الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ﷲ سبحانه وتعالى އަށް އަޅުކަންކުރެވޭ ގޮތްތަކުގެ ތެރެއިން އެންމެ މަތިވެރި އެއްގޮތަކީ ނަމާދެވެ. ފަރުޟު ނަމާދުތައް އެނަމާދުތަކަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތުގައި ކުރުމަކީ، އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެވެ. ބުޚާރީ އާއި މުސްލިމް އެދެބޭފުޅުންގެ ފޮތް ޞަޙީޙްގައި ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ޢަބްދުﷲ ބުން ޢައްބާސް رضي الله عنه ސުވާލުކުރެއްވިއެވެ: ((أَيُّ الْأَعْمَالِ أَحَبُّ إِلَى اللهِ؟)) "ޢަމަލުތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟" ރަސޫލާ ޙަދީޘްކުރެއްވިއެވެ: ((الصَّلَاةُ عَلَى وَقْتِهَا)) މާނައީ: [ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.] މިއީ ފަރުޟު ނަމާދުތަކެވެ. ފަސް ވަގުތެއް ކަނޑައެޅިފައިވާ ފަސް ނަމާދެވެ. އެއީ ފަރުޟު ފަސްނަމާދެވެ. މީގެ އިތުރުން ނަމާދުގެ ތެރޭގައި، ދީނުގައި ޝަރުޢުކުރެވިފައިވާ ސަބަބެއް މެދުވެރިވެގެން ކުރެވޭ ނަމާދުތަކާއި ސުންނަތް ނަމާދުގެ ގޮތުގައި އަދާކުރެވޭ ނަމާދުތައް ހިމެނެއެވެ. ސަބަބެއް މެދުވެރިވެގެން ކުރެވޭ ނަމާދުތަކުގެ މިސާލުގެ ތެރޭގައި މިސްކިތަށް ވަދެ އިށީނުމުގެ ކުރިން ކުރެވޭ ދެރަކްޢަތް ނަމާދާއި، ޠަވާފުކޮށް އަވަދިވުމުން ކުރެވޭ ދެރަކްޢަތް ނަމާދާއި ޖަނާޒާ ނަމާދާއި (ކަށުނަމާދު) ވުޟޫ ކޮށްގެން ކުރާ ނަމާދާއި ކޭތަ ނަމާދާއި އިސްތިޚާރާ ނަމާދާއި އިސްތިސްޤާ ނަމާދު ހިމެނެއެވެ. އަދި ސުންނަތް ނަމާދުތަކޭ މިބުނެވޭ ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތަކާއި (ފަރުޟު ނަމާދުތަކާއި ގުޅުވައިގެން، ދެރަކްޢަތުން ސަލާންދީގެން ކުރެވޭ ނަމާދުތަކާއި) ވިތުރި ނަމާދާއި ދަމުނަމާދާއި ޟުޙާ ނަމާދާއި އަދި ހަމަ ބޭނުން ކޮންމެ ވަގުތެއްގައި ވެސް ސަވާބު ހޯދުމުގެ ނިޔަތުގައި ކޮށްލާ ދެރަކްޢަތުގެ ސުންނަތް ނަމާދުތައް ހިމެނެއެވެ. މިނަމާދުތަކުގެ ތެރެއިން ބައެއް ނަމާދު ކުރުން ޙަރާމްކަމަށް ހުރިހައި ޢިލްމުވެރިން އިއްތިފާޤުވާ ވަގުތުތަކަކާއި، އެވަގުތެއްގައި ބައެއް ނަމާދުކުރުން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ވަގުތުތައް ވެސް ހިމެނެއެވެ. އެންމެހައި ޢިލްމުވެރިން އެވަގުތުތަކެއްގައި ނަމާދުކުރުން ޙަރާމްކަމަށް އިއްތިފާޤުވެފައިވާ ވަގުތުތައް ދަންނައެވެ. އެއީ ތިން ވަގުތެކެވެ. އެއްވަގުތަކީ އިރުއަރާ ވަގުތެވެ. ދެވަނައީ މެންދުރުގެ އިރު އުޑު މެދުޖެހޭ ވަގުތެވެ. ތިންވަނައީ އިރުއޮއްސޭ ވަގުތެވެ. ބުޚާރީގައިވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ: ((لَا تَحَرَّوْا بصَلَاتِكُمْ طُلُوعَ الشَّمْسِ ولَا غُرُوبَه)) މާނައީ: [ތިޔަބައިމީހުންގެ މީހަކު އިރުއަރާ ގަޑީގަޔާއި އިރު އޮއްސޭގަނޑީގައި ނަމާދު ކުރަން ގަސްދުކޮށްގެން ނަމާދު ނުކުރާށެވެ.] އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ޞަޙާބީ ޢުޤްބަތު ބުން ޢާމިރު އަލްޖުހަނީ رَضِيَ اللهُ عنه ވިދާޅުވިއެވެ: ((ثَلَاثُ سَاعَاتٍ كَانَ رَسولُ اللهِ صلَّى اللهُ عليه وسلَّم يَنْهَانَا أَنْ نُصَلِّيَ فِيهِنَّ، أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا: حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ، وَحِينَ يَقُومُ قائمُ الظهيرةِ حَتَّى تَمِيلَ الشَّمْسُ، وَحِينَ تَضيَّفُ الشَّمْسُ للغُرُوبِ حَتَّى تَغْرُبَ)) މާނައީ: [ތިން ވަގުތެއް، އެވަގުތުތަކުގައި އަހަރެމެން ނަމާދުކުރުން ނުވަތަ އެވަގުތުތަކުގައި މައްޔިތާ ވަޅުލުން ﷲ ގެ ރަސޫލާ صلى الله عليه وسلم މަނާކުރެއްވިއެވެ. އިރުއެއްކޮށް އެރުމުގެ ކުރިން އިރު އަރަމުންދާ ވަގުތުގައްޔާއި، މެންދުރުގެ ވަގުތު އިރު މެދުޖެހި އިރު އެމަޤާމުން ވީއްލި އަރިއަކަށް ޖެހިލުމުގެ ކުރިން އިރު މެދު ޖެހޭ ވަގުތުގައްޔާއި، އިރު އޮއްސުމަށް އިރު ލެނބިލައިގެ ގޮސް އިރުއެއްކޮށް އޮއްސުމުގެ ކުރިން އިރުއޮއްސޭ ވަގުތުގައެވެ.]
އިބްނު މާޖާ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރެއްވި ޙަދީޘެއްގައި މިވަގުތު ތަކުގައި ނަމާދު ނުކުރަންވީ ސަބަބު ބަޔާންވެގެން ދެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إنَّ الشَّمْسَ تَطْلُعُ بَيْنَ قَرْنَيْ الشَّيْطَانِ، فَإِذَا ارْتَفَعَتْ فَارَقَهَا، فَإِذَا كَانَتْ فِي وَسَطِ السَّمَاءِ قَارَنَـهَا، فَإِذَا زَالَتْ فَارَقَهَا، فَإِذَا دَنَتْ لِلْغُرُوبِ قَارَنـَهَا، فَإِذَا غَرَبَتْ فَارَقَهَا، فَلَا تُصَلُّوا هَذِهِ السَّاعَاتِ الثَّلَاثِ)) މާނައީ: [ހަމަކަށަވަރުންވެސް އިރު އަރަނީ ޝައިޠާނާގެ ދެދަޅުގެ ދެމެދުންނެވެ. އިރުއެރުމުން އޭތި އެއިރާ ދުރަށްދެއެވެ. އަދި އެއިރު އުޑުގެ މެދުޖެހޭ ހިނދު އޭތި އެއިރާ ގުޅެއެވެ. އަދި އިރުމެދުން ވީއްލުމުން ދުރުވެ ވަކިވެއެވެ. އަދި އެއިރު އޮއްސުމަށް ގާތްވެއްޖެ ހިނދު އޭތި އެއިރާ ގުޅެއެވެ. އަދި އިރުއޮއްސުމުން އޭތި އިރާއި ދުރުވެ ވަކިވެއެވެ. ވީމާ ތިޔަބައިމީހުން މިތިން ވަގުތުގައި ނަމާދު ނުކުރާހުށިކަމެވެ.] ވީމާ ހަމަގަސްދުގައި އެވަގުތުގައި ކުރުމަށް ނިޔަތްގަނެގެން އެދެވަގުތުގައި ފަރުޟު ނަމާދެއްވެސް އަދި ސުންނަތް ނަމާދެއްވެސް ކުރުން އެއީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެކެވެ. ނަމަވެސް އެނޫން ގޮތަކަށް ފަރުޟު ނަމާދެއް އެޅިއްޖެނަމަ އެވަގުތުގައިވެސް އެފަރުޟު ނަމާދެއް އަވަހަށް އަދާކޮށް ފުރިހަމަ ކުރަންޖެހެއެވެ. އެއީ ޝައިޠާނާގެ މިޙަރަކާތްތައް އެގަޑިތަކުގައި އެބުނެވިދިޔަ ގޮތުގައި ހުރިނަމަވެސް، ފަރުޟު ނަމާދުގެ ކުޑަމިންވަރެއް ނަމަވެސް އޭގެ ވަގުތުގައި ހޯދައިގަނެގެންވެސް އެނަމާދެއް ކުރުމުގެ މުހިންމު ކަމުގެ ސަބަބުންނެވެ. މިއެންމެހައި ނަމާދުތަކުގެ ތެރެއިން ފަރުޟުނަމާދުތަކަކީ އެއިން ކޮންމެ ފަރުޟު ނަމާދެއްގެ ވަގުތު ފެށޭ ގަޑިއަކާއި ނިމޭ ގަޑިއެއް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަމަލެކެވެ. ވީމާ އެޢަމަލު ކަނޑައެޅިފައިވާ ވަގުތުގައި ކޮށް ފުރިހަމަ ކުރަންޖެހޭނެއެވެ. ހަނދާންނެތިގެން ނުވަތަ ނިދިގެން ނޫން ގޮތަކަށް އެވަގުތު ފާއިތުވެގެން ދަންދެން އެނަމާދެއް ނުކޮށް މަޑުކޮށްފިނަމަ، އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށް އެމީހަކު އަރައިގަތީއެވެ. އެއީ ނަމާދު އެޅުމެވެ. ނަމާދު އެޅުމަކީ ކަނޑައެޅިފައިވާ ވަގުތު ނިމިގެން ދާއިރުވެސް އެނަމާދެއް ނުކޮށް ހުރުމެވެ. ވީމާ ނަމާދުކުރުން މަނާ ވަގުތުތަކެއް ކަނޑައެޅިފައިވާއިރު އެމަނާ ގަޑިތަކުގައިވެސް މިއިން ފަރުޟު ނަމާދެއް ނުކޮށް ހުންނަމީހަކު އެފަރުޟު ނަމާދެއް ކުރަންޖެހޭނެއެވެ. މިބުނެވިދިޔަ ނަމާދުކުރުން ޙަރާމްކަމަށް ކަނޑައެޅިފައިވާ ވަގުތުގައިވެސް ފަރުޟު ނަމާދު އަދާކޮށް ފުރިހަމަ ކުރަންޖެހެއެވެ. އެކަން އެނގިގެންދަނީ ބުޚާރީ އަދި މުސްލިމް އެދެބޭފުޅުންގެ ޞަޙީޙް ގައި ރިވާކުރެއްވި ޙަދީޘުންނެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((مَن أدْرَكَ مِنَ العَصْرِ رَكْعَةً قَبْلَ أنْ تَغْرُبَ الشَّمْسُ، فقَدْ أدْرَكَ، ومَن أدْرَكَ مِنَ الفَجْرِ رَكْعَةً قَبْلَ أنْ تَطْلُعَ الشَّمْسُ فقَدْ أدْرَكَ)) މާނައީ: [ޢަޞްރު ނަމާދުގެ ރަކްޢަތެއްވެސް އިރު އޮއްސުމުގެ ކުރިން އަތުވެއްޖެ މީހާއަށް އެޢަޞްރުނަމާދު (އޭގެ ވަގުތުގައި) ކުރެވިއްޖެކަން ކަށަވަރެވެ. އަދި ފަތިސް ނަމާދުގެ ރަކްޢަތެއްވެސް އިރު އެރުމުގެ ކުރިން އަތުވެއްޖެ މީހާއަށް އެފަތިސް ނަމާދު (އޭގެ ވަގުތުގައި) ކުރެވިއްޖެކަން ކަށަވަރެވެ.] މިޙަދީޘަށް ނަޒަރު ހިންގާލާއިރު ވިސްނިގެންދަނީ، އިރުއޮއްސޭ ގަޑިއާއި އިރުއަރާ ގަޑިއަށް ސީދާ ގަސްދުކޮށްގެން ނޫން ގޮތަކަށް، އެގަޑީގައި ނަމާދު ކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެއްޖެމީހާ، އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ހަތަރު ރަކްޢަތުން އެންމެ ރަކްޢަތެއްވެސް ކުރެވިއްޖެ ނަމަ އެމީހަކު ޢަޞްރުގެ ވަގުތުގައި އެނަމާދު އަދާކުރިކަމަށް ލިޔުއްވޭނޭ ކަމެވެ. އެއްގޮތަކަށްވެސް އޭގެ މާނައަކީ ޢަޞްރުގެ އެންމެ ރަކްޢަތެއް ކޮށްފައި ހުއްޓާލާ ވާހަކައެއް ނޫންކަން ޔަޤީން ކަށަވަރެވެ. ނަމަވެސް އޭގެ މާނައަކީ ޢަޞްރު ނަމާދުގެ ބާކީ އޮތް ތިން ރަކްޢަތް އެމީހަކު ކުރާނީ އިރު އޮއްސޭ ފަހުން ކަމެވެ. އަދި އެއީ ނަމާދުކުރުން ޙަރާމް ވަގުތުގެ ތެރޭގައި ކުރެވިގެންދާނޭ ތިން ރަކްޢަތެވެ. އެއާ އެކުވެސް އެނަބިއްޔާ އެވަނީ އެނަމާދު ކުރުމަށް ބާރުއަޅުއްވާފައެވެ. ހަމައެފަދައިން ފަތިސް ނަމާދުގައިވެސް އެފަދަ ޙާލަތެއް މެދުވެރިވެއްޖެ މީހާއަށް ފަތިސް ނަމާދުގެ ފުރަތަމަ ރަކްޢަތް އިރުއެރުމުގެ ކުރިން ކުރެވުނު ކަމުގައި ވީނަމަވެސް ދެވަނަ ރަކްޢަތް ކުރެވޭނީ އިރުއަރަމުން ދާ ޙަރާމް ގަޑީގައެވެ. ވީމާ ފަރުޟު ނަމާދުތައް މިޙަރާމް ގަޑިތަކުގައި ކުރަންޖެހިއްޖެ ޙާލަތެއް މެދުވެރި ވެއްޖެ ނަމަވެސް އެކަން ކުރަން އޮތުމުން، އެނގިގެންދަނީ މިމަނާކަން ނިސްބަތް ކުރެވެނީ ދެން ހުރި ނަމާދުތަކަށް ކަމުގައެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)