ބުރާސްފަތި, 24 އޭޕްރިލް 2025

ބަޔޮގްރަފީ: އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ނުވަތަ މުޙައްމަދު އަމީން ދީދީއަކީ ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި ރޯނުގޭ ޢާއިޝާދީދީއަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު އުފަންވެވަޑައިގެންނެވީ  20 ޖުލައި 1910މ ގައި ދިވެހިރާއްޖޭގެ ފުރަމާލޭގައެވެ.  ވަރަށް ތުއްޕުޅުއިރު، އުމުރުފުޅުން އެންމެ 10 އަހަރުފުޅުގައި 1920 ވަނަ އަހަރު، ތައުލީމު އުނގެނިވަޑައިގަތުމަށްޓަކައި ސިލޯނަށް ވަޑައިގެން، ސެންޓް ޖޯސެފް ކޮލެޖުންނާއި ސެންޓް ޖޯންސް ކޮލެޖުން ތަޢުލީމު ޙާޞިލު ކުރެއްވިއެވެ. ސިލޯނުން ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވުމަށްފަހު، 1928 ވަނަ އަހަރު، އިތުރަށް ކިޔަވައި ވިދާޅުވުމަށްޓަކައި އުތުރުކަރައަށް ވަޑައިގެން މަޝްހޫރު އަލީގަޅު ޔުނިވަސިޓީން ކިޔަވައި ވިދާޅުވުމުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަތީ، ދިވެހި ޤައުމީ ޚިދުމަތަށް އެމަނިކުފާނުގެ ބޭނުން ނުހަނު ބޮޑުވުމުންނެވެ.

ސަރުކާރާ ގުޅިވަޑައިގަތުމަށްފަހު، ފަސްބެއްލެވުމެއްނެތި ވަޑައިގެންނެވީ ކުރިއަށެވެ. އޭރު ސިޔާސީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، ތަރައްޤީގެ ރޮނގުންނާއި، އަދަބީ ރޮނގުން ދިވެހި ޤައުމަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ މޭސްތިރިއަކީ އެމަނިކުފާނެވެ. ސަރުކާރުގެ އެތައް މަޤާމެއް ފުރުއްވިއެވެ. އެގޮތުން ކަސްޓަމްސްގެ ޗީފު އޮފިސަރުކަމާއި، ޕޯސްޓު އޮފީހުގެ އިސްވެރިޔާގެ މަޤާމާއި، ވިޔަފާރިއާބެހޭ ވަޒީރުކަމާއި، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ މަޤާމްތައް ފުރުއްވުމަކީ ފާހަގަކޮށްލެވޭ މަގާމުތަކެވެ. މީގެ އިތުރުން 1946ން 1953ށް މަޖީދިއްޔާ ސްކޫލުގެ ނާޒިރުކަން ވެސް އެމަނިކުފާނު ކުރެއްވިއެވެ.

ސަރުކާރުގެ އިސް އެތައް މަޤާމެއްގައި ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވުމާއެކު ވެސް، 812 އަހަރުވަންދެން ރާއްޖޭގައި ކުރަމުން އައި ރަސްކަން ނިމުމަކަށް ގެނެސް، ރައްޔިތުންގެ ރުހުމާއެކު ރައްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރެއްވުމަކީ އެހައިތަނަށް ސިޔާސީގޮތުން ޤައުމަށް ގެންނަވާފައިވާ އިންޤިލާބީ އެންމެ ބޮޑު ބަދަލެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއެވެ. "ރަސްކަން" ނޫން ވެރިކަމުގެ އެހެން ނިޒާމެއް ދިވެހިން ހުވަފެނުން ވެސް ނުދެކޭ ޒަމާނެއްގައި، ރައްޔިތުންގެ މުތަޤައްދިމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައި، ދިވެހި ރައްޔިތުންގެ ވިސްނުން ޖުމްހޫރީ ވެރިކަމަކާ ދިމާއަށް ފުރޮޅައިލެއްވުމަކީ، އުމުރުފުޅުގެ ޒުވާންކަމާއެކު ވެސް އެމަނިކުފާނުގެ ސިޔާސީ ޙިކުމަތްތެރިކަން ހާމަކޮށްދޭ ކަމެކެވެ. ރަސްކަމުގައި ހުންނެވި އައްސުލްތާން ޢަބުދުލް މަޖީދު ދީދީއާއި، ވަލީއަހުދު ހަސަން ފަރީދު ދީދީ އަވަހާރަވުމަށްފަހު ރައްޔިތުންގެ މަޖިލީހުން، ދިވެހި ތަޚްތަށް ވަޑައިގަތުމަށް އެންމެ ޤާބިލު ބޭފުޅަކީ މުޙައްމަދު އަމީން ދީދީ ކަމުގައި ކަނޑައެޅުއްވި ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކަށްވީ ދިވެހި ރައްޔިތުންގެ ހައްޤުގައި، ތާޖާއި ތަޚްތަށްވުރެ އެމަނިކުފާނަށް މުހިއްމީ ރައްޔިތުން އިންތިޚާބުކުރާ ވެރިއަކަށް ވެވަޑައިގަތުން ކަމުގައި ވިދާޅުވުމެވެ. އެހެންކަމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގައި، ޖުމްހޫރީ ވެރިކަމަކަށް ދިވެހި ރަސްކަން ބަދަލުކުރެވި، 1 ޖެނުއަރީ 1953 ގައި ދިވެހި ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާގެ ޝަރަފު އެމަނިކުފާނު ހޯއްދެވިއެވެ.

އަމީންދީދީގެ ޒައާމަތުގައި ދިވެހިރާއްޖެ ދިޔައީ ޒަމާނީ ތަރައްގީއާއި ތަހުޒީބުގެ ކުލަވަރު ދެކެމުންނެވެ. އެގޮތުން ތަޢުލީމީގޮތުން ގައުމު ނިދާފައި އޮތް ނިދިން ހޭލައްވަވައި، ރާއްޖެތެރެއަށް ތައުލީމު ފެތުރުއްވުމަށާއި، އަންހެނުންނަށް ތައުލީމު އުނގަންނަވައިދެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުން  އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގެންނަވައި، އެކުދިންނަށް ތަޢުލީމުދެއްވުމަށްފަހު، އެކުދިންގެ ފަރާތުން ރަށްރަށުގައި ތަޢުލީމު ފެތުރޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މިއީ އެޒަމާނަށް ބަލާއިރު ވަރަށް ބިޔަ، އަދި އެހާމެ ޙިކުމަތްތެރި މަޝްރޫޢެކެވެ. މީގެއިތުރުން ސަރުކާރުގެ ޚަރަދުގައި ސިލޯނުން ގެއެއް ކުއްޔަށް ހިއްޕަވައި، އެގޭގައި ތައުލީމު އުނގެނުމަށް ދިވެހި ދަރިވަރުން ބޭތިއްބެވުމުގެ އިންތިޒާމް ހަމަޖައްސަވައި، ތަޢުލީމު ފުޅާކުރެއްވިއެވެ.

އަދަބީގޮތުން ބަލާއިރު އެ މަނިކުފާނަކީ ދިވެހި ރާއްޖެއިން މަދުން ނޫނީ ނުފެންނަފަދަ ޤާބިލް ހުނަރުވެރި  އަދީބެވެ. ދިވެހި ބަހުގެ މިޒަމާނުގެ ހަގީގީ ފެށުމަކީ ވެސް އެމަނިކުފާނެވެ. ޅެންވެރިކަމާއި، ވާހަކައާއި މަޒުމޫނާއި ޑުރާމާލިޔުއްވުމާއި، ފޮތްތައްލިޔުއްވުމާއި، ވާހަކަދެއްކުންތެރިކަމުގައި އަރާހުންނެވި މުޙައްމަދު އަމީނުގެ އަދަބީ ޚިދުމަތްތައް ގުނައި އަދަދުކުރެވޭ ވަރަށްވުރެ ގިނައެވެ. ދިވެހި ބަހުގެ ގަވައިދާއި، އިބާރާތްކުރުމާއި އަކުރުތައް ލިޔަމުންދިޔަ ގޮތަށް އެމަނިކުފާނު އިންޤިލާބީ ބަދަލުތަކެއް ގެންނެވިއެވެ. "ސަރުކާރުގެ ޚަބަރު"ން ދިވެހިރާއްޖެއަށް ނޫސްވެރިކަން ތަޢާރަފުކުރައްވައި ލިޔުންތެރިންނާއި ޅެންވެރިން އުފެއްދެވިއެވެ. ވާހަކަ ކޮމެޓީއެއް އުފައްދަވައި، ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ތަމްރީނުދެއްވައި، މާލެތެރޭގައި ގެންގުޅުނު ވާހަކަތައް ފާސްކުރައްވައި، ބަސްކޮމެޓީއެއް ހައްދަވައިގެން ދިވެހި ބަސްފޮތް އެކުލަވައިލެއްވިއެވެ. މަދަރުސާތަކުގައި ކިޔަވައިދޭނެ ޓެކްސްޓް ފޮތްތަކާއި، ސިޔާސީ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ދީނީ އަދި އަޚްލާޤީ ފޮތްތަކާއި، ދަނޑުވެރިކަމާއި ސިއްޙަތާ ގުޅުންހުރި ފޮތްތަކާއި ވާހަކަފޮތްތައް ވެސް އެމަނިކުފާނު ލިޔުއްވިއެވެ. އަދި ގައުމެއްގެ ވެރިއަކު ކެއްކުމާ ބެހޭ ފޮތެއް ލިޔުއްވަފާނޭކަމަށް ހީނުވިޔަސް " ކަރުނަޔާނުލައި ކެއްކުން" ގެ ނަމުގައި އެމަނިކުފާނު ވަނީ އެކަން ވެސް ކުރައްވާފައެވެ. "އ.ގ.އ"، "އޯކިޑް" އަދި "މ.އ" ގެ ނަމުގައި އެމަނިކުފާނު ވަނީ އެތައް ޅެމަކާއި ލިޔުންތަކަކުން ދިވެހި އަދަބީގުލްޝަން އުޖާލާކޮށްދެއްވާފައެވެ.

މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ދިމާވީ ދިވެހި ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރަކާއެވެ. އެގޮތުން ކާބޯތަކެތިން ފެށިގެން އަންނައުނަށް ދާންދެން ބޭރު ގައުމުތަކަށް ބަރޯސާވެގެން ހޯދަމުންދިޔަ ދިވެހި ރައްޔިތުންނަށް، ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިކަމާ ކުރިމަތިވެ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ނުލިބުމުގެ ގޮންޖެހުމާއެކު އެތައް ބަޔަކު ހައިހޫނުކަމުގައި ދުނިޔެ ދޫކުރަންޖެހުމާއި، ވޯރާ ވިޔަފާރިވެރިން ދިވެހިރާއްޖޭގެ ވިޔަފާރި ހިސޯރުކޮށް، ދިވެހިންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ދިޔަ ދިޔުން ހައްލުކުރަން ޖެހިވަޑައިގަތެވެ. އެމަނިކުފާނު މި ކަންކަމާ ކުރިމަތިލައްވައި، މޯލްޑިވްސް ގަވަރުމެންޓް ބޮޑު އިސްޓޯރުގެ ނަމުގައި ސަރުކާރުގެ ބޮޑު އިސްޓޯރު އުފައްދަވައި، ވޯރާއިންގެ އަތްދަށުން ދިވެހި ވިޔަފާރި ސަލާމަތްކުރައްވައި، ހައިހޫނުގައި އުޅެމުންދިޔަ ދިވެހިންނަށް ވެސް މަޑުމަޑުން ގޮތްތަކެއް ހޯއްދަވައިދެއްވަމުން ގެންދެވިއެވެ.

އެމަނިކުފާނު ކައިވެނިބައްލަވައިގަތީ މަޝްހޫރު އަދީބު، ހުސައިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދާއެވެ. ލިބިވަޑައިގަތީ އެންމެ ދަރިކަނަބަލެކެވެ. އެއީ އަމީނާ މުހައްމަދު އަމީނެވެ. ބޭސްފަރުވާއަކަށް އެމަނިކުފާނު ކޮޅުނބަށްވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުގައި އިސްކޮށް ތިބި ބަޔަކު ގެނައި "ބަޣާވަތެއް"ގައި އެމަނިކުފާނު ވެރިކަމުން ދުރުކޮށް، ވެލާނާގޭ އިބުރާހީމް ދީދީ ވެރިއަކަށް ހަމަޖައްސެވިއެވެ. އަދި އަމީންދީދީ ރާއްޖެވަޑައިގަތުމާއެކު ދޫނިދޫގައި ބަންދުކުރެވުނެވެ. ނަމަވެސް އެމަނިކުފާނަށް ވަފާތެރި ބަޔަކު، އަލުން އެމަނިކުފާނަށް ވެރިކަން ހޯދައިދިނުމަށްޓަކައި، އެމަނިކުފާނު މާލެގެންނަވައިގެން އުޅެނިކޮށް ހިނގި ހަމަނުޖެހުންތަކެއްގައި، ރައްޔިތުންގެ ބަޔަކު އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާކޮށް ޒަޚަމްކޮށްލުމަށްފަހު ފަޅުގައި އޮތް ދޯންޏަކަށް އެއްލައިލިއެވެ. އަދި އެމަނިކުފާނު ކ. ގާފަރަށް އަރުވައިލިއެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މާ ގޯސްވުމާއެކު ކ. ވިހަމަނާފުށްޓަށް ގެނެވުނެވެ. ސިއްހީ ހާލުކޮޅު މާބޮޑަށް ދަށަށްގޮސް، މި ޚިދުމަތްތެރި ޤައުމީ ބަޠަލު އަވަހާރަވީ 19 ޖެނުއަރީ 1954 ގައި ކ. ވިހަމަނާފުށީގައެވެ. މިހާރުގެ ކުރުނބާވިލެޖުގައެވެ. މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާށިއެވެ. އާމީން.

 

ހަވާލާދޭ ފޮތްތައް

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު (1996 ). ދިވެހި އަދީބުން2. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.

ހަސަން ނިޒާމް (2000). ދިވެހި ގުރޭޑު 7 ދަރިވަރުންގެ ފޮތް. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު

ނުޢުމާ ޢަބްދުއްރަޙީމް (2008). ސާނަވީ ދިވެހި މުދައްރިސުންގެ ފޮތް2. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.

މުޙައްމަދު ޢާމިރު (ފަރެސް) (2006). ސާނަވީ ދިވެހި2. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *