަނީ ޔަގީންކުރެވިފައެވެ. ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ޙިކުމަތު ޢަމަލީގެ ދަށުން މަސައްކަތްކުރައްވާ ސީނިއަރ މެނޭޖްމަންޓުގެ ޓީމާއި، މުދައްރިސުންނާއި އެހެނިހެން ސްޓާފުންގެ ފަރާތުން ވެސް ފެންނަނީ މި ސްކޫލްގެ ކާމިޔާބީ ދެމެހެއްޓުމަށް އަތުކުރި އޮޅާލާފައިވާ ތަނެވެ. ދައްކަމުން ދަނީ ގަދަ ހިއްވަރާއި ފަންވަރެވެ. ތެދެކެވެ. ޓީމް އަޙްމަދިއްޔާ އަކީ އެއް ޓީމެއްގެ ގޮތުގައި ފެންނާން އޮތް ބަދަހި، އަދި އެހާމެ ވަރުގަދަ ޓީމެކެވެ. މި ޓީމަށް އެހީތެރިވެދެއްވުމުގައި ފޫހިކަމެއް ވަރުބަލިކަމެއް ނެތި ދެމިތިއްބަވާ ބެލެނިވެރިންނަކީ ވެސް ލާމަސީލު ބައެކެވެ. ޕްރިންސިޕަލް ވިދާޅުވާ ގޮތުން ނަމަ. "ސްކޫލުން ގޮވާލި ކޮންމެ ކަމެއްގައި ބެލެނިވެރިން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމާއި ޚިޔާލާއި މަޝްވަރާ އަކީ ޓީމް އަޙްމަދިއްޔާ އެހާ ވަރުގަދަ އަޒުމާ ހިތްވަރާއެކު، ވަރުބަލިކަމެއް ނެތި އޮތުމުގެ ސިއްރެވެ. އަޙްމަދިއްޔާގެ ނަން ފަނޑުވުމެއް ނެތި އެންމެ އުހުގައި ފިޔަޖަހަމުންދާ ސަބަބު ވެސްމެއެވެ. މައްޗަންގޮޅީ އަވަށު މަދަރުސާގެ ގޮތުގައި ފެށި އަޙްމަދިއްޔާ މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިބޯއްޓާ ހަމައަށް ވާޞިލްވެފައިވުމުގެ މައިގަނޑު އެއް ސަބަބެވެ".

އަޅުގަނޑު އެންމެ ހައިރާންވީ އެއްފުރާޅެއްގެ ދަށުގައި، އެއް ހިޔާވައްސަކުން ޕްރީ ސްކޫލް، ޕްރައިމަރީ، ސާނަވީ އަދި މަތީ ސާނަވީ، މި 4 މަރުޙަލާއަށް މި ސްކޫލުގައި ކިޔަވައިދެމުން ދިއުމެއް ނޫނެވެ. މި ހުރިހާ މަރުޙަލާތަކަށް  ކިޔަވައިދެމުންދާ އިރު ވެސް މި ހުރިހާ މަރުހަލާއެއް ވަކިވަކިން ހިންގަމުން ގެންދާ ފުރިހަމަ ކަމެވެ. މީގެ އިތުރުން މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް 19 އާލަމީ ވަބާއާ އެކު ވެސް މި ޓީމުން ގަދަހިތްވަރާއެކު ނުގުޑާފަދަ އަޒުމެއްގައި މި ސްކޫލުގެ ކާމިޔާބީގެ ޗޭނަށް ފަޚުރުވެރިކަމާއެކު އާ ބޮޅުތަކެއް އިތުރުކުރުމަށް މަސައްކަތްކުރަމުން ދިޔަ ގޮތް ފެނި ހައިރާންވެ އަންތަރީސްވިއެވެ.

އަޅުގަނޑަށް އަބަދުވެސް ބޭރުތެރެއިން އަޑުއިވެނީ އަޙްމަދިއްޔާ ސްކޫލުން އަޚްލާގީ ރީތި ސިފަތައް އަށަގެންނެވުމަށް ކުރަމުންދާ އަޑެވެ. އެތެރެއިން ވެސް އިވެނީ އަޙްމަދިއްޔާގެ ޖޯޝުން ހިތްވަރު ނެރެ، ވިންދެއް ހުރިއްޔާ ފަންނާ އިލްމުން ޒީނަތްތެރިވާން ހިތްވަރުކުރުމަށް މި ސްކޫލުން ގޮވަމުންދާ ގޮވުމުގެ އަޑެވެ.

އަޅުގަނޑު ޔަގީންކުރަނީ އަޅުގަނޑުގެ ލޮލުން އަޙްމަދިއްޔާއަށް ބެލި އެންމެނަށް ވެސް ކުރިން ނުފެންނަ ކިތަންމެ ރީތި މަންޒަރެއް، ކުރިން ނުފެންނަ ކިތަންމެ ހެވެއް ފެނުނުކަމަށެވެ. އަޙްމަދިއްޔާއަށް ހިބައިން ދެވިފައިވާ އަޅުގަނޑުގެ ހިތުގެ ގޮވުމަކީ އަޙްމަދިއްޔާގެ ވެސް ހިތުގެ ގޮވުމެވެ. އަޙްމަދިއްޔާގެ ރޫޙުންދޭ އުއްމީދުގައި ކުލަޖައްސަން އެކިކަންކޮޅުތަކުން އައިސް މި ތިބި ލޮބުވެތި ދަރިވަރުންނަކީ ދިވެހި ގައުމަށްޓަކާ މޮޅު ދަރިންނަށް ވެގެން، ރިވެތި ޚުލްގުން ހިތާ ނަފްސު ފޭރާންވެގެން، މާތްވި އިސްލާމް ދީން ދިއްލާ ސީދާ މަގުން ހިނގާ ދަރިންނަށްވުމެވެ. އަޅުގަނޑުމެންގެ މި އަހުރަވެތި ދިވެހި ފަސްގަނޑަށްޓަކައި ކެރިގެން ޖާނުދޭން ތައްޔާރަށް ތިބޭ  ދަރިންތަކަކަށް ވުމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ލިޔުމެއް.
    ޝައުގުވެރިކަމާއެކު ކިޔާހިތުން ކިޔާލެވުނު ލިޔުމެއް..ވަރަށް ފުރިހަމަ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *