އަޙްމަދިއްޔާގެ ތާރީޚްގައި މިހާތަނަށް އެންމެރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަކީ، އެންމެ ފަހުން މިސްކޫލްގެ އޯލެވެލް އިމްތިހާންގައި ބައިވެރިވި ދަރިވަރުން ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ޕްރިންސިޕަލް މިހެންވިދާޅުވީ 2021 ވަނައަހަރުގެ އަޙްމަދިއްޔާގެ ސާނަވީތަޢުލީމް ނިންމި ދަރިވަރުންނަށްރޭ ބޭއްވި ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޙްމަދިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާލާކަމަށް ވަންޏާ ވޭތުވެދިޔަ އޯލެވެލް އިމްތިހާންގައިބައިވެރިވި ދަރިވަރުން ވަނީވަރަށް ކުލަގަދަ ވަރަށް ފުރިހަމަ ނަތީޖާ ތަކެއްހާޞިލްކޮށްފައި. އަޙްމަދިއްޔާގެ ތާރީޚްގައި އޯލެވެލް އިމްތިހާނެއްގައި އެންމެރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ގޮތުގައި ތިޔަކުދިންނަށް އެޝަރަފްގެ ތާޖު މިހާރު އެބަ އެޅުވޭ. އެހެންވީމާ ޕްރިންސިޕަލްގެ ހައިސިއްޔަތުންނާއި ސްކޫލްގެ ސީނިއަރ މެނޭޖްމެންޓާއި އަދިސްކޫލްގެ ކިޔަވައިދެއްވި ގްރޭޑް 10ގެ ހުރިހާ ޓީޗަރުންގެ ނަމުގައި ތިޔަ ހުރިހާ ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައި ދަރިވަރުންނަށް ދެއްވަން ބޭނުންފުޅުވި ނަސޭހަތެއްގެ ގޮތުގައި ވިދާޅުވީ ސާނަވީ ތަޢުލީމް ނިންމާފައި އެހާ ހިސާބުން ކިޔެވުން ހުއްޓާނުލާކުރިއަށް ގެންދިއުމަށާއި، ދެވަނަ މަރުހަލާގައި މަތީސާނަވީ ގައިވެސް ތައުލީމް ޙާޞިލްކޮށްގެން އެ މަރުހަލާގައިވެސް އެކަށީގެންވާ ކަހަލަ ކުލަގަދަ ނަތީޖާ ތަކެއް ހޯދައިދިނުމަށެވެ. ދަރިވަރުންގެ މުސްތަގުބަލްއޮތީ ކިޔަވައިގެން ރަނގަޅުނަތީޖާއެއް ހޯދައިގެންކަމާއި، ރާއްޖޭގައި އިންސާނީ ވަސީލަތްކުރިއަރުވަން ސަރުކާރުންވެސް ވަރަށް ގިނަމަސައްކަތް ތަކެއްއެބަ ކުރައްވާކަމާއި އެކި ދާއިރާތަކުން މަތީތަޢުލީމް ހާޞިލްކުރަން ދަރިވަރުންނަށް ފުރުޞަތު ލިބިގެންދާނީވެސް މަތީސާނަވީގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިގެންކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

"ސަރުކާރުގެ ހިލޭ ސްކޮލަރޝިޕް މަތީ ސާނަވީން އެންމެރަނގަޅުނަތީޖާ ހޯދާ ކުދިންނަށް ސަރުކާރުން ދެއްވާ. ޚާއްޞަގޮތެއްގައި 5 މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަޝިޕްގެ ދަށުން އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ބޭނުންވާ ގައުމަކުން ކުރިއަށް ދިއުމުގެ ފުރުޞަތުވެސް އޮތީ ސަރުކާރުން ހުޅުވާލައްވާފައި. މީތިޔަކުދިންނަށް ލިބޭ ރަނުގެ ފުރުޞަތެއް. އެހެންކަމުން މަތީސާނަވީއަށް ކިޔެވުމަށް ހުރިހާ ކުދިންވެސް އަޒުމްކަނޑައެޅުމަކީ، މިރޭ ތިޔަކުދިންނަށް ޕްރިންސިޕަލް ކުރާ އިލްތިމާސެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅުގައި، އަޙްމަދިއްޔާއަކީވެސް މަތީސާނަވީއަށް ކިޔަވައިދޭ ސްކޫލެއްކަމާއި މިހާރުވެސް މިސްކޫލްގައި ގާތްގަނޑަކަށް ފަސް ސަތޭކައެއްހާ ދަރިވަރުން މަތީސާނަވީއަށް ކިޔަވާ ކަމަށްވިދާޅުވިއެވެ. ސާނަވީ ނިންމާ ދަރިވަރުންނަށް އަބަދުވެސް މަތީސާނަވީއަށް މަރުހަބާ ކިޔާނެކަމާއި ޕްރިންސިޕަލްގެ އުއްމީދަކީ މިސްކޫލުން އޯލެވެލްއިމްތިހާން ނިންމި ގިނަ ދަރިވަރުން އަޙްމަދިއްޔާގެ މަތީސާނަވީ އިން ފެނިގެންދިއުންކަމަށް ވިދާޅުވިއެވެ. ޕްރިންސިޕަލްގެ ވާހަކަފުޅު ނިންމާލެއްވީ، މިކަހަލަ ރަނގަޅު ނަތީޖާތަކެއް އިމްތިހާނުން ހޯއްދަވައިދެއްވި އެންމެހާ ޓީޗަރުންނަށް ޕްރިންސިޕަލްގެ ހައިސިއްޔަތުން މަރުހަބާއާއި ޝުކުރު ދަންނަވަމުންނެވެ.