އާނިކާ ނުވަތަ ސްޕީޑު ދައްތައަކީ މިހާރު ގިނަކިޔުންތެރިންނަށް އެނގިފައިވާ ފަރާތެކެވެ. އެގޮތުން މިފަހަރުވެސް މިގެނެސްދެނީ ސްޕީޑު ދައްތަގެ ހަޔާތުގައި ހިނގާފައިވާ އާދަޔާ ޚިލާފު ކަންތައް ތަކުގެތެރެއިން ކަމެއްގެ ވާހަކައެކެވެ. ސްޕީޑު ދައްތައަކީ މީހުންނަށް ހެޔޮވެގެންވެސް ހައްދުފަހަނައަޅާ ހިސާބަށް ގޮސްފައިވާ މީހެކެވެ. މީހަކު ކިތައްމެ ބޮޑުކަމަކު ބުންޏަސް މިހާތަނަށް ނުކޮށްދީ ނުވެއެވެ. ކޮންމެތާކު ހުރި މީހަކު ވިޔަސް ވަރިހަމައެވެ. އެކަން އެހެންވަނީ ސްޕީޑު ދައްތައާއި އޮންނަ ގާތްކަމެއްގެ ސަބަބުންނެވެ.
މި ފަހަކުން ސްޕީޑު ދައްތަވަނީ ސައިކަލް ދުއްވަން ދަސްކޮށް ލައިސަންސް ވެސް ނަގާފައެވެ. އެއީވެސް ރައްޓެހިންނަށާއި އާއިލާ މީހުން ބުނާކަންތައްތައް ކޮށްލަދޭން ފަސޭހައަކަށެވެ. ގޭދޮށުގައި އުޅޭ ބަންގާޅި ކުދިންގެ ރަށަށް ޑޮލަރު ފޮނުވައިދީ ހަދަނީވެސް ސްޕީޑު ދައްތައެވެ. ފިރިމީހާ ވަޒީފާއަދާކުރާ ރިސޯޓުގައި އުޅޭ ކުދިންގެ ކަންކަން ވެސް ކޮށްލަދީ އުޅެއެވެ. އެކުދިންގެ އާއިލާ ތަކަށް އެއްޗެއް ފޮނުވަންޖެހުނަސް މިކަން ކުރަނީ ސްޕީޑު ދައްތައެވެ. އެހެންވެ ސްޕީޑު ދައްތަގެ މުޅި ދުވަސް އޮންނާނީ ވަރަށް އަވަދިނެތިއެވެ. އަމިއްލަ މަސައްކަތަށް ވުރެ އިސްކަންދީ ހަދަނީ ރައްޓެހިންނާއި އާއިލާގެ މީހުންގެ ކަންތައްތަކަށެވެ.
ފިރިމީހާ ރިސޯޓުގައި އުޅޭ ކުއްޖަކު ބޭރުން ގެންނަ އެއްޗެހި އާންމުކޮށް ޕޯސްޓުން ނަގައިދީ ހަދަނީ ސްޕީޑުދައްތައެވެ. އަދި އެ އެއްޗެއް ފޮނުވަންވާ ތާކަށް ފޮނުވައިދިނުމަކީ ވެސް ސްޕީޑު ދައްތަގެ ޒިންމާއަކަށް ވަނީވެފައެވެ. އެއްދުވަހަކު ފިރިމީހާ އުޅޭ ރިސޯޓު ކުއްޖަކު ގުޅާފައި ބުނީ ޕޯސްޓުން އެއްޗެއް ނަގައިދިނުމަށެވެ. އެހެންކަމުން އެ ދުވަހުގެ އެންމެ މުހިންމު ކަމަކަށް އޮތީ ޕޯސްޓުއޮފީހަށް ދިއުމެވެ. އެތަނަށް ގޮސްގޮސް އެތާގައި އުޅޭކުދިން ވެސް ވަރަށް ރައްޓެހިވެއްޖެއެވެ. ކޮންމެއަކަސް އެ ބުނާއެއްޗެއް ބަލައި ޕޯސްޓުއޮފީހަށް ހިނގައްޖެއެވެ. މާގިނައިރުތަކެއް ނުވެ ވަރަށް ބޮޑު ސިންގާ ޕާރުސަލެއް ދީފިއެވެ. އެހާބޮޑު ޕާރުސަލެއް ވީމައި އޭގެ އެތެރެ ބަލާ ޗެކުކުރަން އެފަރާތުން އެދުމުން ސްޕީޑުދައްތަ ޕާރުސަލް އެތާ ހުރި މޭޒެއްގެ މަތީގައި ބަހައްޓައިފިއެވެ. އެ ތަނުގެ މުވައްޒަފަކު ބޮޑު ކަޓަރެއް ހިފައިގެން އައިސް ޕާރުސަލްގެ އެތެރެ ޗެކުކުރުމަށް ޕާރުސަލް ކަޑާލިއެވެ. ޕާރުސަލް ތެރޭގައި ހުރީ ވޯކްޝޮޕެއްގައި މަސައްކަތް ކުރުމަށްޓަކައި ގެންގުޅޭ ޒާތުގެ އާލާތްތަކެކެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޕާރުސަލް ކުރިންވެސް ހުރިގޮތަށް ބަންދުކޮށްލާފައި ސްޕީޑުދައްތަގެ އަތަށްދީފިއެވެ. ސްޕީޑުދައްތަވެސް މާގިނައިރެއް ނުކޮށް އެތަނުން ނިކުމެއްޖެއެވެ. ސައިކަލަށް އަރާ މިސްރާބުޖެހީ ގެއަށް ދިއުމަށެވެ.
ގެއަށް ދިޔަ މަގުމަތީގައި ކާއެއްޗެހި ވިއްކާ ތާކަށްވަދެ، އެތަނުން ދެ ވައްތަރެއްގެ ރިހައެއް ގަނެގެން ގެންދިޔައެވެ. އެއީ ދަރިފުޅު ސްކޫލުން ނިމެންވާއިރަށް ކައްކާލެވޭނީ ބަތްކޮޅު އެކަނި ކަމަށްވާތީ އެއާއި ލައިގެން ކާނެއެއްޗެއް ނުހުންނާނެތީއެވެ. ގެއަށް ވަދެ މޭޒުމަތީގައި ޕާރުސަލް ބަހައްޓާފައި އަވަސްވެގަތީ ދަރިފުޅު އަންނަންވާއިރަށް ބަތްކޮޅެއް ކައްކާށެވެ. ބަތްކޮޅު ކައްކަން ކުކަރަށް ލާފައި ސްކޫލުދޮށަށް ދާން ތައްޔާރުވާން ވަނީ ފާޚާނާއަށެވެ. ވިއްސަކަށް މިނިޓުތެރޭގައި ތައްޔާރުވެލައިގެން ނިކުތީ ސްކޫލުދޮށަށް ދާށެވެ. ސައިކަލަށް އަރައަރައި ހުއްޓައި ދިމާވީ ކުރީގެ ރައްޓެއްސަކާއެވެ. ނަމަވެސް ގަޑިޖެހޭތީ ވަގުތެއް ނެތްކަމަށް ބުނެ އެތާގައި މަޑުކުރަން ބުނެފައި ހިގައްޖެއެވެ. ދިޔަތާ މާގިނައިރެއްނުވެ، ދަރިފުޅު ގޮވައިގެން ސްޕީޑު ދައްތަ އަތުވެއްޖެއެވެ.
އެއްކަލަ ރަހުމަތްތެރިޔާ ހަމަ އެހުރިތާގައި ސްޕީޑުދައްތަގެ އިންތިޒާރުގައި ހުއްޓެވެ. އެހެންކަމުން ރަހުމަތްތެރިޔާ ގޮވައިގެން ގެއަށް ވަދެ، ގޮޑިއެއްގައި އިށީންނަން ބުންޏެވެ. މޭޒުމަތީގައި ބާއްވާފައި އޮތް ޕާރުސަލް ދަރިފުޅުގެ ލޮލުގައި އެ ވަގުތު އަޅައިގަތެވެ. "މަންމާ! މީ ކޮން ޕާރުސަލެއްތަ؟ " އެހެން ބުނުމާއެކު އެދިމާއަށް ސްޕީޑު ދައްތަގެ ނަޒަރު ހުއްޓިއްޖެއެވެ. ޕާރުސަލަށް ވުރެ ބޮޑަށް ސްޕީޑު ދައްތަގެ ލޮލުގައި އަޅައިގަތީ ޕާރުސަލް ކައިރީގައި އޮތް ބޮޑު ކަޓަރަށެވެ. އަސްތާ! " ދަރިފުޅާ! މަންމައަށް މިއާދެވުނީ ޕޯސްޓުއޮފީހުގައި އެމީހުން ގެންގުޅުނު ކަޓަރު ހިފައިގެންނެވެ. އެވަގުތު ފޯނެއް އައުމުން އަވަސް ކޮށްލައިފައި ޕާރުސަލް ނަގައިފައި ރަހުމަތްތެރިޔާ ގާތު ބުނީ އެ ޕާރުސަލްގެ ވެރިފަރާތުގެ ރަށަށް ފޮނުވައި ދިނުމަށް އެދުނު ވާހަކައެވެ.
ރަހުމަތްތެރިޔާ ވެސް ސްޕީޑު ދައްތައާއިއެކު އެ ޕާރުސަލް ބޯޓަށް ލާން ހިނގައްޖެއެވެ. ބަނދަރުމަތީގައި އެކިއެކި ރަށްރަށުން އައިސް އޮތް ބޯޓުތައް މާލޭގެ ފަޅުތެރޭގައި އަޅާފައި ހުއްޓެވެ. އެ ތަނުގައި ހުރި ބޯޓުތަކުން "ވީނަސް" ކިޔާ ބޯޓަކަށް ޕާރުސަލް ލާފައި އައިސް ސައިކަލަށް އަރަމުން ރަހުމަތްތެރިޔާ ގާތުގައި ބުނީ މިހާރު މިބޯޓު ހާދަ ބާ ވެއްޖެއެވެ. މި ފަހަކުން ވެސް އެ ރަށަށް ޕާރުސަލެއް ފޮނުވި ވާހަކައެވެ. ހަމަގައިމުވެސް އޭރު މި ބޯޓެއް އެހާ ބަލެއް ނޫނެވެ. މިހާރު ހާދަހާ އޭ ބާވެފައި މިއޮތީ! ރަހުމަތްތެރިޔާ އެއްޗެއް ހަނދާން ވެގެން އަހާލާހެން ސްޕީޑު ދައްތަ ގާތުގައި އަހައިފިއެވެ. "އަނެއްކާ ހަމަ ތިޔަ ޕާރުސަލް ލާފައި ތިޔަ އައީ ރަނގަޅު ބޯޓަށްތަ؟" ހަމަ ވަގުތުން ސްޕީޑުދައްތަ އެ ބޯޓު އޮތް ދިމާއަށް ގޮސް ރަނގަޅަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ޕާރުސަލް ފޮނުވާލަން މިލެވުނީ "ވީނަސް" ކިޔާ އެހެން އަތޮޅެއްގެ ބޯޓަކަށެވެ. ބަލާކަށް ނުހުރެ ބޯޓަށް އަރައި އެއްކަލަ ޕާރުސަލް ނަގައިގެން އައިސް ރަހުމަތްތެރިޔާ ގާތުގައި ބުންޏެވެ. ހަމަ ކިރިޔާ މި ސަލާމަތްވީ! ހައްތަހާވެސް މިކަހަލަ ކަންތައްތައް މިއަދު މިވަނީ! އެވަގުތު ރަހުމަތްތެރިޔާ ގާތަށް ވަރަށް ބޮޑަށް ހިނިއަތުވެއްޖެއެވެ. ހިނިގަނޑު މައިތިރި ވީމާ ބުނެލީ ސްޕީޑު ދައްތައަށް ތިނޫން ދުވަހެއް އައި ހެއްޔެވެ؟ މިހެން ބުނެ ދެވެރިން ޕާރުސަލް ލާން ޖެހޭ ބޯޓު ހޯދުމަށްފަހު، އެ ޕާރުސަލް އެ ބޯޓުގެ މީހަކާ ހަވާލުކުރުމަށްފަހު، ގެއަށް ދިއުމަށް ސައިކަލަށް އަރައި ދުއްވާލައިފިއެވެ. މިއީ އަބަދުވެސް ސްޕީޑުދައްތައަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެވެ.
2 Responses
ްގިނަކަންތަކުގަ އުޅެންްޏާ ގިނަކަންތަކާ ދިމާވާނެ ސުޕީޑު ދައްތަ ވަރެއްނެތ
ސްޕީޑު ދައްތަގެ ސްޕީޑުގެ ސަބަބުން ދިމާވާ ކަންން.